އީޔޫ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން (ކ) މީހަކާ ސަލާމް ކުރައްވަނީ. -
08 ޖޫން 2018 - 09:58
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖެ އަށް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ތާއީދު އެބައޮތް ކަމަށާއި އެ ގޮނޑި ލިބޭނެ ކަމަށް ރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑީގެ އިންތިޚާބު މިއަދު އޮންނައިރު، އެ އިންތިޚާބު ކާމިޔާބު ކުރުމަށް ރާއްޖެ އިން ވަނީ ވަރަށް ވަރުގަދަ ކެމްޕެއިނެއް ކޮށް، އެކި ގައުމުތަކުގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނަގާ މި ވޯޓުގައި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް އޭޝިއާ ސަރަހައްދުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނޭޝިއާ އެވެ.
ބެލްޖިއަމްގައި ހުންނަވައި ޝިއާން "މިހާރު" އަށް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް ރާއްޖެ ވާދަކުރާތީ އދ. ގެ ހުރިހާ ގައުމުތަކާ ވާހަކަ ދެއްކެވިއިރު، ވަރަށް "ޕޮޒިޓިވް" ކަމަށެވެ. ރާއްޖެ އަށް ލިބުނު ތަރުހީބަށް ބަލާއިރު، މިހާރު ވެސް ރާއްޖެ އަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސެކިއުރިޓީ ކައުންސިލްގެ ވޯޓުގެ ކެމްޕޭނަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.
"ރާއްޖެ ހޮވިއްޖެ ނަމަ، ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދާނެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގައި މިހާ ކުޑަ ގައުމެއް ހޮވޭނެ ފުރަތަމަ ފަހަރު. މިއީ ދިވެހިން ފަޚުރުވެރިވާން ޖެހޭނެ ކަމެއް،" ޝިއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އދ. ގެ ސަލާމަތި މަޖިލީހުގެ ގޮނޑި ހޯދުމަށް ރާއްޖޭގެ ބައެއް ވަޒީރުން އެކި ގައުމުތަކަށް ވަޑައިގެން ކާމިޔާބު ކެމްޕެއިންތަކެއް ކުރައްވާފައިވާ ކަމަށެވެ. ބައެއް ގައުމުތަކުން އިންޑޮނޭޝިއާ އަށް ތާއީދު ކުރިޔަސް، މެޖޯރިޓީ ގައުމުތަކުގެ ތާއީދު އޮތީ ރާއްޖެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުގައި އެކި ގައުމުތަކުގެ އޮފިޝަލުންނާ ބައްދަލު ކުރެއްވިއިރު، ރާއްޖެ އަށް ކުރާ އިހުތިރާމާއި ލޯބި ފެނިވަޑައިގަތެވެ. ސިޔާސީ ގޮތުން، ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަ ފާހަގަ ކުރަނީ އޭގެ ތެރެއިން ވަރަށް މަދު ގައުމުތަކެއްގެ އޮފިޝަލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރި މަސައްކަތަށް ބަލާއިރު ސުވާލެއް ނުއުފެދޭނެ. ލިބިފައި އޮތް ކާމިޔާބު ވަރަށް ސާފު. ކުޑަ ފައިސާކޮޅެއް ޚަރަދު ކޮށްގެން ލިބުނު ތާއީދަށް ބަލާއިރު، މިހާރު ވެސް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދު ބޮޑު،" ޝިއާން ވިދާޅުވި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އެގޮތުން، އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 120 ގައުމުގެ ވޯޓު ހޯދަން ޖެހޭނެ އެވެ. ސިއްރު ވޯޓެއް ނެގުމަށް ހަމަޖެހިފައިވާއިރު، އެއްވެސް ގައުމަކަށް އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، އަނެއްކާ ވެސް ވޯޓަށް އަހާނެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް އެންމެ ފަހުން ވާދަ ކުރި އިޓަލީ އާއި ނެދަލެންޑްސްގެ ތެރެއިން އެއްވެސް ބަޔަކަށް 120 ވޯޓު ނުލިބުމުން، ނިންމީ ކޮންމެ ގައުމަކަށް އެއް އަހަރު ގޮނޑި ދިނުމަށެވެ. އެގޮތަށް ނިންމީ ގޮނޑި ދޭނެ ގައުމެއް ކަނޑައެޅުމަށް ފަސް ފަހަރު ވޯޓަށް އެހުމަށް ފަހު އެވެ.
"އެއްވެސް ބަޔަކަށް ކުރި ނުލިބިއްޖެ ނަމަ، މި ފަހަރު ވެސް ވާނީ ހަމަ އެހެން،" ޝިއާން ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. މިއީ، ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު، ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިޚާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ ޖަލީލު
09 June 2018
ނިކަން ރާއްޖެއަށް ވޯޓުދިން ގައުމުތައް ބުނެދީބަލަ.
ނޫރީ
08 June 2018
ޜާއްޖެ މި ފަހަރު ގޮނޑި ހޯފަން މިއުޅެނީ ޗައިނާ ބުނެގެން. ޗައިނާއަށް ވާގިދިނުމަށް
އަލީ ޒާހިރު
08 June 2018
ހެއްވާ ވާހަކަ ނުދައްކާ! އިޔުރޮޕް ގެ ގިނަ ގައުމުގެ ސަރުކާރު ތައް ތާއީދު ކުރާ އެހެން ގައުމެއްވެސް މެދުއިރުމަތީގަ، އެބައޮވެޔޭ. އަހަރުމެންނަކައް އެގޮތެއް ރަގަޅު ވެގެނެއް ވާހަކައެއް ނުދައްކަމު! އަދި ކީއް އެއާ މުޅިން އިދިކޮޅު އަހަރުމެން ނައް ރަގަޅީ! ދެނޯ؟
ޢަސްލަމް
08 June 2018
ގޮނޑި ހޯދަން އެއުޅެނީ އެން.ޑީޕީއަށް ބޮނޑިދޭން ވެގެން. އެހެންނޫނާސް މިފަހަރު އެންޑީޕީއަށް ބޮނޑިލިބޭނެ
ޝޮކްތެރަޕީ
08 June 2018
މިރާއްޖެއަ ހެޔޮނޭދޭބަޔަކު އެބައުޅޭ.
އައި
08 June 2018
ތި ގޮޑި ހޯދަން ތި އުޅެނީ ރިޔާސީ އިންތިހާބުގަ ރައްޔަތުންނަށް(އޮޅުވާލަން) ދައްކަން ދުނިޔޭގެ ގިނަ ޤައުމުތަކުން މި ސަރުކާރު ގެ ރަގަޅުކަން ބަލައިގަންނަކަމަށް.
އަލީ!
08 June 2018
ގޮނޑިއެއް ނުލިބޭނެ. ވަރަށް ވާހަކަ
އަސްލުހާލަތު
08 June 2018
ދޭބެ އެމީހުން އެތިބީ މިއަހަރު ވެރިކަން ބަދަލުވާނެކަމަށް ބަލައިގެން..އެހެންވީމަ ދޭނެތާ
މަންސޫރު
08 June 2018
ތެދެއް. އެބުނާ ހުރިހައި ގައުމަކުން ބުނި ވެރިކަމުގައި ޔާމީނު އަބަދަށް ބަހައްޓައްޗޭ އަދި އޭނާއަށް ދެރަކަމެއް ވެއްޖެއްޔާ އެ ގައުމުތަކުގައި ދިދަ ތިރިކޮށް ވީދާލާނަމޭ.
ސަރީފް
08 June 2018
ޔާމީނު ވެރިކަމުގައި އަބަދަށް ހުންނަންޖެހޭ. މީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް
އަހްމަދު
08 June 2018
"ކުޑަ ފައިސާކޮޅެއް ޚަރަދު ކޮށްގެން ލިބުނު ތާއީދަށް" މިތާގަ ކުޑަ މާނަ ކުރަނީ ކިހިނެއްކަން ދިވެހި ރައްޔިތުންނަށް އެނގޭކަށް ނުޖެހޭތަ؟ ކުޑަ އެއީ ކިހާވަރެއްތަ؟ ރާއްޖޭގެ ބަޖެޓުވެސް ވަރަށް ކުޑަ އެމެރިކާގެ ބަޖެޓާ އަޅާ ބަލާއިރު. މިކަހަލަ ކުޑަ ވާހަކަތަ މިބުނަނީ.