އަނަންތު އަމްބާނީ ފަލައިރު އަދި ހިކިފައި ހުއްޓާ
25 މެއި 2016 - 08:27
އަނަންތު އަމްބާނީ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ގެނައި އިންގިލާބެއް ފަދަ ބަދަލުގެ ސަބަބުން ހުރިހާ އެންމެން ހައިރާން ކޮށްލާފަ އެވެ. އޭނާގެ ކާފަ އަދި އިންޑިޔާގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ ދީރޫބާއީ އަމްބާނީ މިއަދު ދުނިޔޭގައި ހުރި ނަމަ އަނަންތުގެ މި މަސައްކަތާ މެދު ފަޚުރުވެރިވާނެކަން ޔަގީނެވެ. ސަބަބަކީ ދީރޫބާއީ އަމްބާނީގެ މޮޓޯއަކީ "އަޒުމާއެކު ފޯކަސްކޮށްގެން މަސައްކަތްކޮށްފިއްޔާ ކާމިޔާބު ނުކުރެވޭނެ ކަމެއް ނޯންނާނެ" ކަމަށް ވާތީ އެވެ.
އިންޑިޔާގައި މިހާރު ތިބި އެންމެ މުއްސަނދި މީހުންގެ ތެރެއިން ވެސް އެއްވަނައިގައި އުޅޭ މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އަނަންތު ބަރުދަން ލުއިކުރުމަށް އަމިއްލަ ނަފްސަށް އަޒުމް ކަނޑައެޅީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާއަށް ހަނގުރާމަކުރަން ޖެހުނީ ކާން ޖެހުނު ބޭހެއްގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވި ފަލަބައްޔާ އެވެ. އަދި މި ހަނގުރާމަ އޭނާ ފަތަހަކުރީ ވަރަށް ވެސް ތައުރީފު ހައްގު ގޮތަކަށެވެ.
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް އާއެކު އަނަންތު ފަލައިރު އާއި މިހާރު ނަގަފައިވާ ފޮޓޯތަކެއް
އެގޮތުން އެންމެ 18 މަސް ދުވަހުގެ ތެރޭގައި 108 ކިލޯ އަނަންތުގެ ހަށިގަނޑުން ލުއިކޮށްލާފައިވެ އެވެ. އަނަންތު އަޒުމް ކަނޑައެޅީ ވީހާވެސް ގުދުރަތީ އަދި ރައްކާތެރި ގޮތަކަށް ބަރުދަން ލުއިކުރުމުގެ މަސައްކަތް ގެންދިއުމަށެވެ. އެހެންކަމުން ވަކި ގަވައިދަކުން ކެއުން ބެހެއްޓުމާއެކު ދުވާލަކު ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރު އޭނާ ކަސްރަތު ކުރި އެވެ.
އޭނާގެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކުގެ ތެރޭގައި 21 ކިލޯ މީޓަރަށް ހިނގުމާއި، އޭގެ ފަހުން ޔޯގާ ހެދުން، ވެއިޓް ޓްރެއިނިން، ފަންކްޝަނަލް ޓްރެއިނިން އަދި ހައި-އިންޓެންސިޓީ ކާޑިއޯ އެކްސަސައިޒްތައް ހިމެނެ އެވެ. ފޮނިއެއްޗެހި ބޭނުންކުރުން އޭނާ މުޅިން ހުއްޓާލި އެވެ. އަދި ކާބޮހައިޑްރޭޓް މަދުން ހުންނަ ފެޓްސް އާއި ޕްރޮޓީން ފުދޭވަރަކަށް ލިބޭ ކެއުން ކާން ފެށި އެވެ.
އަނަންތުގެ މި ހިތްވަރުގަދަ މަސައްކަތަށް އެންމެ އުފާވީ އޭނާގެ މަންމަ ނީތާ އަމްބާނީ އެވެ. ދަރިފުޅު ބަރުދަން ލުއިކުރުމަށް 500 ދުވަސް ވަންދެން ކޮންމެ ދުވަހަކު އެތައް ބައިވަރު ދަލެއް އޮހޮރުވައިގެން ކުރި ބުރަ މަސައްކަތް އެންމެ ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން ނީތާ ހުރީ ދަރިފުޅު އޭނާގެ އަމިއްލަ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ހިތްވަރާއި އަޒުމާއެކު ކުރި މަސައްކަތަށް އުފަލުންނެވެ. ބަރުދަން ލުއިކުރުމަށް ދަރިފުޅު ކުރި ވަރުގަދަ ހަނގުރާމަ ކާމިޔާބު ކުރި ގޮތް ފެނިފައި ނީތާ ފަޚުރުވެރިވެ އެވެ.
Amazing transformation #AnantAmbani! Your hard work paid off & you look amazing! #weighlossjourney #hardworkpaysoff pic.twitter.com/TM7eJ35VcU
— Nita Mukesh Ambani (@NitaMAmbani) March 22, 2016
އަނަންތު ކުޑައިރު ވަރަށް ގަދަޔަށް ނޭވާ ހިއްލި އެވެ. އަދި މިކަމަށް ވަރަށް ބާރުގަދަ ބޭސްތަކެއް ބޭނުންކުރަން ޖެހުނެވެ. ބަރުދަން މާބޮޑަށް އިތުރުވެ ފަލަބަލީގެ ޝިކާރައަކަށްވީ ބޭނުންކުރި ބޭސްތަކުގެ ސަބަބުންނެވެ. ޑޮކްޓަރުން އަނަންތު ގާތު ބުނީ އެހާ ފަލަވެފައިވަނިކޮށް ގުދުރަތީ ގޮތްތައް ބޭނުންކޮށްގެން ހިކުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް އަނަންތު އަޒުމު ކަނޑައެޅީ 21 ވަނަ އުފަން ދުވަސް އަންނަންވާއިރަށް ހަށިގަނޑުގައި އަސްލު ހުންނަން ޖެހޭ ބަރުދަނަށް ހިކުމަށެވެ.
ޖަނަވާރުންނަށާއި ވައިލްޑް ލައިފަށް ލޯބިކުރާ އަނަންތު އަކީ އެމެރިކާގެ ބްރައުން ޔުނިވަސިޓީގެ ޖޫނިއާ އެކެވެ. ނަމަވެސް ކިޔަވަމުން ވެސް އަނަންތު މިކުރީ ހިތްވަރުގަދަ ނަމޫނާ މަސައްކަތެކެވެ. ބުރަ މަސައްކަތާއި ނުގުޑާ ފަދަ އަޒުމަކާ އެކު ދާންވީ މަގަށް ވިސްނައިގެން ކުރާ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ އަނަންތުގެ މި މަސައްކަތުން ސާބިތުވެ އެވެ.
So happy to see Anant Ambani,lots of respect n sooo happy fr him.Takes a lot of willpower to loose 108kgs in 18mnths pic.twitter.com/Rfd6pgAeEn
— Salman Khan (@BeingSalmanKhan) April 10, 2016
އަނަންތު ހޯދި މި ކާމިޔާބީއަށް މަރުހަބާ ކީ މަޝްހޫރު މީހުންގެ ތެރޭގައި ފިލްމީ ތަރި ސަލްމާން ޚާނާއި ކްރިކެޓް ކެޕްޓަން މެހެންދުރަ ސިންގް ދޯނީ ފަދަ މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްތެރިޔާ
25 May 2016
ހިކެން ބޭނުންވާ މީހުންނަށް ވަރަށް ހިތްވަރު ލިބޭކަހަލަ ޚަބަރަކަށް ވާނެ. އެކަމަކު މިޚަބަރުގެ ސުރުހީގައި ބުނާ "108 ކިލޯ ލުއިކުރިގޮތް" ރަނަގަޅަށް ތަފްސީލުކޮށް ކިޔައިދީފައި ނުވާތީ، ޚަބަރު އެންމެ ފުރިހަމައެއް ނޫން.
ހިސާބު
19 April 2018
އެއީ މަަހަކަށް 6 ކިލޯ ދުވާލަކަށް 200 ގްރާމް ލުއިކޮށްގެން