ރައްޔިތުންގެ މަޖިލިސް ކުރާ ގެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު. - ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އެޕްރީލް 2018 - 09:58
ހަ ހަފުތާގެ މެދުކެނޑުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ އާދިއްތަ ދުވަހު ޖަލްސާއެއް އޮންނާނެކަން އެންގެވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކަމަށެވެ.
ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި ނިހާން އެދިވަޑައިގެންނެވި ނަމަވެސް، މި ޖަލްސާގެ އެޖެންޑާއެއް ވިދާޅެއް ނުވެ އެވެ.
ޕީޕީއެމް މެމްބަރުން ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި އޮތް ކަމެއް އެ މެމްބަރުންނާ މިހާތަނަށް ހިއްސާ ކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް އިންތިހާ އަށް އެބައޮތް ކަމަށެވެ.
މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް މީގެކުރިން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަނީ.
"ކަންބޮޑު ވަނީ ކޮން ކަމެއް ކަން އެޖެންޑާގައި ނެތީމަ. މިއީ ޖަލްސާ ފެށުމުގެ ކުރިން ހާމަކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށް ދެކެނީ. ކުރިއަށް އޮތް ދުވަސްތަކުގައި، އެ ކަން ކުރާނެ ކަމަށް އުންމީދު ކުރަނީ. އެކަމަކު، ޕީޕީއެމުން ފާސްކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ކަން،" މެމްބަރަކު ވިދާޅުވި އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ 14 ގަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ޖަލްސާއެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެގެން ގޮސްފަ އެވެ. ނަމަވެސް، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތައް ދޭތެރެދޭތެރެއިން މަޖިލީހުގައި ކުރިއަށް ގެންދެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ މަހު ފެށި ފަހުން، މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި މަހުގެ ނިޔަލަށް ފުރަތަމަ ދައުރު ނިމި، މެމްބަރުންނަށް އެެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ އެވެ. ގަވާއިދު ބުނާ ގޮތުން، ހަފުތާއަކު ތިން ދުވަހު (ހޯމަ، އަންގާރަ، ބުދަ) ޖަލްސާ ބާއްވަން ޖެހެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޕީއެމުންނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެވަޑައިގެން ހުންނެވީ މަސީހު ކަމަށް ވާތީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާތައް ނުފެށިގެން އުޅެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާ އެކު، ފާސް ކުރަން ޖެހޭ ބިލްތަކެއް ހުރުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
25 April 2018
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާތައް ނުފެށިގެން އުޅެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާ އެކު، ފާސް ކުރަން ޖެހޭ ބިލްތަކެއް ހުރުމުން ކަމަށެވެ. ކޮން ޤާނޫނެއްގަބާ އެހެން އޮތީ! ދެމީހަކު ވަދެތިބެވެސް ބޭނުންބިލެއް ބޭނުން ގޮތަކަށް ފާސްކޮށްލެވޭ ގޮތަށް އޮންނަކަމެއްކަން އެއްޔެ ކޯޓުން ނިންމި ނިންމުމުންވެސް ވަރަށް ސާފު، ހަމަ އަތަށް ގޮވަނީ ދެއްތޮ.
މުހައްމަދު ރަޝީދު
24 April 2018
ޖަލްސާއޭ ބުނެވިދާނެތޯ 5 މިނެޓު ނުވާނެ އެތެރޭގަ................
މުރާސިލު
24 April 2018
"އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާތައް ނުފެށިގެން އުޅެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާ އެކު، ފާސް ކުރަން ޖެހޭ ބިލްތަކެއް ހުރުމުން ކަމަށެވެ." މީފަހެ އަރަތެއްތަ.. އިދިކޮޅު މެމްބަރުން ތިޔަ ޕާޓީއާ ނުގުޅޭނީސް ޖަލްސާ ނުބާއްވަންތޯ ތިޔަ ތިއްބެވީ.. އެހެންވިއްޔާ އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ނަންގަވާ މުސާރަ ނުނަގާ މަޑުކޮށްލަންވީނުން އިދިކޮޅުން މެމްބަރުން ލިބެންދެން.
ރުމާލު10
24 April 2018
މަޖުލިސްވެސް ޕީޕީއެމުން ހިސޯރު ކޮށްގެންއުޅެނީ.
ފެށުން
24 April 2018
ބަހާރު މޫސުން ފެށެނީ.
ޢަލިދީދީއައްޑޫސިޓީ
24 April 2018
މަޖިލިސްކުރާ ގޭގެ ފުރާޅުމަތިން ވެސް ވަރަށް ސާފުކޮށް މަޖިލިސްގެ މިއަދުގެ ހާލަތު އެބަފެނޭ.
ޝާހިދު.
24 April 2018
މަޖްލިސް ގެ ޖަލްސާތައް ނުބައްވާ މަސީހު މި ކުރާ ކަމަކި ދައުލަތް ހިންގުމަށް ހުރަސް އެޅުން .....
ހޮނު ގުގުރި
24 April 2018
މަޖްލީހަކީ ކޮރަޕްޓް އަދި ބޭކާރު ތަނެއް ކަމަށް އަދި ޖުޑީޝަރީ އަކީ ވެސް މިހާރު ކޮރަޕްޓް އަދި ވިޔާނުދާ ތަނެއް ކަން ރައްޔިތުން ނަށް ދައްކަން ސަރުކާރުން މަސައްކަތަ ކުރާތަން ފެނެއެވެ.މިކަމުގައި އަޅުގަޑު އެންނެ ހައިރާންވާ ކަމަކީ ޕީޕީއެމްގެ ބައެއް މަޖްލީސް މެމްބަރުން ވެސް މަޖްލީސް ހަލާކު ކުރުމުގެ އަމަލުގައި ސަރުކާރާ ބައިވެރި ވާތީއެވެ .ޖުޑީޝަރީ ހަލާކު ކުރުމުގައި ބައެއް ފަނޑިޔާރުން ވެސް ސަރުކާރާ ބައިވެރި ވާތީ ވަރަށް ހައިރާން ވަމެވެ.ޔާ ﷲ!
ހޯލި
24 April 2018
އާދީއްތަ؟؟ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ އަންގާރ ބުދަ ދުވަހު!؟ ސަރުކާރުން ބޭނުންވާ ކޮންމެވެސް ނޭންގާނީ ކަމެއްގައި ސިއްކަ ޖަހާލަންވީބާއެވެ.
ނެރު
24 April 2018
ބިލެއް ފާސްކޮއްލަން ވީކަންނޭގެ އެއްނު
ޢަބްދުﷲނާފިޒް
25 April 2018
ފާސްކުރާ ބިލެއް ފާސްކުރޭ، 2018ގަ ރިޔާސީ އިންތިޚާބެއް ނޯންނާނެކަމަށް ފާސްނުކޮށް ފިއްޔާ އަހުންނަށް ވަރިހަމަ، އޭރުން އޮންނާނީ ބިލްފާސްކުރުން ރައްޔިތުންނަށް، ﷲގެ އިރާދަފުޅުން އަލާކެނޑޭވަރަށް ބިލް ފާސްކޮށްލާނަން، އިންތިޒާރު ކޮށްލައްވާ.