މިނިވަން ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
26 ޖުލައި 2016 - 00:39
ބޭރު ގައުމުތަކަށް ސަލާން ނުޖަހާ އުޅެވިގެން ނޫނީ ގައުމުގެ ފުރިހަމަ މިނިވަންކަން ނުލިބޭނެ ކަމަށާއި އިގްތިސާދުގެ ލަގަން ދިވެހިންގެ އަތްމައްޗަށް ގެންނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދު ޓޫރިޒަމަށް ބިނާވެފައި އޮތަސް، އެއީ "އަޅުގަނޑުމެންގެ އަތުގައި ބާރު އޮތް ސިނާއަތެއް ނޫން" ކަމަށެވެ.
އެހެންކަމުން އިގްތިސާދު ފުޅާކޮށް އިންވެސްޓްމަންޓުތަކާއި މަސައްކަތްތައް އިތުރު ކުރުމަކީ ހުއްޓުމެއް ނެތި ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.
މިނިވަން ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
"އިގްތިސާދުގެ ލަގަން ދިވެހިންގެ އަތްމައްޗަށް މިއަދު ގެންނަންޖެހޭ. މިކަމަށް ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭ. އަދި ރާއްޖެ އޮތް ސަރަޙައްދާ ޓައިމްޒޯންގެ ގޮތުން ދިވެހި ގައުމުގެ އިގްތިސާދު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާނުލާ ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކާ ދިމާލަށް ދަތުރު ކުރަމުންދާ ކަމަށާއި ރަށްތަކުގައި ގެސްޓްހައުސްތައް އިތުރުވެ، ފަރުދުންނަށް ލިބޭ މަންފާ ބޮޑުވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ދުނިޔޭގައި ނަން ހިނގާ ގިނަ ކުންފުނިތަކުން އިންވެސްޓްކުރަމުންދާ ކަމަށާއި ޓޫރިޒަމްގެ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރިސޯޓް ބިނާކުރުން އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ތިލަފުށީގައި ސަރަޙައްދީ ފެންވަރުގެ ތަނަވަސް ޕޯޓެއް އެޅުމަށް ނިންމައި ސްޓްރެޓެޖިކް ޕާޓްނަރާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިވަން ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ބަނދަރަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކާއެކު ތިލަފުށީގައި ގާއިމު ކުރާ ބަނދަރުގައި މުދާ ރައްކާކުރުމާއި، ލޮޖިސްޓިކްސް އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާވެ މުދަލާ ހިދުމަތްތަކުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ޓްރާންސްޝިޕްމަންޓް ހިދުމަތާއި ފްރީ ޒޯން އަދި ވެލިއު އެޑިޝަންގެ މަސައްކަތާއެކު ގުޅީފަޅު ވެސް ތަރައްގީވާނެ އެވެ.
ރާއްޖޭގެ އިގްތިސާދީ މުސްތަގްބަލާއި ފުދުންތެރިކަމާމެދު މާޔޫސްވާން ނުޖެހޭ ކަމަށާއި ނަމަވެސް އަޅުގަނޑުމެންނަށް ހަމައެކަނި އިގްތިސާދު ކުރިއަރާ ވާހަކަދައްކައިގެން ފަރުޖެއްސެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ތަމައްދުންގެ ބިންގާތައް އެޅިއްޖެނަމަ، ރާއްޖެ އޮންނާނީ ސަރަހައްދުގެ އެންމެ ރީތި އަދި ތިޔާގި ގައުމުގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ ވާނީ ދިރިއުޅުން އެންމެ އުފާވެރި، ހިދުމަތްތައް އެންމެ ފުރާ ފުރިހަމަ ފަސްގަނޑުގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުކުލަ
26 July 2016
ތިޔަ ބުނާ ލަގަން އޮތީ ބަންގާޅުންގެ އަތްމަތީގައި. ނިކަން އަތުލަބަލަ ކެރެންޏާ.
ހަވާ
26 July 2016
އިގްތިސާދުގެ ލަގަން ދިވެހިންނައް ހޯދައިދެއްވުމައް ޔާމީނު ވަރައްބުރަމަސައްކަތެއްކޮއްފިއެވެ އެކަމުން ދިވެހިންނައް ލިބުނު ގެއްލުން ފޫބެއްދުމައް 15 ވަރަކައް އަހަރުވާނެއެވެ އެވަރައް ފަޅުފަޅާ ގިރިގިތަކާ ފިނޮޅުތަކާ ނުވިތާކައް ހުސްބިންކޮޅެއްއޮތިއްޔާވެސް ބޭރުގެ ކޮންމެވެސް ބައަކައް ބަހައިފިއެވެ ނުވިތާކައް މިގައުމުގައި ހިންގާ ހުރިހާ މަސައްކަތެއްކުރަނީ ވެސް ބޭރުމީހުންނެވެ ބަންގާޅުމީޙުންނައް ހިތަކައް މިގައުމުގެ ފަސްގަޑު ދީފިއެވެ ދިވެހިންނައް ރީތިބަހުންނަލާމަތް ކުރާކައް މީނާ ވެރިކަުގައި ހުރުމުގެ ބޭނުމެއްނެތެވެ ހަދަނީ ދޮގެވެ ދިވެހިންނައް މަލާމަތް އެކުރަނީ އެކަހަލަ މީހަކައް ވެރިކަން ދިނީމާތާއެވެ
އަހުމަދު
26 July 2016
އިގްތިސާދުގެ ލަގަން ދިވެހިންގެ އަތްމައްޗަށް ގެނައުމަކީ ސައުދީ އަރަބިއްޔާ އަށާއި ޗައިނާ އަށް ގައުމު ވިއްކާލުނެ
ވަގުކަލޭގެ
26 July 2016
އިގްތިސާދު އަތްމައްޗަށް ނަގަން ކުރަންވީ ކަމަކީ މި ޤައުމު ވިއްކާލާފަ އިގްތިސާދު އަތްމައްޗަށް ނަގައިގެން އެހެން ގައުމަކަށް ގޮސް ފިލަންވީ. އޭރުން އެއޮތީ އިގްތިސާދު އަތްމައްޗަށް ނެގިފަ.
ނިޔާމަ
26 July 2016
ރައީސް ޔާމިން ވާހަކަ އެދައްކަވަނީ ހަމަބުއްދި ސަލާމަތުން ހުރެގެން ތޯ އަޅުގަނޑަށްސުވާލު އުފެދެއެވެ. ފުރީ ޒޯން ގާއިމް ކުރާ ބިލް ފާސްކުރީ 99 އަހަރަށް ބޮޑެތި ބޭރުގެ އިންވެސްޓަރުން ގެންނާށެވެ.މިހާތަނަށް އައީ ކޮންބައެއް ތޮ ؟ އަދި ބިމުގެ ވަކިވަރެއް ބޭރު މީހުންނަ މިލްކުވާ ގޮތަށް ހެއްދެވީ ހަމަ މިރައީސްއެވެ. އައިޖީއެމް އެޗްއާއި ފިނޭންސް ބިލްޑިން ބިޑް ކުރުމަކާއި ނުލައި ހަވާލުކުރީ ބޭރުގެ ކުންފުނިތަކަށެވެ. އެއަޕޯޓްއާއި ހުޅުމާލޭ 2 ވަަނަ ފިޔަވަހި ބޭރުތޮއްޓާ ފާޚާނާ އަދި މަގުތަށް ހެދުމަށް ހަވާލު ކުރީ ބޭރުގެ ކުންފުނިތަކާއެވެ. މަސްހޫރު އިގްތިޞާދީ ރައީސްގެ އިގްތިޞާދީ ލަގަން ދިވެހީންގެ އަތްމައްޗަށް އަންނާނީ މިވަރާށެވެ. އިއްޒަތްތެރި ރައީސް އޭ މުނާފިގުންގެ ސިފަތަށް ހަނދާނަށް އަންނައިރު ތިދައްކާ ވާހަކައާއި ތި ކުރާ އަމަލުތަށް ވަރަށް ހަމަަހަމަވެފައި އެއާ އެއްގޮތްވާހެން ވަރަށް ޔަގީނެވެ.
އަހްމދު
26 July 2016
މިނިވަން ޤައުމެކޭބުނާތީ މިހާރު ވަނީ ބޮޑުފޫސެއް. ރައީސް މއުމޫނު ދުވަސްވަރުވެސް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް މުނާސަބަތު ތަކުގައި ލިބޭ. ޢެކަމަކު މިހާރު މިގޮތަށް ފާހަގަކުރާ ކަންތައްތަކުގައި ލިބެނީ އިތުރު ހިތްދަތިކަމެއް. ދައްކވަ ވާހކަފުޅަކާ ޢަމަލެއް ދިމައެއްނުވޭ. ސީދާ އިދިކޮޅު. މުޅިންވެސް އޮޅުވާލުމާއި މަކރުވެރިކަން ފެންނަނީ. މި މަކަރުވެރިކަމާއި އޮޅުވާލުމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ. އާމީން.
