މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މިރޭ ރަސްމީކޮށް ހުޅުވާއިރު، ބްރިޖް ރޭ ދިއްލާލާފައި---ފޮޓޯ: ނިޝާން އަލީ/މިހާރު
30 އޯގަސްޓް 2018 - 15:59
"މިހާރު އިހުސާސެއް ނުވޭ މިތިބެނީ ރާއްޖޭގައި ކަމެއް. މިއީ މުޅިން ތަފާތު އިހުސާސްތަކެއް،" މާލޭ/ހުޅުލޭ ބްރިޖް މަތިން ދަތުރުކުރަމުން ދިޔަ އެމްޕީއެލްގެ ބަހުގައި އިންނެވި އެ ކުންފުނީގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލޭ/ހުޅުލޭ ބްރިޖުގައި ފުރަތަމަ ފަހަރަށް ދަތުރުކުރާ ކޮންމެ މީހަކަށް ވެސް އެ އިހުސާސްތައް ކުރެވޭނެ އެވެ. ދެ ރަށުގެ ދެމެދުގައި އޮތް ކަނޑޮއޮޅީގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ މަތީގައި، ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ހޭދަކޮށްގެން ޗައިިނާ އިން ހެދި ބްރިޖްގައި ދަތުރުކުރުމަކީ، މީގެ ކުރިން ދިވެހިން ކުރި ތަޖުރިބާއެއް ނޫނެވެ.
ބްރިޖް ހުރަސްކޮށް، މާލެ އާއި ހުޅުލޭ އަދި ހުޅުމާލެ އަށް ބަހުގެ ހިދުމަތް ދިނުމާ ހަވާލުވި އެމްޕީއެލްގެ ބަސްތަކުގެ ޓެސްޓް ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ބްރިޖް މަތިން ދާއިރު ފެންނަ މަންޒަރުތަކުން ކޮންމެ މީހަކު ވެސް ހިތްހަމަޖެހޭނެ ކަމަށެވެ.
އޭނާގެ އެ ވާހަކައަށް އެމްޕީއެލްގެ އެހެން މުވައްޒަފަކު ވެސް ތާއީދުކުރި އެވެ.
"މިއީ ބްރިޖަށް އަރާ ކޮންމެ މީހަކު ވެސް ބަލަން ބޭނުންވާނެ މަންޒަރުތަކެއް. މާލޭގެ ބޭރުން ފެންނަ މަންޒަރުތައް ރޭގަނޑު ވަރަށް ހިތްގައިމު. އަދި ހެނދު އިރުއަރައިގެން އަންނަ ވަގުތު ވެސް ވަރަށް ހިތްގައިމުވާނެ،" އެމްޕީއެލްގެ އެ މުވައްޒަފު ބުންޏެވެ.
އެމްޕީއެލުން ވަނީ ދަތުރުތަކަށް ތައްޔާރުވެފަ އެވެ. އެގޮތުން އެކަމަށް ނުވަ ބަސް ގެނެފައިވެ އެވެ. ބައެއް ބަސްތަކުގައި ރޭ ވަނީ އެމްޕީއެލްގެ ބައެއް މުވައްޒަފުންނާ އެކު "މިހާރު"ގެ ނޫސްވެރިޔަކު ވެސް ބައިވެރިކޮށްފަ އެވެ.
.
ބްރިޖްގެ ބަސް ދަތުރުތަކަށް ގެނައި ބަހެއްގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް ރޭ ދަތުރުކުރަނީ. . ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
ގާތްގަނޑަކަށް ގަޑިއަކު 10 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވައިގެން ބްރިޖް ހުރަސް ކުރެވުނީ ގާތްގަނޑަކަށް ފަސް މިނިޓުންނެވެ. އަދި ހުޅުލެއިން ހުޅުމާލެއަށް ހަދާފައިވާ އާ ލިންކް ރޯޑުގައި ގަޑިއަކު 60 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވާފަައި ގޮތަސް ހުޅުމާލެ ފެށޭ ކޮޅުގައި ހަދާފައިވާ ޓާމިނަލަށް ފޯރީ 10 ވަރަކަށް މިނިޓުންނެވެ.
