ހުޅުމާލެ: ނުރައްކާތެރި މާރާމާރީތައް ހިނގާ -- ފޮޓޯ: މިހާރު
22 ޖުލައި 2018 - 16:28
ހުޅުމާލޭގައި އިއްޔެ ހިންގި މާރާމާރީއެއްގައި ގައިގެ ފަސް ތަނަކަށް ވަޅި ހެރުމުގެ ސަބަބުން ޒަހަމްވި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކޮށްފި އެވެ.
އިއްޔެ އަސްރު ނަމާދު ވަގުތުގައި ހުޅުމާލޭ ވަގުތީ މިސްކިތް ކައިރީގައި ހިންގި މާރާމާރީގައި ޒަހަމްވީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް ބަދަލު ކުރީ އިއްޔެ އިރު އޮއްސެނިކޮށެވެ. އެ ޒުވާނާ މާލެ އަށް ބަދަލު ކުރީ އޭނާގެ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން، އެކަން އިތުރަށް ބެލުމަށްޓަކައި ސީޓީ ސްކޭނެއް ވެސް ހަދަންޖެހުމާ ގުޅިގެން ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޒުވާނާގެ ހާލު މިހާރު ރަނގަޅެވެ. ނަމަވެސް އަދި އޭނާ ހޮސްޕިޓަލުން ދޫ ނުކޮށްލާ ކަމަށާއި، އިތުރު ފަރުވާ އަށްޓަކައި އެޑްމިޓް ކޮށްފައިވާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ހުޅުމާލޭގައި މާރާމާރީއެއް ހިންގި އެވެ. އެ މާރާމާރީގައި ހަތް ތަނަކަށް ވަޅި ހަރައިގެން ޒަހަމްވި 24 އަހަރުގެ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އޮފީހުން ބުންޏެވެ. އެ ޒުވާނާ ވެސް އަދި ހޮސްޕިޓަލަކުން ދުލެއްނުކޮށްލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy