ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ފުލުހުންގެ ލޯންޗެއްގައި ދޫނިދު އަށް ގެންދަނީ: ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ވެސް ވަނީ ހައްޔަރުކޮށްފައި.---ފޮޓޯ: މިހާރު
18 އެޕްރީލް 2018 - 23:55
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މަސައްކަތް ކުރެއްވީ ވަކި މީހަކަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުއައްސަސާ އަށް 85 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން، ފެބްރުއަރީ 1 ގައި ނެރުނީ ޣައިރު ގާނޫނީ އަމުރެއް ކަމަށެވެ. އެ އަމުރު ތަންފީޒު ކުރުމުގެ ނަމުގައި އަރީފް އަމަލު ކުރެއްވީ ވަކި ފަރާތަކަށް ވެރިކަން ހޯދައިދިނުމަށް ކަމަށް އަޒްލީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކާކުކަމެއް ވިދާޅެއްނުވެ އެވެ.
"އެ ފަރާތުން ފުލުހުންގެ ބައެއް ބޭފުޅުންނާ ގުޅިގެން ހިންގަން ރާވާފައިވާ ޖަރީމާތަކަކީ ގާނޫނުއަސާސީ އަނދާ އަޅި އަށް ހަދާލައި އޭގެ ބާރު ކަނޑުވާލައި ވެރިކަން ވަކި ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ހިތާމަވެރި އަމަލެއް." އަޒްލީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރާނެ ކަމަށް ފުލުހުން އެރޭ އިއުލާންކުރި އެވެ. އޭގެ މާ ގިނަ އިރުތަކެއްނުވެ އަރީފް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. އޭނާ މިހާރު ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްވާ ބައެއް ބޭފުޅުންނަކީ ޣައްދާރުންގެ ގޮތުގައި ދިވެހި ތާރީހުގައި ލިޔެވޭނެ ބައެއް ކަމުގައި ވާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
ވަކި ބަޔަކަށް ވެރިކަން ލިބޭ ގޮތަށް ގެންނަން އުޅުނު ބަޣާވާތް ހުއްޓުމަކަށް ގެނައީ ރައީސް ޔާމީންގެ ޖެހިލުން ކުޑަކަމާއި ތަޖުރިބާގެ ސަބަބުން ކަމަށް އަޒްލީން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ފުލުހުން ވާންވާނީ ސަރުކާރަށް ވަފާތެރި، ގާނޫނުއަސާސީ ދަމަހައްޓާ، ރައްޔިތުންނަށް އެހީތެރިވާ ބަޔަކަށް ކަމަށެވެ.
"ސަރުކާރަށް ވަފާތެރިވުމަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން މަސައްކަތް ކުރާ އެންމެ އިސް ފަރާތަކީ ސަރުކާރުކަން ބަލައިގަނެ ސަރުކާރާ ދެކޮޅަށް ގާނޫނު އަސާސީން ބޭރުން ގައުމުގެ އަމާންކަން ނަގާލާ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ތެދުވެ ތެދުވެރިކަމާއެކު މަސައްކަތްކުރުން" އަޒްލީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
19 April 2018
މިހާރު ވެސް ވެރިކަމުގައި ހުރީ ވަކި ބޭފުޅެކެވެ. އަބަދު ވެސް ވެރިކަން ކުރައްވާނީ ވަކި ބޭފުޅެކެވެ. ނަމަވެސް އެ ބޭފުޅަކު ވެރިކަން ކުރައްވަން ޖެހެނީ އެންމެންގެ ރުހުމާ އެކީގައެވެ. މުޅި ޤައުމަށް ފައިދާ ވާ ގޮތަށެވެ. ވެރިކަމުގައި އޮންނަ ޕާޓީގެ އެއްފަޅިއަށް ފައިދާ ވާގޮތަކަށް ނޫނެވެ. އަރީފު އުޅުނީ ހުރިހާ ދިވެހިންގެ ބަސް އަޑުއެހުމަށް ކަންފަތް ސާފުކޮށްގެން މީހަކު ހުރި ނަމަ އެމީހަކު ހޮވުމަށް ފުރުޞަތު ދިނުމަށެވެ.
މަގުފުޅާޓިނު
19 April 2018
އަރީފް މަސައްކަތް ކުރީ ވަކި މީހަކަށް ވެރިކަން ހޯދައިދޭން: ހޯމް މިނިސްޓަރު، ރަނގަޅޭ އެއީ ހޯމް މިނިސްޓަރަށް ވެރިކަން ހޯދައިދޭށޭ އަރީފް މަސައްކަތް ކުރީ، އެހެންވީމަ އޯކޭނު.
ނަބީލް
19 April 2018
ސަރުކާރުގެ ވަޒީރުން މިދައްކަނީ ހައުދަހާވާ ޖާހިލު ވާހަކަތަކެކޭ. މިގައުމު ޖާހިލިއްޔަ ޒަމާނަށް ގެންދަން ހާދަމަސައްކަތެކޭ ތިކުރަނީ. އަޒުލީންވެސް މަޑުންހުއްޓަސް ތިދައްކަނީ އެންމެ ނުކިޔަވާމީހުން ދައްކާކަހަލަ ވާހަކަ.
