03 ޖޫން 2018 - 15:57
އއ. ތޮއްޑޫން މާލެ ގެންނަ ކަރާގެ އަދަދު މަދުވުމުން، އޭގެ އަގު އަނެއްކާ ވެސް 35ރ. އަށް އުފުލިއްޖެ އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު މިއަދު ބުނީ ތޮއްޑޫން ކަރާ ގެންނަ އަދަދު މަދުވެފައިވާ ކަމަށެވެ.
"ކަރާ ގެންނަ އަދަދު މަދުވުމުން މިހާރު ކަރާގެ އަގު ވަނީ އުފުލިފައި. ސްޓޮކް މަދުވުމުން ކަރަލުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި،" އޭނާ ބުންޏެވެ.
ތޮއްޑޫ ކައުންސިލުން ކުރިން ބުނެފައި ވަނީ، ރޯދަ މަހު މާލެ އަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު 25 ޓަނުގެ ކަރާ ގެންނަ ކަމަށެވެ.
ރޯދަ މަސް ފެށުނުއިރު ވެސް ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 30ރ. އަށް ވުރެ މަތީގަ އެވެ. އޭގެ ފަހުން ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ވެއްޓުނެވެ.
ކަރާގެ އަގު އުފުލުނުއިރު މާރުކޭޓުގައި ފަތުގެ ބާވަތްތަކުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy