ށ. ފުނަދޫ ބަނދަރުމަތި: އެ ރަށު ސްކޫލުގެ ޓީޗަރަކަށް ބިރު ދެއްކުމުން ރާއްޖެ ދޫކޮށް ދާން ވަނީ ނިންމާފައި.
26 އެޕްރީލް 2018 - 17:04
ށ. ފުނަދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކަށް އެ ސްކޫލްގެ ދަރިވަރުންތަކެއް އިއްޔެ ބިރުދައްކައި މާރާމާރީ ހިންގުމުން އޭނާ އެނބުރި ގައުމަށް ދާން ނިންމައިފި އެވެ.
ބީޓެކް ކިޔަވައިދޭން އެޑިއުކޭޝަނުން ފޮނުވި އިންޑިއާގެ ފިރިހެން ޓީޗަރަށް ދަރިވަރުންތަކެއް ހަމަލާދިނީ، އެސައިންމެންޓެއްގެ މައްސަލައިގައި ކަމަށް ވެ އެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެ ޓީޗަރަށް ފޮތުންނާއި ގޮނޑިން ދަރިވަރުން ހަމަލާދީފައިވާ ކަމަށެވެ. އަދި ކަޓަރުން ވެސް ބިރުދައްކާފައިވާއިރު ދަރިވަރުން އެދުނީ، އެސެއިންމެންޓުގެ މާކްސް މަތިކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރިވަރުންގެ ފަރާތުން ކުރިމަތިވި މި ކަންކަމާ ގުޅިގެން އޭނާ އަމިއްލަ އަށް ވަޒީފާ އިން ވަކިވެ، އެނބުރި ގައުމަށް ފުރާގޮތަށް ހަމަޖައްސާފައި ވަނީ މިރެ އެވެ. ރާއްޖޭގައި އޭނާ ކިޔަވައިދޭތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ އެވެ.
"އެސައިންމަންޓް ހުށަހަޅަން ބުނީމަ [ދަރިވަރު] މި ބުނަނީ ނުކުރާނަމޭ އެކަމެއް. ދެން ގައުމަށް ފޮނުވާލާނަމޭ ކިޔާފައި ޓީޗަރާ ދިމާލަށް ގޮނޑިއެއް އެއްލައިލީ. ދެން ޕާސްޓްޕޭޕަރެއް ވެސް ޓީޗަރާ ދިމާލަށް އެއްލައިލި. އޭގެ ފަހުން ސްކޫލުގެ އިސްވެރިން ކްލާހަށް ދިޔައީ. އެކަމަކު އެއްވެސް ފިޔަވަޅެއް ނާޅާ،" "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ފުނަދޫން ވާހަކަ ދެއްކި އެހެން މީހަކު ބުނިގޮތުގައި، ބީޓެކްގެ އެ ކްލާހަށް ދާ ހުރިހާ ޓީޗަރުންނަށް ވެސް ދަރިވަރުން ފުރައްސާރަކޮށް، ޖެއްސުން ކުރެ އެވެ. މީގެއިތުރުން، ޓީޗަރުންނަށް ޖޯކު ޖަހައި ކާޓޫނު ކުރަހާފައި ހުންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކްލާހުގެ ދޮރުފަތްތަކުގެ ތަންޑުތައް ވެސް ނައްޓުވާފައި ހުންނަނީ. ސްކޫލުގައި އަލިފާން ނިއްވާ ސިސްޓަމް އެޑިއުކޭޝަނުން ހަރުކުރިތާ މަހެއް ވެސް ނުވަނީސް ކްލާސްތެރެ އަށް ޖަހާޖަހާ، އެ ހުރިހާ ފުޅިތަކެއް ވެސް ހުސްކޮށްފި. ދަރިވަރުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް،" މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
މި މައްސަލައިގައި އެޑިއުކޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ދަރިވަރަކާ މާރާމާރި ހިންގި ކަމަށް ބުނެ މަޖީދިއްޔާ ސްކޫލުގެ ބިދޭސީ ޓީޗަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ފަހުން ގުރޫޕަކުން ބިރު ދައްކާތީ އެ ޓީޗަރު ވަނީ މިިދިޔަ އަންގާރަ ދުވަހު ރާއްޖެ ދޫކޮށް ފުރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިކަލޯ
28 April 2018
މިއީތޯ އެޑިޔުކޭޝަން މިނިސްޓަރ އެވިދާޅުވި ކުރިއެރުމަކީ ، ނުވަތަ ތަޢުލީމީ ދާއިރާއަށް އައި ތަރައްޤީއަކީ؟
ޢިބަ
28 April 2018
ތިޔަ ފެންނަނީ ގައުމުގެ ހާލަތު.ސްކޫލްތަކުގަވެސް އަނިޔާވެރިވުމާ ބިރުދެއްކުން.ތިޔަ ކުދިން ނާމެދު ފިޔަވަޅެއް ނާލާނެ.އެއީ މިހާރު ކަންކުރުވާގޮތް.ކަޓަރު އެޅުމާ ބިރުދެއްކުން ތިޔައޮތީ އާއްމުވެފަ.
