މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތަކެއް ބަހައްޓާފައި.-- ފޮޓޯ: ނިޝަން އަލީ/މިހާރު
27 ޖޫން 2018 - 16:10
މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެ ތަނުގައި މިހާރު ހުރި ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަން ފަށައިފި އެވެ.
އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މާލޭ ބަނދަރުގައި ހުރި ބޭނުން ނުކުރާ ހުސް ކޮންޓެއިނަރުތައް ބަހައްޓަން ހުޅުމާލޭން ވަގުތީ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ހުސް ކޮންޓެއިނަރުތައް ބަހައްޓަން ލިބުނީ، ހުޅުމާލޭ ޕޯޓާ އިންވެގެން އޮންނަ ހުސް ބިން ކަމަށާއި އެ ތަނުގައި މަތިމައްޗަށް ހަތަރު ބަރި ޖަހައިިގެން 1،200 ކޮންޓެއިނަރު ބެހެއްޓޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މާލެ އާއި ހުޅުމާލޭ ބަނދަރުގެ ކެޕޭސިޓީ އަކީ 20 ފޫޓުގެ 2،200 ކޮންޓެއިނަރު ކަމަށާއި ނަމަވެސް މިހާރު ޚިދުމަތް ދެމުން އަންނަނީ ކެޕޭސިޓީ އަށް ވުރެ ދެ ގުނަ އިތުރަށް 4،800 ކޮންޓެއިނަރަށް ކަމަށެވެ.
"ޔާޑު ފުރުނީމަ އަޅުގަނޑުމެންނަށް ޝިފްޓިންއާ ކަންކަމަށް ދަތިތަކެއް ދިމާވެގެން ދިޔައީ... [ހުޅުމާލެ އަށް ކޮންޓެއިނަރުތައް ގެންދިއުމުން] އަޅުގަނޑުމެންގެ ޔާޑް ސްޕޭސް ވަރަށް ބޮޑުތަން މިއޮތީ ކްލިއާވެފައި،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުދާ ނެރުމުގައި ދިމާވި މައްސަލަތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވެގެން ދާނެ ކަމަށެވެ. އަދި ބޯޓުތަކުން ކޮންޓެއިނަރުތައް ބާލާ އަދަދަށް، ހުސް ކޮންޓެއިނަރު ބަރުކޮށްގެން އެކްސްޕޯޓް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.
މުދާ ބޭރުކުރުން ލަސްވާ ކަމަށް ގިނަ ކުންފުނިތަކުން ބުނަމުން އަންނަ އިރު، ހަލީމް ވިދާޅުވީ އެއީ ކުރީގެ ސަރުކާރުތަކުން ބަނދަރުގެ މަސައްކަތްތަކަށް އެކަށީގެންވާ ވަރަށް އަޅާލާފައި ނުވާތީ ދިމާވާ މައްސަލަތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެ މައްސަލަތައް ހައްލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް ސީއީއޯ ހަލީމް (މ) މިއަދު ނޫސްވެރިންނާ ބައްދަލު ކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެމްޕީއެލުން ޚިދުމަތް ލަސްވެގެން މުދާ ޑެމަރޭޖްވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ނަމަވެސް އެކަން ހަލީމް ވަނީ ދޮގުކޮށްފަ އެވެ. ހަލީމް ވިދާޅުވީ، ޑެމަރޭޖް ވަނީ ބައެއް ފަރާތްތަކުން އެންމެ ފަހު ވަގުތަށް މުދާ ނެރެން މަޑުކުރާތީ ކަމަށާއި، ވިޔަފާރިވެރިންގެ ސްޓޯރޭޖް ގުދަނެއްގެ ގޮތުގައި އެމްޕީއެލް ބޭނުން ނުކުރެވޭނެ ކަމަށެވެ.
"މީގައި މިވާ ގޮތަކީ ހުރިހާ ބޭފުޅުން ވެސް ކްލިއާ ކުރައްވަން މި ވަޑައިގަންނަވަނީ ފަހު ވަގުތު، އެންމެ ފަހު ދުވަހު... ޓައިމް މެނޭޖުކޮށްގެން ރަނގަޅަށް ކުރާކަމަށް ވެއްޖެއްޔާ [ޑެމަރޭޖް ނުވެ] ކުރިއަށް ގެންދެވޭނެ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދުވާލުގެ ވަގުތުތަކުގައި ދޯނިތަކުގައި ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ގިނަ މީހުން ދުވާލު މުދާ ނެރުމުގެ ބަދަލުގައި ރޭގަނޑަށް މަޑުކޮށްގެން ތިބުމުން، ލޮރީތަކަށް މުދާ އަރުވާ ގަޑިއާ ދިމާވެ ބައެއްފަހަރު ދަތިތައް ކުރިމަތިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ބޯޓުތަކުން ގެންނަ މުދާ ނެރެން ތައްޔާރުކުރަންޖެހޭ ޑިކްލެރޭޝަން ބޯޓު އައުމުގެ ކުރިން ނިންމޭނެ ކަމަށާއި، އަދި ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ޑެމަރޭޖް ނާރާ މުދާ ނެރެން ދީފައި އޮންނަ 10 ދުވަހުގެ ތެރޭން، ފަހު ދުވަހު ނޯޓް ކޮށްގެން މުދާ އެ ދުވަހު ނުނެރެވި ލަސްވުމުން ދިމާވާ މައްސަލަ އަކީ އެމްޕީއެލްގެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ ބުނީ، އެމްޕީއެލް އިން އަންގާފައި އޮންނާނީ އެއް ދުވަސް ކުރިން ނޯޓް ކުރުން ކަމަށާއި ނޯޓް ކޮށްގެން ވަގުތުން މުދާ ނުނެރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގު
28 June 2018
ކޮންޓޭނަރު ކުލިއަރކުރަން ރިކްއެސްޓް ކުރެވޭނީ ތިންދުވަސް ކުރިން. އެވެސް އެކޮންޓޭނަރ އެއްް ބޯޓްން ބާލާ ފަހުން. 1 ގަ ކޮންޓޭނަރ ފޭބިނަމަ ރިކުއެސްޓް ކިޔުއިން ޖާގަ ލިބޭނީ 3 ގަ. ޢެހެންކަމުން ހަގީގަތުގަ ފުރީސްޓޯރޭޖުގެ ގޮތުގައި މި ލިބެނީ 8 ދުވަސް. މިގޮތަށް ރިކްއެސްޓް ކުރެވެނީވެސް ކޮންސައިނީ އަކަށް ދުވާލަކު 12 ޓީޔޫސް. އެމްޕީ އެލް އަށް ތިރިނުވެގެން ކޮންޓޭނަރ ޑެމެރެޖް ވިޔަސް އެމްޕީއެލް އަކުން ޒިންމާނުނަގާ. ތިތަނުގެ ވެރިންނަކީ، މަސްނުބޭނުނީމަ ކަނޑު ނުބައި ކުރާހެން މުދާގެންނަ ފަރާތް ނުބައިކޮށް އަބަދުވެސް ވާހަކަ ދައްކާ ބައެއް.
