މެމްބަރު އަމީތު (ކ) ފަލާހު (މ) އަދި އަބުޅޯ. މި ތިން މެމްބަރުންގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކުރޭ. - ފޮޓޯ: މިހާރު
01 މާޗް 2018 - 11:51
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން ޗިޓް ފޮނުވީ އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.
އެގޮތުން އަބުޅޯ މިއަދު 3:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ފަލާހަށް އަންގާފައި ވަނީ މިރޭ 9:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އަމީތު ވަޑައިގަންނަވަން ޖެހެނީ މިރޭ 10:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.
އެ ތިން މެމްބަރުންގެ ތެރެއިން އަބުޅޯގެ ފޯނު ހިފަހައްޓާފައިވާ ކަމަށްވެ އެވެ.
ތިން މެމްބަރުންގެ މައްޗަށް ފުލުހުން ކުރަނީ މާލޭގެ އަމަންއަމާންކަން ނަގާލުމާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމާއި މާލޭގެ ޓްރެފިކަށް ދަތިވާ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ތުހުމަތެވެ. އެކަމަކު، ފުލުހުން ކުރާ އެ ހުރިހާ ތުހުމަތުތަކަށް މެމްބަރުން އިންކާރު ކުރައްވަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މެމްބަރުންގެ މައްޗަށް ފުލުހުން ގިނަ އަދަދެއްގެ ތުހުމަތުތަކެއް ކުރަނީ ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއްގެ ސިޔާސީ މަގްސަދު ހާސިލް ކުރުމުގެ ބޭނުމުގައި އިދިކޮޅު މެމްބަރުންގެ ފަހަތުން ނުދުވުމަށް ފުލުހުންނަށް އިލްތިމާސް ކުރަން،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތެއްގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ނުހިފެހެއްޓޭނެ އެތައް ގާނޫނެއް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ބައެއް މެމްބަރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކުރާ ކަމަށް ފުލުހުން ބުނާއިރު، އެ ގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ އެކު ސަސްޕެންޑްކޮށްފައި އޮތް ގާނޫނެއް ކަމަށެވެ. ސަސްޕެންޑްކޮށްފައި އޮތް ގާނޫނަކަށް އަމަލުކުރަނީ ކީއްވެތޯ އަމީތު ސުވާލު ކުރެއްވި އެވެ.
"އެކަމަކު، ފަހުން އަނެއްކާވެސް ފުލުހުން ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނޭ ހިފަހެއްޓީ. އެހެންވީމަ ދެކޮޅުނުޖެހޭ ކަންކަން ފުލުހުން މި ކުރަނީ،" އަމީތު ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކުރަން އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި އެއްވުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
އެގޮތުން މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަދިވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
01 March 2018
ތިޔަ މުއައްސަސާ މިކަން ނިމުމުން މަމެން ބްލިޗް ޖަހާ ދޮވެ ސާފުކޮއް ތޯހިރު ކުރާނަން. އޭގެ ކުރީގައި ތަމެންނަށް ހެދުނު އެއްޗެއް ހަދަމުންދޭ!
ހެހެހެ
01 March 2018
އަޅުގަނޑަކަށް ހިޔެއްނުވޭ މާލޭ ރައްޔިތުން މިސަރުކާރާ ރުހޭހެންއެއް! ގައިމު އަޅުގަނޑަކީ މާލޭ ރައްޔިތެއްގެ ހައިސިއްޔަތުން އެބޭފުޅުން ކުރަމުންދާ މަސައްކަތަށް ވަރަށް ތާއިދު ކުރާ މީހެއް! މާލޭ ގިނަ ރައްޔިތުން ގަބޫލެއް ނުކުރޭ އެބޭފުޅުން ފަރާތުން މާލޭ ރައްޔިތުން އަށް އުނދަގޫ ވާކަމަށް! އަމަން ނަގާލަން އުޅޭ ކަމަކަށް!
ބޮން
01 March 2018
ކީކީ ދެން ބުނާނީ! މީހަކު އަޖައިބުވެ އަންތަރީހެއް ނުވާނެތަ! މި ކަހަލަ ތުހުމަތުކޮށް ތަހުގީގު ހިންގައި ސިޔާސީ މީހުން ފަހަތުން ދުވުން ފުލުހުން ހުއްޓާލާ އެމީހުންގެ އަސްލު މަސައްކަތައް ރުޖޫވާނީ ކޮން ދުވަހަކުން. ދެރައީ ކޯޓްތަކުގައި ތިބޭ ފަޑިޔާރުންވެސް މިފަދަ ކަންކަމުގައި ވަގުތު ބޭކާރު ކުރާތީއެވެ.
