މޫންލައިޓް ހިނގުމުން މީހަކު ސައިކަލު ދުއްވާފައި ދަނީ: މާލޭގެ ސެކިއުރިޓި ވަރުގަދަކުރަން ފުލުުހުން އަންނަނީ ގިނަ ކެމެރާތަކެއް ހަރުކުރަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
25 ޖޫން 2018 - 12:18
މާލޭގެ ސަލާމަތީ ކަންތައް ވަރުގަދަކުރަން އިތުރު ސީސީޓީވީ ކެމެރާތަކެއް ހަރުކުރަން ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ 100 ކެމެރާ ހަރުކުރުމުގެ މަޝްރޫއު މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށެވެ. އަދި އިތުރަށް 57 ކެމެރާ ހޯދަން މިހާރު އިއުލާނުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ އެއްޗެހިތައް ހަރުކުރަމުން އަންނަނީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާއި އާއްމުކޮށް ކުށްތައް ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގަ އެވެ.
މިހާރު ވެސް 196 ކެމެރާއެއްގެ ޒަރީއާއިން، މާލޭގެ އެކި ސަރަހައްދުތައް ފުލުހުން އަންނަނީ އޮންލައިންކޮށް ވަގުތުން ވަގުތަށް ބަލަމުންނެވެ. އެހެންވެ އަލަށް ހަރުކުރާ ކެމެރާތަކާއެކު، މާލެ ތެރޭގެ ސަލާމަތީ ކަންތައް ވަރުގަަދަ ކުރުމުގެ އެ މަޝްރޫއު ނިމުމުން 353 ކެމެރާ މަސައްކަތް ކުރާނެ އެވެ.
ޝިފާން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެ ކެމެރާތަކަކީ، އަލި މަޑު ތަންތަނުގައި ވެސް ރަނގަަޅަށް ބޭނުންކުރެވޭނެ ކެމެރާތަކެއް ކަމަށެވެ.
އަންނަ ސެޕްޓެމްބަރު ރިއާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މި އަހަރަކީ މާލެ ތެރެ ހަލަބޮލިވާނެ އަހަރެއް ކަމަށާއި އެ ކެމެރާތަކުން މާލެތެރެ ރަނގަޅަށް ބެލެހެއްޓޭނެ ކަން ވެސް ޝިފާން ފާހަގަކުރެއްވި އެވެ.
"މިއަހަރަކީ މާލެތެރެ ހަލަބޮލިވާނެ އަހަރަކަށް ވާނެތީ، މީހުންގެ ހަރަކާތްތައް ރަނގަޅަށް ބެލޭނެ ޒަމާނީ، ފެންވަރު ރަނގަޅު ކެމެރާތަކެއް މި ހަރުކުރަނީ. އެއީ އަލި މަޑު ތަންތަނުގައި ވެސް މީހުންގެ ހަރަކާތްތައް ރަނގަޅަށް ބެލޭނެ ކެމެރާތަކެއް. އަދި ތަހުގީގުތަކަށް ބޭނުންކުރަން ވެސް ރަނގަޅު ކެމެރާތަކެއް،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކެމެރާތައް ހަރުކުރުމަށް ފަހު، މާލެއަކީ ސީސީޓީވީގެ އެހީގައި ބެލެހެއްޓޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ކެމެރާތައް ހަރުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްރަހަމް
26 June 2018
ސެކިއުރިޓީ ވަރުގަދަ ކުރަނީ އިހްލާސްތެރިކަމާއި އެކު ރައްޔިތުންނަށް އަމާންކަން ހޯދައިދޭންނަމަ ފުރަތަމަ ވެރިންގެ ފޯންކޯލްތަކާއި ސިއްރު ބައްދަލުވުންތައް ތިޔަ "ކެމެރާ" އިން ދެނެގަންބަލަ.. ޤައުމުގައި ހިންގާ ޖަރީމާތަކުގެ %80 އަކީ ބާރުގަދަ މީހުންގެ ނިވަލުގައި ހިންގާ ކަންކަން..
އަލީހމދ ވީޑިއޯ
26 June 2018
ފިނި ކޮޓަރީގައި ކެމެރާތަކުން އެކަނި ބަލަހައްޓަން ވެއްޖެނަމަ ދެން މިއޮއްވައްދާހާ ޔުނީފޯމް އެޅިހާ މީހުން މަދުކުރެވޭނެއެވެ. ކޮންމެ ގޮތެއް ވަރިހަމަވެފަ ކަންފަސޭހަ އިރެއް މިއޮތީ އަރާހަމަވެފައެވެ.
ސާދާސީދާ
26 June 2018
ކޮބާތޯ ޑރ. އަފްރާޝީމް، ރިލްވާން އަދި ޔާމީންގެ ޤާތިލުން؟ އެތައް ހާސް މިނިޓެއްގެ ވީޑިއޯ އާއި އޯޑިއޯ އެނެލައިޒްކުރީމޯލަ. އަނެއްކާ އަޑީގައި ހުރީ ހާމާނުތަ؟
ގިރިޓީ
25 June 2018
ކުށްކުރާ ތަނެއް މިވީހާތަނަށް ތިޔަ ކެމެރާއަކަށް އެރިކަމަކަށް ނުވެއެއްނު. ދެން ނިކަން ރަނގަޅުކަންތައް ކުރާ ތަން އަރާކަހަލަ ކެމެރާތަކެއް ހަރުކޮށްބަލަ އެއަށްވެސް އެއްޗެއް އަރާތޯ. މިސާލަކަށް މިސްކިތްތަކަށް ވަންނަ މީހުން ބަލާ ކެމެރާ.
ސީސީޓީވީ
25 June 2018
މަގުމަތިން ފޯނުފޭރިގަނެގެން ރިޕޯޓު ކުރީމަވެސް ރިޕޯޓުކުރާ މީހަ މިޖެހެނީ ކައިރި ފިހާރަތަކުގަ ހުންނަ ސީސީޓީވީ ފުޓޭޖުތަށް އެތަންތަނަށް ގޮސް ސަލާންޖަހައިގެން ހޯދައިގެން ފުލުހުންނަށް ދޭން. ދެން އެހިސާބުން ބަހަބަރު.
ބެއްޔާ
25 June 2018
ތިޔަ ކެމެރާތައް ބަހައްޓާފައި އޭގެ މޫނުމަތި ސާފުނުކޮއްލާތާ 5 އަހަރަށް ވުރެން ގިނަދުވަސް ވެފަ ހުރި ކެމެރާވެސް މާލޭގެ މަގުތަކުގައި ހަރުކޮއްފައި އެބަހުރި!؟. ޢޭގެން ފެންނާނީ ކޯޗެއްބާ؟
ފެއިލިއާ
25 June 2018
މިނިމިދިޔަ ރޯދަމަހުގެ ދުވާލު މާލޭގެ ބޮޑުމަގެއްގަ ދެ ގޭންގެއް ވަޅިޔާ ކަނޑި މަޅައިގެން ތިބެ އެކަކު އަނެކަކަށް އައުގުރާނަ ގޮވި މަންޒަރު އެހެރީ ސޯޝަލް މީޑިޔާގަ. އެމީހުންނާއި މެދު އެޅުނު ފިޔަވަޅަކީ ކޮބާ؟
ބިގަރޭ
25 June 2018
އެއްކަލަ ދުވަހު ދުވަހު ސިފައިންގެ ކެމެރާ ފުޑާލި ސޮރު އަތު ވެއްޖެ ހޭ މިއަހަނީ.
ޞަލާމް
25 June 2018
ކެމެރާ ބުޑުގަ ހުރެފަ ވަޅި ޖަހާ އިރު ނާރާ....
ގުއިއްޒު
25 June 2018
ވިލިނގިލީގައި ހަރެއް ނުކުރާނަން?