އެކްސް ހަލީލް
19 April 2018
މިހާރު ތިބި ދިފާއީ ބާރުގެ ވެރިން ތިބީ ވަކި ނަމެއްކިޔާ މީހަކު ވެރިކަމުގަ އުމުރަށް ބަހައްޓަން ވެގެން، ކިތަންމެ ނުބައި ނުލަފާ ކުށެއް ކުރިޔަސް ކޯޓު އޯޑަރެއް އޮތަސް ވަރިހަމަކޮށްލައިގެން
1234
19 April 2018
އަރީފު އެދުވަހު މަސައްކަތްކުރެއްވީ ސުޕްރީމް ކޯޓުން އަމުރެއް ކުރީތީ އެއަމުރު ތަންފީޒުކުރުމުގެ މަސައްކަތް. މިހާތަނަށް މިސަރުކާރަކަށް އަދިވެސް ނުދެއްކޭ އަރީފުއާ އިދިކޮޅު މީހުންނާ ގުޅިގެން އެއްވެސް ކަމެއްގަ ބައިވެރިވިކަމުގެ ހެއްކެއް. އަރީފު އެދުވަހު ޒިންމާދާރުކަމާއެކީ ތަންފީޒުކުރީ އެންމެ މަތީ ކޯޓުގެ އަމުރު..އެއީ ބަގާވާތެއް ނޫން..
އީމަން
19 April 2018
މޮޔަގޮވަން ދާތަނެއް އޮވޭ، އެތަނަށް ކިޔަނީ ގުރައިދޫއެވެ.
ހަސަނު
19 April 2018
މާތް ﷲ ގަންދީ ހުވާކޮށްގެން ތިބީ ޔާމީންގެ ވެރިކަން ހިމާމަތް ކޮށްދޭކަށްނޫން އަދި ސަރުކާރަށް ވަފާތެރިވާކަށްވެސް ނޫން.. ހުވާގަ ވަނީ ގައުމާ ގާނޫ ހިމާޔަތް ކުރަން.. ދެން ހުވާގަ ނެތް ކަންކަން ފުލުހުން ލައްވާ ކުރުވަން ހޯމް މިނިސްޓަރު ގޮވާލުމަކީ ވަރަށް ބޮޑު މައްސަލައެއް....
ޢަލީމް
19 April 2018
ޢަރީފު އުޅުނީ މަގާމުގެ ގާނޫނީ ވާޖިބު އަދާކުރަން. ކޯޓުން އަމުރުކުރީމަ ހައްޔަރުކޮށްފަ ތިބި ސިޔާސީބައެއް ކޯޓުން ދޫކޮށްލަން އަމުރުކުރީމަ ދޫކޮށްލަން އުޅުމަކީ ވެރިކަން ވައްޓާލުން ކަމަށްވާނަމަ. ޢެމީހުން ޖަލައްލައިގެން ތިއުޅެނީ މިސަރުކާރު ދަމަހައްޓާކަށް ނޫންތަ.
ސަރީފު
19 April 2018
ހަމަ ތިބެފަ ޓެރަރިސްޓުންނާއި ބޮންގޮއްވާ މީހުން ދޫކޮށްލެވޭތަ. މީ ދުނިޔޭގެ ކޮން ގައުމެއްގަ އޮތް ގާނޫނެއް. މޮޔަ ނުގޮވާ. ޔަގީންވާ ކަމަކީ އާބިދާގެ މޮހޮއްމަދަށް އެއްވެސް ފުރުސަތެއް ނެތްކަން. ކަލޭމެން ތިޔަ ތިބެނީ ވެއްޓެނީ ވެއްޓެނީ ކިޔަކިޔާ މޮޔަ ހެދިފަ.
އަސްލުހާލަތު
19 April 2018
ސުޕުރީމް ކޯޓަކީ ޢައިރު ޤާނޫނީ ތޯ ނޫން ތީ ވެސް ކަނޑައަޅަން އޮތް ފަހުބަސް ބުނާތަން.. އެތަނުގެ އަމުރު ޢައިރު ޤާނޫނީ ވަންޏާ ދެން ޤާނޫނީ އަމުރެއް ދުވަގަކުވެސް ނުފެންނާނެ އެމީހަކު ހިތްހަމަ ނުޖެހުނީމަ ޢައިރު ޤާނޫނީވީ އެ ހިސާބުން.
އަޒް
19 April 2018
އެންމެ މަތީ ކޯޓުން ނެރޭ އަމުރު ޢައިރު ޤާނޫނީ ވަންޏާ ޤާނޫނު އަސާސީގަ ލިޔަމާ ފަހު ބަސް ބުނާނީ ރައީސްއޭ ނޫނީ ރައީސް ޔާމީނޭ ޖަހަމާ ދެއްތޯ؟