ޕީޕީއެމްގެ ރުމާލު 2 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 މެއި 2018 - 11:27
ދިވެހިންގެ ކަންކަން ނިންމުމުގައި ބޭރުގެ ފަރާތްތަކުގެ ބަސް އަހަން ނުޖެހޭ ކަމަށާއި ދީން ގަބޫލު ނުކުރާ މީހުންނަށް ދައުލަތުގެ ތަރިކަ އިން އެއްޗެއް ދޭން ނުޖެހޭ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަހައިގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގައުމަކުން ވެސް އިހްތިޔާރު ކުރާނީ އެ ގައުމަކަށް ފެތޭ ޑިމޮކްރަސީއެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމް ދީނުގެ ވާހަކަ ލިޔެފައި އޮތުމުން އުނދަގޫވާ ބަޔަކު އުޅެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ދީނަކީ އިސްލާމް ދީން ކަން ލިޔެފައި އޮތީ ދިވެހިންނަށް މުހިންމުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް ޕްރެޝަރު ކުރިމަތިކުރާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ނަން ފާހަގަ ނުކުރައްވާ ރައީސް ވިދާޅުވީ ދިވެހިންނަށް މަޝްވަރާ ދޭ ފަރާތްތަކާއި އެހީވާ ފަރާތްތަކުން، ދިވެހިންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނަށް ރާއްޖޭގެ ކަންކަން ނިންމުމުގައި ބަސް ބުނުމުގެ ފުރުސަތު އޮންނާނެއޭ ބުނުމުން ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.
ޕީޕީއެމްގެ ރުމާލު 2 ގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތް ކުރެއްވީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ހުށަހެޅުމުންނެވެ.
"ދިވެހިންގެ ކަންކަން ނިންމުމުގައި އެ މީހުންގެ ބަހެއް މުހިންމެއް ނޫން. އެ މީހުންގެ ބަސް އަހާކަށް ނުޖެހޭ. އެއްގޮތަކަށް ވެސް އަހާކަށް ނުޖެހޭ. އެމީހުންނަށް ހެޔޮވަރުވާނީ އިސްލާމް ދީނާ ދެކޮޅު، އިސްލާމް ދީނާ އަދާވާތްތެރިވާ ދައުލަތްތަކުގައި ތިބެގެން އެމީހުން އެކުރާ މަސައްކަތަކާ އެމީހުން ކަލްޗާ ކުރާ ފިކުރެއް ނަރިޝް ކުރަމުން ގެންދިއުން،" އީޔޫ އާއި އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި "އިސްލާމް ބައްޕައެއްގެ ދަރިއަކު ވެސް" ދީން ގަބޫލު ނުކުރާ ކަމަށްވާނަމަ، ތަރިކަ އިން އޭނާ އަކަށް މުދަލެއް ނުލިބެ އެވެ.
ޕީޕީއެމްގެ ރުމާލު 2 ގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެހެންކަމުން، އިސްލާމް ދީން ގަބޫލު ނުކުރާ މީހުންގެ އަމިއްލަ މައިންބަފައިންގެ ތަރިކަ އިން ވާރުތަ ނުވާ އެއްޗެއް ދައުލަތުގެ ތަރިކަ އިން ދޭން ނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި ހަމަ ދިވެހި ރައްޔިތުން، އިސްލާމް ދީން ގަބޫލު ނުކުރާ، ނޫނީ އިސްލާމް ދީނާ ހެދި އެމީހުންނަށް ދަތިވާ ކަންތައްތަކެއް ހުރެގެން އެކަންކަމުގެ ވާހަކަ ދައްކާ މީހުންނަށް، އަޅުގަނޑަކަށް ނުވިސްނޭ އަމިއްލަ މައިންބަފައިންގެ ތަރިކައިން ވާރުތަ ނުވާ އެއްޗެއް މުޅި ގައުމުގެ ދައުލަތުގެ ތަރިކައިން ދޭން ޖެހޭނެ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީ އަކީ ހުރިހާ ގައުމެއްގައި އެއްގޮތަކަށް އޮންނަ ނިޒާމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ކަންކަން ނިންމަންވާނީ، ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށާއި އެއީ ޑިމޮކްރަސީގެ އަސާސެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގުމަކީ ވެސް ޑިމޮކްރަސީގެ މުހިންމު އަސާސެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ، ދިވެހިންގެ ކަންކަން ނިންމުމުގައި، ބޭރުގެ ފަރާތްތަކުގެ އެހީ އާއި ނުފޫޒާއި ބާރާއި މަޖުބޫރު ހާލަތު ގެނެސްފިނަމަ، އެކަމުން ރާއްޖެ ސަލާމަތްވާނެތޯ ދިވެހިންނާ ސުވާލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
03 May 2018
ދީން ގަބޫލު ކުރާ މީހެއްނަމަ ދައުލަތުގެ ތަރިކަ ލޫޓުވާލެވިދާނެބާ؟؟
މަންސޫރު
02 May 2018
ދީނުގައި އަންގަވާފައިވާ ގޮތާއި އިދިކޮޅަށް ކަންތައް ކުރާނީ ދީން ގަބޫލު ނުކުރާ މީހުން. ސަލާމް.
މަރީ
02 May 2018
މަހަމަ އަޖައިބު އަންތަރީސްވެއްޖެ މުދަލުގެވާހަކަޔާ މިނިވަންއިންތިހާބާ ހުރިގުޅުމަކީ ކޮބާތޯ؟
ކަލާ123
02 May 2018
އަޅުގަނޑު ދާދި ފަހުން ބޭރު ގައުމަކަށް ކުރި ދަތުރެއްގައި ނިކަމެއްޗަކު ސަލާންޖެހުމުން އަޅުގަނޑު އޭނާއަށް ފައިސާ ފޮއްޗެއް ދިނީ އެއީ ކޮން ދީނެއްގެ ކޮން ނަސްލެއްގެ ކާކުތޯ ބަލާފައެއް ނޫން!
ބީކޭކޭ
02 May 2018
މީކޯންޗެއްކިޔަވައިގެން ހުރިމީހެއްތަ؟ ދެކެވޭ ނުދެކެވޭ ވާހަކައެއްނޭންގެ! މިޙަރުކިޔާލީމަ ބޯހަލާކުވެއްޖެ!
ޢެދުރު
02 May 2018
ދީންގަބޫލް ނުކުރާ ބައެއް ރާއްޖޭގައި ދިވެއްސެއްގެ ގޮތުގައި އުޅޭތަ؟ ގަބޫލް ނުކޮށް ރާއްޖޭގައި ހަމަ ހިމޭންކަމާއެކީ އުޅެވޭނެތަ؟ މިސުވާލުގެ ޖަވާބާއެކީ އެގިގެންދާނެ ދީންގަބޫލް ނުކުރާދިވެއްސެއް ރާއްޖޭގައި ނޫޅޭނެކަން.
ޝިޔާމް
02 May 2018
އާނ.. ދޭކަށް ނުޖެހޭ.
ރޯނު އަދުރޭ
02 May 2018
ވާހަކަ ކިތައްމެ ރަނގަޅޭ. އަމަލުތައް ހުރީ ދިމާ އިދިކޮޅަށޭ.
ރައްޒާން
02 May 2018
ރަނގަޅު ވާހަކައެއް ޔާނު ބުންޏަސް
ވައްޑޭ
02 May 2018
މިހާރު ޔަގީންވެއްޖެއް ރައީސް ޔާމީންގެ ނަމެއް 2018 ރިޔާސީ ވޯޓްކަރުދާހުގައި ނޮއޮއްނާނެ ކަން.