މާލެ- ހުޅުލެ ބްރިޖް: މި ބްރިޖް ހުރަސްކުރަން ނަގާނީ ގާތްގަނޑަކަށް ތިން މިނެޓް ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
"ސިނަމާލެ ބްރިޖް"ގެ ނަމުގައި މިރޭ ބްރިޖް ހުޅުވާއިރު ދަތުރުފަތުރަށް ނަގާނެ އަގުތައް އަދި އިއުލާނެއް ނުކުރެ އެވެ.
އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ބްރިޖް އާއްމުންނަށް ހުޅުވާލާ ދުވަހުން ފެށިގެން ދަތުރުތައް ވެސް ފަށާނެ ކަމަށެވެ. އެކަމަކު ބަހުގެ އަގުތައް މުޅިން އަދި ފައިނަލް ނުވާ ކަމަށް ވިދާޅުވި އެވެ.
ބަސް ދަތުރުގެ ހިދުމަތަށް ފައިސާ ދައްކަން އެމްޕީއެލް އިން ބޭނުންކުރަން ނިންމާފައި ވަނީ މުޅިން އާ ނިޒާމެކެވެ. "ޓަޗް ލިންކް"ގެ ނަމުގައި ތައާރަފްކުރާ ނިޒާމުގައި ބޭނުންކުރަނީ އިލެކްޓްރޯނިކް ކާޑެވެ. މި ކާޑް ޓޮޕަޕްކޮށްގެން ގިނަ ދުވަހަށް ބޭނުންކުރެވޭނެ ކަމަށް އެމްޕީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
"މި ހިދުމަތުގައި ކާޑު ބޭނުންކުރަން ނިންމާފައި ވަނީ ހަމައެކަނި ބަހަށް އަރާއިރު. އަގު ނަގާނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ވަކި އަގެއް. ހުޅުލެއަށް ކުރާ ދަތުރުތަކަށް ވަކި އަގެއް،" އޭނާ ވިދާޅުވި އެވެ.
ބްރިޖްގެ ދަތުރުތަކުގައި ބޭނުންކުރާ ބަސްތަކުގައަި ސެކިއުރިޓީ ކެމެރާ ވެސް ވަނީ ހަރުކޮށްފަ އެވެ. އަދި ނުކުޅެދޭ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާ އެކު ވެސް ބަހަށް އެރޭނެ އެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުން ބަހަށް އަރަން ބަސް އަރިކޮށްލެވެ އެވެ. އަދި އެތެރޭގައި އަންހެނުންނަށް ހާއްސަ ސީޓްތަކެއް ވެސް ހުރެ އެވެ.
ބްރިޖްގެ ބަސް ދަތުރުތަކަށް އެމްޕީއެލް އިން ގެނެސްފައިވާ ބަސްތަކެއް -- ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
އެމްޕީއެލް އިން ބަހުގެ ހިދުމަތް ފަށާއިރު ބަސް ދަތުރާ ބެހޭ ހުރިހާ މައުލޫމާތެއް ލިބޭ ގޮތަށް ހާއްސަ ފޯނު އެޕްލިކޭޝަނެއް ވެސް ވަނީީ ތައްޔާރުކޮށްފަ އެވެ.
"މޮބައިލް އެޕުން ޝެޑިއުލާއި ލޮކޭޝަން ބަލައިލެވޭނެ. އަދި ކުރިމަގުގައި އިތުރު ހިދުމަތްތައް ވެސް އެ އެޕްލިކޭޝަނުން ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
31 August 2018
ބްރިޖަށް ވުރެ ރިޔާ ދޯނީގަ ނުވަތަ ފަލިޖަހާފަ ދާންވީއެއްނު. ދަތުރު ފަތުރު ނުކުރާމީހަކަށް އަނެކާގެ އިހްސާސެއް ނޭގޭނެ
ޢަގު
31 August 2018
300 މިލިޔަނަށް އެޅޭ ބުރިޖެއް އެއޮތީ 200 މިލިއައަނަށް އަޅާފަ އެވެސް އެއްބައި ހިލޭ
ނާޝް
31 August 2018
ކިހާ އުފާވެރި؟ ދަރަނި ބޮލުއަޅައިގެން ތިބެ ހީހީފަ ބަސްތަކުގަ ދަތުރު ކުރަންވީނުން. މަށަކަށްނޭނގެ ބުރިޖު މިހާމުހިއްމުވެގެން މިއުޅޭ ސަބަބެއް ހަމަ. މަށަށް މިޔަށްވުރެ މުހިއްމު އާއްމުންނަށް ބޭނުންވާ އެހެން ކަންކަން އެބަހުރި.
