ޑރ. ޝަހީމް މިއަދު މާމެންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.
27 ޖުލައި 2018 - 23:13
ދިވެހިންގެ ތެރޭގައި އޭނާއާ އިދިކޮޅު ބަޔަކު ނުތިބޭނެ ކަމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން، އެންމެ ފަހު ރަށް އަދި ޝަހީމް އުފަން މާމެންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ، ދިވެހި ހުރިހާ ރައްޔިތުންނަކީ ވެސް އޭނާއާ އެއްކޮޅު މީހުން ކަމަށެވެ.
ޚިޔާލު ތަފާތުވާ މީހުން ވެސް އޭނާ އަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ގައުމު ތަރައްގީ ކޮށްދެއްވާނެ ކަމަށް ޝަހީމް މިރޭ ވައުދުވެވަޑައިގަތެވެ.
Dr. Shaheem ge ufan rashun hoonu maruhabaa eh
The most trusted news source in the Maldives
Mihaaru
ޝަހީމް މާމެންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެއްނެވުން--
"އަހަރެންނަށް އިދިކޮޅު ޕާޓީއެއް ނޯންނާނެ. އިދިކޮޅު މީހުން ނުތިބޭނެ. އަހަރެންގެ ކޮޅަށް އަރަން އެދެން. މި ގައުމު ތަރައްގީ ކުރާނަން." ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ކޮލަމާފުއްޓަށް ވަޑައިގެން، އެމްޑީޕީގެ ސަޕޯޓަރަކާ އެކު ފޮޓޯއެއް ނަންގަވަނީ.
ގއ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރު ގައި ލިބިވަޑައިގެންނެވި ތަރުހީބު ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ، ވަރަށް ބޮޑު އަޣުލަބިއްޔަތަކުން "ލަކިލަކި ޖަހާފައި" ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
"އަހަރެން މިދަތުރު ނިންމާލަން މި އައީ ވަރަށް އުފަލާ އެކު. އަހަރެން މާލެ އިން ފުރައިގެން މި އައީ ވަރަށް އަޒުމާ އެކު. އަހަރެންނަށް ޔަގީން ވެއްޖެ މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަން." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ އުފަން ރަށް މާމެންދޫ ގައި މިރޭ ބޭއްވި ޖަލްސާ ގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ.
އެ ދަތުރު ގައި އެތަކެއް ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު، އެ މީހުން އެދުނު ކަންކަން ރައީސް ޔާމީނަށް ދައްނަވާނެ ކަމަށާއި އެ ކަންކަން ރައީސް ކޮށްދެއްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަކީ ހުރިހާ ރައްޔިތުންގެ ރައީސެވެ. އަދި ވިދާޅުވީ، އިސްލާމް ދީން ނައްތާލުމުގެ އެއްވެސް އަމަލެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށާއި ރައީސްގެ އާއިލާ އަކީ ވެސް އެ ދީނަށް ލޯބި ކުރައްވާ ބޭފުޅުންތަކެއް ތިއްބެވި އާއިލާ އެއް ކަމަށެވެ.
"އިސްލާމް ދީނަށް ގެއްލުން ވާނެ ކަމެއް ރާއްޖޭގެ ރައީސް ނުކުރައްވާނެ. އެމަނިކުފާނުގެ އާއިލާ އަކީ ވެސް މާޒީގައި ވެސް އިސްލާމް ދީނަށް ހިދުމަތް ކުރައްވާފައިވާ އާއިލާއެއް. އެމަނިކުފާނުގެ ބައްޕާފުޅު ވެސް. އެމަނިކުފާންގެ އަނބިކަނބަލުން [ފާތިމަތު އިބްރާހިމް] އަކީ ވެސް ވަރަށް ދީނަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. އެމަނިކުފާނުގެ ދަރިންނަކީ ވެސް ދީނަށް އިހުތިރާމް ކުރައްވާ، ގަދަރު ކުރައްވާ ބައެއް،" ރައީސް ޔާމީންގެ އާއިލާ އަށް ތައުރީފު ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ އުފަން ރަށް މާމެންދޫ ގައި އޭނާ މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ ގައި ބައިވެރިވެރިވި ބައެއް މީހުން.
