ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް މައުމޫނާއި ދުންޔާ ވަޑައިގެން މާފުށީ ޖަލުގައި: މިހާރު މައުމޫން ވެސް ހުންނެވީ ޖަލުގައި.
23 މާޗް 2018 - 00:09
ރާއްޖެއަށް ދިމާވާ މައްސަލަތަކަށް ބޭރު ގައުމުތަކުން ނުވަތަ ބޭރުގެ ޖަމިއްޔާތަކުން ހައްލެއް ހޯދައެއް ނުދެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ދިވެހީންގެ މެދުގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދާނީ ދިވެހީން ކަމަށެވެ. އެހެންވެ އެކަންކަން ހޯދައި މަޝްވަރާތައް ފަށަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާއެކު ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާތައް ފަށަން އުޅުނު ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި މަޝްވަރާތައް ކުރިއަށްގެންދެވިފައި ނުވާ ކަމަށާއި އެއީ ހަގީގަތުގައި ވެސް ކުރަން ބޭނުން ކަމެއް ނަމަ، ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދޫދޭނެ ކަމަށެވެ.
"ދޫ އެބަދޭންޖެހޭ. ދޫނިދޫ އަޅުގަނޑަކަށް ނޭނގޭ މައްސަލަތައް ހައްލުކުރާނެ ގޮތެއް. ދޫދީގެން އެންމެން އަލުން އެކަތިގަނޑަކަށް ހަދައިގެން މައްސަލަތަކެއް ހުރިކަން އަމިއްލައަށް ގަބޫލުކޮށްގެން، ވާހަކަ ދެކެވޭނެ މާހައުލެއް އުފައްދައިގެން، އަޅުގަނޑުމެން އިށީންދެ މަޝްވަރާކޮށް ކުރިއަށް ފިޔަވަޅު ތަކެއް އަޅަންޖެހޭ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރަކަށް އޭނާ ހުންނެވިއިރު ވެސް ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކާއި އިންޒާރުތައް ލިބުނެވެ.
"ބޭރުގެ ގައުމުތަކަކުން ޖަމިއްޔާތަކުން އައިސް އަޅުގަނޑުމެންގެ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ. އަޅުގަނޑު ކުރިއްސުރެ ބުނަމުން އަންނަ ވާހަކައަކީ، ދިވެހީންނޭ ދިވެހީންގެ މައްސަލަތަކަށް ހައްލުތައް ހޯދާނީ. އާއިލާއެއްގެ ތެރޭގައި މައްސަލަތަކެއް ހުއްޓަސް ބޭރުން މީހަކު އައިސްފައެއް ނޫނޭ ހައްލުތައް ހޯދާނީ. އަދި އެގޮތަށް ހައްލުތަކެއް ހޯދައިދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަންނޭގެ،" ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ދުންޔާ ވިދާޅުވީ މި ހާލަތަށް ގައުމު ދިއުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާ ކަމަށާއި ސުލްހަ ކަމާއި އަމާންކަމާއެކު ދިިރިއުޅެން ބޭނުންވާ ކަމަށެވެ.
ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރެއްވި އިރު ވެސް ދުންޔާ ހުންނެވީ ސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެކަންކަމަށް ރައްދު ދެއްވައި ދުންޔާ ވިދާޅުވީ އޭރު އިސްތިއުފާ ދެއްވި ނަމަ ހާލަތަށް ބަދަލެއް އަންނާނެތޯ އެވެ.
ދުންޔާ ވިދާޅުވީ މައުމޫން ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައިވާ މި ވަގުތަކީ އާއިލާއަށް ވަރަށް ދަތި އުނދަގޫ ދަނޑިވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާރފް
25 March 2018
ދެން ޔޫ-ޓިއުބާއި އެފްބީގައި އިނގިރޭސި ބަހުން ތި އޯޑިއޯ ބަޔާން ނެރެނީ ކާކަށް އިއްވަން؟؟؟
އަދިކް
23 March 2018
ކަމަނާ އެތެރޭގައި ހުރެފައި ހައްލު ނުވުމުން ބޭރަށް ނުކުމެ އަދިވެސް ތިބުނަނީ އެތެރޭން ހައްލު ލިބޭނޭ. ސަހަރޯ. ރާއްޖޭގައި މަދުވަނީ ހަމަ ކޮމަން ސެންސް.
ސޯޓް
23 March 2018
ހައްކު ހޯދަން ވީމަ އަހަރަމެން އަމިއްލަޔަށް .... ފައިސާޔާއި އެހީބޭނުންވީމަ ބޭރުގެ ފަރާތްތަށް.... ކިޔާއެއްޗެއް އެނގޭބާ....
ބެއްޔާ
23 March 2018
ނަގޫ ފިތުނީމަ ވަރަށް ފާޑުފާޑު އެއްޗެހި ދުލުންބޭރުވާނެ...
