"ވަން ރިޕަބްލިކް ބޭންޑް" ގެ މެންބަރުން: އަންނަ މަހު މުމްބާއީގައި ޕަފޯމް ކުރާނެ.
17 މާޗް 2018 - 10:03
ކޯލްޑް ޕްލޭ އާއި ޖަސްޓިން ބީބާ އަދި އެޑް ޝީރަންގެ ޓުއާތަކަށް ފަހު، އިންޑިއާ އަށް އަނެއްކާ ވެސް އިންޓަނޭޝަނަލް ބޭންޑެއް ޓުއާއަކަށް ދާން ތައްޔާރުވެއްޖެ އެވެ.
މި ފަހަރު އިންޑިއާގައި ޕަފޯމްކުރަން ދާން ތައްޔާރު ވަނީ އެމެރިކާގެ ޕޮޕް/ރޮކް ބޭންޑް "ވަން ރިޕަބްލިކް" އެވެ. އެ ބޭންޑް މުމްބާއީގައި ޕަފޯމް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. އެކަމަކު އޭގެ ތިން ދުވަސް ކުރިން ބޭންޑް އިންޑިއާ އަށް ދާނެ އެވެ.
އެއީ ޝޯގެ ކުރިން މުމްބާއީ ތަޖުރިބާކޮށްލުމުގެ ގޮތުންނެވެ.
އިންޑިއާގެ ޓުއާއާ ބެހޭ ގޮތުން "ވަން ރިޕަބްލިކް" ގެ ބާނީ އަދި ލީޑް ވޯކަލިސްޓް ރަޔަން ޓެޑާ ބުނީ އިންޑިއާ އަށް ދާން ބޭނުންވާތާ މިހާރު ކިތަންމެ ދުވަހެއް އެވެ. އަދި އެންމެ ފަހުން އެކަން ހަގީގަތަކަށްވާތީ ބޭންޑްގެ މެމްބަރުން ވަރަށް އުފަލުން ތިބި ކަމަށް ބުންޏެވެ.
Mumbai, excited to announce a show for you guys this April 🙌🏻
— OneRepublic (@OneRepublic) March 14, 2018
Get tickets: https://t.co/yro3b4PWHN pic.twitter.com/IVTNI4JyX4
"ވަން ރިޕަބްލިކް" އިންޑިއާ އަށް ޓުއާގައި ދާކަން އިއުލާންކޮށްފައި.
"އިންޑިއާގެ ފޭނުންގެ ކުރިމަތީގައި ޕަފޯމްކޮށްލައި، އެ ގައުމުގެ ތަޖުރިބާކޮށްލަން ފުރުސަތު ލިބޭތީ އަހަރެން އެންމެން މިހާރު މި އަންނަނީ ޓުއާ އަށް ވަރަށް ބޮޑަށް ރެޑީވަމުން،" އޭނާ ބުންޏެވެ.
މުމްބާއީ ޝޯގެ ޓިކެޓް އިއްޔެ އިން ފެށިގެން ބުކްމައިޝޯ އިން މިހާރު އަންނަނީ ވިއްކަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ވަން ރިޕަބްލިކް" ގެ އިންޑިއާ ޓުއާ ދިމާކޮށް ވަރަށް ކުލަގަދަ ޕާޓީއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޕާޓީ އަށް ދައުވަތު ދީފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯން ހިމެނެ އެވެ.
އެޕޮލޮޖައިޒް، ސީކްރެޓްސް، ކައުންޓިން ސްޓާސް އަދި ގުޑް ލައިފް ފަދަ އެތައް ހިޓް ލަވައެއް ކްރެޑިޓްގައި ހިމެނޭ "ވަން ރިޕަބްލިކް" އަކީ 2002 ގައި އުފެދުނު ބޭންޑެކެވެ. ރަޔަންއާ އެކު ބޭންޑްގައި ދެން ހިމެނޭ މެމްބަރުންނަކީ ޒެކް ފިލްކިންސް، ޑްރޫ ބްރައުން، ބްރެންޓް ކަޒްލް އަދި އެޑީ ފިޝާ އެވެ.
ބޭންޑުން މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުން ނެރުނު އަލްބަމަކީ އޯ މައި މައި (2016) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy