ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބައެއް މެމްބަރުން. ފޮޓޯ މަޖިލިސް
28 ޖޫން 2018 - 09:10
ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މިހާރު ފެށިގެން ކުރިއަށް ދާއިރު، މަޖިލީހަށް ހުށަހެޅިފައި ހުރީކީ އާދައިގެ ކަންކަމެއް ނޫނެވެ. މި ދުވަސްކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ހުރި ބިލްތަކުގެ ތެރޭގައި އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގެ ބައެއް ބިލްތައް ހިމެނެ އެވެ.
އޭގެ ތެރޭގައި ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ރިއާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލަކާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލް ހިމެނެ އެވެ.
އޭގެ އިތުރުން އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރުމުގެ މައްސަލަ އާއި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމުގެ މައްސަލަ ވެސް މި ހަފުތާގައި މަޖިލީހަށް ހުށަހަޅައި ރޭގައި ނިމިގެން އެ ދިޔައީ އެވެ.
މި މުހިންމު ބިލްތައް ސަރުކާރުގެ ފަރާތުންނާއި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން މަޖިލީހަށް ހުށަހަޅައި، ސަރުކާރާއި ޕީޕީއެމް ބޭނުންވާ ގޮތަކަށް އެ ދަނީ ނިންމަމުންނެވެ. ކޮމިޓީތަކުގައި ވެސް ވެރިކަންކުރާ ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ބޭނުންވާ ގޮތަކަށެވެ. މި ހުރިހާ ކަމެއް ހިނގައި ދާއިރު، މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އެ މެމްބަރުން ކޮބައި ހެއްޔެވެ؟
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 85 މެންބަރުން ހިމެނޭ އިރު، އޭގެ ތެރޭގައި ގިނައީ އިދިކޮޅު މެމްބަރުންނެވެ. އިދިކޮޅު މެމްބަރުންގެ ތެރޭގައި، އަދިވެސް އެ މެންބަރުންގެ މެންބަރުކަން ގެއްލިއްޖެ ކަމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމާ 12 މެމްބަރުން ވެސް ހިމެނެ އެވެ. ނަމަވެސް އެ 12 މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެއިން އެއްވެސް މެންބަރަކު މަޖިލީހަށް ވަނަކަ ނުދެ އެވެ.
އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނޭ، ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފް މަޖިލީހަށް ވަދެވަޑައިގަތުމުން ސިފައިން އޭނާ އުފުލާލައިގެން މަޖިލީހުގެ ގޭޓު މަތިން ބޭރުކޮށްލަނީ. --ފޮޓޯ: މިހާރު
އެ 12 މެންބަރުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މި ދިޔަ އަހަރު ހުށަހެޅި މައްސަލައިގައި ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ 12 މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދެވި މެމްބަރުންނެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު، މަޖިލީހުގައި އެ މެންބަރަކު ތަމްސީލު ކުރާ ޕާޓީން އެއްވެސް ގޮތަކުން ވަކިވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެ ކޯޓުން އެ ގޮތަށް ނިންމައިދިނެވެ.
އެ ހުކުމް ކުރުމާ ގުޅިގެން، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި 15 މެމްބަރަކު ޕީޕީއެމުން ވަކިވެއްޖެ ކަމަށް އެ ޕާޓީން އިލެކްޝަނަށް އެންގި އެވެ. ޕީޕީއެމްގެ އެ އެންގުމާ ގުޅިގެން، އެ 15 މެންބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އެ ކޮމިޝަންގެ އެ ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެ ގާނޫނީ އަދަދަށް އެ މައްސަލައިގައި މެމްބަރުން ސޮއިކޮށްފައި ނެތް ކަމަށް މަޖިލީހުން ނިންމައި، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ އެވެ.
