އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ ---ފޮޓޯ: އަހްމަދު އަންވަރު (ސިމް)
12 ޖުލައި 2018 - 11:06
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކާއި ރައްކާތެރިކަން ދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެންގެވިޔަސް ސަރުކާރުގެ މުއައްސަސާތަކުން އެގޮތަށް އަމަލެއް ނުކުރާނެ ކަމަށާއި އެއީ، މިނިވަން އިންތިޚާބެއް ބާއްވަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޕްރެޝަރާ ހެދި ނެރުއްވި ބަޔާނެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން އެޓާނީ އޭޖީ އަނިލް އިއްޔެ ވަނީ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވެސް އަންގަވައިފަ އެވެ.
މިގޮތަށް މި އެންގެވީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން ކެމްޕޭންކުރާއިރު، އެންމެ ކުޑަމިނުން އިދިކޮޅު ޕާޓީއެއްގެ ޖަލްސާއެއް ބާއްވަން މާލެ އިން ސަރުކާރުގެ ބިމެއް ނުވަތަ އިމާރާތެއް ދޫކުރަން ވެސް ދެކޮޅުހަދަމުން ދާ ދަނޑިވަޅެއްގަ އެވެ. އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭންގައި ހުޅުމާލެއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ކަމަށް ބުނެ އިދިކޮޅުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ނިޔަތެއް ސަރުކާރުގައި ނެތެވެ. ސިޔާސީ ޕާޓީތަކަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހްރޫމްކޮށް، ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވާލާފައި ބޭއްވުމަށް ފަހު، ހަމަހަމަ ފުރުސަތާ ގުޅޭ ބަޔާނެއް އޭޖީ އަނިލް ނެރުއްވީ ބައިނަލްއަގުވާމީ މުޖުތަމައަށް ދައްކަން ކަމަށް އިދިކޮޅު ހަރަކާތުން ބުނެ އެވެ.
ސަރުކާރަށް ވަކި ކަންތައްތަކެއް އިސްލާހުކުރަން އަންގައި، އެކަން ނުކޮށްފި ނަމަ މި މަހުގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫން ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން، މިނިވަން އިންތިޚާބަކަށް ބާރުއެޅުމަށް އދ.ގެ ވަފުދެއް ރާއްޖެ އައިސް ޕާޓީތަކާއި ސަރުކާރުގެ އެކި ބޭފުޅުންނާ މިހާރު ވެސް އަންނަނީ ބައްދަލުކުރަމުންނެވެ.
"އެޓާނީ ޖެނެރަލް އެންގެވި ގޮތަށް ހުރިހާ މުއައްސަސާތަކުން އަމަލުކުރާނެ ނަމަ ކިތަންމެހާ ވެސް ރަނގަޅު. އެކަމަކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕީއެސްއެމް ރައީސް ޔާމީންގެ ކެމްޕޭނަށް ހުސްކޮށް، ސިޔާސީ ލީޑަރުން ޖަލަށް ލައި، ސިޔާސީ ހަރަކާތްތައް ހިންގަން ހުރަސްއަޅަމުން ދާއިރު އެ އެންގެވުމާ އެއްގޮތަށް އަމަލުކުރާނެ ކަމަކަށް ނުބެލެވޭ،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި އެވެ.
"އެންމެ ކުޑަ މިނުން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ހިފަހައްޓާފައިވާއިރު، އެފަދަ ބަޔާނެއް ނެރެ، ހަމަހަމަ ފުރުސަތު ދޭށޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރެވޭ. އެބޭފުޅުންގެ ނިޔަތާއި އިޚްލާސްތެރިކަމެއް ނެތް، އެއީ އަޅުވާ އަނދުނެއް."
އެމްޑީޕީން ބުނީ އޭޖީގެ ފަރާތްޕުޅުން ބަޔާން ނެރުނުއިރު ވެސް އިންތިޚާބުގައި ހަމަހަމަކަން ގެއްލުވާލައި މިނިވަންކަމަށް ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރަން ފުރުސަތު ނުދިނުމަކީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އެއްވެސް ކަމެއް ހަމަޔާއި އިންސާފުން ނުދާނެ ކަމުގެ ހެއްކެކެވެ.