އައި
27 June 2018
ތިތާ ތިހިރަ ގުދަން އެއްފަރާތަކަށްލައި ޖާގަ އިތުރު ކުރީކޮން ސަރުކާރަކުން؟ 5 އަހަރު ގަ ތިކިޔަނީ ކުރީ ސަރުކާރޭ އަބަދު.
ލޮލްޒ
27 June 2018
ކާކަށް އޮޅުވާލަން ދޮގު ތިހަދަނީ؟ އެމްޕީއެލްއަށް ފައިސާ ވަން ގޮތުގެ ތަފްސީލު ނިކަން ހާމަ ކޮށްލަބަލަ. 90 ޕަސެންޓް އޮންނާނީ ޑެމަރޭޖުވެގެން ނަގާ ޗާޖު. ހަދާ ގޮތަކީ ކުންފުނީގެ ފައިދާ މަތިކުރަން ގަސްދުގައި ކޮންޓެއިނާ ނުފެންނަކަމަށް ހަދައިގެން ޑެމަރޭޖު ކޮށްލަނީ. ކޮންޓެއިނާ ބިމަށް ފައިބާ ދުވަހުންފެށިގެން ކިތަންމެވަރަކަށް އުޅުނަސް، މަދުވެގެން އެއްދުވަސް ޑެމަރޭޖުނުވެ މުދާ ކުލިއަރ ކުރެވޭވަރެއް ނުވޭ.
ހަލީމޫ
27 June 2018
ބޭކާރު ވާހަކަ ނުދައްކާ ނުވަންޏާ އިސްތިއުފާ ދީފަ ގެއަށް ދާންވީނު ދޯ. ތި އޮތީ ފެއިލް ވެފާ.
މަޖޫރިން
27 June 2018
ސަރުކާރު ޕްރޮޖެކްތް ތަކުގެ ކޮންޓެއިނާއަށް ސަރުކާރުއިސްވެރިންގެޕްރެޝރއައީމައކނޓެއިނާAތަކަށް އިސްކަންދީފަ އަމިއްލަމީހާގެ މުދާކޮޅު ޑެމަރޭޖް ކުރުވައިގެން އެމްޕީއެލް އިން ފައިސާ ނެގުމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް.
ތަމީމް
27 June 2018
ކުރިޔަށް އޮތީ ދެމަސް ދުވަސް. ޖެހޭނީ ގެއަަށް ވަޑައިގަންނަވަން.! ޖުނައިދު ވަރެއް ނެތް!!
އަހުމަދހމުހ
27 June 2018
ތީ ހޮޅި ވާހަކަ. ޢަހަރެން ކޮންޓެއިނަރު ފޭބި ދުވަހުން ފެށިގެން މަސައްކަތް ކުރިން. ނޯޓް ކޮށްގެބް ކޮންޓެއިނަރ ތިރި ނުވެގެން 5 ރޭ މުވައްޒަފުން ހޭލާ ތިބެން ޖެހުނު. ކަލޭމެންނަކަށް ނޭގޭނެ ދުވާލު މަސައްކަތް ކޮށްފަ ރޭގަނޑު ހޭލާ ތިބެން ޖެހުނުން އަޅާ ވޭނެއް. މިފަހަރު ކާލެއް ކުރިމަތިލިޔަސް އެމީހަކަށް ވޯޓުދީ ވެރިކަން ބަދަލު ކުރާނަން.
ހުސޭން
28 June 2018
ނުވާ ތާނގައި ރީތި ގޮތުގައި އެއްބަސް ވެ މާފައް އެދި އެކަން ރަނގަޅު ކުރާނަމަވެސް ރަނގާޅު، އެކަމަކު މިވަރު ވީމަވެސް އެވެރިން ކުއްވެރިކުރަނީ މުދާ ގެންނަ މީހާ.. ދެރަ ކަމެއް އަހަރެމެން މިގައުމު މިވަނީ ކިހިނެއްތަ މިކަމާ ވިސްނާނެ ބަޔަކު ހަމަ ނުވަނީތަ، ވަރަށް ދެރަވޭ