މިލަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މައުރޫފް ހަލީލް
30 އޯގަސްޓް 2018 - 12:38
ށ. މިލަންދޫގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަމިއްލަ ޖަމިއްޔާއަކުން މަސައްކަތް ފަށައިފި އެވެ.
އެ ރަށަށް ކުންޏާއި ޕްލާސްޓިކްގެ މައްސަލަ ވަރަށް ބޮޑުވެފައިވާތީ އެކަން ހައްލުކުރުމުގެ ޒިންމާ ނެގީ މިލަންދޫ ޑިވެލޮޕިން ސޮސައިޓީ އެވެ. އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު އާޒިމް ވިދާޅުވީ ރަށަށް ކުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ހައްލު ހޯދުމަށްޓަކައި ޕްލާސްޓިކް މަދުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރަށުގައި ކުނި ކޮށްޓެއް ހުއްޓަސް އޭގެ ބޭނުމެއް ނުކުރާ ކަމަށެވެ. އޭގެ ސަބަބުން ކުންޏާއި ޕްލާސްޓިކްގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ރަސްމީކޮށް ލޯންޗުކުރީ މި މަހުގެ ތެރޭގަ އެވެ. އެއާއެކު އެކަމަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަންނަ މަހުގެ ތެރޭގައި ވިޔަފާރިވެރިންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް މި މަސައްކަތާ ބެހޭ މައުލޫމާތު ދޭން ވަނީ ހަމަޖައްސާފައި. އެކަމަކު މިހާރު ވެސް އެކަމަށް ވަރަށް ރަނގަޅު ފީޑްބެކެއް ލިބެމުން އަންނަނީ،" 2005 ވަނަ އަހަރުން ފެށިގެން މިލަންދޫގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ނިންމާފައިވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ އަދަދު މަދުކުރުމަށެވެ. އޭގެ ބަދަލުގައި ގޭތަކަށާއި ފިހާރަތަކަށް ކޮޓަން ކޮތަޅު ބަހާނެ ކަމަށާއި އެކަމަށް ވިޔަފާރިވެރިންގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން މިހާރު ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު، ކުރިއަށް އޮތް ހަ މަހެއް ތެރޭގައި މުޅި ރަށުގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ފުޅި އެއްޗެހި ބޮއިފައި މަގުމައްޗަށް އުކާލުމުގެ ބަދަލުގައި މިހާރު އެ ހިފައިގެން ޑަސްބިނަށް ލާން ދާތަން ފެނޭ. އެހެންވެ މުޅި ރަށުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމާޒާއެކު މި މަސައްކަތް ފެށީ،" މިލަންދޫގައި އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާގެ ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލަނދޫ
30 August 2018
???? ސަޅި
ށަޅު
30 August 2018
ސަޅި އިގޭ. މީ ތަރައްގީ އަކީ އަސްލު.
ޗަމަން / މާއުނގޫދޫ
30 August 2018
ށ.މާއުނގޫދޫ ގަ ތިބި ޖަމިއްޔާތަކަށް މިކަހަލަ ކަމެއް ކޮށްލާކަށް ނޭނގޭނެ.
ޥޯޓް ފޯ ލޯނު
30 August 2018
ޅޮނެއް ލިބެނީ.