ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާއާ ގުޅިގެން މީހަކު ހައްޔަރު ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 މާޗް 2018 - 19:04
ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބައެއް ފަހަރު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން މާލެ އާއި ރަށްރަށުގައި ކުރަމުން އަންނަ މުޒާހަރާތައް މޮނިޓާ ކުރުމަށް ފަހު، ނެރުނު ބަޔާނެއްގައި ބުނީ ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން އާންމުންގެ ތެރެއިން ބައެއް މީހުންނަށާއި ނޫސްވެރިންނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، ފަހަކަށް އައިސް، ގިނަ އެއްވުންތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެޗްއާރުސީއެމުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ހަތިޔާރު ބޭނުން ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބައެއް ހާލަތްތަކުގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ.
މީގެއިތުރުން މުއާމަލާތް ކުރުމުގައި ފުލުހުންނާއި އާންމުން ބައެއް ފަހަރު، އެންމެ އެކަށީގެންވާ ބަސް މަގު ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
- ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި
- އެއްވުންތަކަށް ކުޑަކުދިން ގެންގޮސްފައިވާކަން
- ރޭގަނޑު 12 ގެ ފަހުން ތަންތަނަށް އެއްވެ އަޑުގަދަކުރުން
- ސައިކަލްތަކުގައި ނިކުމެ، މީހުންނަށް އުނދަގޫވާ ގޮތަށް ބަރުގަނު އެޅުވުން
އެޗްއާރުސީއެމުން ބުނީ އެއްވުންތައް ރޫޅާލުމުގެ ތެރޭގައި ފުލުހުން ހައްޔަރުކުރި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ހަ މައްސަލައެއް އެޗްއާރުސީއެމުން ބަލަމުންދާ ކަމަށެވެ. މީގެތެރެއިން ތިން މައްސަލައަކީ ކޮމިޝަންގެ އިސް ނެގުމަކަށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންފުތު
13 March 2018
ތިޔަބުނާ އަމުރެއްވެސް އޮތީ ބާތިލްވެފަ. ތިޔައުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަގުތަކަށް ނުކުމެ އުނދަގޫކުރަން. އެނޫން ކަމެއް މިގައުމުގަ އެބަ އޮތްތަ؟؟
މަޖީ
13 March 2018
ހަހަހަ
އަބްދުއްލާ
12 March 2018
ހާލަތާ ނުބައްދަލު އެގުނީ ކިހިނެތް އެއްވެސް ގާނޫނަކު މިވެނިހާލަތެއްގާ މިވެނި އަދަދކަށް މީހުންތިބިނަމަ މިވެނި ވަރަކަށް ސްޕްރޭ ބޭނުންކުރަން ލިޔެފާއެއް ނެތް ވީމާ ހާލަތު ބެލީކިހިނެތް ހަލަތާ ނުބައްދަލުކަން އެގުނީ ކިހިނެތް
ޙެޔޮއެދޭމީހާ
13 March 2018
ޤާނޫނުގައި ނުހުންނަކަންކަން ލިޔެފައި ހުންނާނީ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި. ފުލުހުންގެ ގާނޫނުގެ ދަށުން ހެދިފައިވާ ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދުގައި ޕެޕަރ ސްޕްރޭ ބޭނުން ކުރަން ޖެހޭނެ ހާލަތްތަކާއި ބޭނުންކުރުމަށްފަހުގައި އަމަލު ކުރަން ޖެހޭގޮތް ވަރަށް ސާފްކޮށް ދިވެހިބަހުން ލިޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވެއެވެ. ފޮތްނުކިޔާ ކޮމެންޓް ކުރިޔަކަސް ކަމަކު ނުދާނެ.
ޔަހުޔާ
12 March 2018
ކަލޭމެނަށް ބައްދަލު ވާނެ އެންމެ ގޮތެއްވެސް ނޯންނާނެ
މަންމަންކޮމިސީ
12 March 2018
އަސްތާ މަންމަނުންވެސް ވާހަކަ ދައްކަން ފެށިތަ
ކޮކްޓެއިލްރައީސް
12 March 2018
ބައެއް ފުލުހުންނަކީ ޖަޒުބާތުގަ ޖެހިގެން ރައްޔިތުންނަށް އަނިޔާކުރުމުގެ މާޒީއެއް އޮތްބައެއް، ފުލުހުންގެ އަނިޔާވެރިކަމަކީ ފޮހެނުލުވޭނެ ހިތި ތަޖުރިބާތަކެއް، ދުވަހަކުވެސް އިތުބާރު ނުކުރާނަން، ވަރަށް ސަލާމް.
ދަތްނެތްކުއްޖާ
12 March 2018
ތިޔަ ކުރެވުނީ ވަރަށް މޮލު ކަމެއް. ދެން ތިހެން ކިޔާލަ ކިޔާލަ ތިބޭ! ކޮބާ ތިކަމުގައި ތަމެން އަލާނެ ފިޔަވަލަކީ. އެއްވެސް ކަމެއް ތަމެންނަކަށް ނުކުރެވޭނެ. އެއަށްވުރެ ފިނޑި މަޤާމު ބޭނުންވާ ބައެއް.
އައިންތު
13 March 2018
ކޮމިޝަނަކީ އެކަން ހުއްޓުވުމުގެ އަމަލީ މަސައްކަތެއް ކުރަން ޖެހޭ ބައެއްނޫން. އެރިޕޯޓުން އެބަފެނޭ ފުލުހުންނާއި އެކަމާ ވާހަކަ ދެކެވޭ ކަމަށާއި އެމައްސަލަތައް ތަހުގީގު ކުރާ ވާހަކަ. އެއީ ތަންފީޒީ އިދާރާއެއްނޫން.
ފަރީދު ޕީޕޯ
12 March 2018
ތެދެއް ވިއްޔާ ވާނީ ތެދެކަށް ކޮންމެ މީހަކު ބުންޏަސް...
އަހައްމާ
12 March 2018
ކޮމިސަން ވަރުގަދަ ނިންޖަކުން ނިދާފާ އޮތުމަށް ފަހު ކުއްލިޔަކަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުން ހޭލެވިއްޖެއެވެ. އެފެނުނު ހުވަފެނުގެ ސަބަބުން މިހާރު ތުރުތުރު އަޅާ ހީބިހި ނަގަންފަށާފިއެވެ. ވަޒީފާއާއި މެދުވެސް ހީވަނީ މިގޮތެވެ.
ޖައިސާމް
12 March 2018
ކީއްކުރާ ކޮމިޝަނެއްތީ. ބޭކާރު ފައިސާތަކެއް ހަރަދުކުރާ ތަނެއް.