ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންނަށް އޮތް އެންމެ ބޮޑު ހިމާޔަތް ބޭކާރު ކަމަކަށް!

މަޖިލީހުގެ ޖަލްސާއެއް: ސަރުކާރު ކޯލިޝަނުން ގެންދަނީ މައްސަލަ އުފެދޭ ފަދަ އިސްލާހުތައް ގާނޫނުތަކަށް ގެންނަމުން --ފޮޓޯ/މަޖިލިސް

ގާނޫނު އަސާސީ އައިއިރު އެންމެ ބޮޑު ރައްކާތެރިކަމެއް ދީފައިވާ އެއް ބަޔަކީ ފަނޑިޔާރުންނެވެ. އެގޮތުން ފަނޑިިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ގާނޫނުއަސާސީގެ އިމުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވުމާއި ފަނޑިިޔާރަކު ވަކިކުރާ ނަމަ، މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އޭގެ ބޭނުމަކީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމެވެ.

ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އޭނާ އެ މަގާމަށް ގާބިލް ނޫން ކަމަށް ނުވަތަ އެކަށީގެންނުވާ އަމަލެއް ހިންގައިފި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިގެން އެ ކޮމިޝަނުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ ޖަލްސާގައި ހާޒިރުވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެކަމަކު ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅައި، އިއްޔެ މަޖިލީހުން ފާސްކުރީ ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށެވެ. މާނައަކީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ފަނޑިޔާރަކު މަގާމުން ވަކިވީ އެވެ.

އެ އިސްލާހު މިހާރު އޮތް ގޮތުން ނަމަ، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ވުރެ ފަނޑިޔާރެއްގެ މަގާމު ގެއްލުން ފަސޭހަ އެވެ. ގާނޫނުއަސާސީގައި ބުނަނީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ކަމަށެވެ. މާނައަކީ އެއަށް ވުރެ ކުޑަ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް، އޭނާގެ މެމްބަރުކަމެއް ނުގެއްލޭނެ ކަމެވެ. އެފަދަ ހާލަތެއްގައި އެފަދަ މެމްބަރަކަށް އޮންނާނެ ހަމައެކަނި ހުރަހަކީ އެ ހުކުމް ތަންފީޒުކޮށް ނިމެންދެން، މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ނުލިބުމެވެ. އެކަމަކު ހުކުމް ތަންފީޒުކޮށް ނިމުމާ އެކު އަލުން މެމްބަރުކަމުގެ ޒިންމާ އަދާކުރެވޭނެ އެވެ.

އެކަމަކު ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ޖިނާއީ ކުށެއް ސާބިތުވެގެން ކުޑަ ޖޫރިމަނާގެ އަދަބެއް އަޔަސް، އިސްތިއުނާފް މަރުހަލާ ނިމުމާ އެކު އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ. ޖިނާއީ ކޮން ބާވަތެއްގެ ކުށެއް ސާބިތުވެގެން ކަމެއް ނުވަތަ ކިހާ މިންވަރެއްގެ އަދަބެއް އައުމުން ކަމެއް ބިލްގައި ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވުމުން ޖިނާއީ ކޮންމެ ކުށެއް ސާބިތުވިޔަސް، އިސްތިއުނާފް މަރުހަލާއިން މައްސަލަ ނިމުމާ އެކު ފަނޑިޔާރު ކަން ގެއްލޭނެ އެވެ.

މިއީ ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުމެކެވެ.

އެންމެ ބޮޑު މައްސަލައަކީ ގާނޫނު އަސާސީއަށް އެ ބިލްގެ ބާރު ގަދަވުމެވެ. މިއީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ. ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްވާ ގާނޫނު އަސާސީ އިސްލާހުކުރުމެއް ނެތި އެފަދަ އިސްލާހެއް ނުގެނެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ފަނޑިޔާރަކު ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން ހަމައެކަނި މަޖިލީހަށް ދީފައި އޮތީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްގެން ފަނޑިޔާރަކު ވަކިކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެހެންވެ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކަށް ގެންނަ އިސްލާހަކުން ފަނޑިޔާރަކު އެހެން ގޮތަކަށް ވަކިކުރެވޭ ގޮތަށް ބަދަލެއް ނުގެނެވޭނެ އެވެ.

"މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިމަ މެމްބަރުކަން ގެއްލެނީ ގާނޫނު އަސާސީ އެގޮތަށް ބަޔާންކޮށްފައި އޮތީމަ. ފަނޑިޔާރަކު ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގައި އެ އޮތީ ބަޔާން ކޮށްފައި. ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި ގާނޫނަކުން އެގޮތަށް އިސްލާހެއް ނުގެނެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ގާނޫނު އަސާސީގެ ކޮންމެ މާއްދާއެއް ހިމާޔަތްކުރެވެން ޖެހޭނެ ފޮޓޯ/މަޖިލިސް

އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ އިސްލާހަކީ އޭގެ ޒާތުގައި ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ނަންގަވަނީ ކުށް ސާބިތު ނުވިޔަސް، ފަނޑިޔާރަކު އެކަށީގެންނުވާ އަމަލެއް ކުރާ ހާލަތުގައި، ޖޭއެސްސީ މެދުވެރިކޮށް މަޖިލީހަށް ހުށަހަޅައިގެން އެ ފަނޑިޔާރަކު ވަކިކުރުމުގެ ފުރުސަތު މިހާރު ވެސް އޮތުމެވެ. ޖިނާއީ ދައުވާ ސާބިތުވާ މިންގަނޑަށް ވުރެ ސުލޫކީ މައްސަލައެއް ސާބިތުވާ މިންގަނޑު ލުއިވާނެތީ، އެ ބޭފުޅުން ވިދާޅުވަނީ، މި ބަދަލު ކޮންމެހެން ގާނޫނަށް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މިސާލަކަށް ފަނޑިޔާރަކު ކުރާ އަމަލަކީ ގާނޫނީ ގޮތުން ކުށަކަށް ނުވެދާނެ. އެކަމަކު އެ އަމަލަކީ ފަނޑިޔާރެއްގެ މަގާމުގައި ހުންނަ ބޭފުޅަކު ކުރުން އެކަށީގެންނުވާ އަމަލަކަށް ވެދާނެ. އެ ހާލަތުގައި ޖިނާއީ ދައުވާއެއް ނުކުރެވުނަސް، ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބެލުމަށް ފަހު އެ ބޭފުޅަކު ވަކިކުރަން ޖޭއެސްސީއަށް ގަބޫލު ކުރެވެންޏާ މަޖިލީހަށް ހުށަހަޅައިގެން މިހާރު ވެސް ވަކިކުރެވޭނެ،" ގާނޫނީ އެހެން ބޭފުޅަކު ވިދާޅުވި އެވެ.

މީގެ އަނެއްކޮޅަށް ވިސްނާލުން ވެސް މުހިންމެވެ. މިސާލަކަށް ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވުމުން ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް، އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އެ ފަނޑިޔާރަކު ވަކިނުކުރަން މަޖިލީހުން ނިންމީ އެވެ. އެފަދަ ގޮތަކަށް މަޖިލީހުން ނިންމައިފި ނަމަ، ދެން އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، ދެން އަމަލު ކުރާނެ ގޮތެއް ނުވަތަ އެކަމުގައި އިތުރު މަރުހަލާއަކަށް ދެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ގާނޫނު އަސާސީގައި ބުނެފައި ނުވުމެވެ.

އެހެން ބައެއް ގައުމުތަކުގައި ވެސް، ޖިނާއީ ކުށެއް ސާބިތުވިޔަސް ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ހަމައެކަނި މަޖިލީހަށް އޮންނަ ބާރެކެވެ. މިސާލެއްގެ ގޮތުން އިންޑިއާ ފާހަގަކޮށްލާނަމެވެ. މިދިޔަ އަހަރު އިންޑިއާގެ ކޮލްކަތާ ސްޓޭޓްގެ ހައި ކޯޓުގެ ފަނޑިޔާރަކު އެ ގައުމުގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ހަ މަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. އެއީ އިންޑިއާގެ ތާރީޚުގައި ވެސް މަގާމުގައި ހުއްޓާ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އެކަމަކު އެ ހުކުމް އަޔަސް، ގާނޫނީ ގޮތުން އެ ފަނޑިޔާރު މަގާމުން ވަތްކެއް ނުވެ އެވެ. އޭނާ މަގާމުން ވަކިވީ އެ ހުކުމް އައިތާ މަހެއްހާ ދުވަސް ފަހުން އޭނާ ފަނޑިޔާރު ކަމުން ރިޓަޔާވުމުންނެވެ.

ގާނޫނު އަސާސީން ފަނޑިޔާރުންނަށް ދީފައިވަނީ ވަރަށް ބޮޑު ހިމާޔަތަކާއި ރައްކާތެރި ކަމެކެވެ. އެއީ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ. ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު ގާނޫނަކުން އެފަދަ ކަމެއް ނުކުރެވޭނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ގާނޫނު އަސާސީ ހިމާޔަތްނުކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

9 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 9%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަވޭ

14 March 2018

ފަނޑިޔާރުންނަށް އޮތް އެންމެ ބޮޑު ހިމާޔަތް ބޭކާރު ކަމަކަށް ނުވާނެ އިއްޔެ ފާސް ކުރި ފަނޑިޔާރުންނާއި ބެހޭ ގާނޫނުން. ފަނޑިޔާރުން ނަކީ ވެސް އެއީ ވަޒީފާ އިން ވަކި ކުރެވެން ޖެހޭނެ ބަޔެއް ސިވިލް ސާރވިސްގެ ޕީއެސްގެ މަގާމް ގައި ތިބޭ މީހުންނަކީ ވެސް ވަޒީފާ އިން ވަކި ކުރެވެން ޖެހޭނެ ބަޔެއް. ފަނޑިޔާރުން ނޫންތޭ އެންމެ ފަސޭހައިން މަގާމް އިން ވަކިވާ ގޮތަށް އޮންނަންވީ އެއިރަށް ތާ އެމެންނަށް ކަޓް ކާލައިގެން ރާއްޖެ ރޮޓެން ކަންޓްރީ އަކަށް ބަދަލު ނުކުރެވޭނީ. ސަރުކާރުން އެއްގޮތަަކަށް ވެސް ބަލާނެ ކަމެއް ނެތް ހަމަ ލާރޖް ކޮށް ޖައްސަންވީ މިކަން. ސަރުކާރުން މިކަން ލާރޖް ކޮށް ޖައްސާ ހަމަ ފަނޑިޔާރުންނާއި ބެހޭ ގާނޫނު އަވަހަށް ތަސްދީގު ކުރަންވީ އެއިރުން މިރާއްޖޭގެ ފަނޑިޔާރުގެ ތަކުން ކޮރަޕްޝަން ފިލައިގެން ގޮސް ޑްރަގް ލޯރޑުންގެ ކިއްލާ އަކަށް ރާއްޖެ ބަދަލު ނުވާނީ. މާލެ އާއި އައްޑޫ ޑްރަގް ލޯރޑުން ވިޔަފާރި ކުރާ ޑްރަގް ކިއްލާ އަކަށް ހަދަން ފަނޑިޔާރުންނާއި ޑްރަގް ލޯރޑުންނާއި އެކު އަންޑަރގްރައުންޑް ނެޓް ވާރކް ގުޅުން އޮތުން..

The name is already taken The name is available. Register?

ޒާނޫ ޕީއެފް

14 March 2018

ރައްޔިތުންގެ ނަމުގަ މަޖިލީހުގަ މިހިންގާ ޖަރީމާ ކުއްވެރިކުރަން. މިތަނަށްވަދެ އަހަރުމެންގެ ވޯޓައް ހަރާންކޯރުވާ މީހުން ވަގުތުން ގޮޑިގެއްލޭގޮތަށް ބިލެއްލާންކެރޭނީ ކާކަށްބާ؟ އަދުރޭމެން، ނިހާނުމެން، އާރިފްމެންގެ ތިހާގައުމީލޯބިގަދައިއްޔާ ނިކަން އެކަން ކޮއްލަދީބަލަ.

The name is already taken The name is available. Register?

ވާލުސޮރު

14 March 2018

ހޮނިހިރު ދުވަހު މަސްބޭނުން ނުވަތަ ހިފުން ޔަހޫދީންނަށް ޙަރާމް ކުރެއްވުމުން ހޮނިހިރު ދުވަހު މަސްތައް ލަވައި ބެއްދުމަށްފަހު އާދީއްތަ ދުވަހު މަސް ހިފިގޮތަށް ޤާނޫނު އަސާސީ އަށް ބަދަލުގެނެވޭވަރަށް ވޯޓު ހަމަނުވާނެތީ މަޖިލިސް ހިސޯރުކޮށްފަ ބާއްވައިގެން ދަރުބާރު ފެކްޝަނުން މިފެށީ ޤާނޫނުތައް ބަދަލުކުރަން. މިގޮތުން ހަޖަމް ނުވި އަމުރަށްފަހު ކޯޓުތަކާ ފަނޑިޔާރުންނަކީ "ދަރުބާރޭން" ގެ ގޮނޑިކޮއްކޮ އަކަށް ނަހަދާ ދެން ސަލާމަތެއް ނެތްކަން އެމީހުންނަށް ޔަޤީންވެއްޖެ. މިވަގުތަކީ ފަނޑިޔާރުންގެ ހިމާޔަތުގަ ފަނޑިޔާރުން ތެދުވެ ހިންދަމާލަންވީ ވަގުތު. ރާއްޖޭގަތިބި ލަޓޯފަޓޯ ބައެއްގެ އަތްދަށުވެ "ނިކަމެތިވާން"ޖެހޭ ވަރަށްވުރެ ފަނޑިޔާރުންގެ ޢިލްމާ ޙިލްމާ ޤާބިލްކަންވެސް ހުންނާނެ. ޖުޑީޝަރީ އާ ކޯޓުތަކުން ދޫނުދެއްވާތި!!

