ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- މިހާރު ފޮޓޯ
30 މެއި 2018 - 13:47
ހުކުމް ތަންފީޒު ކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދިނުމުން، މައުލޫމާތާއި ޚަބަރު ގެނެސް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މީޑިއާތަކުން މިއަދު ބުނެފި އެވެ.
ނޫސްވެރިކަމުގެ މަގުސަދަކީ އާންމުން ބޭނުންވާ ތެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން ކަމެއް ހިނގުމުން އެކަމެއް ނޫސްވެރިން ރިޕޯޓް ކުރެ އެވެ. އެ އިންޒާރާއެކު އެކަން ކުރަން ދަތިކަމަށް މީޑިއާތަކުން ބުނެ އެވެ.
މި މޭރުމުން މީޑިއާތަކަށް އިންޒާރު ދީފައި މިވަނީ، ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފަހު، ރާއްޖެ ވަޑައިނުގެން އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވާހަކަތައް މީޑިއާތަކުން އާންމުންނަށް ފޯރުކޮށްދޭން ފަށާފައި ވަނިކޮށެވެ.
މީގެ ތެރެއިން ނަޝީދު ހުންނެވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފާށް ހައްޔަރުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ގާސިމް ހުންނެވީ ރިޝްވަތުގެ ކުށް ސާބިތުވުމުގެ ސަބަބުން ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަން ވިލާތުގަ އެވެ.
Gaidheenge bayaanthakaai interview thah broadcast nukuran angaifi
The most trusted news source in the Maldives
Mihaaru
ބްރޮޑްކާސްޓިން ކޮމިޝަނުން ދިން އިންޒާރު--
ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ބުނެފައިވަނީ "ގައިދީން ޕްރޮމޯޓްކޮށް، ކުރިއަށް ނެރެ، ޝަހުސު އޮޅޭގޮތަށް" އަމަލު ކުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އޮންލައިން ނޫސް އަވަސްގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފް ވިދާޅުވި ގޮތުގައި އެ އެންގުމަކީ ދެކޮޅު ނުޖެހޭ، "ޖޯކު" އެންގުމެކެވެ. އެ އެންގުމުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްގުން އާންމުން މަހުރޫމް ވާކަމަށް ވެސް ނާއިފް ވިދާޅުވި އެވެ.
"ހިނގާ ކަމެއްގެ ވާހަކަ ނޫސްވެރިންނަށް ނުލިޔެވޭ ނަމަ މުޅި މަސްރަހު އޮތް ގޮތެއް އާންމުންނަކަށް ބުނެއެއް ނުދެވޭނެ. އޭގެ ސަބަބުން އާންމުން އެނގެން ބޭނުންވާ މައުލޫމާތުތަކަކުން އެބަ މަހުރޫމްވޭ،" ނާއިފް ވިދާޅުވި އެވެ.
ޖަލު ބަންދުގައި ތިބޭ މީހުންގެ ވާހަކަ ގެނެސްނުދެވޭނެ ކަމަށް އަންގާފައިވާއިރު ނަޝީދާއި ގާސިމް އެ މީހުންގެ ތެރޭގައި ނުހިމެނޭނެ ކަމަށް ނާއިފް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ބޭރުގައި ތިބޭ އިރު ހުކުމުގެ މުއްދަތު ނުގުނުމާއި މިހާރު ހުކުމް ތަންފީޒު ކުރަމުން ނުދާތީ އެވެ.
Gaidheen promote kuraanama fiyavalhu alhaanan: Home Ministry
The most trusted news source in the Maldives
Mihaaru
ހޯމް މިނިސްޓްރީން އިންޒާރު--
"ނޫސްވެރިންގެ މައްސަލައެއް ނޫން ދޯ އެ މީހުން ބަންދު ނުކުރެވި ތިބުމަކީ. ނޫސްވެރިން ރިޕޯޓް ކުރާނެ އާންމުންގެ އިންޓްރެސްޓް. އާންމު އިންޓްރެސްޓް އެބައޮތް ނަޝީދާއި ގާސިމްގެ ވާހަކަ ބަލައި އަޑު އަހަން،" ނާއިފް ވިދާޅުވި އެވެ.
ވީ މީޑިއާގެ ސީއޯއޯ، މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެ އެންގުމާ ގުޅިގެން ހަބަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ.
"ހަބަރަކަށް ވާކަމެއް ނަމަ އެ ހަބަރެއް އަޅުގަނޑުމެން ގެނެސްދޭނަން. ހުއްޓުވައެއް ނުލެވޭނެ. އެކަމަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން މާނަ ކުރާ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެއީ ޕްރޮމޯޓްކުރުންތޯ ނުވަތަ ނޫންތޯ." މޮންދު ވިދާޅުވި އެވެ.
ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން އެންގީ ގާނޫނާ ޚިލާފު އެންގުމެއް ކަމަށެވެ. އެ އެންގުމުގެ ބޭނުމަކީ މީޑިއާތަކަށް ބިރު ދެއްކުން ކަމަށް ވެސް ރާއްޖެ ޓީވީން ބުންޏެވެ. އަދި އެ ސްޓޭޝަނުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ.
"ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި ބްރޯޑްކާސްޓަރުންނަށް ބިރުދައްކައި، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމަށް އަރައިގަތުމަށް ކުރިކަމެއްގެ ގޮތުގައި މި ސްޓޭޝަނުން ދެކެން،" ރާއްޖެ ޓީވީގެ ބަޔާނުގައި ވެ އެވެ.
މީޑިއާތަކުގެ އެކަން ބޮޑުވުމާ ގުޅޭ ގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ އެ ކައުންސިލުން ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ހަބަރު ގެނެސްދޭނެ ގޮތާ މެދު މީޑިއާތަކުން ކަންބޮޑުވެފައިވާއިރު ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހަބަރެއް ޖެހުމުން ކޮށްފާނެ ޖޫރިމަނާއެކެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިހާތަނަށް، ރާއްޖެ ޓީވީ އާއި ވީޓީވީގެ އިތުރުން ސަންގު ޓީވީ ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
30 May 2018
މިހާރު އިންޒާރު ދޭ މީހުން ރާގު ބަދަލު ކޮއްލާނެ ފިސާރި އަވަހައް! އެއްލަކިން. އޮއިވަރު ހުރިގޮތަކައް ނަށާނެ. އަދި ހުރިހާ ދިވެހިން އެކަން ބަލާގަނެ، އަވަހައް އަންނާށޭ ބުނާނެ. އެކަން އެގޭތީވެ، އެކަކުވެސް ދެފުއްކެހެރިވާކައް ޖެހިލުމެއް ނުވޭ.
ރަދީފް
30 May 2018
އިންޑައިރެކްޓްކޮށް އެބުނަނީ ޕީޕީއެމްގެ ވާހަކަ ނޫން ވާހަކައެއް ނޫސްތަކުގަ ލިޔެގެން ނުވާނެއޭ.ވ.ވެދުން..-™ރަދީފް®-
މާމަ
30 May 2018
ކުށްވެރިން ޕުރޮމޯޓު ކުރަންޖެހޭތޯ
ވާލުސޮރު
30 May 2018
މިހާރު މިދާގޮތަށް ގާނޫނަކަށް ގަވައިދަކަށް ބެލުމެއްނެތި ދާނަމަ ގިނަ މީޑިއާތަކެއް ރިޔާސީ އިންތިޚާބްގެ ކުރިން ހުއްޓުވާނެކަމަށް ބެލެވޭ. މިކަމަށް ހައްލެއްލިބޭނީ ގާނޫނު ނަގަހައްޓަން ތިބި ފަރާތްތަކުން އެކަމަށް ހުރަސްއަޅައިގެން.
ޢަލިދީދީއައްޑޫސިޓީ
30 May 2018
ހުރިހާ ނޫސްވެރިން "އެއްގަލަކަށް" އަރައިގެން މެނުވީ ގައުމު އިސްލާޙެއް ނުވާނެ. އެއްބަޔަކު ރުޔަސް ދެން ތިބި މީހުން ހެންޏާ އެވަނީ ކޯންޗަކަށްބާ! " ޤައުމަށްޓަކައި މީޑިޔާ " އިޚްލާޞްތެރިިވެ މޫނަށް ކަނދުރާ އަކަށް ބެލުމެއް ނެތި ނިކުންނަންވީ ވަޤުތަކީ ފަހެ ކޮބައިތޯ؟ މުޅި މީޑިޔާ ބޮޑު ބިރެއްގައި ފިތިފައި ތިބެގެން ދުވަހަކު ވެސް ތިޔަ ބުނާ "ފްރީޑަމް އޮފް މީޑިޔާ" އެއް ނުލިބޭނެ. *ބިރުން މިކަހަލަ ކޮމެންޓެއް ވެސް ޖަހާލަދޭން ނުކެރޭނެ.
ރައްޔިތުން
30 May 2018
ޔާނު ވަރަށް ބިރުގަނޭ ނޫސްވެރިން ދެކެ...
ބާދީ
30 May 2018
ތިޔަ ޝަހީބެއްގެ ފިޔަ ބިންދައިގެންދާ ދުވަސްވެސް ދިވެހިން ދެކޭނެ. ތަންފުކެއް ބޮޑުވަރު ދެންމީ.