ރައީސް ޔާމީން މަޑަވެލީގެ ބަނދަރު ހުޅުއްވައި ދެއްވަނީ. --ފޮޓޯ/ރައީސް އޮފީސް
07 އޯގަސްޓް 2018 - 15:48
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަންނަވަނީ މި ސަރުކާރުން ރައްޔިތުންނަށް ފުރިހަމަކޮށްދީފައި ހުރި ޚިދުމަތްތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގދ. މަޑަވެލީގައި ވިދާޅުވެއްޖެ އެވެ.
މަޑަވެލީގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ނުކުރާ ކަމެއް ކުރައްވަން އިދިކޮޅުގެ ކެންޑިޑޭޓު ވައުދުވެވަޑައިނުގަންނަވާ ކަމަށެވެ. މިސާލެއް ދައްކަވަމުން، ރައީސް ވިދާޅުވީ އެމަނިކުފާނު ބަނދަރު ހެއްދެވުމުން އެ ބަނދަރުން ރަށަށް އަރާވަޑައިގެން އެ ރަށުގައި ބަނދަރު ހައްދަވައި ދެއްވާނެ ކަމަށް އިބޫގެ ކެމްޕޭންގައި ވިދާޅުވާ ކަމަށެވެ.
ރައީސް ޔާމީން މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
ރައީސް، އިބޫ އަށް ފާޑު މި ވިދާޅުވީ، ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަނިކޮށް، ވެރިކަމާ ހަވާލުވެވަޑައިގެން އެ ރަށުގައި ނަރުދަމާ ގާއިމުކޮށްދެއްވަން ވައުދުވެވަޑައިގަތުމުންނެވެ. އެއީ، މި ސަރުކާރުން ކުރިއަށް ގެންދާ 30 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ވަޒީރުން ވެސް ގެންދަވަނީ އިބޫގެ އެ ވައުދަށް ފާޑުވިދާޅުވަމުންނެވެ.
Th.Veymandhoogai nauradhmaage amalee masyikai mihaaruves RY Sarukaarun kuramun dhanee. MDPge riyasee candidate @ibusolih rahrasha vadaigannavaairu RY ge sarukaarun kohfahuri adhi kuramungendhaa masyikathuge mauloomathu https://t.co/5IKI6v0jgN in balavaalevun muhimmu.@Mihaarunews pic.twitter.com/5F0FR7713Q
— Thoriq Ibrahim (@Thoriqibrahim) August 6, 2018
ވޭމަންޑޫގައި ނަރުދަމާ ގާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވުމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް ފާޑުވިދާޅުވެފައި.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ތަރައްގީގެ ގިނަ ކަންކަން ފުރިހަމަކޮށްދީފައި އޮތުމުން، އިދިކޮޅުން އިތުރަށް ކުރާނެ ވައުދު ވަނީ ހުސްވެފަ އެވެ.
"އަޅުގަނޑު [ވާހަކަ ދައްކާފައި] ފައިބާ ތަނުން، އިދިކޮޅު ކެންޑިޑޭޓު ވެސް މި ރަށަށް ވަޑައިގަންނަވާނެ ކަންނޭނގެ. އަޅުގަނޑުގެ ސަރުކާރުން ހަދައިދިން ބަނދަރުން އެމަނިކުފާނު ވެސް މި ރަށަށް އަރުއްވާނީ. މި ރަށުގެ ރައްޔިތުންގެ ނަސީބު ރަނގަޅިއްޔާ ހަމަ ވިދާޅުވާނެ ބަނދަރެއް ހައްދަވައި ދެއްވާނަމޭ. މިއީ، އަޅުގަނޑުމެންގެ ކަންކަން ހުރި ވަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭން ތަފްސީލާއެކު ބޮޑު މަޝްރޫއެއް އިއުލާން ކުރެއްވުމުން، އެކަން ކޮށްދޭނެ ކަމަށް އިދިކޮޅުން ވެސް ބުނަމުން އަންނަ ކަަމަށެވެ. ބަނދަރާއި ނަރުދަމާ ގާއިމްކުރުން ފަދަ މަޝްރޫއުތައް އެމަނިކުފާނު ނިންމުމުން، އެކަން ތަކުރާރުކޮށް ވައުދުވުމަކީ އިދިކޮޅު މީހުންނަށް ކުރެވެން އޮތް ވަރު ކަމަށް ރައީސް ވިދާޅުވި އެވެ.
