މާލޭގެ ޓީ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކެއް: އަލަށް ހަމަޖެއްސި އުސޫލުން ދުވާލު ގަޑީގައި ޓީ ޖެޓީއަށް ވެސް މުދަލެެއް ނުގެންދެވޭނެ.
01 އެޕްރީލް 2018 - 17:41
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުން ގަންނަ މުދާ އެކި ރަށްރަށަށް ގެންދިއުމަށްޓަކައި ދޯނި ނުވަތަ ބޯޓާ ހަމައަށް، އެއްގަމު އުޅަނދުފަހަރުގައި ކޮންމެ ވަގުތެއްގައި ވެސް އުފުލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން އާއްމުންގެ ފަރާތުން ތަފާތު ސުވާލުތައް ކުރިމަތި ކުރަމުން ދާތީ، އެ މިނިސްޓްރީގެ ޓުވިޓާ އެކައުންޓުގައި ރޭ ބުނެފައި ވަނީ ރިސޯޓްތަކާއި ރަށްރަށަށް ގެންދިއުމަށް، އަދި އެ ނޫންވެސް ބޭނުމަކު، މާލޭގެ ބަނދަރުގައި އޮތް އޮޑިއަކަށް ބާޒާރުމަތީގައި ހުރި ފިހާރައަކުން އެއްގަމު އުޅަނދެއްގައި މުދާ އުފުލިދާނެ ކަމަށެވެ.
އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު
— Economy & Trade (@EconDevMv) March 31, 2018
-----------------------
ސުވާލު: ޓޫރިސްޓް ރިސޯޓްތަކާއި އަތޮޅުތަކަށް ގެންދިއުމަށް، އަދިމިނޫންވެސް ބޭނުމަކު ބަނދަރުގައި އޮތް އޮޑިއަކަށް ބާޒާރުމަތީގައި ހުރި ފިހާރައަކުން އެއްގަމު އުޅަނދެއްގައި މުދާ އުފުލިދާނެ ތަ؟
ޖަވާބު: މުދާ އުފުލިދާނެ
އިކޮނޮމިކް މިނިސްޓްރީގެ ޓުވީޓް
މިކަމާ ގުޅޭ ގޮތުން، އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް "މިހާރު" އަށް މިއަދު ވިދާޅުވީ، ބާޒާރުމަތީގެ ކޮންމެ ފިހާރަ އަކުން ގަންނަ މުދާ ވެސް ބަނދަރުގައި އޮންނަ ބޯޓަކަށް ނުވަތަ ދޯންޏަކަށް އުފުލަން ވަކި ގަޑިއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބާޒާރުމަތީގެ ފިހާރަތަކުން ގަންނަ މުދާ ދުވާލު ގަޑީގައި ޓީޖެޓީ އަށް ގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޓީ ޖެޓީއަށް މުދާ ގެންދެވޭނެ ގޮތެއް ނެތުމުން ރިސޯޓުތަކަށް ގެންދާ މުދަލެއް ނޭރުވޭނެ އެވެ. އެއީ ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މާލޭގައި ކައިރިކުރެވެނީ ހަމައެކަނި ޓީ- ޖެޓީއަށް ކަމަށްވާތީ އެވެ.
"އަޅުގަނޑުމެން މި ގެންދަނީ މި އުސޫލަށް އަމަލުކުރަން ފެށުމުން، ދިމާވާ ދަތިތަކާއި މަގުމަތީގެ ޓްރެފިކަށް އަންނަ ބަދަލުތައް ވެސް ބަލަމުން. ފުރަތަމަ ދުވަސްކޮޅު މީގެ ދަތިތަކެއް ހުރެދާނެ،" ތައުފީގް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް ހަމަޖެއްސި އުސޫލްގައިވާ ގޮތުން މިއަދުން ފެށިގެން މާލެ ތެރޭގައި ވެހިކަލްތަކުގައި މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށެވެ.