"އަޅުގަނޑުމެން ޕާޓީގެ 52،000 މެމްބަރުންގެ ތެރެއިން، 43،000 މެމްބަރުން ވޯޓު ލައިގެން ހޮވި ކެންޑިޑޭޓު [ކުރީގެ ރައީސް މުހައްމަދު ނަޝީދު] އަށް ވާދަނުކުރެވޭ ގޮތަށް އޮތީމާ، އޭގެ މާނައަކީ ހަމަހަމަ ފުރުސަތުތަކުގެ ވާހަކަ ދެއްކުމުގެ ޖާގައެއް ސަރުކާރަކަށް ނެތޭ،" ހަސަން ވިދާޅުވި އެވެ.
ކެންޑިޑޭޓަކަށް އިބޫ އެމްޑީޕީން ހަމަޖެއްސީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަން އިލެކްޝަންސް ކޮމިޝަނުން އެންގުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓު ކެމްޕޭންގައި އުޅުއްވަނިކޮށް ތޫނު އެއްޗެއް ހިފައިގެން ހަމަލާދޭން ބަޔަކު މަސައްކަތް ކުރުމުން ވެސް މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި އަޅައެއް ނުލި އެވެ.
އިބޫ އަށް ހަމަލާދޭން އުޅުނު މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅޭ މި ކަހަލަ މައްސަލަތަކުގައި ހިމޭންކޮށް އޮންނަ ފުލުހުން ބުނަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އިލެކްޝަންސް ކޮމިޝަން ނުވަތަ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚަކުން ފެށިގެން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކާއި ސަލާމަތްތެރި މާހައުލެއް ލިބުމަކީ އަބަދުވެސް އޮންނަން ޖެހޭނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީން ބޭއްވި ދޮރުން ދޮރަށް ހިންގާ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ. ..---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"ދެކޮޅުނުޖެހޭ ވާހަކަ އެ ބޭފުޅުން އެ ދައްކަވަނީ. އިލެކްޝަނުން މި އަންގަނީ ޖުލައި 1 ގެ ކުރިން ވާދަކުރާ ކެންޑިޑޭޓު ޕާޓީތަކުން ކަނޑައަޅަން ޖެހޭނެއޭ. އެއާ އެކު އެބަ ބުނޭ، ފުލުހުންނާއި އިލެކްޝަންސާ ދެމެދު ހެދި އެއްބަސްވުމުގައި އެބަ އޮވެޔޯ، އިންތިޚާބުގައި ކުރިމަތިލާން ހުޅުވާލައި ކެންޑިޑޭޓު ކަނޑައެޅުމުންނޭ ފުރުސަތު ދޭން ޖެހެނީ. އެ ހިސާބުންނޭ ކެމްޕޭނަކަށް ވާނީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހަމަހަމަ ފުރުސަތާ އެކު، ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އެކަމަކު ގާނޫނުން ކަނޑައަޅާފައިވާ ހައްގުތައް ނުދީ ހިފަހައްޓާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެންމެ އަސާސީ ކަންކަން ވެސް ހިފަހައްޓައި ހުރަސްއަޅާފައި، މެދުތެރެއިން ފެށިގެން ދައްކަވާނެ ކަމެއް ނެތް ހަމަހަމަ ފުރުސަތާއި އެހެން ކަންކަމުގެ ވާހަކައެއް،" ހަސަން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޤާޟީ
12 July 2018
ހަމަހަމަ ފުރުޞަތު ދެވޭފދަ ޤާބިލުކަމެއް މިހާރު މިއޮތް ސަރުކާރަކު ނެތް، ޟީގެ 10 އަހަރު ކުރިނަމަ ތިވާހަކަ ޤަބޫލު ކޮށްފީމު
ބާބޫ
12 July 2018
ހުސް ފޭކް އެއްކަމެއްވެސް ނުކުރާނެ؟
ކަދުރޭ
12 July 2018
ދޭނެ. މުލިޔާގެ ވެސް ދޭނެ އެންމެން ކެމްޕެއިން ކުރަން. ސަރުކާރު ކުންފުނިތަކުނަވެސް ހުރިހާ ޕާރޓިއަކަށް ޚަރަދުކުރާނެ ކެމްޕެއިނަށް. އަމުދުން ޕީއެސްއެމް އޮންނާނީ ހުޅުވާލާފަ.
ހެކިވެރިޔާ
12 July 2018
އޭޖީ ތީވީ ކެމެރާ ކުރިމަތީ 1 ފެބްރުވަރީގައި ވިދާޅުވި ސްޕްރީމް ކޯރތުން ކުރި ހުކުމް ސަރުކާރުން ތަންފިޒު ކުރާނެ ކަމަށް، އެކަމަކު ކިހިނެޔތޯ ވެގެނ ދިޔައީ؟ ކަންކުރަން ނިންމާގޮތާ އިދިކޮޅަށް ވާހަކަ ދައްކަ އެޓަރނީ ޖެނެރަލް އެއް
ހަސަނު
12 July 2018
ދައުލަތުގެ އެޓާނީ ޖެނެރަލަކީ ރައީސް ގެ މައުތްޕީސް އަށް ވީމާ ދެން ހަމަހަމަ ކަމެއްގެ ވާހަކަ ދެއްކިއަސް އެ ނުވާނެ ކުޅޭ ފިލްމެއް ނޫން އެއްޗަކަށް....
ހަސަނު
12 July 2018
ދިވެހިން ކަންކަން އަމިއްލައަށް ނިންމަން ދާން އޮތީ ފަނޑިޔާރުގެއާ ސިފައިންނާ ފުލުހުން ގާތަށް.. އެކަމު އެތަންތަނުން ލިބޭނެ އިންސާފެއް ނެތް ކަން އެނގޭ އޭޖ މި ނެރުނު ބަޔާނުންވެސް.. މީ އެޖީ ބަޔާނ ްނެރެނ ެޖެހޭ ކަންކަމެއްވެސް ނޫން.. ސިފައިން ނުކުމެ ދާހިލީ ކަންކަން ވަކި ގޮތަކަށް އަނބުރާލީމާ ދެން މައްސަލަ ހައްލުކުރާން މިރާއްޖޭގާ ދާނެ އެހެން ތަނެއް ނުހުންނާނެ... ދެން އެހިސާބުން ބޭރު މީހުންގެ އަތުގާ ހިފަނ ްމިޖެހެނީ.... ދާހިލީ ކަންކަމަށް ބޭރު މީހުން ނުވައްދާށޭ ކިތަންމެ ބާރަށް ކިޔަސް ގައުމުގާ ހައްލު ގެނެވޭނެ ގޮތެއް ނިޒާމެއް ނެތުނީމާ ޖެހޭނީ ކަން ކުރެވެން އޮތް ގޮތަކަށް ކުރަން...
