ރިޕޯޓް / ސިއްހަތު

ޑރ. ޝާފިއުގެ އާދޭސް: އިތުބާރުކުރޭ! ފަރުވާކޮށްދޭނަން!

ޑރ. ޝާފިއު "މިހާރު"އަށް އިންޓަވިއު ދެއްވަނީ: ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ޑޮކްޓަރުންނަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެންނެވި-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.

އެކަމަކު އެފަދަ މީހުންނަށް، ރާއްޖޭގެ ފުރަތަމަ އަދި މިވަގުތު ހުރި ހަމައެކަނި ހިތުގެ އޮޕަރޭޝަން ޑޮކްޓަރު، މުހައްމަދު ޝާފިއު ވިދާޅުވާން އޮތީ މިހެންނެވެ.

"ބުޅި ކަނޑައިގެންދާނީ ބޮޑު ކަންނެލި ބާނާ މީހުންގެ އަތުންނެވެ. ކޮރަކަލި ބާނާ މީހުންގެ އަތުންނެއް ނޫނެވެ. ހެއްދެވި ފަރާތަށާއި ޑޮކްޓަރުންނަށް އިތުބާރު ކުރާށެވެ. ބޮޑެތި އޮޕަރޭޝަންތައް، ކާމިޔާބު ކުރެވޭ ވަރަށް ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު ކުރިއަރައިފި އެވެ."

އެކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ޔަގީންކޮށްދީފަ އެވެ. ހިތުގެ ނާޒުކު، ބޮޑު ދެ އޮޕަރޭޝަނެއް ކޮށް ކާމިޔާބުކަމާ އެކު ނިންމާލި އިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަން ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މިއީ ފަހު ފަހަރު ނޫން ކަމާއި އެއަށް ވުރެ ބޮޑެތި އޮޕަރޭޝަންތައް ވެސް، ދިވެހި ޑޮކްޓަރުންނަށް ކުރެވޭނެކަމުގެ ޔަގީންކަން ޑރ. ޝާފިއު ދެއްވި އެވެ.

ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަން

ބައިޕާސް އޮޕަރޭޝަން ކުރެއްވި އޭޑީކޭގެ ޑޮކްޓަރުންނާއި ނަރުހުން-- ފޮޓޯ: އޭޑީކޭ

އުމުރުން 25 އަހަރުގެ ފާތުމަތު ހުދާ (އަސްލު ނަމެއް ނޫން) އުތުރުގެ ރަށަކުން މާލެ އައީ، ހިތުގެ ޓެސްޓުތަކެއް ހެދުމަށެވެ. އެކަމަކު އޭޑީކޭއިން ހެދި ޓެސްޓުތަކުން، އޭނާއަށް "ރުމެޓިކް ވެލްވް ޑިޒީޒް" ކިޔާ ބައްޔެއް ޖެހިފައި ހުރިކަން އެނގުނެވެ. ހިތުގެ އެންމެ މުހިއްމު އެއް ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ދުޅަވީ އެވެ. ކުޑައިރު ޖެހުނު އާދައިގެ ރޯގާއަކާއި ހުމަކުން އުފެދުނު ބެކްޓީރިއާއަކުން ޖެހުނު އެ ބަލި އޭނާގެ ހަށިގަނޑުގައި ދެމިގެން ދިޔަތާ އެތައް އަހަރެއް ވީ ނަމަވެސް ބަލި ދެނެގަނެވުނު އިރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ހިތް ފަޅާލައިގެން އޮޕަރޭޝަން ކޮށްގެން ނޫނީ އެކަން ހައްލުނުކުރެވޭ ވަރަށް އޭނާގެ ހާލަތު ވަނީ ގޯސްވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިތުގެ އޯޕަން ސާޖަރީއެއް ކޮށްފައި ނެތުމުން، އޮޕަރޭޝަން ކުރުމަށް ހުދާއަށް ބޭރަށް ދިޔުމުގެ އިހްތިޔާރު ވެސް އޮތެވެ. އެކަމަކު އޭނާ ހިޔާރުކުރީ އޭޑީކޭގެ ޑޮކްޓަރުންނެވެ.

"އަޅުގަނޑަކަށް ނޭނގެ އޭނާ އަޅުގަނޑު ހިޔާރުކުރި ސަބަބެއް. ބޭނުން ނަމަ އޭނާއަށް ބޭރަށް ވެސް ދެވިދާނެ. އެކަމަކު އޭނާ ކުރި އިތުބާރަކީ، އޮޕަރޭޝަނުގައި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކޮންފިޑެންސެއް،" ހިތުގެ ނާޒުކު އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑރ. ޝާފިއު ވިދާޅުވި އެވެ.

ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން އެކަތި ނަގައި މަސްނޫއީ ވޭލްވްއެއް ލެއްވުމަށް، އެންމެ ފުރަތަމަ ހިތް ހުއްޓުވާލަން ޖެހެ އެވެ. މި ބޮޑު އޮޕަރޭޝަން ކުރާއިރު ހިިތުން ހަށިގަނޑަށް ލޭ ފޮނުވުމުގެ މަސައްކަތް ކުރުވަނީ އެކަމަށް ހާއްސަ ޕަމްޕަކުންނެވެ. އެ ޕަމްޕް އޮޕަރޭޓްކުރަން އެކަމަށް ހާއްސަ ވަކި ޑޮކްޓަރަކު ވެސް ހުރެ އެވެ.

ޑރ. ޝާފިއު "މިހާރު"އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު

ހިތް ހުއްޓުވާލަނީ ބައިވަރު ބޭސްތަކެއް ދީގެންނެވެ. އެކަމަކު އޮޕަރޭޝަނަށް ފަހު، އަލުން ހިތް "ރީސްޓާޓް" ކުރުމަކީ، ޑރ. ޝާފިއު ވިދާޅުވި ގޮތުގައި، ޑޮކްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫނެވެ. ކުރިމަތިވެފައިވާ މައްސަލަ ހައްލުވުމުން، ބޭހުގެ އަސަރު ކެނޑި، މަޑުމަޑުން ހިތް ތެޅެން ފަށާނެ އެވެ. އޮޕަރޭޝަނަށް ފަހު ހިތުގެ ހިނގުން އަލުން ހިނގައިގަންނަންދެން ޑޮކްޓަރުން ވެސް ޖެހޭނީ، ﷲއަށް ވަކީލުކޮށްލައިގެން، ތިބޭށެވެ.

އޭޑީކޭގެ މި އޮޕަރޭޝަނަށް ފަހު ތިން ކުދިންގެ މަންމަގެ ހާލު ރަނގަޅެވެ. ވާހަކަ ދައްކައި، ކައި ހަދަ އެވެ. އެކަމަކު ޑޮކްޓަރުންނަށް ހުދާ މި ކުރި އިތުބާރު، އެހެން މީހުން ވެސް ކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެދުމެވެ.

ޑރ. ޝާފިއު ވިދާޅުވީ ބައިޕާސް އޮޕަރޭޝަނުގެ އިތުރުން، 90 ޕަސެންޓް ހިތުގެ އޮޕަރޭޝަންތައް މިހާރު އޭޑީކޭގައި ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިތުގައި ލޯވަޅު ހެދިގެންނާއި ވިހާއިރު ހިތުގައި އައިބު ހުރެގެން ކުރާ އޯޕަން ހާޓް ސާޖަރީތައް ވެސް ހިމެނެ އެވެ.

ރާއްޖޭން ބޭރަށް ދާންވީ އެއްވެސް ސަބަބެއް ނެތް

ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވާ ވިދާޅުވެގެން، ޑރ. ޝާފިއު ރާއްޖެ ވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އެކަމަކު އައިޖީއެމްއެޗުގައި ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، އޭނާ އެނބުރި ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ކިޔަވާ ވިދާޅުވި އެއްޗެހީގެ ބޭނުން ނުކުރެވޭތީ އެވެ. ޝާފިއުގެ ބަހުން ނަމަ، ވަސީލަތްތައް ނެތުމުގެ ސަބަބުން "ޓަޗް" ގެއްލެން ފެށުމުންނެވެ. އެކަމަކު މޮޅެތި ޑޮކްޓަރުންނާ އެކު ރާއްޖޭން ބޭރުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ، އެ ވަސީލަތްތައް ގާއިމުކުރުމުގެ ނިޔަތާ ވެސް އެކުގަ އެވެ. ފަސް އަހަރު ފަހުން، އޭނާގެ އެ ހުވަފެން ހަގީގަތަކަަށް ވެއްޖެ އެވެ.

