ޚަބަރު / ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަން އިދާރާއެއް އުފައްދަނީ

ކުޑަކުދިންތަކެއް ރާއްޖެ އާއި މެލޭޝިއާގެ ދިދަ ހިފަހައްޓައިގެން..---ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" ނަމުގައި އިދާރާއެއް އުފައްދައި ކަމާ ބެހޭ މުއައްސަސާތަކަށް ބާރުތަކެއް ދިނުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލްގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލްގައިވާ ގޮތުން، އެ ބިލް ތަސްދީގުކޮށް ގާނޫނަކަށް ވުމުން ޖެންޑާ މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ދަށަށް ބަދަލުވާނެ އެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދިނުމާއި އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުން ހިމެނެ އެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާ ބެހޭ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އެކިއެކި މަޝްރޫއުތަކާއި ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ބިލްގައި ވެ އެވެ.

އަލަށް އުފައްދާ އިދާރާގެ މަސްއޫލިއްޔަތުތައް

- ފެމިލީ ކޮންފަރެންސިންގެ ހިދުމަތް، ރިހިބިލިޓޭޝަންގެ ހިދުމަތް.

- ކައުންސެލިން އަދި ސަޕޯޓު ސާވިސްގެ ހިދުމަތް، ގާނޫނީ އެހީތެރިކަން.

- މަސްތުވާތަކެތި ބޭނުންކުރާ ކުދިން ފަރުވާ ދިނުމުގެ ކަންކަން ކުރުން.

- އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންނަށް އެހީ ނުވަތަ ހިދުމަތް ދިނުން.

ބިލްގައި ބުނެފައި ވަނީ ވަކި ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ގަބޫލު ކުރެވޭ ކޮންމެ މީހަކު އެކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ނުވަތަ ފުލުހުންނަށް ރިޕޯޓު ކުރަން ވާނެ ކަމަށެވެ. އަލަށް އުފައްދާ އިދާރާ އިން ހެލްޕްލައިނެއް ގާއިމުކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަ ރިޕޯޓު ކުރާނެ ނިޒާމެއް ގާއިމުކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ.

ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ އިދާރާ އަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އެ ކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ނުވަތަ އިދާރާ އަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ވެ އެވެ.

ބިލްގައި ފުލުހުންނަށް ލިބިފައިވާ ބާރުތައް

- ވެރިފަރާތުގެ ހުއްދައާ ނުލައި ގަދަކަމުން ތަނަކަށް ވަނުމުގެ ބާރު

- ތަހުގީގަށް މުހިންމު ކަމަށް ގަބޫލު ކުރެވޭ ތަކެތި އަތުލުމުގެ ބާރު

- ހެކި ހުރި ނަމަ، ކޯޓު އަމުރެއް ނެތަސް، ފުލުހުންގެ އިސް އޮފިސަރެއްގެ ހުއްދައާއެކު ތަނަށް ވަނުން

- ފުލުހުންނާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފުންނަށް ވަދެވޭނެ

ބިލްގައިވާ ގޮތުން، ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ބޭނުންވާކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ކުރިއަށް ގެންދެވޭ ތަހުގީގެއްގެ ތެރޭގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ރުހުން ނުލިބިއްޖެ ނަމަ، ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ފުލުހުންނާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ކޯޓަށް ހުށަހެޅޭނެ އެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ސްޕޮންސާ ކުރެއްވި ބިލްގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ރައްކާތެރި ކުރުމަށް މަގުފަހިކޮށްދީ، އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމެވެ.

މީގެ އިތުރުން، ކުޑަކުދިން ބަލަހައްޓާ މީހުންގެ ޒިންމާ ބަޔާން ކުރުމާ އެކު، އެ މީހުން ޒިންމާދާރު ކުރުވުމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ކުޑަކުދިންނަށް އަނިޔާ ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމަކީ ބިލު މަޖިލީހަށް ފޮނުވި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

ބިލްގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ބަޔާން ކުރުމާއި ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމު ކުރުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެނެވޭ އުސޫލެއް ގާއިމުކޮށްފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓަ ކުރެވޭނެ އުސޫލުތައް ބަޔާން ކުރުމާއި އަޅާލުން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބިލުގައި ފިޔަވަޅުތަކެއް ތައާރަފްކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން، ފުލުހުންނާއި އަލަށް އުފައްދާ އިދާރާ އިން ހިންގާ ތަހުގީގަކުން ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއްނަމަ، އެކުއްޖާގެ ރައްކާތެރިކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމާއި ކުއްޖާ ބެލެހެއްޓުން ވަގުތީ ގޮތުން އެހެން މީހަކާ ހަވާލު ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި އެ ކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު، ލަސްވެގެން ތިން ދުވަސްތެރޭގައި އެ ކުއްޖާއާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ދައުލަތުން ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި، ބިލު ތަސްދީގުކޮށް ގާނޫނަކަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި ކައުންސިލަށް މެމްބަރުން އައްޔަން ކުރަންވާނެ އެވެ. ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާ ދޭން ޖެހެ އެވެ. އަދި ޗިލްޑްރެން އޮމްބަސްމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަން ކުރައްވަން ޖެހެ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާމީ

28 June 2018

ރަނގަޅު ކަމެއް. ކުޑަކުދިން ބެލެހެއްޓުމަށް ވަކި ޚާއްސަ ތަނެއް ހުންނަންޖެހޭނެ. މީގެ ތެރެއަށް އިސްލާހިއްޔާވެސް އަންނާނެ ކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454