ދަރުމަވަންތަ ހޮސްޕިޓަލް: އެތަން އިމާރާތްކޮށްފައި ވަނީ، އާއްމުންނާ ވީހާވެސް ބޮޑަށް ގުޅޭ ގޮތަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
13 މެއި 2018 - 12:02
ރާއްޖޭގެ އެންމެ އުސް އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެހުމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.
ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނަށް އެ އެވޯޑު ލިބުނީ، މި ސަރަހައްދުގައި، އާއްމުންނާ ވީހާވެސް ގުޅުން ބޮޑު ގޮތަކަށް އިމާރާތްކޮށްފައިވާ ހޮސްޕިޓަލުގެ ގޮތުގަ އެވެ. އިނގިރޭސިވިލާތުގައި ބޭއްވި ރަސްމިއްޔާތުގައި، ޝެންހުއާއާ މިހާރު ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް ޑިޒައިންކޮށްފައި ވަނީ، ސިންގަޕޫރުގެ ވަރަށް ގިނަ ހޮސްޕިޓަލްތައް ބެލުމަށް ފަހު ދިވެހިންނާ އެންމެ ގުޅޭ ގޮތަށެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މީގެ މަހެއްހާ ދުވަސް ކުރިން މި އެވޯޑާ ގުޅޭ ގޮތުން "މިހާރު" އަށް ވިދާޅުވީ 25 ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އާއްމުންނަށް ކަމަށެވެ. ބޮޑުތަކުރުފާނު މަގުގައި އެ އިމާރާތުގެ މައި ގޭޓު ހުރި ނަމަވެސް ހުރިހާ ދިމާލަކުން ވެސް އިމާރާތަށް ފަސޭހަކަމާ އެކު ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސެމިނާތައް ބޭއްވުމާއި ކުދިން ފޮތް ކިޔަން ތިބުން ފަދަ ކަންކަމަށް ގްރައުންޑް ފްލޯ ބޭނުންކުރެވެ އެވެ.
ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެއްވެސް ފާރެއް ނުހުންނާނެ، ހުރިހާ ދިމާލަކުން ވެސް އިމާރާތަށް ވަދެވޭ ގޮތަށް ހުންނާނީ. ރެސްޓްރިކްޝަންސް ހުންނާނީ ކްލިނިކަލް ފްލޯތަކަށް އެކަނި،" އޭނާ ވިދާޅުވި އެވެ.
ޒަމާނީ ފެންވަރަށް އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް ޖުލައި 26 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ. އެ އިމާރާތުގައި ފުރަތަމަ ހުޅުވާނީ ހަ ފްލޯ އެވެ.
އާ އިމާރާތް ހުޅުވާނީ، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓާ އެކުގަ އެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ. އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ. ހިނގާ މަގަކުން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިންކޮށްފައި ވަނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ފަރުވާ އިން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
15 May 2018
ތި ކަހަލަ ބައިނަލްއަޤްވާމީ އެވޯޑު ތަކުގެ އެއްވެސް އަގެއް ނެތް! އެކަހަލަ އެވޯޑު ތައް އިންޓަނެޓް މެދުވެރިކޮށް ގަންނަންވެސް ލިބޭ!
ކުދިފިޔާއެވޯޑް
14 May 2018
ކުރިންވެސްލިބުނު ތިކަހަލަ އެވޯޑެއް، ކުދިފިޔާއެވޯޑް
މަންސޫރު
13 May 2018
ކުރަހަން އެހާ ބައިވަރު ފައިސާ ހަރަދުވީ ކިހިނެތްތޯ އަހާވަރުން އަނގަޔަށް އެވޯޑެއް ޖެހީ.
އޭކީކޭ؟
14 May 2018
ކިހާވަރެއްތަ؟
ޝޮކްތެރަޕީ
13 May 2018
ޔާމިން އެގެންސަނީ ޔޫރަޕްފެންވަރަ ސިހްހިނިޒާމް ކުރިއަރުވަމުން.
ރައްޔިތެއް
13 May 2018
މިތާ ނެތްތަ މިތަނަށް އަންނަ މީހުންގެ ވެހިކަލްތައް ޕާކް ކުރެވޭނެ ގޮތެއް؟ ދެން ކިހިނެތް އާއްމުންނާއި ރަހުމަތްތެރިވަނީ މި އިމާރާތް؟
ރަސްޓީ
13 May 2018
ގާތްގަނޑަކަށް 2000 އަކަފޫޓްގެ 25ބުރީގެ އިމާރާތކަށް 185މިލޔަން ޑޮލަރު ހޭދަކޮށްގެން ރައްޔިތުންނަށް ޙިދުމަތްދިނުމަށްޓަކާ މިފަދަ އިމާރާތުގެ މުހިންމުކަން އެއްމެ އިންސާނެއްގެ ބުއްދި އަށް ފެނުނީމަ އެއިންސާނާއަށް ވެސް އެވޯޑް ދޭންޖެހޭ! އަޑުއިވޭގޮތުން މި އިމާރާތަކީ ކޮރަޕްށަނުގެ ރަމްޒީ ބިނާއެއް! އެހެންކަމުން މިއިމާރާތުން ކިތަންމެ ބޮޑު ޙިދުމަތެއް ރައްޔިތުންނަ ލިބުނަސް ވައްކަމާއި ފަސާދަ މިޤައުމުން ފޮހެލުމަށްޓަކާ ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގަ ވޯޓުދޭން މިހިރީ ކެތްމަދުވެފަ! ވައްސަލާމް.
ބުރުގާ
13 May 2018
ހެހެހެހެހހެހެހެހެ... އޭ ގުނބޯ، ތި އެވޯޑަކީ ގަނެވޭ އެއްޗެއް. ދެން އަވަހައް ތިކަން ފާހަގަކޮއް ޕީޕީއެމުން މުޅި މާލެގެ މަގުތައް ބައްދުކޮއްލާފަ ޖަލްސާއެއް ބާއްވާ..
އަލީ!
13 May 2018
ކޮރަޕްޝަން އާ އުސްމިންތަކަކަށް. 25 ބުރިޔަށް.
ޙެއް
14 May 2018
ޖޭ
ޕަކަޕަކާ
13 May 2018
ދުނިޔޭގަ ހުރީ އެއްމެ އުސްއިމާރާތުގެ އެވޯޑުވެސް ތިތަނައް ލިބިދާނެ މީހަކު ދީފިނަމަ
މަސްމަސް
13 May 2018
ބައިނަލްއަގުވާމީ އެވޯޑް ދިނީ ކޮންފަރާތަކުން ހެއްޔެވެ؟ ޢެއީ ނަމެއްނެތް ފަރާތެއްހެއްޔެވެ؟ ޢެ އެވޯޑަށް ކިޔަނީ ކޮންނަމެއްހެއްޔެވެ؟