މިިހާރު އޭޑީކޭގައި ހުރި، ހިތުގެ އޮޕަރޭޝަންތައް ކުރުމުގެ ވަސީލަތްތައް، މި ސަރަހައްދުގެ ގައުމުތަކުގެ ގާބިލްކަމާ ވެސް އަޅާބަލާލެވެ އެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެތަނަށް ލިބުނުތާ ފަސް މަސް ވެއްޖެ އެވެ. އެކަމަކު ޑރ. ޝާފިއު ވިދާޅުވި ގޮތުގައި އޮޕަރޭޝަން ކުރަން އަންނަ މީހުންނަށް ވުރެ ގިނައީ، ރާއްޖޭން ބޭރަށް އެކަން ކުރަން ދާން، އާސަންދަ ފޯމު ހިފައިގެން އަންނަ މީހުންނެވެ. އެ ފޯމުގައި ސޮއިކުރަން އޭނާ މިހާރު ދެކޮޅު ހައްދަވަ އެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހަވާނެ އެހެން ގެންނަ ފޯމުތަކުގައި ސޮއިކޮށްލަން. އުފުލަން ޖެހޭނެ ޒިންމާއެއް ނެތް. އަޅުގަނޑުގެ ކޮޓަރީގެ ބޭރުގައި އިންނާނީ ހިތުގެ އޮޕަރޭޝަނުގެ ޑޮކްޓަރުގެ ނަން ބޯޑު. އަޅުގަނޑުގެ ގަދަރަކަށް ލަގަބަަކަށް އަންނާނެ ބަދަލެއް ނޯންނާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.

"އެކަމަކު ސުވާލަކީ، އެހާ ބޮޑު ރިސްކެއް ނަގައިގެން، އޮޕަރޭޝަން ކުރަން އަޅުގަނޑު ތައްޔާރަށް ހުންނައިރު ކީއްވެގެންތޯއޭ އެ މީހާ ބޭރަށް ފުރައިގެން ދާންވީ؟ އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވޭނެކަން. އެ ފަދަ ވަސީލަތްތައް އެބަހުރި. މިކަން އެނގި ހުރެ ކިހިނެއްތޯ އަޅުގަނޑު އެފަދަ ފޯމެއްގައި ސޮއި ކުރާނީ؟"

އޭނާ ވިދާޅުވީ އޮޕަރޭޝަން ކުރަން އަންނައިރު، ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދިނުމަށް ބަލިމީހާގެ އާއިލާއިން އެދޭ ކަމަށެވެ. އެކަމަކު ހިތާއި ސިކުނޑީގެ އެފަދަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ގެރެންޓީ ޑޮކްޓަރުންނަށް ނުދެވޭނެ ކަމަށާއި އެކަމުގައި ދެއްކޭނީ އޭނާއަށް ލިބިފައިވާ އިލްމާއި ޔަގީންކަން ކަމަށް ވިދާޅުވި އެވެ.

އޭޑީކޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަނުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގެ ބައެއް ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

"އެފަދަ ހާލަތްތަކުގައި އަޅުގަނޑު ވެސް އަދި ބަލި މީހާ ވެސް ޖެހޭނެ ގަޟާ ގަދަރަށް އީމާންވާން. ލިބެން ހުރި ވަސީލަތްތަކަށް ބަލައި ޑޮކްޓަރުން، އެ މީހުންގެ ގާބިލިއްޔަތުކަން އެންމެ ފުރިހަމައަށް ދައްކާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ މީހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދަން ދަނީ އިންޑިއާގެ އަމްރިިތާ ހޮސްޕިޓަލަށެވެ. އެކަމަކު އެތަނުގައި ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް، ރާއްޖޭން މިހާރު ލިބެން އެބަ ހުއްޓެވެ.

ޝާފިއު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެ ފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނީ، އެ ޔަގީންކަން އާއްމުން ޑޮކްޓަރުންނަށް ދިނުމުންނެވެ. މޮޅެތި ދިވެހި ޑޮކްޓަރުން ރާއްޖޭގައި ތިބި ނަމަވެސް، ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދާ ނަމަ، އެ ކޮންފިޑެންސެއް، ޑޮކްޓަރުން އަދި އާއްމުންގެ މެދުގައި ވެސް ނުއުފެއްދޭނެ އެވެ.

