މެމްބަރުންތަކެއް ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ.
28 ޖެނުއަރީ 2018 - 16:48
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާ މެދު އުންމީދު ކަނޑާނުލައްވާ ކަމަށާއި އެބޭފުޅުންނަށް އިތުބާރު ކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ބުނިތާ އެތައް ދުވަހެއްވީއިރު ވެސް ސުޕްރީމް ކޯޓަށް މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ، ގިނަ އަދަދެއްގެ މެމްބަރުން ކޮންމެ ދުވަހަކުހެން އެ ކޯޓަށް ވަޑައިގަންނަވަ އެވެ. އެގޮތުން މިއަދު ވެސް ފަނޑިޔާރުންނާ ބައްދަލުކުރެއްވޭތޯ މެމްބަރުން ކޯޓުގައި ދެ ގަޑިއިރު ތިއްބެވި އެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ވިދާޅުވީ ޕީޕީއެމްގެ ކުރީގެ މެމްބަރު ޝާހު ވިދާޅުވީ، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާވެ، ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް އެ ދާއިރާ ބަދަލުވެ، ރައްޔިތުން ބޭނުންވާ ކުލަ ޖެހޭނެ ކަމަށް ކުރައްވާ އުންމީދު ކަނޑާނުލައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބޭފުޅުންގެ [ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ] ފައިންޕުޅު ފެނި، ވާހަކަ ދެއްކެވޭނެ ކަމަށް އުންމީދު ކުރަނީ،" ޝާހު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ގިނަ މެމްބަރުން ތިއްބެވީ ރައްޔިތުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގަ އެވެ. އެކަމަކު، ސުޕްރީމް ކޯޓަކުން، މެމްބަރުންނަށް ނުވަދެވޭ ކަހަލަ ހުކުމެއް ނުވަތަ އަމުރެއް ނެރެފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، މެމްބަރުން ކޯޓަށް ވަޑައިގަންނަވާތާ 11 ދުވަސްވީއިރު، އެ ބޭފުޅުންނަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ފަނޑިޔާރުން ކިތަންމެ ބުރަ ނަމަވެސް، ކޮންމެވެސް ވަގުތެއް ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުސޫލެއްގެ ގޮތުން ސިޓީއެއް ލައިފި ނަމަ، ތިން ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭނެ. އަޅުގަނޑުމެންނަށް އެންގީ މިއަދަށް އެޕޮއިންޓްމަންޓު ހަމަޖެހެން ނެތް ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑި ގެއްލުނު ކަމެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހާމު ޝަރީފް
29 January 2018
ޝާހް އަކީ ހަގީގަތުގައި ފުވައްމުލަކު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލަދެއް އަދި ދެރައެއްވެސްމެ. އަމިއްލަ އެދުންތަކެއްގެ ތެރޭގައި ގަރަގުވެ މީހާ މުޅިން ހަލާކުގެ ތެރެއަށް ވެއްޓި ދިއައީ. މަޝްވަރާގެ ރިވެތި އުސޫލުތަކާއި މަޑު މައިތިރިކަމުގެ ތެރެއިން ކަންކަން ކޮށް ކަންކަން ކޮށްދީ ލަނޑު ދަނޑިތައް ހާސިލު ކުރުމަށް ނުކުޅެދި ރުކުން އަވަހަށް ފުންމާލި ގޮތަށް އަދި ނޭރި ގެން އެއުޅެނީ. ބަނދި ބައި ބިންމައްޗަށް ވެއްޓި ފުނޑު ފުނޑު ވެއްޖެ. ރުކަށް މީދާތައް މިހާރު އަރާ ރާ ބަނދި ތައް ބޯލައިފި. ދެން ތިގޮތުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން އުޅެން ޖެހިފައި ތިއޮތީ. ރަށު ރަށްޔިތުންނަށް އަދި އަވަށްޓެރިންނަށް ދޯކާ ދިނުމަށްފަހު. އެކަމަކު، ލިބުނު ތާކުން ލިބުނު ލާރި ގަނޑާއެކު، ރަށުގެ ދެތިން މީހުންނަށް ކާރާއި ވެހިކަލް ދީގެން ހައްލާލައިގެން މިއަދު ތިގޮތަށް ދުވަސް ކޮޅަކު އުޅެވިދާނެ. އެކަމަކު މާގިނަ ދުވަހެއް ނުވެ ކޮރަޕްޝަންގެ ގާނޫނު އަރާ ހަމަކުރާނެ.