The name is already taken The name is available. Register?

ބިލާލް ތުއްތު މަނިކޭ

14 March 2018

ޢަޅުގަނޑުމެންގެ ވާހަކައަކީ ކުއްކުރި މީހާއަށް އަދަބު ލިބެން ޖެހޭނެކަމެވެ. ފަނޑިޔާރުންނާއި މެދު އަޅުގނޑުމެން ހަރުކަށި ފިޔަވަޅު އަޅާނަން ވަރަށް އަވަހަށް ހުޖޫދެއްގެ ދަށުން. ޢޭގެ ފަހުގައި އެ 5 ގޮނޑީގައި ތިބޭނީ އަހަރެމެން ބޭނުންވާ ދިވެހި ޤައުމިއްޔަތު އެދި ހޮވާ ، ދިވެހި ރައްޔިތުންގެ ލޯބިލިބިގެންވާ ފަނޑިޔާރުން. ޢަޅުގަނޑުމެންގެ ކެމްޕެއިން ކުރުންވެސް ރަނގަޅު އުަސޫލެއްގެ މަތިން ނުޖެއްސިގެން މިއުޅެނީ މިކަމާއެވެ. ބައެށް އިދުކޮޅު މީހުން ރައީސް ޔާމިން ކޮއްފައިވާ ތަރައްޤީފެނިފައި މޭ ކަރަނީއެވެ. ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ދެރަނުވާށެެ ފަނޑިޔާރުގެ ހަަމަ މަގަށް އަޅުވައިފއި 2018 ކެމްޕެއިން ރަސްމީކޮށް ފެށޭނެއެވެ.

The name is already taken The name is available. Register?

ކާފަ

14 March 2018

ކުށެއް ކުރިޔަސް ކުއްވެރި ނުވާގޮތަށް އޮތް އޮތުން ނިމުނުކަން ނޫން އެހެން އިތުރު ކަމެއް ނުހިނގާ ލިބޭ އިނާޔަތްތައް ނަހަމަގޮތުގައި ބޭނުންކުރީމައި އެއިނާޔަތްތައް ކަނލާނެ ..

The name is already taken The name is available. Register?

އަސްލުވެސް

14 March 2018

މިހާރު މިހެދި ގޮތަކީ ނަމަކަށް އިސްލާހެއް ފާސްކޮށް، ޖުޑީޝަރީ ސީދާ ސަރުކާރުގެ މުށުތެރަށްލީ. ފުލުހުންގެ ތުހުމަތުތަކާއި ތަހުގީގުތަށް ކުރިއަށްދާގޮތުން ސަރުކާރު ނުރުހޭ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް ނުހަނު ފަސޭހައިން ފަނޑިޔާރުކަން ނިގުޅައިގަނެވޭނެ.

The name is already taken The name is available. Register?

ސައާސީ

14 March 2018

ތިހުރިހާ ޤާނޫނެއް ފުލު ފުލުން އައިސް ޔާމީން ކަތިލާނެ.

The name is already taken The name is available. Register?

ރޮކެޓް ސައިންސް

14 March 2018

އެންމެ ފަހުވަގުތު ހުރިހާއެއްޗެއް ވެސް ގޮވާނީ އަތަށެވެ. ތިގޮތަށް ފުއްޕާފަ ދުވަސްކޮޅަކު ތިބެވިދާނެއެވެ.

The name is already taken The name is available. Register?

ގހގގދ

14 March 2018

ކޮންމެ ކަމަކަށް މަޖިލީސް އަތްބާނާ ގޮތައް ޤާނޫނު ހެދުމުން މުސްތގިއްލު ވީތަ .. ނޫނީ މިނިވަން ވީތަ. ފަޑިޔާރުން ވަކި ކުރުން މަޖިލީހުގެ ދައުރެއް އޮންނަ ގޮތަށް އޮތުމަކީ މަޖީލީހުގެ މަގޭ ވޮލެޓް ފުރޭ ކަމެއް. އަމިއްލަ ޖަމްއިއްޔާ ތަކުން ހަދާ ސާވޭތަކުން އެންމެ ކަރަޕްޓް އިދާރާ އަކީ މަޖިލީސް. މަޖިލީހުގައި ތިބެގެން ކެފޭތަކާ ކަންނެލި އޮޑިތަކާ ފިހާރަތައް ހުޅުވާ މުއްސަދި ވަމުން ދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454