ގަން ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ތެލެސީމިއާ ވޯޑަށް ދިރާގުގެ އެހީތައް ހަވާލު ކުރުމުގެ ތެރެއިން.
10 މެއި 2018 - 18:53
ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ހުޅުވި ކުޑަކުދިންގެ ތެލެސީމިއާ ވޯޑަށް ދިރާގުން އެހީ ދީފި އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު އެ ވޯޑް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދިރާގުން ވަނީ އެތަނަށް ބޭނުންވާ މުހިންމު ބައެއް މެޑިކަލް ސާމާނާއި އެހެން ބައެއް އާލާތްތައް ހަދިޔާކޮށްފަ އެވެ.
ދިރާގުން ބުނީ ކުޑަކުދިން ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތްކޮށް، އެފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. މިއަދު ދިން އެހީއަކީ ވެސް އެގޮތުން ދިން އެހީއެއް ކަމަށް ދިރާގުން ބުންޏެވެ.
މީގެ ކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކަށް ބޮޑެތި އެހީތަކެއް ދީފަ އެވެ. އެގޮތުން ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތަކަށް އެހީ ފޯރުކޮށްދިނުން އަދި އޯޓިޒަމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ އަދި އާކް ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ" ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ރާއްޖޭގައި ބާއްވާ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy