01 ޖުލައި 2018 - 11:57
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 33 މިލިއަން ޑޮލަރު ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ހަފުތާގައި ފާސްކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ހިލޭ އެހީއެއް ކަމަށާއި އެ ކަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މި ޕެކޭޖުގެ ދަށުން، ކުނި ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ޑިސްޕޯސަލް ސިސްޓަމް ވަރުގަދަ ކުރުމާއި ކުނި އުފުލާ ޓްރަކްތައް ގަންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި، ޓްރާންސްފާ ސްޓޭޝަންތައް ހެދުމާއި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލާ އުޅަނދުތައް ގަތުމާއި އެ އުޅަނދުތައް ބޭނުން ކުރަން ޚާއްސަ ހާބަރުތައް ހެދުމުގެ އިތުރުން، ކުނި އަޅާ ސަރަހައްދުގައި ގެންގުޅޭ ހެވީ ވެހިކަލް ގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އޭޑީބީން ބުނިގޮތުގައި، ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓަށް ޖުމްލަ ޚަރަދު ވާނީ 40 މިލިއަން ޑޮލަރެވެ. އެއީ، އޭޑީބީން ދޭ 33.07 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން މެދުވެރިކޮށް ޖަޕާނު ސަރުކާރުން ދޭ ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޑީބީގެ ޓެކްނިކަލް އެސިސްޓެންޓްގެ ގޮތުގައި ދޭ 500،000 ޑޮލަރުގެ ހިލޭ އެހީ އެވެ. އޭޑިބީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް 4.93 މިލިއަން ޑޮލަރު ޚަރަދު ކުރާނެ އެވެ.
މި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ 2023 ވަނަ އަހަރު ކަމަށް އޭޑީބީން ބުނެ އެވެ. އަދި ޕްރޮޖެކްޓް ނިމޭއިރު، ކުނި ނައްތާލުން ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. މި ޕްރޮޖެކްޓު ނިމުމުން މާލެ އާއި މާލޭ ކައިރި 32 ރަށެއްގެ ކުނި މެނޭޖު ކުރެވޭނެ ކަމަށާއި އޭގެ ފައިދާ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް މީހުންނަށް ކުރާނެ ކަމަށް އޭޑީބީން ބުންޏެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ގްރޭޓާ މާލެ އެންވަޔަރްމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު އޭޑީބީން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ އޭގެ ތެރެއިން ދޭން ހަމެހުނު ފައިސާ ކަމެއް، ނުވަތަ އޭގެ އިތުރުން ދޭން ނިންމާފައިވާ ފައިސާ ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
02 July 2018
މިއީ އަދި މަޖާ ކަމެކޭ. އޭޑީބީއިން ބުނާނެ އެޑްމިން ފީއަށް 7 މިލިއަން ބޭނުންވާނޭ. ދެން އެމީހުން ބުނާ ބަޔަކާ އެ ފައިސާ ހަވާލުކުރަންޖެހޭނީ. ދެން ބުނާނެ އެކްސްޕާރޓުން ގެންނަންޖެހޭނެއޭ. ދެން އެމީހުން ބުނާ ބަޔަކު އެކްސްޕާރޓުންނަށް ގެންނާނީ. އެމީހުންނަށް ބާކީ ހުރި ފައިސާއިން ބައިއަޅާނެ. ރާއްޖެއަށް ލިބޭނީ 4 ބައިކުޅަ އެއްބައި. އެއީ މިވީތަނަށް މިދޭ ލޯނުތައް ދޭ ގޮތަކީ. ބޮޑު އަދަދު ކިޔާފަ ލޯނުދޭނެ.
ސާދާސީދާ
02 July 2018
ތިޔައީ 508 މިލިޔަން ދިވެހި ރުފިޔާ. އިދިކޮޅަށް ވޯޓުލާނެކަމަށް ހީވާ އެންމެންނަށް ބަހާލިޔަސް ކޮންމެ މީހަކަށް 10،000 ރުފިޔާ ޖެހޭނެ. އިންތިޚާބުގެ ދުވަސްދިޔައީ!
ހުމުދު
02 July 2018
ކަލެޔާ މިވަނީ ކީއްތަ ރީދޫ ގުރޫޕު ބުނަނީ ޔާމީނު ބަލައި ނުގަނެޔޯ އެއްވެސް ބަޔަކު އެކަމަކު ބުނިވަރަކަށް އެއޮށްދެނީ ޑޮލަރ ޑޮލަރ ޑޮލަރ ފެނޭތަ ފެނޭތަ....
އަލިހަންޑޯ ޓޮލޭޑޯ
01 July 2018
ބޭރުގެ ބޮޑެތި ރިބާ ބޭންކުތަކުގެ ބޭނުމަކީ ޤައުމުތައް އިޤްތިޞާދީގޮތުން އަޅުވެތިކުރުން. މިހެންވީމާ ލޯނުދޭނެ ކޮންމެމީހަކު ވެރިކަމުގައި ހުއްޓަސް. އެހެޔޮ އަންނިވިޔަސް ޔާމީން ވިޔަސް ހުސޭނުވިޔަސް
ރާއްޖެ
01 July 2018
މަހީކުރީ ބައިނަލްއަގުވާމީ މުޖުތަމައުއިން ޔާމީނު ސަރުކާރު އެކަހެރި ކޮއްފި ކަމަށް!. އެކަމަކު މިލިޔަނުން އެހީ ދޭތަން މިފެންނަނީ....
ޖަރީމާ ރައީސް
01 July 2018
އަހަރެން ހާދަ ވަރަކަށް އެބަ ކިޔަމޭ ޔާމީނު ސަރުކާރަށް މިކަހަލަ އެހީ ނުދޭށޭ.
ހަސަންމަނިކުފާނު
01 July 2018
އިދިކޮޅޭމެން އެޔޮތް ގޮވަނީ ވައްކަން ކުރަނީއޭ ކަޓުވަނީއޭ! ބޭރުގެ އެހީދޭ ފަރާތްތަކުން ދެން ލާރިއެއްނުދޭނޭ! އެކަމަކު މިވާއެއް ނުވާނެއްނޭގުނު! އެމީހުން އަދިވެސް ހަމަ ލާރިދެނީ! 33 މިލިއަން އެއީ 500 މިލިއަން ރުފިޔާ! ޔާމީނަށް އަދިވެސް ބޭރުމީހުން އިތުބާރުކުރޭ! އިދިކޮޅޭމެންނށް ސަލާން!