އިސްލާމް ދީނުގެ އަދާވާތްތެރިންނާ ގުޅިގެން އުޅެން ބޭނުން ނުވާ ކަމަށާއި އެއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އިރާގާއި ސީރިއާ ފަދަ އިސްލާމީ ގައުމުތައް ދީނާ ދެކޮޅު ގައުމުތަކުގެ ރޭވުންތަކުން ފަނާކޮށްފައިވާ ކަމަށް ވިދާޅުވެ އެ ފުރުސަތު ނުދިނުމަށް ޝަހީމް ގޮވާލެއްވި އެވެ.
ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ދޭން ޖެހޭ އެއް ސަބަބެއްގެ ގޮތުގައި ޝަހީމް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ނެތް އެތައް ޚިދުމަތެއް އެމަނިކުފާނުގެ ސަރުކާރުން ފެށުމެވެ. އެގޮތުން، އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދުމާއި އަރަބި އަދި އިސްލާމީ، އެންމެ މަތީ ތައުލީމް ރާއްޖޭގައި ތިބެގެން ހާސިލް ކުރުމުގެ ފުރުސަތު ރައީސް ޔާމީން ހޯއްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ގުރުއާން ހިތުދަސް ކުރާ މީހުންނަށް ގައުމީ ފެންވަރެއްގެ އިނާމް ދޭން ފެށީ މި ސަރުކާރުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެ ގޮތުން ރައީސް ޔާމީންގެ ސަރުކާރު ގައި އެ ފަދަ ކަންކަން އެބަހުރި ކަމަށް ޝަހީމް ވިދާޅުވި އެވެ. އެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ރިޔާސީ ދެވަނަ ދައުރުގެ ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސެވި ފަހުން، އޭނާގެ ފުރަތަމަ ކެމްޕެއިން ދަތުރުގައި ގއ. އަތޮޅުގެ ހުރިހާ ރަށެއްގެ ގިނަ ގޭގެ އަށް ވަޑައިގެން ރައީސް ޔާމީނަށް ވޯޓު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
29 July 2018
ނޫނެކެވެ، ސަހީމް އެވެ، އެއް އިރެއްގައި އަޅުގަނޑު ސަހީމްއަށް ވަރަށް ތާއީދު ކުރީމެވެ، ދެކޮޅުވެރިއެއް ނުވަމެވެ، ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުންނެވެ، ނަމަވެސް ސަހީމް އާއި އަޅުގަނޑުގެ ޚިޔާލް ތަފާތުވައި ހިސާބަކީ އިލްމުވެރިއެއްގެ ތާޖް އަޅުއްވައިގެން ސިޔާސީ ރަންޑިން އުޅޭހެން އުޅެންފެށި ހިސާބުންނެވެ. މިއަދު ސަޙީމް އާއަޅުގަނޑު ދެކޮޅުވެރިވަމެވެ، މިއީ ދިރިހުރި މިސާލެކެވެ، ސަޙީމް އަޅުގަނޑުމެންނަށް ދައްކައިދިނީ ދީނީ އިލްމުވެރިއެއްގެ ކިބައިން ފެންނަން ޖެހޭނެ ކަންކަމެއްނޫނެވެ، އަޅުގަނޑުގެ ވިސްނުމުގައި ދީނީ އިލްމުވެރިން ތިބެން ޖެހޭނީ ވަކިމަގާމެއްގައެވެ، އަބަދުވެސް ދީނީ ގޮތުން ހައްގުބަސް ބުނެވޭނެ ހިސައިބެއްގައެވެ، މިއަދުގެ ދުނިޔޭގައި ޚަރާބުވެފައިވާއި ވެރިކަންތަކުގެ ކޮއިލްތެރެއަށް ވަނުމަކުން ދީން ހިމާޔަތެއް ނުކުރެވެއެވެ، އޭގެ ބަދަލްގައި ދީނަށް ލިބެނީ އިހައިނެތިކަމެވެ. ތިފަދަ ބޭފުޅުން ބަދަލް ވަނީ ޕަޕެޓުން ތަކަކަށެވެ.