މަޖިލީހުގެ ޖަލްސާތަކުން އިދިކޮޅު މެމްބަރުން ގެއްލެން ފެށީ އެ ހިސާބުންނެވެ. އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް، މަޖިލީހުގެ އެހާ ސާފު އަޣުލަބިއްޔަތަކުން ހުށަހެޅުމުން، އެންމެ ކުޑަމިނުން އެ މައްސަލައިގައި ބަހުސް ކޮށްލަން ވެސް ނުކެރި، އެ މައްސަލަ ބޭރުކޮށްލީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ވެސް ޚިލާފަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކަށް އެ މެންބަރުން ވަޑައިނުގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގައި ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ރައީސަކު މިހާރު ނެތުމުންނެވެ. އެހެންކަމުން، އެ މެމްބަރުން ޖަލްސާތަކުގައި ބައިވެރި ނުވުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަންނަވާނީ މަސީހް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
އިދިކޮޅު ބައެއް މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކުރުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި އިހްތިޖާޖް ކުރައްވަނީ. - ފޮޓޯ: ނިހާނު ޓުވިޓާ
"މަސީހަކީ މަޖިލީހުގެ ރައީސް ކަމަކަށް ގަބޫލެއް ނުކުރަން. ގަދަބާރުން އެ ގޮނޑީގައި އިންނެވި ބޭފުޅެއް މަސީހަކީ. އިތުބާރު ގެއްލިފައިވާ ބޭފުޅެއް އެއީ،" މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް އިދިކޮޅު މެމްބަރުން ބައިވެރިނުވި ހަމައެކަނި ސަބަބަކީ އެއީ އެވެ. ރޭ 8:00 ގައި ބޭއްވި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމުގައި ވެސް މެމްބަރުން އެއްބަސްވީ، މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު މެމްބަރުން މި ހުރިހާ ދުވަހު ވެސް ގަބޫލު ނުކުރާތީ، ރޭގެ ޖަލްސާގައި ވެސް ބައިވެރި ނުވުމަށެވެ.
އެކަމަކު ސުވާލަކީ، އިދިކޮޅު މެމްބަރުން މަސީހުގެ ރިއާސަތު ބަލައިނުގަންނަނީ ކޮން ހާލަތެއްގައި ހެއްޔެވެ؟ އިދިކޮޅު މެމްބަރުންގެ ނަޒަރުގައި މަސީހަށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތާއި ބާރުތައް އޮންނަނީ ހަމަ އެކަނި މަޖިލީހުގެ ޖަލްސާތައް ބާއްވާ ގަޑީގައި ހެއްޔެވެ؟
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް އައްޔަން ކުރާ ދެ ފަނޑިޔާރުންނަށް ރުހުން ދިނުމަށް ރޭ ބޭއްވި ޖަލްސާ އަށް އިދިކޮޅު މެމްބަރުން ހާޒިރު ނުވީ، މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލު ނުކުރައްވާތީ އެވެ. އެކަމަކު، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް އައްޔަން ކުރާ ދެ ފަނޑިޔާރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމަށް، އިދިކޮޅު މެމްބަރުން ވެސް ވަޑައިގަތެވެ. އެއީ ކީއްވެ ހެއްޔެވެ؟
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލް ވިދާޅުވާ ގޮތުގައި އިދިކޮޅު މެމްބަރުން ކޮމިޓީތަކަށް ވެސް ވަޑައިގަންނަވަނީ ނަމެއްގަ އެވެ. އެއީ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވުމަށް ވުރެ ބޮޑަށް، އެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ މާއްދީ މަންފާއަކަށް ކުރައްވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.
މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ޕީޕީއެމް ކޯލިޝަންގެ ބައެއް މެމްބަރުން. --ފޮޓޯ: މަޖިލިސް
"އެނގިވަޑައިގަންނަވާނެ ކޮމިޓީ އަށް ވަޑައިގަތީމާ ލިބިވަޑައިގަންނަވާނެ 20،000ރ. ގެ އެލަވަންސެއް. އެހެންވީމާ އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ އެއީ ކަމަށް ސަބަބަކީ. ގިނަ ފަހަރަށް ގިނަ ބޭފުޅުން، ވަރަށް މަދު ބޭފުޅަކު ނޫނިއްޔާ ހަމަ ސޮއި ކުރައްވާފައި ވަޑައިގަންނަވަނީ. އެހެންވީމާ ކޮމިޓީ އަށް ހާޒިރުވި ކަމަށް ސޮއި ކޮށްލައްވާފައި ކޮމިޓީގެ މަސައްކަތުގައި ވެސް ގިނަ ބޭފުޅުން ބައިވެރިނުވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ."
ޚަލީލު ވިދާޅުވި ގޮތުގައި މަޖިލީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވުމަށް އިދިކޮޅު މެމްބަރުންނަށް އެއްވެސް ހުރަހެއް ނެތެވެ. އިދިކޮޅުގައި ހިމެނޭ ހަމަ ވަރަށް ގިނަ ބޭފުޅުން މަޖިލީހުގެ ޖަލްސާ އޮންނަ ގަޑީގައި މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތެރޭގައި ވެސް އުޅުއްވަ އެވެ. ނަމަވެސް ޖަލްސާ ކުރާ މާލަމަކަށް ވަޑައެއް ނުގަންނަވަ އެވެ.