- އެމްޑީޕީގެ ސަރުކާރުގައި މަޑަވެއްޔަށް ކޮށްދިން ކަމެއް، ކުރި ޚަރަދެއް ނެތް. މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 139 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގި.
- ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމި، ދެން އޮތީ ނަރުދަމާ ގާއިމްކުރުން. އެ މަޝްރޫއު ނިމޭއިރު މި ރަށަށް ކުރި ޚަރަދު 150 އަށް ވުރެ އިތުރުވާނެ.
- މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅުވައިދިނީ ދެ ރަށުގެ ރައްޔިތުންގެ ފަސޭހައަކަށް.
- މަޑަވެލިން، 2013 ގައި އަޅުގަނޑަށް، 70 ޕަސެންޓު ލިބުނު. މި އިންތިޚާބުގައި 90 ޕަސެންޓް ނުދޭންވީ ސަބަބެއް ނެތް.
- ހޯނޑެއްދޫގެ ބަނދަރު ހަދަން ބޭނުންވާ ފައިސާ ހަމަޖެހިއްޖެ. އެ ރަށުގެ ނަރުދަމާގެ ވެސް ފައިސާ އޮތީ ކަށަވަރުވެފައި. ނަރުދަމާ އަޅަން ޕްލޭންކޮށްފައިވާ 20 ރަށުގެ ތެރޭގައި ހޯނޑެއްދޫ ހިމެނޭ.
- ޓޫރިޒަމަށް އެނދުތައް އިތުރުކޮށް، ޖީބުތައް ތަނަވަސްކޮށްދޭނަން.
- އިދިކޮޅުގެ ޖަޒީރާ ކޮންސެޕްޓުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. ތަރައްގީ އޮތީ، އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ސަރުކާރުގެ ކުންފުނިތައް ބާރުވެރިކޮށްދީގެން މަޝްރޫއުތައް ހިންގަން ފުރުސަތުދީގެން.
- ކަންކަން ހައްލުކުރުމަކީ ރޮކެޓް ސައިންސެއް ނޫން، މާލޭގެ ކުނިގޮނޑު މައްސަލަ ވެސް އެ އޮތީ ހައްލު ހޯދައި ދީފައި. މި ސަރުކާރަކީ ވައުދު ފުއްދައިދޭނެ ސަރުކާރެއް.
ރައީސް ޔާމީން މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދުއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅުގެ އެމްޑީޕީގެ ވެރިކަމުގައި ކަން ހިނގި ގޮތް ރައްޔިތުން ތަޖުރިބާކޮށްފި އެވެ. އެ ވެރިކަމުގައި، އެމްޑީޕީން ދަސްކޮށްދިނީ، ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ބިރުވެރިކަން އުފައްދައިގެން ކަންކަން ހާސިލްކުރަން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގިއިރު، އެންމެ ބިރުދެއްކި އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. ގާނޫނާ ޚިލާފުން އެތައް ކަމެއް ހިންގި ކަމަށާއި އެކަންކަން ހުއްޓުވީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންތިޔާޒް
08 August 2018
އާނ މަވެސް ޓީވީ ބަލަން އިނދެގެން މިހިތައްއަރަނީ ހަމަ ތިޔަހެން. ވަރަށް ހިނި އާދޭ. މޮޔަ އިބޫ.
ހަނާ
08 August 2018
ރަށެއްގައި ބަދަރެއް ހަދައިދެވިއްޖެއްޔާ އެއީ ދެން ލައްކަބޮޑު ތަރައްގީއެއް އެވާހަކަ ޖެހޭނެ އަހަރެއްވަންދެން ހުރިހާ މީޑިޔާތަކެއްގެ ފަލަ ސުރުޚީގައި ލިޔަން ހަމަ އަންތަރީސްވެއްޖެ މިމީހުނާހެދި ވޯޓުބޭނުންވީމާ 5 އަހަރުން 1 ފަހަރު ނޫނީ ރަށަކަށް އަރާނުލެވޭ އެވެސް ބަނދަރު މަތިން ނިންމާލާފަ ފިލަނީ އެއަށްވެސް ތަރައްގީ ކިޔަންވީނުން
ޢަބްދުﷲނާފިޒް
08 August 2018
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވެދުން ސަލާމަށްފަހު ވަރަށް އަދަބު އިޚްލާސްތެރިކަމާއެކު ދަންނަވަމެވެ. އަޅުގނަޑުމެން މިބަލަނީ މަނިކުފާނު ކޮށްދެއްވީ ކޮންތަރައްޤީއެއްތޯ، ނޫނީ އިބްރާހިމް ސާލިހު ކޮށްދެއްވާނީ ކޮން ތަރައްޤީއެއްތޯއެއް ނޫނެވެ، އަޅުގަނޑުމެން މިބަލަނީ ވައްކަމާ ކަރަޕްޝަނާ އަނިޔާވެރިކަމާ ދެކޮޅަށް ވޯޓުލެވޭނެ ގޮތެކެވެ. ސާފު ވެއްޖެ ދެއްތޯއެވެ، ވަރަށް ހެޔޮދުޢާ ސަލާމް.
ލިޕޭ
07 August 2018
އުންމީދެއް ކުރަންޏާ އެއުންމީދު ތަކުގަ ކުލަޖެހޭނެ ކަން ޔަގީންެ ކުރަން ރައިސްޔާމިިން އައް ވޯޓްދެއްވާ
ކޮކްޓެއިލްރައީސް
08 August 2018
2013ގަވެސް ދީފިން ، ދެން އަނެއްކާ ކޮންސަކަރާތެއް ޖަހާކަށް، ލައްކަ ތަރައްޤީވެސް ގެނެސްދީފި، ދައުލަތުގެ ތެރޭން ސިއްސައިގެން ދާވަރުގެ ބޮޑެތި ވައްކަންވެސް ކޮށްފި، އެހެންވީމަ ދެން އިތުރަށް ކުރަން ޖެހޭ ޓެސްޓެއް ނެތް، ދެން ފުދިއްޖެ ވަރަށް ސަލާމް.
ސަނަމް
07 August 2018
ބަލަ ކޮންކަމެއް ފުރިހަމަކޮށްދެވިގެން ތިޔައުޅެނީ. މާލެ ބަންގާޅިހާއްޔަކަށް ހެދިގެން. ދެންއޮތީ ނަންބަރ 2 ބަންގާޅި ހާލި ހުޅުމާލެ
ކާޖާ
07 August 2018
އަނގަ އޮތިއްޔާ ކާޅެއް ނުކާނޭ ބުނެއުޅެއެވެ. ވޯޓް ދޭން ނުޖެހޭ ސަބަބުތައް ލިސްޓް ކުރަންވިއްޔާ މިރޭ ހަތަރު ދަމުވެސް މަދުވާނެ.
ލަމް
07 August 2018
ހޫން އަހަރެމެނަށް މިތިބީ ހުރިހާކމެއް ފުރިހަމަވެފަ. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ކުލިދައްކާފަ. ވ.ފޫހިވޭ
ސިފާޒް ޖޯރޭ
07 August 2018
ރައީސް ޔާމީނާއެކު އުންމީދެއް ކުރަންޏާ އެއުންމީދު ތަކުގަ ކުލަޖެހޭނެ ކަން ޔަގީން ކުރަން
މަގުފުޅާޓިނު
08 August 2018
ތިޔަބުނާ މިންވަރަށް ކުލަޖެހި ނިމޭއިރު ރައްޔިތުންގެ ތިޖޫރި ހުރިތާ ހުންނަނީ ވަޅުގަނޑެކޭ، އޭތި ކަޑައޭ ބުރޯ.
ސިފާޒް ޖޯރޭ
07 August 2018
ރައީސް ޔާމީން އަކީ ތޭރީޖަވާނީއެއް
ބެނޭ
07 August 2018
ސާބަހޭ ރައީސް ޔާމީން. އިތުރު ދައުރެއް ފުރިހަމަކޮށް ނިމޭއިރު 2023 ގެ ފަހުން އިދިކޮޅު ފަރާތްތަކުން ވާކަށް އެއްވެސް ވައުދެއް ނޯންނާނެކަން ހަމަ ޔަގީން.