މޮޔަ މީހާ
28 January 2018
ހަޑިހާވާ މީހުންގެ ތެރޭގައި އުތުރުދާއިރާގެ ކުރީގެ މެމްބަރު ހުރުމުން އުތުރު ދާއިރާގެ ރައްޔިތުން ވަރަށް ލަދުގަނޭ. ޝާހުއަކީ ވިސްނުންތެރި މަޑުމައިތިރި ޢާއިލާއެއްގެ އަކުލާގު ރަގަޅު ކުއްޖެއް. ވީމާ އެއަޚުލާގާއި ރީތިމަގުގައި ހިފާ ގައުމަށް ހެޔޮއެދޭ ފަޅި ( ރައީސް ޔާމީން ފަޅިއަށް ) އެބުރި ރުޖޫއަ ވުމަށް އިލްތިމާސް ކުރަން.
ކަރުންމަތީގެ ޑޮކްޓަރު
28 January 2018
ކަލޭމެންނަކީ ފަނޑިޔާރުން ގަބޫލުކުރާ ބައެއްތަ. މަށަކު ނުދެނެހުރީމު ތިޔަ ކަމެއް. ޢެހެންޏާފަހެ ފަނޑިޔާރުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާފަ ދެން މިއުޅެނީ ހިތުން ފަނޑިޔާރުންގެ ހިތްތަކާ ކުޅެލެވޭތޯ. ނުވާނެ އެކަމެއް ގޮނޑިގެއްލުނު ބާގައިގެ މީހުންނޭ. އެއަށްވުރެ ފަނޑިޔާރުން މާ ހުށިޔާރުވާނެ. ތަމެން ޖަހަން އުޅޭ ސަކަރާތެއް މިތާ ނުޖެހޭނެ.
ބިންސާފު
28 January 2018
ތިބޭފުޅުންނަށް ހަމަ ސާބަހޭ ދެންނެވޭނީ! މީހަކު މަރާ ކޮށާތަން ފެނުނަސް ބުނާނެ އަދި އުންމީދު އެބައޮތޭ ރަނގަޅުވާނެކަމަށް! މައްސަލައަކީ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެއްކަލަ "އުންމީދު"ގެ ހުޅުކޮޅުގައި ހިފައިގެން "ދެން ރަނގަޅުވާނެދޯ" އޭ ކިޔާފަތިބުން!
އަހްމަދު
28 January 2018
ކޯޓުގެހުކުމުގައިވާގޮތުގެމަތިން ގޮނޑިގެއްލިފައިވާކަން އީސީން އެއޮތީއަންގާފަ ދެންއިތުރައް ކޮންޖަވާބެއްތަހޯދަންޖެހެނީ؟
ނާސިހާ
28 January 2018
އަހުމަދު ކަލޭ ތިޔަވިސްނީ ވަރައް ނެރޯމައިންޑަކުން..ގޮނޑި ގެއްލިއްޖެ ނަމަ ކީއްވެ އިލެކުޝަނެއް ނުބޭއްވިގެން އުޅެނީ
ޢަހަންމާ
28 January 2018
މި މީހުން ބޭނުން ވާ ގޮތައް ކޯޓުން ނިންމާފިޔާ އެވަރެއް ނޯންނާނެ.. އިދިކޮޅަށް ނިމިޖިޔާ ޝަރުއީ ނިޒާމް ހަލާކުވެފައި .. 2 އަނގަ ގުރޫޕެއް ތީ..
އިންސާނާ
28 January 2018
ބަލަގަ ފަނށިއާރުންނާ ބައްދަލުކޮށް އެމީހުނާ ވާހަކަދައްކަންނުޖެހޭ ފަނޑިއާރުންގެ ބަހެއް ހޯދަން ނުވަތަ ފަނޑިއާރުންގެ ނިމްމުމަކީ ކޮބައިތޯބަލަން ވެއްޖިއްޔާ ކަންތައް ކުރަން ޖެހޭގޮތްް ނޭނގެނީބާ ހާދަ ގަމާރު މެމްބަރުންނޭ ދޯ
Haam
28 January 2018
ބަލިވާން ފެށީދޯ