"އެ ބޭފުޅުން މަސީހުގެ ރިއާސަތު ގަބޫލު ނުކުރައްވަމޭ ވިދާޅުވާ އިރު، ކޮމިޓީތަކަކީ ވެސް ހަމަ މަސީހުގެ ބެއްލެވުމުގެ ދަށުން ބާއްވަވާ ބައްދަލުވުންތަކެއް. މުޅި މަޖިލިސް ހިންގަވާ އެންމެ އިސް ވެރިޔަކީ ވެސް މަޖިލީހުގެ ރައީސް. އެހެންވީމާ، މަސީހު ރައީސް ކަމުގައި ހުންނަވާތީ، ޖަލްސާގައި ބައިވެރިނުވެވޭ ބަޔަކަށް ހަމައެކަނި ކޮމިޓީތަކަށް ހާޒިރުވުމަކީ އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން،" ޚަލީލު ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އިދިކޮޅު ބައެއް މަމްބަރުން އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ވިދާޅުވާހާ ވެސް ވާހަކައަކީ، މަޖިލީހުގައި މިހާރު ސައްހަ ރައީސެއް ނެތުމުން ޖަލްސާތަކުގައި ބައިވެރި ނުވަނީ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް
އެންމެ ފަހުން ރޭ ބޭއްވި ޖަލްސާގައި ވެސް އިދިކޮޅު މެމްބަރުން ބައިވެރިނުވި ސަބަބެއް ކަމަށް އެބޭފުޅުން ވިދާޅުވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މަސީހު ހުންނެވުމެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު މެންބަރުންގެ ތެރޭގައި ހިމެނޭ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގަތެވެ.
މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން، މަޖިލީހުގެ ޖަލްސާތަކަށް މެމްބަރަކު ހާޒިރު ނުވިޔަސް އެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ 65،000ރ.ގެ މުސާރައިން ލޯލާރިއެއް ވެސް އުންޏެއް ނުވެ އެވެ. އަދި އެހެން އިނާޔަތަކަށް ވެސް ބަދަލެއް ނާދެ އެވެ. އޭގެ އިތުރުން މަޖިލީހުގައި އެ މެމްބަރަކު ހިމެނޭ ކޮމިޓީގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނަމަ، ކޮމިޓީ އެލަވަންސްގެ ގޮތުގައި އިތުރު 20،000ރ. މަހަކު ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު77
28 June 2018
ހަމަ އަމިއްލައެދުންބޮޑީ. ގައުމޭ، މަސީހޭ، ކާއްޓޭ، ކުރޮޅިއޭ، އަނެކެއްޗެކޭ ކިޔަނީ ހަމަ ރައްޔިތުންނަށް އޮޅުވާލަން. އިހުލާސްތެރި މީހަކު ނުފެނޭ.
ފަޅުވެރިން
28 June 2018
އަޞްލުގައި ވީގޮތަކީ، 45 ހަމަކޮށްގެން ނޫނީ ތިމަންމެން މަޖްލީހަށް ނުވަންނާނަމޭ ކިޔައިގެން ފާރިސްމެން ފޮނިކަނޑާފައި އޮއްވައި، ސޮއިކުރި އެކަކު ޕަބްލިކްގައި ބުނެފި ތިމަން ސޮއެއް ނުކުރަމޭ! މިހިސާބުން އިދިކޯޅޭމެންނަށް ޔަޤީންކަން ގެއްލުނީ އެޕްރޮޖެކްޓް ކާމިޔާބު ކުރެވިދާނެ ކަމާމެދުގައި! އެހެންވެ ރާޑިވެގެން މަޖްލީހަށް ވަނުން ހުއްޓާލީ! އެހެންޏާ، މަޖްލީހުގެ ރިޔާސަތުގައި ކޮންމެ މީހަކު އިނަސް މިމީހުނަށް އަޣްލަބިއްޔަތު އޮތިއްޔާ މިމީހުން ބޭނުން ކަމެއް ކުރެވޭނެތާ! އަދި އެހެން ނޫނަސް އިދިކޯޅޭމެންގެ އަޞްލު މަޤްޞަދަކީ ރައީސް ޢަޒްލުކުރުން ކަމުގައި ވީހިނދު، އެކަން ވާނެ ހަމަ އެއްގޮތެއްވެސް ދެން ނެތްކަން އެނގުނީމާ ރާޑިވެގެން ރައްޔިތުންގެ ކުރިމަތީގައި ދައްކާނެ އިތުރު އެއްވެސް ބަހަނާއެއް ނެތުނީ! އެހެންވީމާ މިމީހުން މަޖްލީހުގައި ތިބެމެ، ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ފާސްކުރަމުން ދިޔައީމާ މިމީހުން އިތުރަށް ފަޟީޙަތްވުން ނޫންކަމެއް ނުވާނެ! އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ނުދިއުން ކަމުގައި ނިންމީ!!
އަންވަރު
28 June 2018
މެމްބަރުން ބައިވެރިނުވާ ވާހަކަ ދެއްކަންވާނީ މަޖިލީހުގެ ކަންކަން ގަވާއިދުން ގެންދެވޭނެ މަގުތަނަވަސްކޮށްދީފަ. މަޖިލިސް ބަޔަކު ހިސޯރުކޮށްފައޮތް އިރު ދައްކަންވާނީ އެވާހަކަ.
ރައްޔިތު އަހުމަދު
28 June 2018
ކޮމިޓީތައް ބާއްވާ އިރު ހިސާރު ފިލާފަ ދޯ އޮންނަނީ
ނަން ނުކިޔާ
28 June 2018
އެއްކޮޅަކަސް ދެކޮޅަކަސް މަޖިލީހަށް ހޮވާފަ މިހާރު ތި ތިބަ ހުރިހާ މެންބަރުންނަކީ ވެސް އަމިއްލަ އެދުން ނޫންއެހެން އެއްވެސް ކަމެއް ހިތުތެރޭގަވާ ބައެއް ނޫންކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް މިހާރު ގަބޫލު ކުރާނެ.. މިހާރު ވެސް މެމްބަރުންގެ މުސާރަ 200000 ރުފިޔާއަށް ބޮޑުކުރަން ހުށަހަޅާބަލަ 85 މެމްބަރުން ހާޒިރުވެ ވޯޓުދީ ފާސް ވެސް ކުރާނެ..މާޒީން އިބްރައް ލިބިގަނޭ ދިވެހި ލޮބުވެތި ރައްޔިތުން..
ވަހީދު
28 June 2018
މަސީހު ހުރީމަ އެއްނޫން އިދިކޮޅު މީހުން ނުދަނީ. ޢެއްމެން އުޅެނީ ޔާމީނުއާ ޑީލް ހަދައިގެން. އެއްޗެކޭ ކިޔާފަ ނުގޮސް ޔާމީން ބޭނުން ގިތަކަށް ނިންމަން އެއޮތީ ދީފަ. ލާރިޔަށް ވިކިފަ
ވޯލް
28 June 2018
ހުރިހަ ބާރެއް އޮތް ޕޕއެމްގެ އިން މަޖިލީހަށް ހަޒިރު ނުވާމެެމްބަރުންގެ މުސާރަ އުނިވަގޮތަށް މަޖިލީހުގެ ގަވާއިދު ނިކަށް ބަދަލު ކޮށްލަބަލަ. ޕޕމ މެމްބަރުން ބެނުމެއް ނުވޭ އިދިކޮޅު މެމްބަރުން މިޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާކަށް. އެމީހުން ބޭނުންވާ ކަމެއް ކިރަންވެއްޖެޔަ ޤާނޫނުވެސް ބަދަލުކޮށްގެން ތިޔޮށްގެން ކުރަނީ އެއްނުނު ދޯ.
ބަރާބަރު އަޒީ
28 June 2018
އެންމެނަށްވެސް އެނގޭ އިދިކޮޅުގެ ބޭނުމަކީ ކޮބައިކަން. އެވެރިންނަށް އެބައެނގޭ ޖަލްސާ ތަކަށް ނުދިޔަސް, އެއްކަމެއް ނުކުރިއަސް ރައްޔިތުންގެތެރެއިން ބަޔަކު ހައްލާލައިގެން ވޯޓް ހޯދޭނެކަން.
ރާއްޖެ
28 June 2018
ޖަލްސާއަށް ހާޒިރު ނުވިޔަސް ލޯލާރިއެއްވެސް ނުކެނޑޭނެ. ކޮމިޓީއަށް ހާޒިރު ނުވަންޏާ ކޮމިޓީ އެލަވަންސް ނުލިބޭނެ. އެހެންވީމަ ކޮމިޓީިތައް ބަރާބަރުވާނެ.
ޖައިސާމް
28 June 2018
މަސީހު ލަދެއްގެ ކަންފުޅެއްވެސް ނެތްކަން.
ތަމްރީން
28 June 2018
ތިހުރީ މެންބަރުންގެ ފެންވަރު..ލަދުގެ ކަންފުޅެއްވެސްނެތް.. އަނގަހުޅުވަން ލަދެއްނުގަނޭ. 20ހާސްރުފިޔާގެ ބޭނުމުގައި ކޮމެޓީއަށް.މުސާރަލިބޭ އެތަނަށް ނުވަނަސް.. ކޮމެޓީއަށް ސޮއި ކޮށްފައި ސައިބޮއިގެން އެތަނުން 3ރފގެ ފެންފުޅިއެއް ހިފައިގެން ގެއަށް..ދުފާއެތިކޮޅު ޓިޝޫއަކަށް އަޅައިގެން ގެންދެބަލަ.