ހިތުގެ ބަލީގައި އަންހެން ޑޮކްޓަރުން ފަރުވާ ދޭ މީހުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި
08 އޯގަސްޓް 2018 - 07:35
ހާޓް އެޓޭކް ޖެހޭ އަންހެނަކަށް، އަންހެން ޑޮކްޓަރަކު ފަރުވާ ދޭ ނަމަ އެ މީހަކު ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި ނަތީޖާ އައީ 19 އަހަރު ތެރޭ، ހާޓް އެޓޭކް ޖެހުނު 580،000 މީހުންގެ މައުލޫމާތު އެއްކޮށްގެން ކުރި ދިރާސާއަކުންނެވެ. މި މީހުންގެ ތެރެއިން، ފިރިހެން ޑޮކްޓަރުން ފަރުވާ ދިން 13.3 ޕަސެންޓް މީހުން މަރުވެފައި ވާއިރު އަންހެން ޑޮކްޓަރުން ފަރުވާ ދިން މީހުންގެ ތެރެއިން މަރުވީ 12 ޕަސެންޓް މީހުންނެވެ.
މި ދިރާސާއިން އެހެން ކަމެއް ވެސް ފާހަގަވި އެވެ. އެއީ ފިރިހެން ޑޮކްޓަރަކު ފަރުވާ ދޭއިރު ވެސް، އެ ޑޮކްޓަރަކަށް އެހީވާ ޓީމުގައި އަންހެނުން ގިނަ ނަމަ، ބަލި މީހާ ސަލާމަތްވުމުގެ ފުރުސަތު އިތުރުވި ކަމެވެ.
މި ދިރާސާކުރި ޓީމުން ބުނީ މިހެން މި ދިމާވަނީ އަންހެނުންނަށް ފަރުވާ ކުރުމުގައި ފިރިހެނުން "ދަށް" ވުމުން ކަމަށް ބެލެވިދާނެ ކަމަށެވެ.
ޖުމުލަކޮށް މި ދިރާސާއިން އެނގުނީ ހިތުގެ ބަލީގެ ކޮންމެ މީހަކަށް ވެސް، އަންހެނަކު ފަރުވާ ދިނުމުން އެ މީހަކު ސަލާމަތްވުމުގެ ފުރުސަތު އިތުރުވި ކަމެވެ. އެކަމަކު އަންހެން ޑޮކްޓަރަކު އަންހެނަކަށް ފަރުވާ ދޭ ނަމަ މި ޗާންސް އަދި އެއަށް ވުރެ ވެސް ބޮޑަށް އިތުރުވާ ކަމަށް ދިރާސާއިން ދެއްކި އެވެ.
ފިރިހެން ޑޮކްޓަރުން ފަރުވާ ދިން 12.6 ޕަސެންޓް ފިރިހެނުން މަރުވި އިރު ފިރިހެން ޑޮކްޓަރުން ފަރުވާ ދިން އަންހެނުންގެ 13.3 ޕަސެންޓް މީހުން މަރުވި އެވެ. އަންހެން ޑޮކްޓަރުންނަށް މި ހިސާބު އަޅާކިޔުމުން، އަންހެން ޑޮކްޓަރުން ފަރުވާ ދިން ފިރިހެނުންގެ ތެރެއިން މަރުވި ފިރިހެނުންގެ ނިސްބަތް 11.8 ޕަސެންޓަށް އަދި އަންހެނުންގެ ނިސްބަތް 12 ޕަސެންޓަށް ދަށްވި އެވެ.
މިއީ އަންހެން ޑޮކްޓަރުންނާއި ފިރިހެން ޑޮކްޓަރުންގެ ގާބިލްކަން ވަޒަންކުރި ދިރާސާއެެއް ނޫން ކަމަށާއި މިހެން ދިމާވަނީ ކީއްވެކަން ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް، މި ދިރާސާކުރި ޓީމުން ބުންޏެވެ.
މި ދިރާސާ ޕްރޮސީޑިންސް އޮފް ދި ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި ވަނީ ޝާއިއުކޮށްފަ އެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާން
09 August 2018
އުފެދުމުގަވެސް އަންހެނުންނަކީ ހިތުގައި ލޯތްބާ ކުލުނު އިރުބަޔަކަށްވާތި ކަމަށް ލަފާކުރެވޭ