ތެދުފުޅެެއް
12 July 2018
ވަރަށް ބޮޑު ތެދެއް. އަހަރުމެން އުޅޭ ބިމުގައި އެހެން ގައުމުތައްވެސް އޮތުމާއެކު، އަދި އެންމެން ޤަބޫލުކުރާ ހަމަތަކާ އުސޫލުތަކެއް ހުރުމާއެކު ބައެއްފަހަރު 'ދާޚިލީ' ކަންކަން 'ޚާރިޖީ' ކަންކަމށް ބަދަލުވާ ވަގުތު އަންނާނެކަން ޔަޤީން. މިސާލަކަށް ދާޚިލީ ކަމެކޭ ކިޔާފަ މީހުންނަށް އަނިޔާވެރިނުވެވޭނެ. ސިފައިންނާ ފުލުހުން ނުކުމެ ތިމަންމެން އަމަލުކުރާނީ މިވެނި މީހެއްގެ އަމުރަށޭ ކިޔާ އުޅޭނަމަ ކޮންމެވެސް ހިސާބަކުން ބޭރުގެ ނުފޫޒު އަންނާނެކަން ޔަޤީން. އަންނަންވެސް ޖެހޭނެ. ސަބަބަކީ ސިފައިންނާ ފުލުހުންނަކީ ރައްޔިތުންގެ މުވައްސަސާއެއް، ޕްރައިވެޓް މިލިޝިއާއެއްނޫން. ރައްޔިތުން އެމީހުްނނަށް ހަތިޔާރުވެސް ދެނީ. ނަމަވެސް ހަތިޔާރުއެޅި މުވައްސަސާތައް ވަކިމީހެއްގެ އަތްދަށުވީމާ ދެން ރައްޔިތުން ސަލާމަތްކުރަން އަންނާނީ އެއަށްވުރެ ބާރުގަދަ އެހެން ބަޔެއް. ހިސްޓްރީގައި ކަން ހިނގާފައި ހުރީ މިފަދައިން.
އަބްދުއްލާ
12 July 2018
އެއްވެސް ފުރުސަތެއް ދޭނެކަމެއްނެތް އެމްޑީޕީ އަކީ ރާއްޖޭގެ 3 ވަނަ ދަރަޖަ
ޚިޔާލް123
12 July 2018
މިހާރުވެސް ސަރުކާރުންދޭ ހަމަ ހަމަ ފުރުސަތުގެ ވާހަކަ ކަންނޭގެ މިދައްކަނީ، އަނިލްމެން ޓީވީއަށް އަރާ ހަމަ ހަމަ ފުރުސަތުގެ ވާހަކަ ދައްކަން ލަދުނުގަނޭ ބައިވައޭ ހިތައްއަރާ، ޕީ ޕީ އެމް އަށް މުޅި ރާއްޖެ ހިތަކަށް ލިބިފައި އިދިކޮޅު މީހުން މިޖެހެނީ ޖަލްސާއެއް ބާއްވަންވެސް ސަލާން ޖަހަން، މިއީ ފެންނަމުން ދާ ހަގީގަތް، މިކަންކަން ފޮރުވުމަށް ކޮން އޮޅުވައިލުމެއް އޮޅުވައިލަންތޯ..
ސަލާމީ
12 July 2018
މިވެރިކަމުގަ މިނަވަން އިންތިހާބެއް ނުލިބޭނެކައް ގައުމުގެ ކުދިބޮޑު އެންމެންނައް ޔަގީން ވޭ!!!!! ސަރުކާރު މީޑިއާ މިހާރު ސިފަވާނީ ޕީޕީއެމް ގެ އަމިއްލަ މިލްކެއްހެން....
ދޯރި
12 July 2018
މީ ދެން އެންމެންނަށް އެނގޭ ބޮޑު ސިއްރު. ޕީއެސްއެމްގެ ޗެނަލްތަކުން ނިވްސް ބާ އަށްވެސް މިހާރު ޔާމީނުގ ކެމްޕޭން ޚަބަރު ނޫން އެއްޗެއް ނުދައްކައެވެ. ޕީޕީއެމް ނޫސްކޮންފަރެންސްތައް ލައިވްކުރެެވެ. މިއީ ކޮން އުސޫލަކުން ކުރާ ކަމެއްތޯއެވެ. ޕީއެސްއެމްގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަގޮތާޢި ދިމާ އިދިކޮޅެެއެވެ. ފިޔަވަޅެއް ޅާނައެވެ.
ބުރުގާ
12 July 2018
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ކިޔައިގެން އުޅެނީވެސް ބޭރުގައުމުތަކުގެ ލޮލުގަ އަނދުން އަޅުވަން.
ކާސިމު'
12 July 2018
ބުރުގާ ތިބުނީ ވަރަށްބޮޑު ތެދެއް. މަގެ ދީނޭ މަގެ ގައުމޭ ސައްތައިން ސައްތައޭ ކިޔަނީ އޮޅުވާލަން.