އަޙުމަދު
29 July 2018
ޝޭޚް ޑޮކްޓަރ ޝަހީމުއާއި ދެކޮޅުމީހަކު ނުހުރެފާނެ. އެއީ ދީނީ ޢިލްމުވެރިއަކަށްވާތީ ކުރާ އިޙްތިރާމެއްގެ ގޮތުން. ނަމަވެސް ވޯޓަކީ ރައްޔިތުންގެ ޙައްގެއް. އެލާނެގޮތެއް އެނގޭނީ ރައޔިތުންނަށް.
ޛާނިމް
29 July 2018
ވަރައް ރަނގަޅު ވާހަކައެއް އިދިކޮޅު ވެއްޖެޔާ ތިބޭނީ ޖަލުގަ.
ramzy
29 July 2018
މަގޭ ވޯޓު ބޭނުމީއްލާ އެކެނޑިޑޭޓަކު މަކައިރީ އެވާހަކަ ބުނަން ޖެހޭނީ މަންދޫބުން ބަލައިނުގަނެވޭނެ މީމަގޭ އުސޫލު
ޢޙަމީދު
28 July 2018
ހާދަހީކުރީމޭ ބުއްދިވެރި ވާހަކަ ދައްކާނެ އިލްމުވެރިއެއް ކަމަށް - ދެކޮޅުވެރިކަމެއް ދުވަހަކުވެސް ނުފެންނާނެ, ވޯޓު ސިއްރު
ބާލައާދަނު
28 July 2018
އެއްކޮޅު މީހުންނެއްވެސް ނުތިބޭނެ. ސިޔާސީ މީހުންގެ ސިޔާރެއް ތީ. ސިޔާސީ މީހުންގެ އެއްކޮޅު މީހުންނެއްވެސް އިދިކޮޅު މީހުންނެއް ވެސް ނުތިބޭނެ. ދަންނަން ތިކަން. ޝަހީމް އަކީ މިހާރު ސިޔާސީ މީހެއް.
ޥަސް
28 July 2018
ޢެތިކަލް ކުރައިޓީރިއާ އިން ވަނީ ބޮޑުތަނުން ފެއިލްވެފަ. ސޮރީ ވޯޓް ދެވޭކަށް ނެތް!
މަރީ
28 July 2018
ހިތުން މާ މޮޅު ވާހަކަ ދެއްކިޔަސް އެންމެންނަކީ މޮޔައިންނެއް ނޫން. ދީނީ އިލްމުވެރިޔަކަށްވެ ހުރެ އަނިޔާވެރިކަމާ އެއްކޮޅަށް ނުކުމެ ހުރެ އަދިވެސް ތިބަލަނީ އެހެން މީހުން ސޭކު ހެއްދޭތޯތަ؟ ތިކަހަލަ މީހުނާ ދެކޮޅުވޭނެ އިސްލާމްދީނަށް ލޯބިކުރާ ކޮންމެ މީހަކުވެސް.
ބީކޭކޭ
28 July 2018
އެބަތިބި! އިތުރުފުޅު ނަހައްދަވާ! އަހަރެންމީ ދިރިހުރި މިސާލެއް! އަހަންނެއް ނުހެއްދޭނެ ކޮންމެވާހަކައެއް ދެއްކިޔަސް ތާއިދެއްވެސް ނުކުރާނަން ވޯޓެއްވެސް ނުދޭނަން!
ހައްވާގެތެލެފޯނާާ
28 July 2018
އަނިޔާވެރިކަމާ ފަސާދަވެރިންނާ އެއްކޮޅަށް ވޯޓް ދިނުން އެއީ އިންސާނީ ވިސްނުމަށް ކުރެވޭ މަލާމާތެއް! ވަރަށް ބޮޑަށް ސޮރީ ޝަހީމް