އުލިގަމަށް ލަށްގާފައިވާ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: މިހާރު
03 ޖޫން 2018 - 13:07
ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، އެތަކެތި ރަށްރަށަށް ލައްގަމުން ދާއިރު އެ ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ފަރަށް އެރި އެބޯޓަށް އެހީތެރިވާން ސިފައިން ދިއުމުން އޭގައި ތިބި އަށް މީހުން ވަނީ ބޯޓްގައި ރޯކޮށްލުމަށް ފަހު މޫދަށް ފުންމާލައިފަ އެވެ. އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ ބޯޓްގައި ރޯކޮށްލުމާއި ފަރަށް އެރުމުގެ ސަބަބުން އޭގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އޮޔާ ގޮސް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަނީ ލައްގަމުންނެވެ. އެގޮތުން އުލިގަމާއި މޮޅަދުއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ލެއްގި އެވެ. އޭގެ އިތުރުން އެ ހިސާބުގެ ބައެއް ފަޅުރަށްރަށަށް ވެސް ލައްގާ ކަމަށްވެ އެވެ.
Urunu boat ga huri drugs rahthakah lagganee
The most trusted news source in the Maldives
Mihaaru
ރަށްރަށަށް މަސްތުވާތަކެތި ލެއްގުން--
މި ބޯޓާއި އޭގައި ތިބި ފަޅުވެރިންގެ އަމަލާ މެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ. އެކަމަކު ފުލުހުން މިހާތަނަށް ދިނީ ވަރަށް އާދައިގެ މައުލޫމާތެކެވެ. ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ ބޯޓު ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
އެކަމަކު އެ ހިސާބުގެ ބައެއް ރަށްރަށުގެ މީހުން ބުނާ ގޮތުގައި ހައްޔަރުކުރި މީހުންގެ ހުރިހާ މައުލޫމާތެއް ނުދިނަސް ފުލުހުންނަށް ފޯރުކޮށްދެވޭނެ މައުލޫމާތު ހުންނާނެ އެވެ. އަދި އެއީ ކިހިނެއް، ކޮން ގޮތަކަށް ރާއްޖެ އަންނަ ބޯޓުފަހަރުކަން ވެސް ފުލުހުންނަށް ބުނެދެވޭނެ ކަމަށް އެ މީހުން ބުނެ އެވެ.
އުލިގަމުން އެކަނި ހޮވި މަސްތުވާތަކެތިން ވެސް ދެ ޕިކަޕް ފުރުނެވެ. އެތަކެއްޗާ ހަވާލުވާން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ވިދާޅުވީ އެރަށަށް އަދިވެސް މަސްތުވާތަކެތި ލައްގަމުން ދާ ކަމަށެވެ. އެހެންވެ އެތަކެތި ރަށު ތެރެއަށް ގެންގޮސް ބޭނުންކުރުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ބޯޓާ ބެހޭ ސައްހަ މައުލޫމާތު ނޭނގުމާއި މަސްތުވާތަކެތި ލެއްގުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.
"ފުލުހުން ވެސް، ސިފައިން ވެސް ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނެތް. ރައްޔިތުން ކަންބޮޑުވޭ. އެއީ ކިހިނެއް ވެގެން އުޅޭ ބޯޓެއްތޯ. މިވެގެން އުޅޭ ގޮތެއް ނޭނގޭތީ ކަންބޮޑުވޭ،" ޒިޔާދު ވިދާޅުވި އެވެ.
ރޯކޮށްލި ބޯޓުން އުލިގަމަށް މަސްތުވާތަކެތި ލައްގާފައި
ރާއްޖޭގެ އުތުރުން ކަނޑުގެ ސަރަހައްދު މޮނީޓާކުރަން އުލިގަމުގައި އެމްއެންޑީއެފް މެރިން ރެސްކިއު ކޯޑިނޭޓް ސެންޓަރެއް ގާއިމްކޮށްފައި ހުރެ އެވެ. އެކަމަކު ސިފައިން ދަތުރުކުރާނެ އުޅަނދެއް ނޯވެ އެވެ.
ޒިޔާދު ވިދާޅުވީ މިހާތަނަށް އެ ސަރަހައްދުގައި ހިނގާފައިވާ ހާދިސާތަކުގެ މައުލޫމާތު އެނގިފއި ހުރީ މަސްވެރިން ރިޕޯޓް ކުރުމުން ކަމަށެވެ. އެކަމަކު ބަޔަކު ރިޕޯޓް ނުކުރަނީސް ކޯސްޓް ގާޑަށް އެކަން ކުރިޔާލާ ނޭނގުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނު ބޯޓް ފަރަށް އަރައިގެން ރިޕޯޓްކުރުމުން އެސަރަހައްދަށް ސިފައިން ދިޔައީ ހއ. ހޯރަފުށީގައި އޮންނަ ސީއެމްބިއުލާންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
03 June 2018
ދާދިފަހުން ރަސްމީއްޔާތެއްގައި ވާހަކަ ދައްކަވަމުން އާދަން ޝަރީފް ވިދާޅުވި “ދިވެހިންގެ ބަޔަކު ބޭރުގެ ސިފައިން ގެނެސްގެން ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރާތީ ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދޭތޯ ބަލާން ދިވެހި ސިފައިން ފާރަވެރިވެ ތިބި ވާހަކަ” އަނެއްކާ މިކަން ދެނެގަންނާން ނޭގި އަދި އެއްޗެކޭ ބުނެލަންވެސް ނުކެރިގެން އުޅެނީ “މިއީ އެތެރެއިން އަދި އެންމެއެތެރެއިން” ކޮށްގެން އުޅޭކަމަކަށްވާތީތޯ ؟؟!!
