ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ބޭސް: މޯލްޑިވިއަންގެ ސީ ޕްލޭންގެ ހިދުމަތަށް މިއަދު ވަނީ ހަތަރު އަހަރު ފުރިފައި. ފޮޓޯ: މޯލްޑިވިއަން
05 ޖުލައި 2018 - 17:37
މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް މިއަދު ހަތަރު އަހަރު ފުރިއްޖެ އެވެ.
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ ސީ ޕްލޭން އޮޕަރޭޝަނަށް ހަތަރު އަހަރު ފުރުނުއިރު، ކަނޑަށް ޖައްސާ މަތިންދާބޯޓު ދުއްވަން އެ ކުންފުނިން ފެށީ އެންމެ ދެ ސީ ޕްލޭނާ އެކު އެވެ. އެކަމަކު، މޯލްޑިވިއަނުން 11 ސީ ޕްލޭން ބޭނުންކޮށްގެން 13 ތަނަކަށް މިހާރު ދަތުރުކުރެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ސީ ޕްލޭންގެ ޚިދުމަތާ ހަމައަށް ދަތުރުކުރެވުނީ ވަރަށް ގިނަ ދުވަހުންނެވެ. އެގޮތުން، އެ ކާމިޔާބީ ހާސިލް ކުރެވުނީ، ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ފަހު، އަދި ބައިނަލްއަގްވާމީ ދަތުރުތައް ވެސް ކުރަމުން ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
"އަޅުގަނޑުމެންގެ މި ހިދުމަތަށް ހަތަރު އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ހުރިހާ ކްލަޔަންޓުންނަށާއި ކަސްޓަމަރުން، ޕާޓްނަރުން އަދި އަޅުގަނޑުމެންގެ ހިތްވަރުގަދަ މުވައްޒަފުންނާއި މެނޭޖްމަންޓުން ހުއްޓުމެއް ނެތި ކުރާ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކުރަން. އަދި މި މަސައްކަތަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން،" މޯލްޑިވިއަނުން ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ ނަމުގައި ސަރުކާރުން 2000 ވަނަ އަހަރު އުފެއްދި ކުންފުނިން ހިދުމަތް ފަށައިގަތީ އެންމެ ދެ ބޯޓާ އެކު އެވެ. ނަމަވެސް އެ ކުންފުނީގައި މިހާރު 23 ބޯޓު ބޭނުންކުރެ އެވެ. އަދި އެ އަންނަނީ ކާގޯ އާއި ޓްރެވަލްގެ ޚިދުމަތާއި އެއާޕޯޓުތައް ވެސް ހިންގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުލް
05 July 2018
ގަދަ މޯލްޑިވިއަން.