ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ސިޔާދު ހާޒިރު ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
19 ޖުލައި 2018 - 16:36
ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގައި ފަސް މަސް ވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ސިޔާދު ދޫކޮށްލީ، ބައެއް ޝަރުތުތަކާ އެކުގަ އެވެ.
އެ މައްސަލާގެ ޝަރީއަތް ނިމެންދެން ސިޔާދް ބަންދުކުރަން މާޗު 21 ގައި އަމުރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެޕާޓްމެންޓްތައް ގަތުމަށް ފައިސާ ދެއްކި ކަމަށް ބުނާ ލިޔުން އަދިވެސް ދައުލަތަށް ނުލިބި އޮތުމުން އެކަން ސިޔާދުގެ ވަކީލުން ފާހަގަކުރެއްވުމުންނެވެ.
ދައުލަތުން ކުރިންސުރެ ބުނަމުން އަންނަނީ ދެ ފަނޑިޔާރުންގެ ނަމުގައި ބުކް ކޮށްފައިވާ ފްލެޓަށް ފައިސާ ދެއްކި ކަމުގެ ލިޔުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ލިޔުން ހޯދަން ކުރީގެ އަޑުއެހުމުގައި ދައުލަތަށް ފުރުސަތު ދީފައި އޮތުމުން މިއަދުގެ އަޑުއެހުމުގައި ވެސް ސިޔާދުގެ ވަކީލުން ވަނީ އެ ލިޔުންތަކާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރިމަތިކުރައްވައިފަ އެވެ. އެ ލިޔުންތަކަކީ މުޅި އެ ދައުވާ ބިނާ ކޮށްފައިވާ ހެކި ކަމަށް ވާއިރު، އެ ހެކި ހޯދަން މަސައްކަތް ފެށި ތާރީޚާއި އެކަން ގޮސްފައިވާ ހިސާބު ސާފުކޮށްދޭން ވެސް ސިޔާދުގެ ވަކީލުން އެދިވަޑައިގަތެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ ލިޔުންތައް ހޯދުމުގެ މަސައްކަތް މިދިޔަ މާޗް މަހުން ފެށިގެން ކުރަމުން އަންނަ ކަމަށާއި ބައެއް ލިޔުންތައް މެލޭޝިއާގެ އިދާރާތަކުން ހޯދިފައިވާ ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށެވެ.
ސިޔާދުގެ ވަކީލުން ވަނީ ހެކި ނުލިބެނީސް ދައުވާކުރީ ކޮން އުސޫލަކުންތޯ ވިދާޅުވެ، ފަސް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ސިޔާދު ބަންދުގައި މިހާރު ވެސް ހޭދަކުރައްވާފައިވާ ކަން ފާހަގަކުރައްވައިފަ އެވެ. އަދި ދައުވާ އުފުލުމަށް ފަހު ހެކި ހޯދުމަކީ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، ސިޔާދު ބަންދުން މިނިވަންކޮށް ދިނުމަށް ވަކީލުން އެދިވަޑައިގަތެވެ.
ދައުލަތުން ބުނީ ސިޔާދު ގޭ ބަންދަށް ބަދަލު ކުރިޔަސް، މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ސިޔާދުގެ ވަކީލުން އެދިވަޑައިގަތީ ވިޔަފާރީގެ ކަންކަމުގައި އުޅުއްވޭނެ ފަދަ ގޮތަކަށް ސިޔާދު އެއްކޮށް މިނިވަންކޮށްދިނުމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށް ފަހު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ ލިޔުންތައް ލިބޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ދައުލަތަށް ނޭނގޭތީ ސިޔާދް ބަންދުން ދޫކޮށްލުމަށެވެ. އެކަމަކު މާލެއިން ބޭރަށް ވަޑައިނުގަތުމަށާއި އެޑްރެސް ބަދަލުވާ ނަމަ އެކަން އެންގެވުމާއި ކޯޓުން ފޮނުވާ ޗިޓްތަކާ ހަވާލުވުމަށް އިސް ގާޒީ ޝަރުތުކުރެއްވި އެވެ.
ސިޔާދު ބަންދުން މި ދޫކޮށްލީ ގާސިމަކީ ކޯޓުތަކުގައި ހިންގަވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވަޑައިގަންނަވަން ފަރިތަ ބޭފުޅެއް ކަމަށް މިއަދު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. ގާސިމަށް އަމާޒުކުރައްވައި، ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި "ގާސިމަކީ ކޯޓު މަރުހަލާއަށް ފަރިތަ ބޭފުޅެކެ"ވެ.
އެކަމަކު އެގޮތަށް ގާސިމް ސިފަކުރެއްވީ ސިޔާދުގެ މައްސަލަ ނަންގަވައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި ރައީސް އިޝާރަތްކުރެއްވީ ގާސިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ހުކުމުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަތުމުގެ މައްޗަށެވެ.
"ގާސިމަކީ ކޯޓު މަރުހަލާ އަށް ފަރިތަ ބޭފުޅެއް. ކޯޓުތައް ހުރި ތަން، ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް. އެހެންވީމަ ތިން އަހަރުގެ ހުކުމެއް އައުމާ ގުޅިގެން މައުސޫމް ކަމަށް ވާ ނަމަ، ކުށުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
mw 108
22 July 2018
ތިޔައީ ކާންދީފައި ކަތިލުން . ކޮންމެމީހަކަށްވެސް ވެފައިހުރީ މިގޮތަށް . ފުރަތަމަ ގެންދާނީ ޖަލަށް ، ދެން ދޫކޮށްލަފާނެ . އޭގެފަހުގައި މުޅިން އާމައްސަލައަކާއެކު ޖަލުގެ ތޭރުތަކުތެރެއިން ފެނިގެންދާނީ . މީ ކައްޕި މިހާތަނަށް ކަންކޮށްފައި ހުރިގޮތް ؛ ވިސްނާ ފިކުރުކުރާބަޔަކަށްހުރި ޢިބުރަތެއް.
އެމްސް
20 July 2018
ބޭއިންސާފުން ލިބުނު އަދަބުގެ ބަދަލަކީ ކޮބައިބާ؟ ޙުކުމް ނުކޮށް އަދަބުދިނުން މިހާރަކަށް އައިސް ޢާއްމު ކަމަކަށް ވެއްޖެ!
ޢަގު
21 July 2018
ސިޔާދަކީ މިހާރު ސިޔާސީލިޑަރ އަކައް ވެއްޖެ. ޢެއީ ކިހާބޮޑު ފައިދާއެއް
ނެޝަނަލިސްޓް
19 July 2018
ވަރަށް ރަގަޅު! ސިޔާދު ގާސިމަކީ އެއްވެސް ގާނޫނީ ހަމައަކުން ބަންދު ކުރެވިފައި ހުރި މީހެއް ނޫން!
ޔަގީން18
19 July 2018
މިއޮތީ ސާބިތުވެފަ ނުހައްގުންކަން މިހާދުވަހު ޖަލުގައި ސިޔާދު ބެހެއްޓީ.
މަންސޫރު
19 July 2018
މިވަރުގެ ގައުމެއްގައި އަދިވެސް އެ ގޮވަނީ މަރުގެ ހުކުމް ކޮބައިހޯ. ފުރަތަމަ މަރާލާފައި ދެން ދެއްތޮ ހެކި ހޯދާނީ؟
އަތްފުނާ
19 July 2018
ސިޔާދު ސްކޫލްގައި އުޅުނުއިރު އެހުންނަ މަޑުމައިތިރިކަން ފާހަގަ ކުރެވޭ އަދި އިންޓަވަލް ގަޑީގައި އަބަދުވެސް ހަރަދުކުރަނީ ސީދާ ސިޔާދުގެ އަތުން އަދި ފަހުން ބިޔަ ވިލާ ކުންފުނީގެ އެމްޑީ.ކޮންމެ ގޮތަކުންވިޔަސް ހަގީގަތެއްނެތް ތަހުމަތެއްގައި ބަންދުކޮށްފައި ބެހެއްޓި ބެހެއްޓުމުން ސިޔާދު އަށް ތާއިދު ކުރާ ރައްޔިތުންތަކެއް މި ރާއްޖޭގައި މިހާރު އެބަތިބި
ރިޔާސީ
19 July 2018
ޔާމީން، ޝަހީމް، ޤާސިމް 2018
މޮޑަފްް
19 July 2018
ހަނދާންކުރާތި. މިފަހަރު ގާސިމް ބުންޏަސް ރައްޔިތުން ޔާމީނަކަށް ވޯޓެއްނުލާނެ.
ރެޓޭ
19 July 2018
ގާސިމްބޭ ޑީލް ހަދަނީ!
ހުއްބުލް ވަތަން
19 July 2018
މިވަރު އަދުލުވެރި ކޯޓެއް މި އުޑުދަށުގަވެސް ނެތް ދޯ މިހާރު؟