ހިކިޑޭ
31 August 2018
"ގަޑިއަކު 10 ކިލޯމީޓަރުގެ ބާރު މިން" މީ އާއްމުކޮށް މީހަކު ދުވާ ނުވަތަ ބާރަށް ހިނގާ ސްޕީޑް
ފޫހި
30 August 2018
މިހާރު ނޫހުގައި އުޅެނީ ދުނިޔެއަށް އަންނަކުރިއެރުން ނުދެކޭބައެއް
ކަބްޖީ243
30 August 2018
މިއީ ވަރަށް ހަރަދުބޮޑުކޮށް ހިންގާފައިވާ ޕްރޮޖެކްޓެއް ކަމުގައި ކަބްޖީ ދެކެން!
ލިޔާޒާ2
30 August 2018
މިއީ ވަރަށް ރަގަޅު ޕްރޮޖެކްޓެއް!
ބައިރޯ
30 August 2018
ބަލަގަ ބުރިޖަކީ ޔާމީނުގެ އެއްޗެއް ނޫނޭ، އެދަރަނި ދޭންޖެހޭނީ ރައްޔަތުން، ތިބުބރަޖަކީ ނަޝީދުގެ ވެރިކަމުގަ ޕުލޭން ކުރެވިފައިވާ ކަމެއް ދެން މިހާރު ރައީސް އޮފީހުގެ ވެބުސައިޓުން އެވާހަކަ އުނުކުރިއަސް ރައްޔަތުން ނޮއޮޅޭނެ ނޫން
ހޭޖެހޭ
31 August 2018
ބައިރޯ އަށް ވެސް ކްރެޑިޓް ނަގަން މަސައްކަތް ކުރެވިދާނެ. ދިވެހިރައްޔިތުން މިކަން ކުރަން ޙަވާލުކުރި ފަރާތްތަކުގެ ތެރެއިން ބަޔަކު މިކަންކުރާނެ ގޮތް ހޯދައިގެން ކޮށްފި. ދަރަނީގެ ބޮޑުބައި ދެއްކީ ޗައިނާ ރައްޔިތުން. އެގައުމުގެ ބައިތުލްމާލުން. ރައްޔިތުންގެ ފައިސާއިން.
ބޮޑުހުޅު
31 August 2018
ތިބުނާ ނަޝީދު ބުނީ ބުރިޖެއް ނޭޅޭނެއޭ، ނަޝީދުމެނަށް އެނގޭނީ ތަންތާ ހުޅުޖަހަން އެކަނި
ޢަހުމަދުބެ
30 August 2018
ޓީކެޓް އަގަކީވެސް ވަރަށްތަފާތު އިހުސާސް އެއް. ބޮޑުލޯނެއް ނަގައިގެން ހެދިބުރިޖު ހުޅުވަން 46 މިލިޔަން ހަރަދުކުރީމަވެސް ކުރެވެނީ ތަފާތު އިހުސާސްއެއް.
އަންތަރީސްވޭ
30 August 2018
މިރާއްޖޭގަ ނޫނީ ނޯވޭ އަސާސީ ޙިދުމަތެއް ކާން ނުލިބުނަސް، ފާހާނާ ނުކުރެވުނަސް، ފޮޑިއެއް ނުޖެހުނަސް އެއީ އަސާސީ ޙިދުމަތް ނުލިބުންކަން މިބަސް އިވި އިވި މަ ބޯހަލާކުވެއްޖެ ކޮންމެ މީހަކުވެސް ދިރިއުޅެއްޖެހޭނީ އަމިއްލަ މަސައްކަތުން ގައުމުގެ ރައީސް ނާންނާނެ ހުރިހާ އެންމެންގެ ހަރަދުތައް ބަލާކަށް. ބައެއް ދިވެހިންނަކީ އަމިއްލަ އެދުމާގެން ފޯވެފަ ތިބޭ ބައެއް ހާއްސަކޮށް ރީދޫ ކުދިންކޮޅު ފާހަގަ ކުރެވޭ
ހުއްބުލް ވަތަން
30 August 2018
އަޅެ ކޮން ޤައުމެއްގެ ކުދިންނެއްތަ ރުޅި އައިސްގެން މިތިބީ!
ޙުސެން
31 August 2018
ޢާކުކުޅަކަށް ގާބިހެއް އެޅުނީތަ.