ގާސިމް: ބޭސްފަރުވާ އަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެންގި ބައި ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފައި --ފޮޓޯ/މިހާރު
27 ޖޫން 2018 - 11:40
ގާސިމް އިބްރާހިމް ޖަލަށް ލާން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބޭސްފަރުވާ އަށް އޭނާ ރާއްޖެ އިން ބޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އެންގި އެންގުމަކީ ކްރިމިނަލް ކޯޓަށް އިހްތިސާސް ލިބިފައި އޮތް ކަމެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި މައްސަލައިގައި ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އިއްވި އިރު، އޭނާ އަށް ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ވެސް ދައުލަތުގެ މައްޗަށް އަމުރުކުރި އެވެ. ބޭސްފަރުވާ އަށް ބޭރަށް ފޮނުވަން އަމުރުކުރި ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރީ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ކޯޓުތަކުގެ ގާނޫނު އޮތް ގޮތުން ކްރިމިނަލް ކޯޓުގެ އިޚްތިސާސް އޮންނާނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ފިޔަވައި އެހެން ޖިނާއީ މައްސަލަތައް ބަލައި، ގޮތެއް ނިންމުން ކަމަށެވެ. އެކަމަކު ހުކުމެއް އައިސްފައިވާ މީހަކު ބޭސްފަރުވާ އަށް ފޮނުވުމަކީ ޖިނާއީ ކުށުގެ މައްސަަލައެއް ނޫން ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ ގާސިމް ބޭރަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެންގި އެންގުމަކީ އެ ކޯޓަށް އިހްތިސާސް ލިބިގެންވާ ކަމެއް ނޫން ކަމަށެވެ.
މާޝާ ވިދާޅުވި ގޮތުގައި ގާސިމް ބޭރަށް ފޮނުވަން އެންގުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ވެސް ޚިލާފްގެ އެންގުމެކެވެ. ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބޭސްފަރުވާ އަށް ފޮނުވުމަކީ ޖަލުތަކުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ވަކި އުސޫލުތަކެއްގެ މަތިން ކުރަމުން އަންނަ ކަމެއް ކަމަށާއި ގާސިމް ބޭރަށް ފޮނުވަން އެ އުސޫލުތަކުގެ ބޭރުން އެންގި އެންގުމަކީ އެ ގާނޫނާއި ގަވާއިދުތަކުގެ ބޭނުން ކެނޑޭނެ ކަމެއް ކަމަށް މާޝާ ވިދާޅުވި އެވެ.
ގަވާއިދު އޮތް ގޮތުން ގައިދީން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވެނީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތް ބަލިތަކުގައި ކަން ފާހަގަކޮށް، ވަކީލާ ވިދާޅުވީ އެކަމަކީ ކަރެކްޝަންސްގައި އޮންނަ މެޑިކަލް ބޯޑުގެ ނިންމުމަކަށް ފަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެން ކުރެވޭ ކަމެއް ކަމަށެވެ. އެ އުސޫލާ ޚިލާފަށް ގާސިމް ބޭރަށް ފޮނުވަން އެންގި އެންގުމަކީ އެ ގަވާއިދުތަކުގެ ބޭނުން ކެނޑިގެންދާ ކަމެއް ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި އެއީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ ވެސް ޚިލާފް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލާ މާޝާ ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ މިހާރު ވެސް ކަރެކްޝަންސް އިން ކުރަމުންދާ ކަންކަމެވެ. އަދި އެ ކަންކަން ކަރެކްޝަންސް އިން މިހާރު ވެސް ކުރަނީ ކޯޓުތަކުން އަމުރު ކޮށްގެން ނޫން ކަމަށާއި އެކަން ކުރަނީ ހެދިފައި ހުރި ގަވާއިދުތަކުގެ ދަށުން ކަމަށް މާޝާ ވިދާޅުވި އެވެ.
އެ ކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ގާސިމަށް ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން އެންގި ބައި ބާތިލްކޮށް ދިނުމަށެވެ.
ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކަމަށް ވިޔަސް، އެ މައްސަލައިގެ ތެރެ އަށް ތަދައްޚުލްވުމުގެ ފުރުސަތު ގާސިމަށް ހައި ކޯޓުން ދިނެވެ. އެކަމަކު ގާސިމްގެ ފަރާތުން އެ ފުރުސަތުގެ ބޭނުން މިހާތަނަށް ހިފާފައި ނުވާ ކަމަށާއި އެކަމަކު އެ މައްސަލައިގެ ހުކުމް ކުރުމާ ހަމަ އަށް ވެސް އެ ފުރުސަތު ގާސިމަށް އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަން އިއުލާން ކުރައްވައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިިޔާރު ޝުޖާއު އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެންގި ބައި ދައުލަތުން އިސްތިއުނާފް ކުރި އިރު، ގާސިމް މި ވަގުތު ވެސް ހުންނެވީ ޖަރުމަނުގަ އެވެ. އޭނާ ޖަރުމަނަށް ވަޑައިގަތީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން އެ ގައުމުގައި ހުންނެވުމަށް ފަހު އެވެ.
ގާސިމް ބޭރަށް ފޮނުވަން އަމުރުކުރި ބައި ދައުލަތުން އިސްތިއުނާފް ކޮށްފައިވާއިރު، ގާސިމް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ވެސް ހައި ކޯޓުގައި އޮތީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
27 June 2018
ދެންހެވޭ، ބާރު އޮތަސް ނެތަސް އެހެރީ ގޮސް ބޭރުގަ، ދެން އަތްޖަހާ.......
ލަބީދު
27 June 2018
އެހެންތަ...އެއޮތީ ފޮނުވާފަ.....ޕަކާސް ޕަސް
ޢަލިދީދީއައްޑޫސިޓީ
27 June 2018
އެހެންކަމަށްވާނަމަ، ކުރީގެ ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދުގެ ވަކާލާތު ކުރުމުގެ ސަނަދު ކެންސަލް ކުރުމާއި ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާޠިލުކުރުމުގެ އެއްވެސް އިޚްތިޞާސެއް ހަމަ ތިޔަ ވިދާޅުވާ ކޯޓަށް ލިބިފައި ނުވާނެތާ! އެކަމަކު، އިހައްދުވަހު އެޙުކުމް ވެސް އެ އިއްވީ ނޫންތޯ؟ އެބައިވެސް އޭޖީ ގެފަރާތުން އިސްތިޢްނާފު ކުރަންވީ ނޫންތޯ؟
އާސިފު
27 June 2018
އަދި ކިރިޔާތަ ތި އެނގުނީ؟ ހާދަ ފަހަތުގައޭ ތިއުޅެނީ.
ބޭރު
27 June 2018
މައްސަލައިގެ ތެރެ އަށް ތަދައްޚުލްވުމުގެ ފުރުސަތު ގާސިމަށް ލިބުނަސް ބޭނުން ހިފަންވީ ކީއްކުރަންތޯއެވެ. "އުއްމީދު ނުކުރާ" ހުކުމެއް ކުރަން ކެރޭނެހާ ހިތްވަރެއް ނެތެވެ. ކޯޓަކުން ހުކުމެއް ކުރާއިރަށް މިސަރުކާރު ބޭނުންވާނަމަ ތަންފީޒު ކުރަން ބޭނުން ނުވާނަމަ ތަންފީޒު ނުކުރަން ބަހަނާ ދައްކާތަން ފެންނަމުން ދިޔުމަކީ ހިތަމަހުރި ކަމެވެ.
ޗަން ޗިން ޗުން (ޗޗޗ ޗައިނާ)
27 June 2018
ދައުލަތުން ބުނީ ތެދެއް ޕީޕީއެމް ނުރުހޭމީހަކު ބޭރައްފޮނުވަންވެސް އަދި އެތެރެ ކުރަންވެސް އެންގުމުގެ ބާރެއް އެއްވެސް ކޯޓަކަށް ނޯންނާނެ. ޑ. ޖަމީލު ބުނާހެން އެންގިޔަސް ނުކުރާނަން.
ސިނެކް
27 June 2018
ތިޔަ މީހާގެނެސް އަވަހަށް ޖަލަށްލާން ޖެހޭ
ފާޗާތިޗިމަޗަތުޗު
27 June 2018
ކްރިމިނަލް ކޯޓު ގެ އެއްވެސް ބޭނުމެއް ނެތްކަމަށް ފެނޭ
ބެއްޔާ އައްޑޫ
27 June 2018
ގާސިމް ވިލް ޔޫ ޕްލީޒް ސްޓޭންޑް އަޕް.