ކުއްލި ހާލަތާ ގުޅޭ ގޮތުން، ރައީސް ޔާމީން ގައުމާ މުޚާތަބު ކުރެއްވުމަށް ރައީސް ޔާމީން މިއަދު ބޭއްވެވި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2018 - 17:43
ބަޔަކު ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާ ކަމެއް ފެއިލް ކޮށްލެވި، ނުރައްކާތެރި ދަނޑިވަޅަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އެޅިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއީ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އެކި ބަޣާވަތް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ބަދަހި ސަފުތަކާއެކު ސަލާމަތީ ބާރުތަކުން ކުރިމަތިލާފައިވާ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ މަންފާއަށްޓަކައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅު، މި ފަހަރު ރައީސް ޔާމީން އަޅުއްވާފައިވާ ކަމަށެވެ.
"މިއީ ބަޔަކު ރާއްޖެ އަށް ގެންނަން އުޅުނު ބަޣާވާތެއް ފެއިލް ކޮށްލުމަށްޓަކައި ރައީސް ވަރަށް ހިކުމަތްތެރިކަމާ އެކީ ގެންނެވި ވަރަށް ސްޓްރެޓިޖިކް ބަދަލެއް. އަދި އެކަމުގެ ސަބަބުން މިހާރު މިވަނީ ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާ ކަމެއް ފެއިލް ކޮށްލެވިފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެކު ބަދަހި ގުޅުމެއް އެބަ އޮތް ކަމަށާއި ރާއްޖޭގެ ހާލަތު އެ ގައުމުތަކުން ވަރަށް ގާތުން ބަލާނެ ކަމަށެވެ. އެހެންވެ ކަންކަން އެނގި ޝައްކުތައް ފިލައިގެން ދިއުމުން ރައީސް ޔާމީނަށް ކުރަމުން އަންނަ ތާއީދު އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރަސްފަތި ދުވަހުގެ ރޭ ނެރުނު ކުއްލި އަމުރާ އެކު މުޅި ސިޔާސީ މަސްރަހު ވަނީ ބަދަލުވެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ކޯޓުގެ އަމުރާއެކު، އެ އަމުރު ތަންފީޒު ނުކުރުމުން ރާއްޖެ އަށް ވަނީ ބޭރުގެ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޭގެ އެންމެ ފުޅާމިނުގައި ފުރުސަތު ދީގެން ބޭރު ދުނިޔެ އަށް، ރާއްޖޭގެ ދެ ފުށް ފެންނާނެ ގޮތަކަށް މައުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބޭރުގެ ފަރާތްތަކުން ވެސް ރާއްޖެ އަށް ހާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރަށް ކުރި އަށް ވުރެ ބޮޑަށް ކުރާ ތާއީދާއި އިތުބާރު ބޮޑުވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. މި ބާވަތުގެ އެއްވެސް ކަމެއްގައި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސަރުކާރަށް އަދި އޭގެ ގެއްލުމެއް ރައްޔިތުންނަށް ވާނެ ގޮތަކަށް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަން ބެލުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެއަށް ދިމާވެގެން މި އުޅޭ ސިޔާސީ ކަންތައްތައް ވަރަށް އަަވަހަށް ހައްލުވެ ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
08 February 2018
ވެރިކަން ދިފާޢު ކުރެވިއްޖެއޭ ބުނަން ލަދުގަންނަނީތޯ. ބަޣާވާތެއް ގެންނަން އުޅުނު ނަމަ ގެނެވުނީސް.
ރައްޔިތުމީހާ...
06 February 2018
ބަލަގަ އަދިވެސް ބޭރުގެއެހީޔާއި އެކު ވެރިކަން ވައްޓަން މަސައްކަތްކުރަމުން އަންނަފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅަނީތޯ..؟ ބޭރުގެ އެހީއަށް އެދެމުން އެދާފަރާތްތަކުގެ މިސާލަކީ މައިންބަފައިން މަރާލުމަށްފަހު ގެއާއި ގޭގެ ވެރިކަން ބޭނުންވެގެން އުޅޭބައްގެ މިސާލު.... ކީކޭ ދެންބުނާނީދޯ... ވެރިކަމާއި ފައިސާއަށް ދަހިވެތިވިޔަސް ތިދެން ބޮޑުވަރު.... އެވެރިންނަށް ވާނުވާ ނޭގެނީ ތޯއްޗެއް
ކަކުނިބޯ
06 February 2018
ރަބިޝް
ވާލުސޮރު
06 February 2018
ގައުމެއްގެ ލޯ އެންފޯސްމެންޓް އިދާރާތަކުގެ މީހުން ނުކުމެ ގާނޫނު މުގުރާތަން ފެނުމަކީ ރައްޔިތުން އެންމެ ކަންބޮޑުވެ ޖެހިލުންވާނެ ކަންތައް!! ސަލާމަތް ބުއްދިހުރި އެކަކުވެސް މިތަން ދެކޭކަށް ބޭނުމެއް ނުވާނެ. އަދި މިކަމަށް ރުހިގެނެއްވެސް ނުހުންނާނެ!
ކާޅުސޮރު
09 February 2018
އުއްތަމަފަނޑިޔާރު ބޯނުބައިވީމަ ހަތިޔާރުގެބޭނުންވެސ ްހިފަންޖެހޭނެ! ފުލުހުންނާއި ސިފައިން ތިދެއްކި ހިއްވަރަށް ސާބަސް ރައްދުކުރަން . ބަގާވަތް ނާކާމިޔާބުކޮށްލެވުނީ ތިދެ މުއައްސަސާގެ ވެރިން ދެއްކި ކިޔަމްތެރި އިޙްލާސްތެރިކަމުން . ބަގާވަތް އެއްވެސް ހާލެއްގައި ސައހައެއް ނުވާނެ....
ޙާކިމި
06 February 2018
ކީކޭތަ މިކިޔަނީ ބަގަވާތް ކުރަނީ ކޮންބަޔެއްކަން ރައްޔިތުނަކައް ނޯލޭ ހުކުމް ތަންފީޒް ކުރޭ
ހުކުމް
09 February 2018
ހުކުމޭ ތޯ ؟ ހުކުމަކީ ވިއްކާ އެއްޗެއްނޫން އިނގޭތޯ!
އުދުހޭ
06 February 2018
މައުމޫނު އުފެއްދެވި ސިޔާސީ ޕާޓީއެއް އެޕާޓީގެ ހިންގާ ގަވާއިދާ ޚިލާފަށް ޔާމީނަށް ލިބުނުގޮތް ތަހުގީކުރަން އެމެޖެންސީ ނުހިންގީ ކީއްވެތާ؟ ޔާމީނު ބޭނުންވާ ގޮތަށް ހުކުމް ނެރުނީމާ އެ ބަރާބަރު، އެހެންނޫނީ އެއީ ބަގާވަތް؟
މުހަންމަދު
06 February 2018
މިއުޅެނީ، އެވިދާޅުވާފަދަ ކަމެއްދިމާވެގެނެއްނޫން ، އިރުވައިމޫސުމުގެ ހަޅަޖަހައިގެން...ތަފާތަކީ،މިހާރު ދުނީޔޭގެ މޫސުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން ދިނަށަ ނަކަތް ފެށުނު ދުވަހު ހަޅަޖަހަންފެށުން. ދުނިޔޭގެ ގައުމު ތަކުން ޓްރެވަލް އެޑްވައިޒަރީ އެނެރެނީ ހަޅަޖެހީމާ ޢާންމުކޮށް ،ކަނޑާއި،ވައި ގަދަވާނެތީ އެކަމަށް.
ތަމް
06 February 2018
މިތިބީ މިމީހުން ތިބި ހިސާބު. ހަމަ ސީދާ ޔާމީނުގެ ބަސްމަގު. ސްޕްރީމްކޯޓުން ޔާމީނު ހިތްޕުޅާނުވާ ހުކުމެއް އިއްވުމަކީ ބަޢާވާތްކުރުން.
ތަކަންދޫއަހްމަދު
06 February 2018
ލެޓްސް ވެއިޓް އެންޑް ސީ! ހީނުކުރައްޗޭ ދިވެހިން ކައިރި ސްޓޯރީ ޖައްސައިގެން ތިބި ގޮތަށް ބޭރުދުނިޔެ ހެއްދިދާނެކަމަށް! ސަރުކާރު އޮތީ ވެއްޓިފައި! ނުފައިބައިގެން ދެން ބާލާނީ ބޭރުގެ އެހީތެރިކަމާއެކު. ވަރަށް ސާފު މިކަން! މިވެރިކަން ބަދަލުކުރާނަން ކުރިއަށް މިއޮތް 7 ދުވަހުގެ ތެރޭގައި!