ބަޝީރާ
26 July 2016
އިޤްތިސާދީ ލަގަން ދިވެހިންގެ އަތްމަތީގައި އޮތްނަމަ އަހަރެންގެ 3 ދަރިން ސްކޫލު ނިމުނީމާ ދާނެ ވަޒީފާ ހުންނާނެ، އަހަރެންގެ ފިރިމީހާ ކުރާނެ ވިޔަފާރިތަކެއް ހުންނާނެ، އަހަރެންނަށް ފަހައްރައްކާކޮށްލާނެ ފައިސާފޮތްޗެއް ބެހެއްޓޭނެ، އަހަރެންގެ ގެދޮރު އަޅާލެވޭނެ، ތިޔައީ މުޅިން ދޮގެއް، އިޤްތިސާދީ ލަގަން އޮތީ ރައީސް ޔާމީނުގެ އަތުގައި، އަދި ޔާމީނުއާއި ގުޅިފައިވާ ބިދޭސީންގެ އަތުގައި
ފަހީމު
26 July 2016
އިޤްތިސާދު އޮތީ ދިވެހިންގެ އަތްމަތީގައިނޫން، ރާއްޖޭގެ 90 ޕަސެންޓް ރިސޯޓްތަކުގެ އޯނަރުންނަކީ ބިދޭސީން، ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ 90 ޕަސެންޓް ދެނީ ބިދޭސީންނަށް، ރާއްޖޭގެ ޕްރައިވަޓް ސެކްޓަރެއްނެއް، ސަރުކާރުންވަނީ ހުރިހަިއ ވިޔަފާރިއެއްގެ ތެރެއަށް ފަދެފައި، އެހެންކަމުން ތިޔައީ ދިވެހިން އޮޅުވާލަން ދެއްކި ވާހަކައެއް
އުމަރު
26 July 2016
އިޤްތިސާދީ ލަގަން ދިވެހިންގެ އަތްމައްޗަށް ގެންނަ ވާހަކަ ދައްކާއިރު، މިވޭތުވެދިޔަ 12 ވަރަކަށް އަހަރުތެރޭގައި ދިވެހިން 40 30 އަހަރުވަންދެން ހިންގައި ކުރިހޯދި ޓޫރިޒަމްވަނީ މުޅިންހެން ދިވެހިންގެ އަތުން ބީވެގެންގޮސްފައި، އަދި ރައީސް ޔާމީނުވަނީ ނާސިރު ހޯއްދަވައިދެއްވި ދިވެހިންގެ މިނިވަން ވިޔަފާރި ބޭރުގެ ފަރާތްތަކަށް ވިއްކާލާފައި، އެގޮތުން ސަރުކާރުން ހިންގޭ ހުރިހައި ޕްރޮޖެކްޓް ދެވެނީ ބިދޭސީ ކުންފުނިތަކަށް، އެގޮތުން ފާހަނގަކޮށްލެވޭ އެއާޕޯޓުގެ ޕްރޮޖެކްޓްސް، ބުރިޖު، ބިންހިއްކުން، ފަޅުފުންކުރުން، މަގުހެދުން، އައިޖީއެމްއެޗްގެ އިމާރާތް، ފިނޭންސް މިނިސްޓްރީގެ އިމާރާތް، ހުޅުމާލޭގެ ހައުސިން ޕްރޮޖެކްޓްސް، މިހެންގޮސް ހުރިހައި ޕްރޮޖެކްޓްވަނީ ބިދޭސީ ކުންފުނިތަކަށްދީފައި މިއަދު ލޮޖިސްޓުކްސް ހިންގަނީވެސް ބިދޭސީން، ރާއްޖޭގައި 3 ލައްކަ ވަޒީފާ ހަމައެކަނި ބަންގްލަދޭޝްގެ މީހުންނަށްވަނީ ދެވިފައި، އެހެންކަމުން އިޤްތިސާދީ މިނިވަންކަން އެއްކޮށް ނެގިގެންގޮސްފި، ދިވެހިން ހިންގަމުން އައި ކަންމަތީ ފިހާރަތަށްވެސް ނެގިގެންގޮސްފި، އެހެންކަމުން އިޤްތިސާދީ ލަގަން މިހާރު އޮތީ ބިދޭސީންގެ އަތްމަތީގައިކަން ކަށަވަރު
ހާދާލު
26 July 2016
އެހެންވިންޔާ ވަރަށް އަވަހަށް ގައުމުގެ ބައެއް ވިންކާލާނެ.....