ހާސަރު
01 March 2018
އަމަން ނަގާލަނީ އަމަން ބަލަހައްޓަން ހަވާލުކޮށްފަ ތިބި މީހުން.
ދެން
01 March 2018
މި ވެރިމީހާ ހިތްމަޖައްސަން, މިވެރި މީހާއަށް ތާއީދު ނުކުރާ ކަމުގެ ތުހުމަތުކޮށް, އިދިކޮޅު ހުރިހާ މީހުން, ބޮޑު ފަޅުރަށަކަށް ލާންފެނޭ, އޭރުން ވެރިމީހާއާ ދެކޮޅަށް މުޒާހިރާކުރާތަން ފެންނާތީ ހިތަށް އަސަރުކުރާކަށް ނުޖެހޭނެ, ވެރިމީގެ އަތުގައި ހުރީ މުއައްސަސާތަށް އަންގާލާއިރަށް ކޮށްދޭނެ, ވެރިކަމަށް ދަހިވެތިވެ ރައްޔިތުންނަށް އަނިޔާވެރިވިއަސް މީ ބޮޑުވަރު, ހައްދުންނެއްޓިފައި.
ނާމާން
01 March 2018
ތިކަހަލަ ތުހުމަތެއްގަ ހައްޔަރު ކޮށްބަލަ މީހުން މަރަމުން ދުވާމީހުން
އަމާން އަލީ
01 March 2018
ހައްޔަރު ނުކުރާނެ. އެއީ ސުޕެސަލްކެޔާ ބޭނުންވާ ކުދިން.
ހޭލާ
01 March 2018
މީނަ ބޭނުވެގެން މިއުޅެނީ ދުނިޔެ އާޚިރަތެއް އޮތްކަން ކުޑަކޮށްވެސް ހަނދާންވާނަމަ, އެކި ނަންނަމުގައި ތުހުމަތުކޮށް ރައްޔިތުންނަށް މިދަފަ ބޮޑެތި އަނިޔާއެއް ނުދޭނެ,
ތެދުބަސް
01 March 2018
ރައްޔިތުންނަށް އަނިޔާދީފައި އާރާބާރާ ކެނޑި ނިމުން އަންނަ ދުވަހު ތެޅިލާފަ ހުންނާނެ, އެދުވަހުން މުށުތެރޭގައިވާ 3 ބާރުވެސް މުށުތެރެއިން ދެމިގެންގޮސް ހައްގުގެ މަގަށް ރުޖޫއަވާނެ, ސަލާމަތްކޮށްދޭކަށް އެއްވެސް މުއައްސަސާއެއް ނާންނާނެ, އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރެވޭނެ, އެތައްހާސް ރައްޔިގުންގެ ހައްގުތައްވާނީ ބޮލުގައިއެޅި ސަލާމަތްނުވެވޭވަރުވެފައި, މިއަދު ވިސަނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް ކަމުގައި ފުދޭ,
ސަނާ
01 March 2018
މިވަރުގެ އަނިޔާވެރިކަމެއް ކުރީ ޒަމާނުގައި މިސްރުގައިވެސް ކުރި, ނިމިގެން ދިޔައީ ވަރަށް ހިތިގޮތަކަށް, އެވެރިކަމުގައިވެސް, ހުރިހާ ބާރެއް ބޭނުންކޮށްގެން ރައްޔިތުންނަށް އެތައް އަނިޔާއެއް ދެމުން ދަނިކޮށް, ވެރިކަން ނިމިގެންދިޔައީ, މީސްތަކުންނަށް އިބްރަތެއްކަމުގައި ﷲ އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވޭ
ޔަގީން
01 March 2018
އާޚިރުގައި މިއަނިޔާ ވެރިންނަށް ސަލާމަތެއްނެތް, ނިމިގެން ދާނީ ވަރަށް ހިތިގޮތަކަށް އެތައް ރައްޔިތުންގެ ހައްގުތައް ބޮލުގައިއެޅިގެން,