ރައީސް ޔާމީން އެމަނިކުފާނުގެ ކެބިނެޓާ ބައްދަލު ކުރައްވަނީ: ވަޒީރުންނަށް ދޭ އިންޝިއުރަންސް ޕެކޭޖް ބޮޑު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި.--ފޮޓޯ ރައީސް އޮފީސް
19 ޖުލައި 2016 - 13:57
ވަޒީރުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ދޭ އިންޝުއަރެންސް ޕެކޭޖްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ނިންމުމާ އެކު ވަރަށް ގިނަ އިސް ބޭބޭފުޅުންގެ އިންޝުއަރެންސް ޕެކޭޖްގެ ޕްރީމިއަމް ފީ ދެ ގުނަ ބޮޑުވެގެން ދާނެ އެވެ.
މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމެޓީން އަލުން މުރާޖައާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުންނެވެ. މި މުސާރައިގެ އޮނިގަނޑު ފާސް ކުރަން ނުފެންނަ ކަމަށް 16 މެމްބަރުން ވޯޓު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންގެ އިންޝިއުރެންސް ބޮޑު ކުރަން ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް
މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތަކުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ޕްރީމިއަމް (އަހަރީ ފީ) އާއި އަހަރަކު ބޭނުންކުރެވޭ މިންވަރު ބޮޑު ކުރުމަށެވެ. މި ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.
އެގޮތުން ވަޒީރުންނަށް އަހަރަކު 12،500ރ. ދައްކައިގެން ބޭސްކުރެވޭ ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ އަހަރީ ފީ 19،000ރ. އަށް ބޮޑުކޮށް އަހަރަކު ބޭސްކުރެވޭ މިންވަރު 300،000ރ. އިން 350،000ރ. އަށް ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ ރައީސަށާއި ނައިބު ރައީސް އަދި މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުންނަށް އަހަރީ ފީގެ ގޮތުގައި 12،500ރ. ދައްކައިގެން އަހަރަކު ގިނަވެގެން 300،000ރ. އާ ހަމަޔަށް ބޭސްފަރުވާ ކުރެވޭ ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ ޕްރީމިއަމް 24،000ރ. އަށް ބޮޑުކޮށް އަދި އަހަރަކު ބޭސްފަރުވާއަށް ބޭނުންކުރެވޭ މިންވަރު 350،000ރ. އަށް ބޮޑުކުރުމަށް ނިންމާފައިވެ އެވެ.
އޭގެ އިތުރުން ހައިކޯޓުގެ އިސްފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށާއި ދަށު ކޯޓުތަކުގެ އިސް ގާޒީ އާއި އެހެނިހެން ގާޒީންނާއި ދާއިރާ މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން އަދި މެޖިސްޓްރޭޓުންނަށް ދޫކޮށްފައިވާ ކޯޕަރޭޓް ސިލްވާ ޕެކެޖޭގެ އަހަރީ ފީ 7،000ރ. އިން 14،500ރ. އަށް ބޮޑުކުރުމަށާއި އަހަރަކު ބޭނުންކުރެވޭ މިންވަރު 200،000ރ. އިން 300،000ރ.އަށް ބޮޑުކުރުމަށް ވެސް ނިންމާފައިވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސަށާއި ނައިބު ރައީސް އަދި އެ ޓްރައިބިއުނަލްގެ އެހެން މެމްބަރުންނަށް ވެސް 12،000ރ.ގެ އަހަރީ ފީއެއް ދައްކައިގެން އަހަރަކު ގިނަވެގެން 300،000ރ. އާ ހަމަޔަށް ބޭސްފަރުވާ ކުރެވޭ ޕެކޭޖެއް ދިނުމަށް ނިންމައިފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ އިންޝުއަރެންސް ޕެކޭޖްގެ އަހަރީ 10،000ރ. އިން 14،500ރ. އަށް ބޮޑުކޮށް އަދި އަހަރަކު ބޭސްކުރެވޭ މިންވަރު 250،000ރ. އިން 300،000ރ. އަށް ބޮޑުކުރަން ނިންމާފައިވެ އެވެ.
ހަމައެއާއެކު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި މެމްބަރުންނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އަދި މެމްބަރުންނަށް ދޫކޮށްފައިވާ އިންޝުއަރެންސް ޕެކޭޖްގެ އަހަރީ ފީ 10،000ރ. އިން 14،500ރ. އަށް ބޮޑު ކޮށް އަދި އަހަރަކު ބޭސްކުރެވޭ މިންވަރު 250،000ރ. އިން 300،000ރ. އަށް ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
19 July 2016
ލަދެއްނުގަނޭ ރައްޔިތުންގެ ފައިސާއިން އަމިއްލަ އަންބޮނޑި ބޮޑުކުރަމުން އަދި އެވަރުން ނުވެގެން އެ ރައްޔިތުންގެ ފައިސާކޮޅު ހުސްކޮށްލެވޭނެ މަގު ފަހިކުރަނީ. ލަދެއް ހަޔާތެއް ނެތެއްނުންތޯ؟
މެންޓަލިސްޓް
19 July 2016
ރިޝްވަތުނެގުމުގެ ބައްޔަކީ ވަރަށް ބޮޑު ނުރައްކާތެރިބައްޔެއް ،އެބައްޔަށް ބޭސްކުރަން މިލިއަނުން ޙަރަދުވާނެ އެހެންވީމައި އަސްލުއިންސުއަރެންސް ޕެކޭޖް ބޮޑުކުރަންޖެހެނީ ،
ސޯސޯ
19 July 2016
އެބޭފުޅުންނަށް ޖެހިފައިވާ ބަލި ހަމަ ބޮޑީ. ލޮލް
އިސްލާޙު
19 July 2016
ރައްޔިތު ކޮނެމެ މީހަކުވެސް މިބޭބޭ ފުޅުން ނަށް އެހީތެރިވާށެވެ. 1 ރުފިޔާ ނޫނީ 2ރުފިޔާ ނަމަވެސް މިމީހުންނަށް ދީ މިމީހުންގެ ބަޑުފުރާނަ މުއްތި ކުރެވޭ ވަރު ކޮއްދޭށެވެ. މިވަރުގެ ނިކަމެތި ބަޔަކު މިޤައުމު ކީއްކުރަން މިދުނިޔޭގައިވެސް އުޅޭނެހެނެއް ހިޔެއް ނުވެއެވެ. ދައުލަތަށް ލިބޭހާލާރި އެއްވެސް މިނިކަމެތި ބޭބޭފުޅުން ނަށް ޚަރަދު ކުރާށެވެ.
hussain
19 July 2016
ތީގެ މާނައީ ހުސްނުވާ އާސަންދަވެސް ތިބައިގަނޑަށް ނުފުދެނީތާ؟ ހިތް ނުފުރުނުދޯ ހުސްނުވާނެޔޭ ބުނީމަވެސް. އިސްރާފުކުރުމުގެ ބައްޕަ. ރައްޔިތުން ހަނާވަނީ. ތިލާރިން ކީއްތަ ވާނީ ރަށެއްގެ ހުރި ހޮސްޕިޓަލަކަށް ބޭނުންވާ މެޝިނަރީ ގެނައްޔާ؟ ބަލިވަނީކީވެސް ނޫނޭ މިން މީހެއް. ޙިތުން މޮޅުވާންވެގެން. ގިޔާމަތް ދުވަހުން ކަލޭމެންނަށް ސުވާލު ކުރެވޭނީ ދުނިޔޭގަ މޮޅު އިންޝުރަންސެއް ލިބުނުތޯތަ؟ ނޫނީ އެހެންބަޔެއްގެ ހައްގަށް އަރައިގަނެވުނުތޯތަ؟ އެދުވަހުން ޕީޖީ ގުރޫޕަށް އިލާހީ ގާނޫނު ބަދަލުކުރަން ވިޕްލައިން ނެރެނީތަ؟
ނިންޖާ
19 July 2016
އެއްޗެއް ބޮޑުކުރަންވީމަ މަތީ ފަންތީގެ މީހުންނަށް. އެކަމް ދައުލަތް ހިމާޔަތް ކުރަން ތިބި ކުދިން ސަރުކާރު ދިފާއު ކުރުމުގައި ހޭކަނޑާލާފައި. ކަލޯ ތިކުދިންނަށް އެއްވެސް ކަމެއް ނެތޭ!!!!
ބިރުން
19 July 2016
ބޮޑުންނާއި ޕޮލިހުން ސަރުކާރު ވައްޓާލަން ބައިވެރިވެދާނެތީ ބިރުން.... ކިތަންމެ ވަރަކަށް ދިނަސް އެވެރިންނަކަށް ނުފުދޭނެ... ހުންނަ ނުބައިކަމުން ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާ ބުރުވަނީ... ޕުއަރ ނިކަމެތި ރައްޔިތުން....
އެނޮނީމާ
19 July 2016
އެކަކުވެސް މާބޮޑަށް ހާސްވާނެކަމެއްނެޔް މަތިވެރިވަންތަ ﷲ މިހުރިހާ ކަމެއްވެސްއެބަބައްލަވާ. އަދި މިމީހުންގެ މިޔަތްވެސް އެކަލާނގެ ދެނެވޮޑިގެންވޭ.
މިނިވަން ޚިޔާލް
19 July 2016
ގައުމުގަ އެއްޗެއްނުލިބޭ ނިކަމެތިންނަކީ މިމީހުންހެންހީވަނީ. އަމިއްލަ އެދުންބޮޑުވިޔަސް ތިއީ ފުކެއްބޮޑުވަރު. މިއިޞްލާޙަށް ވޯޓްދިން އެއްވެސް މެންބަރަކަށް ދެވަނަ ފަހަރަށް މަޖިލީހަށް ވޯޓްނުދިނުމަށް ގޮވާލަން.
ފަޒީލްފަﷲ
19 July 2016
އެމީހުން އެކަނިތޯ ބަލިވަނީ. ސިއްހީ ނިޒާމު ގެ ފެންވަރު ދައްވީމަ ތިފައިސާއިން އެކަން ރަނގަޅު ކުރިއްޔާ ރައްޔިތުން ނަށް މާރަނގަޅު...ރައްޔިތުންގެ ފައިސާ އިސްރާފު ކޮށް ހުސް ކުރާ އިރު ވެސް ހަމަ ތިބެން ވީ ދޯ.