އޭޑީކޭގެ ކާޑިއެކް ޓީމުގައި އިސްކޮށް އުޅުއްވަނީ ދިވެހި ޑޮކްޓަރުންނެވެ. ހިތުގެ ޑޮކްޓަރުގެ އިތުރުން ހޭނައްތާ ޑޮކްޓަރުންނަކީ ވެސް ދިވެހިންނެވެ. އަަދި ގިނައީ ދިވެހި ނަރުހުންނެވެ. ކެންސަރުގެ ބައްޔަށް ހާއްސަ، ޑރ. މުހައްމަދު ޝިފާން އެބަ ހުންނެވި އެވެ. ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ފަރުވާ ދެއްވާއިރު ރާއްޖޭގެ ފުރަތަމަ ޔޫރޮލޮޖިސްޓެއް ވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ޑރ. ޝާފިއު ވިދާޅުވި ގޮތުގައި މިއިން ކޮންމެ ޑޮކްޓަރަކީ ވެސް އެ މީހެއްގެ ދާއިރާގައި ވަރަށް ކުޅަދާނަ މީހުންނެވެ. އެކަމަކު އެފަދަ މީހުން ކައިރިން ފަރުވާ ހޯދުމުގެ ބަދަލުގައި، ގައުމުގެ ބޮޑެތި މީހުންނާއި ސިޔާސީ މީހުން ވެސް ރާއްޖޭން ބޭރަށް ހިދުމަތް ހޯދަން ދިޔުމަކީ، ފަރުވާގެ ޔަގީންކަން އާއްމުންގެ މެދުގައި ދަށްވާ ސަބަބު ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރުންނަށް އެ މީހުންގެ ހުނަރު ދައްކަން ފުރުސަތު ނުލިބޭ ނަމަ، އެ ޔަގީންކަން އެ މީހުންގެ މެދުގައި ކުޑަވެ އެވެ.

"ޕޮލިސީ މޭކާސް ވެސް މިކަމުގައި މިސާލު ދައްކަންވީ. އޭރުން ދެން ތިބޭ މީހުން ވެސް ގަބޫލުކުރާނެ. ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދިޔުމުގެ ބަދަލުގައި، އެކި ދާއިރާތަކުން ޑޮކްޓަރުން ތަމްރީނު ކުރުން މާ މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ހިތުގެ އެންމެ ބޮޑެތި އޮޕަރޭޝަންތައް ރާއްޖޭގައި އެންމެ ފުރަތަމަ ކުރީ އަމިއްލަ ހޮސްޕިޓަލަކުން ނަމަވެސް، މިއީ ރާއްޖޭގެ މުޅި ސިއްހީ ދާއިރާއަށް ލިބުނު ފަހުރެކެވެ. ދިވެހިންނަށް ލިބުނު ކާމިޔާބީއެކެވެ. ކުރިއަށް އޮތީ އަދި މާ އުޖާލާ ދުވަސްތަކެކެވެ. އެކަމަކު މިކަން ކުރުމަށް ޑޮކްޓަރުން އެދެނީ ހިތުގެ އެންމެ ބޮޑު "ބަލި" ކަމަށްވާ އިތުބާރުނުކުރެވުމުގެ "ބަލި" ދޫކޮށްލުމަށެވެ.

37 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަހުލާ

17 August 2018

މިދާއިރާގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ޕާޓްޓައިމްކޮށް ޑޮކްޓަރުން ޑިޔުޓީގައި ތިބުން. ބަޔެއް ޑޮކްޓަރަކު ހެނދު 8 ން ރޭގަނޑު 11 އަށް ދިހަވަރަކަށް ތަނުގައި ޑިޔުޓީ އެބައަދާކުރޭ، ފަސްއަތަށް އަޅާލީމާ އިންނަވަނީ ވަރުބަލިވެ ރުޅިގަދަވެފަ، އޭޑީކޭގެ ހޮސްޕިޓަލުން މިހާރު އެވަނީ އެ ސަގާފަތްވެސް ދޫކޮށްލާފައި، އެތަނަށް މިހާރު ބޭނުންވަނީ ހަމައެކަނި ފުލްޓައިމް ޑޮކްޓަރުން، ޕާޓްޓައިމް ޑޮކްޓަރުން ބޭނުމެއް ނުކުރޭ، މީގެން މި ދައްކުވައި ދެނީ ސިއްޙީ ދާއިރާގެ މެނޭޖްމެންޓް ދާއިރާއިން ކިޔަވައިގެން ތިބި ބޭފުޅުންނާ ތަން ހިންގުން ހަވާލުކޮށްފައި ވެރިޔާ އެއަށް އަތްލައި ނުހަލުވާކަން، އައްފާލު ކަހަލަ ގާބިލް ބޭފުޅަކަށް ހޮސްޕިޓަލު ހިންގުން ހަވާލުކޮށްފައި އައްފާލުގެ ބަސް ނުވިކޭ ގޮތަށް ވެރިމީހާ އޭޑީކޭ ނާޝިދު ކަންކަން ނުކުރައްވާކަން، ނާޝިދު ކަހަލަ ވެރިޔަކަށް ހުރިހާ ބޭފުޅުން ވެއްޖެނަމަ މިހާުރު ހުރި ކްލިނިކްތައްވެސް ރާސްލާފައި ކުރިއަށް ޖެހިލާނެ،

The name is already taken The name is available. Register?

ޙާޖީ މޫސަ

17 August 2018

އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، މެޑިކާ ހޮސްޕިޓަލް އަދި އެތައް ބައިވަރު ނަމެއްގައި ކްލިނިކްތައް ރާއްޖޭގައި އެބަހުރި، އިގެންއަޅުގަނޑު ދަންނަވާނީ ބަލިމީހުންގެ އަތުން ބޮޑު ފީއެއް ނަގައިގެންނޭ މިއިން ކޮންމެ ތަނެއްވެސް މި ހިންގަނީ، ނަމަވެސް ލިބޭ ފައިސާއިން ބަލި މީހުންނަށް އިންވެސްޓްކޮށްގެން ނޫނީ ބަލިމީހުންގެ ބައްޔަށް ޒަމާނީ ފަރުވާ ނުހޯދޭނެ، އޭޑީކޭ ހޮސްޕިޓަލް އެ ދައްކައިދެނީ އެ ނަމޫނާ، ބާތަކެތި އުކާލައި ޒަމާނީ ޓެކްނޮލޮޖީ ގެނެސް ޒަމާނީ ބޭސްވެރިކަމަށް އެ ވަދެގެން ދިޔައީ، އޭޑީކޭ ނާޝިދު އެ ދައްކައިދޭ ސިއްޙީ ދޮރާށިތަކުން އެހެން ބޭފުޅުންނަށްވެސް ވަދެވުނީމަ ރާއްޖޭގެ ސިއްޙީ ނިޒާމު ނިކަން ފައްކާވާނެ، ތެންކިޔޫ ނާޝިދު

The name is already taken The name is available. Register?

މަރިޔަން އަލީ

17 August 2018

ޒަމާނުއްސުރެ ރާއްޖޭގައި ޚާއްސަކޮށް އައިޖީއެމްއެޗާމެދު އާންމުންގެ ތެރޭގައި އޮތް ސިއްޙީ ބިރުވެރިކަން އޭޑީކޭ ހޮސްޕިޓަލުން މިހާރު އެދަނީ ނައްތާލަމުން، މިކަމުގައި އަޒުމަށް ބަދަލު ނައިސް އޭޑީކޭ ހޮސްޕިޓަލުގެ ވެރިޔާ އޭޑީކޭ ނާޝިދު އެކުރައްވާ ހިތްވަރާއި ކުރައްވާ އިންވެސްޓްމެންޓް ތަކަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އާންމު އެހެން ފަރުދަކު ކުރައްވާ ވަރަށްބޮޑު އެތައް ގުނަ ބޮޑު އެއްޗެއް، ނާޝިދު ހޮސްޕިޓަލު އެހިންގަވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ޑިމާންޑުތައް ދިރާސާކުރާ ޓީމަކުން ދިރާސާ ކޮށްފައި، ހޮސްޕިޓަލު ކުރިއަރުވަން ހޭދަނުކުރައްވައި ނުވަތަ ބިރުން ހުންނެވިނަމަ އޭޑީކޭ ހޮސްޕިޓަލު އަދިވެސް ހުރީހީ މާލޭ ސެންޓްރަލް ހޮސްޕިޓަލުގެ ގޮތުގައި، ހަމައެކަނި ބޯޑު ބަދަލުވެފައި، ނަމަވެސް ތަފާތު އެ ދައްކަވަނީ ޙައިރާންވާހާ ބޮޑަށް

The name is already taken The name is available. Register?

އައިމިނާ

16 August 2018

ހހަގީގަތަށް ބުނާނަމަ ބުނަންޖެހެނީ ހަމަޔަގީނުންވެސް އަޅުގަނޑު ދިވެހިޑޮކްޓަރުންނަށް އިތުބާރުކުރަމޭ އެކަމަކު މައްސަލައަކީ ޑޮކްޓަރުންނަށް ދެއްކޭގޮތް ނުވާތީ ނާރުގެ ޑޮކްޓަރ ނިޔާފަށްދައްކަންވެސް ނަމްބަރެއް ނުލިބިގެން އުޅެންޖެހެނީ ކަށީގެ ޑރ ޝާނަށް ދެއްކުނީ ނަމްބަރެއްލިބޭތޯ މަސައްކަތް ކުރާތާ އެއްއަހަރުފަހުން އެހެންވީމަ ބޭރަށް މީހުންދަނީ

The name is already taken The name is available. Register?

އިދްރީސް

16 August 2018

ޑޮކްޓަރ ޝާފިއު އަކީ ވަރަށް ސިމްޕަލް މީހެއް.ޑޮކްޓަރު ކައިރީ އިންނައިރު ހީވަނީ ރައްޓެއްސެއްގެ ކައިރީ އިދެވޭހެން.ވަރަށް ކޫލް.

The name is already taken The name is available. Register?

ފިރުޓޭ

16 August 2018

ވަރަށް ގަދަ! މަރުހަބާ!

The name is already taken The name is available. Register?

ކައްޑެވި

16 August 2018

ކޮންމެވެސް ސިޔާސީ މީހެއްގެ ހިތުގެ އޮޕަރޭޝަން ކޮއްލާ އޭރުން މީހުން ކުރަންފަށާނެ......މީ ދިވެހިންގެ ގޮތް

The name is already taken The name is available. Register?

ތަޖުރިބާ

16 August 2018

އަޅުގަނޑަކީ ތިޔަ އަމްރީތާއައް ސިކުނޑީގެ އޮޕަރޭޝަންއެއް ކުރަންދިޔަ މީހެއް. ނަމަވެސް އެނބުރި މާލެ އައި ދުވަހު ހާލު ގޯސްވެގެން އޭޑީކޭ އިން ނިއުރޯ ސަރޖަން ޑރ. އަލީ ނިޔާފްގެ އިރުޝާދުގެ ދަށުން އިތުރު އޮޕަރޭޝަންއެއް ކުރަން ޖެހިގެން ކުރިފަހުން މިހާރު ރަނގަޅު. އޮޕަރޭޝަން ކުރުމަށް އަމްރީތާއިން ފަޅާލިތަން އޭޑީކޭ އިން ފަޅާލީމަ އެނގުނީ އެތަނުން ފަރުވާ ކުޑަކޮށްފަ ހުރި މިންވަރު. ޕޮއިންޓަކީ އަމްރީތާއިން އަޅުގަނޑުގެ އޮޕަރޭޝަން ކުރުމުގައި އުޅުނީ ޑރ. އަލީ ނިޔާފް އާއި އެއް ބެޗް އަކުން ތަމްރީނު ހެދި ޑޮކްޓަރެއްކަން. އެކަމަކު ޑރ. ނިޔާފް ގެ އިލްމާއި ބަލިމީހާއަށް ބެހެއްޓި އޯގާތެރިކަމާ ސާފުތާހިރުކަން އެއީ އަމްރީތާ އާއި އަޅާ ބަލާފިއްޔާ 100/100. އަޅުގަނޑުގެ ނަސޭހަތަކީ ވަކި ރާއްޖޭން ބޭރަށްދިޔަސް ލިބޭ ފަރުވާ އޭޑީކޭއިން ލިބޭ ފަރުވާހާ ރަނގަޅެއް ނޫނޭ. މިތާ ދިވެހި ޑޮކްޓަރުންނަށް އިތުބާރު ކުރައްވާށޭ މީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއޭ.

The name is already taken The name is available. Register?

ޝިޔާމް

15 August 2018

ދިވެހިންނަށް ކުރެވޭނެ ދިވެހިންނަށް ވާނެ. އިންޝާﷲ. މީ އަޅުގަނޑުފަދައިން ތިބޭފުޅުންވެސް ދެކެން ބޭނުން ހުވަފެނެއްކަން ޔަގީން. ޤައުމުގައި ތިބެގެން މިވަރުގެ އޮޕާރޭޝަންސްތައް ކޮށް ނިންމާލެވުމަކީ ވަރަށްވެސް އުފާވެރިކަމެއް. އަލްހަމްދުﷲ

The name is already taken The name is available. Register?

އަތްފުނާ

15 August 2018

އަހަރެމެން ބޭނުންވަނީ މި ކުޑަ ދިވެހިރާއްޖެ އަކީ މިސަރަހައްދުގެ ބޭސްވެރިކަމުގައި އެންމެ ކުރިއަރާފައިވާ ގައުމަށްވުން.ހަމަޔަގީނުންވެސް ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454