ކެނެޑީ
27 April 2018
ތީ ސްކޫލެއްތަ ނޫނީ ޒުލެއްތަ
ހަސަންމަނިކުފާނު
27 April 2018
މިލަންދޫ މީހުން ވަރަސް ހޭ އެބަ
ކެޔޮޓިނު
27 April 2018
މިހާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖެއް ބާކީ ނުކުރާ ސިޔާސަތު، ހުރިހާ ޓީޗަރުން ބާކީކުރާ ސިޔާސަތު. ދެން ކޮޑުހުޅުން ލުހެންދެން އަތްޖަހާ.
ހުރިހާކަމެއް އެނގޭމީހާ.
27 April 2018
އެޑިޔުކޭޝަން ސިސްޓަމް ހަލާކު ނުވިއްޔާ ދެރައެއްނު. މިނިސްޓަރ ޕީއެޗްޑީ ނަގާފަހުރީ ކޮން ދާއިރާއަކުންކަން އެނގޭނަމަ މި މުހިއްމު ސެކްޓާރއެއް ޑރ. އައިޝަތު ޝިހާމާކާ ސަރުކާރުން ޙަވާލެއް ނުކުރެއްވިސްކަން ޔަޤީން.
އާމިނެ
27 April 2018
މީ "މޫސުމުލް ބިރުއްކުންތަ؟" ނޫނީ "މޫސުމުލް ބިރުދައްކާ ގައުމަށް ފޮނުވާލުންތަ؟" އިރުވަރުން މި ފެށުނީ ދޯ؟ ފުރަތަމަ މަޖީދިއްޔާ. ދެން ފުނަދޫ ސްކޫލް. ދެން މިކަމުގަ އިސްނަގާނީ ކޮން ސްކޫލެއްބާ؟ ޓީޗަރުންގެ ހައްޤުތަކަށް ރިޢާޔަތްކޮށް އިސްލާހީ މަސައްކަތް ފަށާނީ ކޮން އިރަކުންބާ؟
އެދުރު
27 April 2018
އަނެއްކަވެސް ލަސްނުކޮށް އިސްލަހިއްޔާ ޤާއިމްކުރަން ފެނޭ އެއީ ހުރިހާ ކުދިންގެ ލާބަޔާ މަންފާއަށްޓަކައެވެ.
މާމަ
27 April 2018
"ށ. ފުނަދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކަށް" ޙަބަރު ނުކިޔާ ދޯ ކޮމެންޓް ކުރަނީ
ފިޔަވަޅު
27 April 2018
އެޑިޔުކޭޝަން މިނިސްޓްރީއިން، ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިކަމުގައި ނާޅާފިއްޔާ މުޅިރާއްޖޭގެ ތައުލީމީ ނިޒާމަށް މިކަހަލަ ކަންތަކުން އަސަރުކުރުން ވަރަށް ކައިރި.