ޚަބަރު / އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ތުގާ

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު އެއް ވަނަ ހޯދި ތުގާއަށް، އެޑިއުުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހުސިން ރޭ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމީނިއްޔާ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ތުގާ ޒިޔާދު ރޭ ހޮވައިފި އެވެ.

އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި، މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، އޯ ލެވެލް އިމްތިހާނުން ރާއްޖެއިން ހަތް ވަނަ ހޯދި ދަރިވަރަށް އިނާމާއި އެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލް މުހުސިން މުހައްމަދެވެ.

އަމީނިއްޔާގެ މިދިޔަ އަހަރުގެ ދެވަނަ ދަރިވަރަކީ، އަށް މާއްދާ އިން އޭ ސްޓާ ހޯދި މަރިޔަމް ޒައިނާ މުހައްމަދު ސޯލިހެވެ. ތިން ވަނަ ލިބުނީ އައިޝާ މަލާހާ ހުސެއިނަށެވެ.

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަޒްރާ ތަށި ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމީނިއްޔާގެ މިދިޔަ އަހަރުގެ އެއްވަނަ ދަރިވަރު ތުގާ "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، ކިޔެވުމާ އެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ޝެޑިއުލެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ޝެޑިއުލާ އެއްގޮތަށް އަމަލުކުރާ ނަމަ ކިޔެވުމާ އެކު އިތުރު ހަރަކާތްތަކުގައި ވެސް ވަގުތު ހޭދަކުރެވޭނެ ކަމަށް އަމީނިއްޔާގެ މިދިޔަ އަހަރުގެ ކެޕްޓަންކަން ވެސް ކުރި ތުގާ ބުންޏެވެ.

އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، އިނާމު ހޯދި ދަރިވަރުން ރޭ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަދަބީ ހަރަކާތްތަކާއި ކުޅިވަރުތަކުގައި ވެސް އިސް ދައުރެއް އަދާކުރި ތުގާ އަށް، އެ ހަރަކާތްތަކުން ވަރަށް ގިނަ ކަންތައްތަކެއް ވަނީ ދަސްވެފަ އެވެ. އެގޮތުން، ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެސް އެ ހަރަކާތްތަކުން އެހީތެރިކަން ލިބިފައިވާ ކަން، ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ތުގާ ބުންޏެވެ.

"އިތުރު ހަރަކާތްތަކުގައި ބައިވެރިވީމާ ކިޔެވުމަށް ވެސް ފައިދާ ކުރޭ. މިސާލަށް އަދަބީ ކަންތައްތަކުގައި އުޅުނީމާ ދިވެހި އަދި އިނގިރޭސި ބަސް ވަރަށް ރަނގަޅުވޭ. އަދި ލީޑަޝިޕްގެ ހުނަރުތައް ދަސްވީމާ ކިޔެވުމުގައި ވެސް އިސްނަގަން ދަސްވޭ،" ސީއެޗްއެސްއީގެ ގްރޭޑް 11 ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރު ބުންޏެވެ.

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ދެ ވަނަ ހޯދި ޒައިނާ އަށް، އެޑިއުުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ތަށި ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން، ޝަރަފްވެރި މެހްމާން ޑރ. މުހުސިން ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ދުނިޔޭގެ ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުސިން ވިދާޅުވި ގޮތުގައި، ތައުލީމުގެ އިތުރުން ސިއްހީ ދާއިރާ އަށް ބަލައިލި ކަމުގައި ވިޔަސް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ރާއްޖެއިން ލިބެން އެބަހުއްޓެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް ދަރިވަރުންގެ ނަތީޖާ ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު 179 ދަރިވަރުން އިމްތިހާން ހެދިއިރު 72 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.

އަމީނިއްޔާ ސްކޫލުގެ މިިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާން، އެޑިއުުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހުސިން ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭގެ އިތުރުން، އޯލެވެލްގެ ގަދަ 10 ގައި އަމީނިއްޔާ ސްކޫލްގެ 28 ދަރިވަރަކު ހިމެނުނުއިރު ބްރިލިއަން އެވޯޑް ހަތަރު ދަރިވަރަކަށް ލިބިފައި ވެ އެވެ.

އަމީނިއްޔާ އަށް އަންނަ އަހަރު 75 އަހަރު ފުރޭއިރު، އެކަން ޚާއްސަ ގޮތެއްގައި ފާހަގަކުރަން އެ ސްކޫލުން ވަނީ ނިންމައިފަ އެވެ.

1 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުތީ

17 August 2018

މަރުހަބާ ތުގާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454