ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފޮޓޯ: މަޖިލިސް
12 ޖޫން 2018 - 12:09
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 25ގައި ފަށަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި ފަށަނީ، ޖަލްސާތައް ބާއްވަން މަޖިލީހުގެ ގަވައިދުގައި ބުނާ މުއްދަތަށް ވުރެ، ދެ ހަފުތާ ފަހުންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދެ ވަނަ ދައުރު ކުރިއަށް ދާނީ މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ.
ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ނުވަތަ މިދިޔަ ބުރާސްފަތި ދުވަހު ފަށަން ޖެހެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން "މިހާރު" އަށް މިއަދު ވިދާޅުވީ ޖަލްސާގެ އެޖެންޑާ އަދި ތައްޔާރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެ ދުވަހުގެ ޖަލްސާގައި "ވަރަށް މަސައްކަތް އޮންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވަނީ އެ ދުވަހުގެ ޖަލްސާ އޮންނާތީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ހުރިހާ މެމްބަރުން މި މަހުގެ 23 ވަނަ ދުވަހު މާލޭގައި ތިއްބެވުމަށް ޕީޕީއެމް ޕީޖީގެ ވައިބާ ގްރޫޕްގައި ވިދާޅުވެފަ އެވެ. އެކަމަކު، ނިހާންގެ މެސެޖްގައި އެޖެންޑާގައި އޮތީ ކޮން ކަމެއް ކަން ހާމައެއް ނުކުރައްވަ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ 11 ޖަލްސާ އެވެ. ނިމިގެން ދިޔަ ދައުރަކީ އެންމެ މަދުން ޖަލްސާތައް ބޭއްވި އެއް ދައުރެވެ. ފުރަތަމަ ދައުރުގައި މާ ބޮޑެތި މަސައްކަތްތަކެއް މަޖިލީހުގައި ނުހިނގަ އެވެ. އަދި ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލީ އިދިކޮޅު އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއް ނެތި އެވެ.
މަޖިލީހުގައި މެމްބަރުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަބަދުވެސް މަޖިލީހަށް އަމާޒުވެ އެވެ. އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާ މެދު ހިލާފު އުފެދިފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، އެ މައްސަލައިގައި އަދިވެސް ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލް123
12 June 2018
ކޮންބަޔަކު ގޮވައިގެން ބާއްވަންއުޅޭ ޖަލްސާއެއްބައި، ނުނީ ނިހާންގެ އެކުވެރި ކުދިންކޮޅު ގޮވައިގެންބައި ، މިވެރިން ލަދެއްހަޔާތެއްވެސް ނުހެރެއޭދޯ، މިއަދު ތިތަން ހުޅުވިޔަސް ނުހުޅުވވިޔަސް ރައްޔިތުން ނަށް ހަމަ ވަރިހަމަ އެވެ، މިވީ ފަސް އަހަރުތެރޭގައި ޔާމީންގެ ވެރިކަން ދިފާއުކުރަން ނޫން އެހެން މަސައްކަތެއް ތިޔަތަނުން ކުރިބައި.. ؟؟
ބަލާމީހާ
12 June 2018
ފުރަތަމަ ކަމަކަށް އޮތީ ރިޔާސީ އިންތިޚާބަށް ބަދަލު ގެނައުމުގެ ބިލުތަކެއް ވައްދާލުން ކަމަށް ވެދާނެ
ކޮއިމަލާފަރީދު
12 June 2018
މަޖިލީހުގައި މީހަކު އުޅޭބޭ. އެހެންނޫނަސް ޗުއްޓީގަ އަބަދު އުޅޭބަޔަކު ކޮންކަމެއްކުރާނީ. އެއްދުވަހު ހުޅުވާލައްޕާ ޖެހިގެން އަންނަ މަސްދުވަސް ބަންދު.
ކަސަމް
12 June 2018
ބޭއްވިޔަސް ނުބޭއްވިޔަސް ރައްޔިތުންނަށް ތީގެން ކުރާނެ ފައިދާއެއް ނެތް
އަލީ ނަޒީރު
12 June 2018
އަދި ދެ އަހަރު ވަންދެން ޗުއްޓީ ހަދާލަ.
ރުކޭ
12 June 2018
ނޫނޭ ތިބޭ ތަން ބަންދުކޮށްގެން ހަމަ މުސާރަ ނަގާލަ ނަގާލާ.... ހަމަ ބޭކާރު ތަނެއް ތިޔައީ... ވޭތުވެދިޔަ 5 އަހަރު ހަމަ ޔާންބެގެ އަމިއްލަ އެދުން ފުއްދަން ބޭނުންކުރާ ތަނެއް ތިޔަޔަކީ
ރަހުމް
12 June 2018
ފަށާނެ ކަމެއް ނެތް. ކީއްކުރާ މަޖިލީހެއްތަ؟ އަނެއްކާވެސް ރައްޔިތުންނަށް ލޮޓިއެއް ދޭން އޮތީތަ؟