ކަހަނބޭ
23 March 2018
މީނާވެސް ދުރުނުވެ ކައިރިނުވެ އާއިލާ ހަނާވާއިރު އެހުންނަވަނީ ކީއްވެބާ؟ މީނާއަށް ހުރިހާ ލީޑަރުން ހުސްވިނަމަވެސް ލީޑް ރޯލެއް ލިބޭނެބާ؟
ބޮންދު
23 March 2018
ކީއްކުރަން ސިންގަޕޫރަށް ވަކި ދާންވީ! ބަންގާޅުވެސް އެ އޮތީއެއްނު!
ޖަހާމު ޝަރީފް
23 March 2018
ދުންޏާއެވެ. ރާއްޖޭގައި މިހިނގާ އާއިލީ ވެރިކަމުގެ ކޯޅުން ގަނޑާއި، ޒަމާނުން ސުރެއް ވެރިކަން ބޭނުންވެގެން އުޅޭ އާއިލާތަކުގެ މެދުގައި ޕާޓީ ހަދައިގެން މިހިނގާ ކޯޅުން ގަނޑާ ދުރަށް ވަޑައި ގަންނަވާ. ބައްޕާފުޅާއި ކޮށްކޯފުޅަށް އަދި ޅިޔަނަށް ވާގޮތް މަމެން އަންގާނަން. މާ ބޮލަށް ފަސޭހަވާނެ ދަރިންކޮޅު ގޮވައިގެން ސިންގަޕޫރަށް ވަޑައިގެން އެތަނުގައި ހިތްގައިމު މާހައުލުގައި އުފާވެރި ދުވަސްތަކެއް ހޭދަ ކުރެއްވިއްޔާ.
ދަތްނެތްކުއްޖާ
23 March 2018
ކަމަނާއެވެ. ބޭރުގެ ފަރާތް ތަކަށްވެސް މިކަމުގައި ހައްލު ހޯދާދެވޭނެއެވެ. މަމެންނަށް އެނގޭ މި ކަމުގައި ހައްލު ހޯދާނެގޮތް. މާބޮޑު ކަންކަން ކުރާކަށް ނުޖެހޭނެ. އެންމެ ބަޓަނަކަށް ފިތާލީމާ މިކަން ނިމުނީއެވެ. އެ ބަޓަން އޮތީ އެމެރިކާގެ އަތުގައެވެ. އެއީ ބޭރުގެ ފައިސާ އިން ކުރާ މުޢާމަލާތް ހުއްޓުވުމަކަށް ގެނައުމުގެ ބާރެވެ.
ސުޕާސިސްޓާ
23 March 2018
ފާރިސްގެ ސުޕާހީރޯ ސިސްޓާ އަށް ދުންޔާ ނުވެ ޔުމްނާ ވީ ކީއްވެކަން އެބަފެނޭދޯ؟
މައިކު
23 March 2018
ބައްޕަޔާއި އެއްބަނޑު ކޮއްކޮޔަށް އަނިޔާވެރި ވަމުންދާއިރު އެކަމާއި ދެކޮޅަށް ތެދުވަން ނުކެރި އެއީ މާބޮޑު މައްސަލައެއް ނޫންކަމަށް ސިފަވާގޮތަށް ވާހަކަ ދެއްކުމަކީ ވަރަށްދެރަ ކަމަކެވެ. އެއީ ދިފާއުގައި މަސައްކަތް ކުރައްވާ ބޭފުންނަށް ކުރެވޭ މަލާމާތަކަށް ވެދާވެއެވެ. އެއީ ޑިޕޮލޮމެސީއެއްވެސް ނޫނެވެ. ލޭގެ ގުޅުމަކީ ގުރުބާންކޮށްލާ ވަރަށްވުރެ އަގުބޮޑުއެއްޗެކެވެ. ގައުމަށް ދިމާވެގެންއުޅެނީ އައިލީމައްސަލައެއް ނޫނެވެ. މައްސަލަޔަކީ ޤާނޫނުއަސާސީގައި ތިންބާރު ވަކިވެފައިވާ ލާމަރުކަޒީ އުސޫލުން މިގައުމު ހިންގަން ކަނޑައަޅާފައި އޮތްނިޒާމުން މިގައުމު ހިންގަން ބޭނުންނުވެގެން އެހެންގޮތަކަށް ކަނަކަން ބައްޓަންކޮށް ތަރުތީބު ކުރަން އުޅެގެން ދިމާވެގެންއުޅޭ މައްސަލައެވެ، ރައްޔިތުންގެ ތާއީދާނުލާވެސް ވެރިކަމުގައި ހުރެވޭނެގޮތަކަށް މަގުކޮށަން އުޅުމުން ދިމާވެގެން އުޅޭ މައްސަލައެކެވެ. ޤާނޫނުއަސާސީއާއި، އަދުލު އިންސާފާއި އިންސާނީހައްގުތަކާއި ޑިމޮކްރެޓިކްހަމަތަކާއި ، އިޤްތިސާދީ ހަމަހަމަކަމާއި ގުޅިފައިވާ މައްސަލައެކެވެ.