އެ އުސޫލްގެ ދަށުން، މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ އެންމެހައި ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލޭނީ މިހާރު ހަމަޖައްސާފައިވާ ގަޑީގައި އެކަންޏެވެ. ނަމަވެސް ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުގައި ކައްކާ ގޭސް ވެހިކަލްގައި އުފުލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިފާ
02 April 2018
ސާބަހޭ ރިޔާޒުރަސީދު ފިހާރައިން ޑެލިވަރީ ނުކުރެވޭތީ އެސްޓީއޯއިން ޑެލިވަރީ ނުކުރެވޭތީ ގަވައިދުބަދަލުވީތޯ؟
އަބްދުއްﷲ
02 April 2018
އިޢުލާނު ގައި އޮތްއެއްޗަކާ ފުލުހުހުން ކިޔާއެއްޗަކާ ދިމައެއްނުވޭ! ފުލުހުން ކިޔާ އެއްޗަކާ އިކޮނޮމިކް މިނިސްޓްރީން ކިޔާއެއްޗަކާ ދިމައެއްނުވޭ! އިއުލާނުގައި ނެތް އެއްޗަކަށް އަމަލުކުރަނީ ކޮންގަވައިދެއްގެ ދަށުންބާ ؟
ދެއުޅިއެއްނުވާ މީހާ
02 April 2018
ތި ކަމު ނުދިޔައީ އަދި މި އުޅެނީ އަމަލުކުރަންފެށިތާ 1 ދުވަސް ނުވެގެން މިހާރު ބަދަލުކޮއްލީތިޔަ! ޙާދަހާވާ ފަސޭހައޭ މިއަދު ތިޔަ ޕިކަޕްތަކާ ލޮރީތައް ނުދުއްވާތީ މަގުމަތީގައި މަޑުވެސްކޮއްނުލާ ސައިކަލްގައި ގެޔައްއާދެވުނު މިއަދު! ޢެކަމަކު މާދަމާނާދެވޭނެ ތިވާގޮތުން، ދެން އެކައްވެސް އުޅޭނީ ހަމަ ބަނދަރުމަތީ ފިހާރަތަކުން ދޯންޏައް މުދާއަރުވާ ޕިކަޕާ ލޮރީ އެކައްވެސް!
އަތްފުނާ
01 April 2018
ބަނދަރުގައި އޮންނަ ބޯޓަކަށްވެސް އަދި ދޯންޏަކަށްވެސް މުދާ ގެންދެވޭނީ އެއްގަމުގައި ހުންނަ ގުދަނުން މުދާ ގެނެސްގެން.މިހާރު ތިއޮތް ގަވައިދުން ބުޅަލުގެ އުސޫލަށް ތަބާއެއް ނުވެވޭނެ.
ފަންގި
01 April 2018
މާލޭގެ ހުރިހާ މަގެއްގަ ޕާރކް ހަދާ! އޭރުން ހުންނާނީ ރާކަނި މަސްކެވިފަ!!! ލަދުން ބޯހަލާކު!!!!
ޒިމްޒިމް
01 April 2018
އޮޑިދޯނި ފަހަރުތަކުން މިހާރުވެސް ނާލުގެ އަގުބޮޑުކޮއްފި.. މުދަލުގެ އަގުބޮޑުވާނެ... ހާއްސަކޮށް ރާއްޖެތެރޭގެ ފިހާރަތަކުން...
ީުހުދުހުދު
01 April 2018
ޓޯކިޔޯ ގަ މިހެންތަ އޮންނަނީ!!
ފާތުން
01 April 2018
އަނެއްކާ ބާޒާރުމަތީ ހުންނަނީ މުދާ ވިހާ ފިހާރަތަކެއްތަ؟ އެތަންނަނަށް މުދާ ގެންދަނީ މާލޭގެ އެކި ހިސާބުތަކުގަ ގުދަންކޮއްފަ ހުންނަ ވިޔަފާރިތަކުގެ މުދާ ދޯ. ދެން ހެނދުނު މުދާ ހުސްވީމަ ތިބެންވީ ރޭގަނޑު 6 ޖަހަންދެން؟ ހަމަ އަންތަރީސްވެދާނެ މިގަވައިދު މިހެދި މީހުންގެ ގަމާރުކަމުން.
ފާތުން
01 April 2018
ހަމަ ލާހޫރޭ ސަރުކާރެއް. އަވަސްއަރުވާލާ ގަވައިދުތައް ހަދާފަ ދެން މިބަލަނީ މިކަން ކުރަންވިގޮތް. ހުރިހާ އުނދަގުލެއް ވިޔަފާރިތަކަށާއި މަސައްކަތުމީހުންނަށް. ދެން މާދަމާ ބުނާނެ ޓީ.ޖެޓީއާހަމައަށްވެސް ގެންދެވޭނޭ. މީހަމަ ކުރާނެކަމެއް ނޭންގިގެން އުޅޭ ބައެއް.
ޢަލިދީދީއައްޑޫސިޓީ
01 April 2018
" ބާޒާރުމަތީގެ ކޮންމެ ފިހާރަ އަކުން ގަންނަ މުދާ ވެސް ބަނދަރުގައި އޮންނަ ބޯޓަކަށް ނުވަތަ ދޯންޏަކަށް އުފުލަން ވަކި ގަޑިއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބާޒާރުމަތީގެ ފިހާރަތަކުން ގަންނަ މުދާ ދުވާލު ގަޑީގައި ޓީޖެޓީ އަށް ގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. " ރާއްޖެތެރެއިން މަތިންދާ ބޯޓުގައި މާލެ ދެވޭނެ. އެކަމަކު ފްލައިޓު ހުޅުލެއަށް ޖައްސައިގެން ނުވާނެ.