މެލޭޝިޔާގެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތް މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތް މިނިސްޓްރި
27 ޖޫން 2018 - 16:21
ރާއްޖެ އަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީ އާއި މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކެބަންސާން ޔުނިވާސިޓީގެ އެހީއާ އެކު ސިއްހީ ދާއިރާ އިން މީހުން ތަމްރީ ނުކުރަން ވަނީ ނިންމައިފަ އެވެ. އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން ޑރ. ޒަލޭހަ އަބްދުﷲ މަހުދީ ވަނީ ސޮއި ކުރައްވައިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރާނެ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރަމުން އަންނައިރު، އެ ދާއިރާ އަށް އިތުރަށް މީހުން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުކަން ކިޔަވަން ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދަން ދިވެހި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާތީ މެލޭޝިޔާގެ ޔުނިވާސިޓީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޑޮކްޓަރުކަން ކިޔެވުމަށް ދިވެހީންނަށް ފަސޭހަ އިން ޖާގަ ލިބިގެންދާނެ ކަމަށެވެ.
"މި އެމްއޯޔޫގެ ދަށުން އިތުރު އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭންގެ ދަށުން އަޅުގަނޑުމެން ދަރިވަރުންނަށް ޖާގަ ލިބޭނީ ކިހާ ވަރަކަށްތޯ ބަލައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުން ވެގެންދާނީ ރާއްޖޭގެ މެޑިސިން އަދި ސްޕެޝަލައިޒް ވާން ބޭނުންވާ ދަރިވަރުންނަށް ލިބިގެންދާނެ އިތުރު ފުރުސަތަކަށް. އަޅުގަނޑު އުއްމީދުކުރަނީ މިކަމުގެ ސަބަބުން، ޑޮކްޓަރުން ތަމްރީނުކުރަން ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓްވުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 50 ޑޮކްޓަރަކަށް ވަނީ ސަރުކާރުން ފުރުސަތު ދީފަ އެވެ.
ކެބަންސާން ޔުނިވާސިޓީގައި މިހާރު ވެސް ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުން އެބަ ދެ އެވެ. އަދި ކިޔެވުން ނިންމެމުމަށް ފަހު މިހާރު ވެސް ބައެއް ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަގަޅު
28 June 2018
އޮރެންޖް އަތުގަ ފައިސާ ހުރިވަރަކަށް އެހެން މީހުން އަތުގަ ނެތީމަ އިގިރޭސިވިލާތައް ނުދެވޭނެދޯ
ޢިބަ
28 June 2018
ޑޮކްޓަރުންގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގަ މެޑިކަލް ކޮލެޖް އެއް ނުވަތަ ޔުނިވަރުސިޓީގަ މެޑިސިން ފެކަލްޓީ އެއް ގާއިމް ކޮށް ރާއްޖޭގަ މިހާރު ތަމްރީންވެފަތިބި ޑޮކްޓަރުން ގެ ހުނަރާ ތަޖުރިބާ ދިވެހިން ގެތެރެއިން ޑޮކްޓަރު ކަމާކުރިމަތިލާ ގިނަ ދަރިވަރުން ތަކަކަށް ފޯރުކޮށް ދީގެން.މިހާރު ތަމްރީން ވެފަތިބި ޑޮކްޓަރުން ނަށް ލިބިފަވާ ހުނަރުން އެހެން މީހުނަށް ތަމްރީން ދިނުމުގެ ފުރުސަތު ދާއިރާގަ މަސައްކަތް ކޮށްފަތިބި ސިނިއާ ތަޖުރިބާ ކާރުން ނަށް ފަހި ކޮށް ދިނުން މުހިއްމު.މިސާލަކަށް ޑރ.ހާމިދު ރަސީދު ސާޖަރީގެ ދާއިރާ އިން.ޑރ.ޝާން ،މުޒުނީ ކަށީގެ ދާއިރާއިން
އަސްލަމް
27 June 2018
މަ ބޭނުން ތިކޯހަށް ވަންނަން. ޑޮކްޓަރަކަށް ވާން އެބަޖެހޭ ކޮންމެހެންވެސް.
ރެޓޭ
27 June 2018
އިންޑިޔާއިން ދިވެހި ކުދިންނަށް މެޑިސިން ކިޔަވަން ފަސޭހައިން ފުރުސަތު ލިބޭނަމަ ރާއްޖެއަށް ބޭންވާނޭ އަދަދަށް މިހާރު ޑޮކްޓަރުން ތިބީސް!
މަރީ
27 June 2018
ކީއްވެ ނުލިބެނީ
ފަސީ
27 June 2018
މިނިސްޓަރޫ. މިހާރު ޑޮކްޓަރުކަން ކިޔަވަންވެސް އިންޑިޔާއަށް ނުފޮނުވަނީ. ހާދަވަރަކަށް ކޯފާވީ.
އޮރެންޖް
27 June 2018
އިންޑިއާއިން ޖާގަ ނުދެނީ. އިންޑިއާ ކުދިންނަށްވެސް ނުހަނު އުނދަގުލުން ޖާގަ ލިބޭ ދާއިރާއެއް. އިންޑިއާއަކީ ދުނިޔޭގެ ދެވެނައަށް އެންމެ މީހުން ގިނަ ގައުމުކަމަށްވާއިރު ޖާގަ ހޯދުމަކީ އުނދަގޫކަމެއް. އަހަރެންގެ ކޮއްކޮ އިންޑިއާއިން ޖާގަ ނުލިބުނު. ނަމަވެސް އިގިރޭސިވިލާތުން ޖާގަ ލިބުނު. އިންޑިއާގައި ކިޔަވާ ގިނަ ކުދިން ކިޔަވަނީވެސް ސީދާ ޔުނިވަރސިޓީއެއްގެ ބަދަލުގައި ކޮންމެވެސް ޔުނިވަރސިޓީއަކާ ގުޅިފައި ހުންނަ ޕްރައިވެޓް ކޮލެޖަކުން. އެއީ ދިވެހިން ލަންޑަން ނުވަތަ ކެމްބްރިޖް އޯލެވެލް އޭލެވެލް ހެދުންފަދަ ކަމެއް. އިންޑިއާ އާ އިދިކޮޅަށް ކޮމެންޓްކުރަނީކީ ނޫން. ހާލަތުހުރި ގޮތް ލިޔެލީ.