ލޯފަރު
03 June 2018
ރާއްޖޭގެ ފަރުތަކާ ގިރިތައްވެސް މާ ރަގަޅު ސިފައިންނާ ފުލުހުންނައް ވުރެން. ސިފައިން ނާއި ފުލުހުންނަށް ވުރެން ގިނައިން ފަރުތަކާ ގިރިތަކުންވެސް ވަގު ވިޔަފާރިޔާ ޑުރަގު ހުއްޓުވާ އެބަ.
ހާލިދު ބުން ވަލީދު
03 June 2018
މަގޭ ދީނާ މަގޭ ގައުމިއްޔަތު ކިޔަގެން އުޅުނު ބައިގަޑު މިހާރު ކޮބާތަ ؟
އާރިފް
03 June 2018
އަވަހަށް މާފިނޮޅުގަ އެއާރފޯޓް އަޅާ. އަދި އެތާ ސިފައިންގެ މަރުކަޒެއްހަދާ އެ ސަރަހަންދުން ދަތުރުކުރާ ބޯޓް ފަހަރު މޮނީޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެެއް ގާއިމް ކުރޭ..އެެއްމެ ފުރަތަމަ ގައުމް
ރާޑަރާގެ
03 June 2018
މިކަމަކީ ރައްޔިތުން ފެނުނީމަ ގަޔަށް ބޮލަށް އރައިގަތުމުގެ ޓްރޭނިން ހަދާފަތިބި ފުލުހުން ލަދުވެތި ވާންޖެހޭކަމެއް. މިހާރު އުލިގަމާ ހއ. މޮނިޓާކޮށް މަސްތުވާތަކެތިތޯ ނޫންތޯވެސް ކަނޑައަޅަންތިބީ އާންމު ރައްޔިތުން. ތިޔަމައްސަލަ ބަލާނީ ތެޔޮޓޭންކަރުގެ މައްސަލަހެން ސިއްރުން. އެއަށްފަހު މިނިވަން ކުރި ކަންވެސް ނާންގާ މިނިވަން ކޮށްލާނީ.އޭރު އޮންނާނީ ސިއްރުކުރަަންޖެހޭ ފަރާތުގެ ނަން ސިއްރު ކުރެވިފަ. ދިވެހިން ދުވަސްކޮޅަކުން އެހނދާންވެސް,ފިލަިދާނެ.
ޢިބަ
03 June 2018
ޢަގަ ހުޅުވީމަ މީޑިއާއާ ވާހަކަ ދެއް ކީމަ ހަދަން ޖެހޭނީ ތެދު ނުވަތަ ހަމައިގަ ހުރި މީހަކު ބުއްދިގަބޫލުވެސް ނުކުރެވޭ ވަރުގެ ބޮޑެތި ދޮގު.ތިޔަ ބޯޓުގެ އަނެއް ފަރާތުގަ ހުންނާނީ " ރާއްޖޭގެ އިއްޒަތްތެރި މަތިވެރި ބޭފުޅެއް"
އީދުކަޅުބެ
03 June 2018
ތިޔަތަކެއްޗަކީ ބައެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު ކޮންމެވެސް ބަޔަކު އަމިއްލަ މަންފާއެއް ލިބިގަތުގުމުގެ ނިޔަތުގައި މިރާއްޖެއަށް އެތެރެކުރި ތަކެތިކަން މާޒީއަށް ބަލާއިރު ވަރަށްބޮޑަށް ބެލެވެއެވެ. ﷲ ނަހީކުރެއްވި ކަންތައް ކުރިއަށްނެރެގެން ވާނެ ފައިދާއެއް ނޯންނާނެއެވެ.
ޗޮހޮންޑާ
03 June 2018
ގާން އަސާސީގައިވާ ގޮތުން މިއަހަރު ނޫސްބަޔާން,ދިނުން އޮތީ ހަމައެކަނި ޔާމީނު ހިމާޔަތް ކުރުމަށާ ލޯބި އިތުރު ކުރުމަށް.
ހާޖީ
03 June 2018
ބުނާނެ ވާހަކައެެއްނެތް ، މިހާރުގެ ނޫސްވެރިން މިކަމުގަ ސަރުކާރުން ބަހެއް ބުނަންދެން ދުވާލަކު އެއްފަހަރުވާނެ މިކަމާގުޅުންހުރި ލިޔުމެއް ކިޔުންތެރިންނަށް ގެނެސްދެން
ހޯރަފުށި
03 June 2018
ކޮބާ ކުއްތާ ތައް އަވަހަށް ހއ އަތޮޅު ހުރިހާ ރަށްރަށުގެ ގެތައް ބަލާ ފާސް ކުރޭ. ނޫނީ މަސްތުވާތަކެތި ތިޔާގި ވެދާނެ. ޔަގީނޭ މިހާރު އާއްމްރަށްއިތުން އަތުގަ ތި ތަކެތި ހުންނާނެކަން. ފަޅު ރަށްތަކަށާއި މީހުން އުޅޭ ރަށްތަކަށް ލައްވާއިރު އާއްމުން ތި ތަކެތި ހޮވާނެ