ޚަބަރު / ތ. ބުރުނި

ބުރުންޏަށް 7000 ރާގޮނޑި، ލައްކައެއްހާ ރުފިޔާގެ އާމްދަނީއެއް!

ބުރުނީ ގޮނޑުދޮށަށް ތިލަވި ރާގޮނޑިތައް ގުނުމުގެ މަސައްކަތް އެ ރަށު ރައްޔިތުން ކުރަނީ. މިހާތަނަށް 7000 އަށް ވުރެ ގިނަ ރާގޮނޑި ވަނީ ހިފާފައި. -- ފޮޓޯ: ބުރުނީ ފޭސްބުކް ޕޭޖް

ތ.ބުރުނީ ފަޅުތެރެ އަށް ގިނަ އަދަދެއްގެ ރާގޮނޑި ވަންނަމުންދާ ކަމަށާއި އެ މަސްތަކުން ލައްކައެއްހާ ރުފިޔާގެ އާމްދަނީއެއް ރަށަށް ލިބޭނެ ކަމަށް ބުރުނީ ކައުންސިލުން މިއަދު ބުނެފި އެވެ.

ހުޅަނގު މޫސުމާ ދިމާކޮށް ބުރުނީ ފަޅަށް ރާގޮނޑި ތިލަވާން ފެށީ މިދިޔަ ހަފުތާ އިން ފެށިގެންނެވެ. އެ ރަށު ރައްޔިތުން ބުނީ ރާގޮނޑިތައް އާންމު ގޮތެއްގައި ތިލަވަނީ ހަވީރު ވަގުތު ކަމަށާއި އިއްޔެ އެކަނިވެސް ދާ ޖަހައިގެން 376 ރާގޮނޑި ހިފި ކަމަށެވެ.

ބުރުނީ ކައުންސިލް މެމްބަރު ހަސަން ޒަރީރު ވިދާޅުވީ ކޮންމެ ދުވަހަކު ހިފާ ރާގޮނޑިތައް ހަމަހަމަ އުސޫލެއްގެ މަތިން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބަހަމުންދާ ކަމަށެވެ.

ބުރުނީ ރައްޔިތުން ހިފި ރާގޮނޑިތައް ގުނުމުގެ މަސައްކަތް ބަޔަކު ކުރަނީ. އެ ރަށުގެ ރައްޔިތުން އިއްޔެ އެކަނި ވެސް 300 އަށް ވުރެ ގިނަ ރާގޮނޑި ހިފި. - ފޮޓޯ: ބުރުނީ ފޭސްބުކް ޕޭޖް

"ރަށުގައި އުޅޭ ހުރިހާ އެންމެންނަށް ބޮލަކަށް ބަހާލަނީ ވަކި ވަރެއް. އެ ގެއަކުން ތައްޔާރުކުރާ އެއްޗެއް މާލެ އަށް ބޭރުކޮށް އާމްދަނީ ހޯދާނީ. ރިހާކުރު ހެދުމާއި މަސް ކެއްކުމާއި މަސް ހިއްކުން ފަދަ ކަންކަން ކުރާނީ،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވި ގޮތުގައި އެއް ދުވަހުގެ ތެރޭގައި އެ ރަށަށް ތިލަވި 2500 އަށް ވުރެ ގިނަ ރާގޮނޑި ހިފި އެވެ. އެއީ މީހަކަށް ހަތަކަށް ވުރެ ގިނަ ރާގޮނޑި އެވެ. އަދި މިހާތަނަށް އައިއިރު ޖުމްލަ 7000 އަށް ވުރެ ގިނަ ރާގޮނޑި ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރުނީގައި ދިރިއުޅޭ ދެ ކުއްޖަކު ފަޅުތެރެއަށް ތިލަވި ރާގޮނޑިތަކެއް ހިފައިގެން. ކުދިބޮޑު ހުރިހާ ރައްޔިތުން ދަނީ މަސް ހިފުމުގައި ބައިވެރިވަމުން. - ފޮޓޯ: ބުރުނީ ފޭސްބުކް ޕޭޖް

ބުރުނީ ރައްޔިތުން ސިފަ ކުރާ ގޮތުގައި އެ ރަށަށް ރާގޮނޑި ތިލަވުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ރޯއްޖެކެވެ. ރައްޔިތުންގެ މެދުގައި އެކުވެރިކަން ދަމަހައްޓައިދޭ ކަމެކެވެ.

ޒަރީރު ވިދާޅުވީ ރާގޮނޑިތައް ހިފުމުގައި ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ އިޖުތިމާއީ ރޫހު އާލާވެގެން ދާ ކަމެއް ކަމަށެވެ.

ބުރުނީގައި 350 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދެ އެވެ.

ބުރުނީގެ ކުދިބޮޑު ރައްޔިތުން ރާގޮނޑި ހިފުމުގައި ހަރަކާތްތެރިވަނީ. ވީޑީއޯ: ބުރުނީ ފޭސްބުކް ޕޭޖް

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454