ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި ވޯޓަށް އަހަނީ: ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސަރުކާރުން ބުނޭ.
07 ޖޫން 2018 - 19:22
ގައުމުތަކުގެ ތާއީދާ އެކު އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާ ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑީގެ އިންތިޚާބު މާދަމާ އޮންނައިރު، ރާއްޖެ އިން ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ. ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނަގާ މި ވޯޓުގައި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް އޭޝިއާ ސަރަހައްދުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ނިއު ޔޯކްގައި ހުންނަވައި ޝައިނީ "މިހާރު" އަށް ވިދާޅުވީ ކުޑަ ގައުމެއްގެ ގޮތުގައި އޮވެ، އދ.ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުވުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާއެކު، އެކަމަށްޓަކައި ރާއްޖެ އިން ކެމްޕޭންކޮށް ގިނަ ގައުމުތަކުގެ ވޯޓު ކަށަވަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޔޫއެންގައި ހިމެނޭ 192 ގައުމުގެ ތެރެއިން ވަރަށް ގިނަ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް އެބައޮތް. ރާއްޖޭގެ ވައުދުތަކަކީ ގައުމުތަކުން ބަލައިގަންނަ، ގަބޫލުކުރާ ވައުދުތަކެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދަކާއި ޔަގީންކަމެއް އެބައޮތް ރާއްޖެ އަށް ކާމިޔާބީ ލިބޭނެ ކަމަށް،" ސިޔާސީ ކަންކަމުގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު ޝައިނީ ވިދާޅުވި އެވެ.
ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ކާމިޔާބު ކުރުމުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ސަރުކާރުގެ އިސް ބޭފުޅުން: އެ ގޮނޑި ރާއްޖެ އަށް ކާމިޔާބުވުމަކީ ލިބޭނެ ބޮޑު ފަޚުރެއް ކަމަށް ސަރުކާރުން ދެކޭ.
އޭނާ ވިދާޅުވި ގޮތުގައި ވަރަށް ގިނަ ގައުމުތަކަކުން ރާއްޖެ އަށް ތާއީދުކޮށްގެން ތިއްބައި، އިދިކޮޅު ފަރާތްތަކުން ކުރި އެންޓި ކެމްޕޭނެއްގެ ސަބަބުން ރާއްޖެ އަށް ވޯޓުތަކެއް ގެއްލުން އެކަށީގެންވެ އެވެ. ރާއްޖެއާ ގުޅޭ ގޮތުން ނޭދެވޭ ތަސައްވަރެއް ބޭރުގެ އެކި ގައުމުތަކަށްދީ، ވޯޓު ކާމިޔާބު ވިޔަނުދޭން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ޝައިނީ މިއަދު ވެސް ކުރެއްވި އެވެ. މީގެ ކުރިން މި ތުހުމަތު ޝައިނީ ކުރެއްވުމުން، އެ ދެ ބޭފުޅުން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
"ބައެއް ގައުމުތަކާ ދެ ފަހަރު، ތިން ފަހަރު އަޅުގަނޑުމެން ބައްދަލުކޮށްފައި ވާނެ. އެ ބައްދަލުވުންތަކުގައި ވޯޓު ކަށަވަރުކޮށްފައިވީ ނަމަވެސް އެންޓި ކެމްޕޭންގެ ސަބަބުން ގެއްލުނު ވޯޓުތަކެއް އެބަހުރި، އެކަން އެނގިގެން ދާނީ މާދަމާގެ ވޯޓަށް ފަހު،" ޝައިނީ ވިދާޅުވި އެވެ.
ސެކިއުރިޓީ ކައުންސިލްގެ ވޯޓުގެ ކެމްޕޭނަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. މިއީ އެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.
އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންރީދޫ ޓްވިޓަރޭ
08 June 2018
އަލްޙަމްދުﷲ ދިވެހިރާއްޖޭގެ ރައްޔިތުންނަން ލިބުނު ވަރަށް ބޮޑު ނަސްރެއް
ކޮބާ..ކޮބާ
08 June 2018
ކޮބާ،، ތާހިރު ވެއްޖެ އެެންނު...44، 144 ން އިންޑޮ ނޭޝިޔާ ނެގީ...
ޜާކަނި ސައްތާރު
08 June 2018
ދިިވެހީން ނަށް ވީތީ ފަހުރު ވެރިވަން. ސައިނީ ގަދަޔަށް ވިދާ ބަބުޅަންފަށައިފި
ޔޫއެން
08 June 2018
ކޮބާ ދެން އަތްޖަހާ
ދިގުދަރި
08 June 2018
މަށައްވެސް ހީވޭ ތިހެން
ޙުސެންމަނިކު
08 June 2018
ޢަޅެ ހާދަ ލަދުގަތޭ ވޯޓް ފެނިފަ، މޮޔަނުވެ ޓެކްސް ލާރިން ވޭސްޓްނުކޮށް އާދޭ
އަޖީތު
08 June 2018
ނޫނޭ ނޫނޭ ވާ ހާދަހާބޮޑު ތާއީދެކޭ ރާއްޖެއަށް ދުނިޔޭގައި މި އޮތީ ދެއްތޯ؟
އަހްމަދު
08 June 2018
އިރާދަކުރެއްވިއްޔާﷲގެ ހެޔޮރަހްމަތްފުޅާއެކު ވޯޓުކާމިޔާބުވާނެ މިވޯޓުކާމިޔާބުވުމަކުން އެއްކޮޅަކަށްވެސްލިބޭނެ ގެއްލުމެއްނޯންނާނެ މިރާއްޖެއައް ލިބޭނެޝަރަފެއް އަދި ކުރިއެރުމެއް އިދިކޮޅައްވެސްގެއްލުމެއްވާނެކަމެއްނޫން ރާއްޖެއައްހެޔޮއެދޭއެއްވެސްމީހަކު މިކަމައްދެކޮޅެއްނުހަދާނެ
ތުނޑު ހަސަނު
08 June 2018
ކާމިޔާބުވެއްޖެނަމަ އެއީ ހަމަގައިމުވެސް ގަދަބަސްބުނާ މީހުން ނުކުމެ ގުނބޯ ހައްދާފައި ތިބި މީސްކޮޅު އިތުރަށް ގުނބޯހައްދަން ލިބޭ ފުރުޞަތެކެވެ. އެހެންކަމުން އެއްވެސް ކަމަކުން އެއްވެސް ސިފައެއްގައި މިބަޔަކަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަކުރެވޭނެ އެއްވެސް ކާމިޔާބެއް ލިބުމަށް ނޭދެވެނީއެވެ. އެއީ ގައުމަށް ހެޔޮނޭދޭތީކީ ނޫނެވެ. ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ކާމިޔާބު ލިބޭތަން ދެކެން އަމުދުން ނޭދޭތީއެވެ.
ޞަލާ
08 June 2018
ޝައިނީއަށްވެސް އިލްހާމް އަކުން އެނގުނީބާ.
އަލީ ނާޒިމް
08 June 2018
ނުހޮވޭނެ. ނުހޮވޭނެ. ނުހޮވޭނެ! 50 ފަހަރު ކިޔާލާ ކޮންމެ ކުއްޖަކުވެސް.