ވިޔަފާރި / ވީއައިއޭގެ އާ ރަންވޭގެ މަޝްރޫއު

ޖީއެމްއާރުގެ ޕްލޭންގައި ނެތް ރަންވޭ އެ ހެދީ އެމްއޭސީއެލް އިން!

އާ ރަންވޭ ނިމި ހުޅުވަން ތައްޔާރުވެފައި: މި ރަންވޭ މިއަދު ހުޅުވާނެ -- ފޮޓޯ: އެމްއޭސީއެލް

18 ސެޕްޓެމްބަރ 2018 - 08:13

6 comments

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑު ތަރައްގީއެއް ގެންނަ ކަމަށް ވާ ނަމަ، އާ ރަންވޭއެއް ނެތި އެ މަޝްރޫއު ފުރިހަމައެއް ނުވާނެ އެވެ. ރާއްޖޭގެ އިގުތިސާދުގެ މައި ތަނބަކީ ޓޫރިޒަމް ކަމަށް ވެފައި، ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކަމުން، އެތަނުގެ ރަންވޭ ވެސް ޒަމާނީ ވާން ޖެހެ އެވެ.

އެކަމަކު އެ މުހިންމު ބައި، އެމްޑީޕީ ސަރުކާރުން އިންޑިއާގެ ޖީއެމްއާރުއަށް އެއާޕޯޓް ކުއްޔަށް ދޫކުރި އިރު، ހިމަނާފައެއް ނުވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތީ، މީގެ 50 އަހަރު ކުރިން އެޅި އަދި އޭގެ ފަހުން ތަފާތު ފަހަރުމަތިން ބޮޑުކޮށްފައިވާ ރަންވޭއަކަށް ވުމުން، އެތަނުގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. ދިވެހިން ގައުމީ މަސައްކަތެއްގެ ގޮތުގައި ކޮށް ނިންމައި، އެޕްރީލް 12، 1964 ގައި ރަންވޭ ހުޅުވީ، އޭރު ލިބެން ހުރި މަދު ސާމާނު ބޭނުންކޮށްގެންނެވެ. އެހެންކަމުން އެއީ އެހާ ފެންވަރު މަތިކޮށް ހެދުނު ތަނެއް ނޫނެވެ.

މިދިއަ 50 އަހަރުގެ ތެރޭގައި އަދި ހާއްސަކޮށް 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރަންވޭއަށް ބައެއް ބަދަލުތައް ގެނެސް، މަތީ ފަށަލަ ރަނގަޅުކުރި އެވެ. އެކަމަކު ޖީއެމްއާރުން އެއާޕޯޓްގެ ތަރައްގީއާ ހަވާލުވި އިރު ވެސް ރަންވޭގެ ހާލަތު ދަށެވެ. ހާއްސަކޮށް 2004 ގެ ސުނާމީގައި ލިބުނު ގެއްލުންތަކާ ހެދި ރަންވޭގެ ބައެއް ތަން އަބަދު އޮންނަނީ މަރާމާތުކުރަން ޖެހިފަ އެވެ. އެހެންކަމުން އެއާޕޯޓްގައި އާ ޓާމިނަލެއް އަޅާ ނަމަ، އެއާ އެކު އާ ރަންވޭއެއް ނެތި، މުސްތަގުބަލެއް ނެތް ކަމަށް، އޭރު ވެސް އެމްއޭސީއެލްގެ ބައެއް ވެރިން ގަބޫލުކުރެއްވި އެވެ.

ރަންވޭ މަޝްރޫއަށް ބޭނުންވާ ބިން ހިއްކަނީ: ފައިލް ފޮޓޯ/ މިހާރު

އޭގެ ތެރެއިން އެއް ބޭފުޅަކީ އޭރު އެމްއޭސީއެލްގެ ފައިނޭންސް ބައިގައި އިސްކޮށް އުޅުއްވި އަދި މިހާރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ޖީއެމްއާރުން އެއާޕޯޓް ހިންގި އިރު ވެސް އާދިލް އަކީ އެމްއޭސީއެލްގެ އިސް މުވައްޒަފެކެވެ. އެ ދެ އަހަރު އެމްއޭސީއެލްގެ މައިގަނޑު މަސައްކަތަކީ، ޖީއެމްއާރުން ސަރުކާރަށް ދައްކަން ޖެހޭ ބައެއް ފައިސާއާ ހަވާލުވުމެވެ. އެއާޕޯޓް ހިންގުމުގެ އެއްވެސް ދައުރެއް ނޯވެ އެވެ.

އާދިލް ވިދާޅުވި ގޮތުގައި ޖީއެމްއާރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކުރި އެއްބަސްވުމުގައި އާ ރަންވޭއެއްގެ ވާހަކަ ނެތީ އެއީ "ދުރު މުސްތަގުބަލަށް ބަލާފައި މާސްޓަޕްލޭނެއް ހެދިފައި ނެތުމުންނެ"ވެ.

"ރަންވޭއަކީ ތާރުގަނޑެއް ވީމާ އެއިން މާ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ނުބެލިފައި އޮތީ. އޭގެ ބަދަލުގައި ޓާމިނަލެއް ހަދައިގެން ކޮމާޝަލްކޮށް އިތުރު ކަންކަން ކޮށް، ފައިސާ ހޯދޭނެ،" އާދިލް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އާ ރަންވޭއެއް ނެތި، އާ ޓާމިނަލެއް ހަދައިގެން ދުރު މުސްތަގުބަލުގައި ނެގޭނެ ފައިދާއެއް ނޯންނާނެ އެވެ. އޭގެ ސަބަބަކީ ޖީއެމްއާރުން ހަވާލުވި އެއާޕޯޓްގައި އޮތް ކުރީގެ ރަންވޭ ބޭނުންކޮށްގެން ބޭރުގެ ފްލައިޓްތައް އިތުރުކުރެވެން ނެތުމެވެ. ފްލައިޓް އިތުރުނުކޮށް، ރާއްޖޭގެ ޓޫރިޒަމް ފުޅާވާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރުގެ ސަރުކާރާ އެކު ވީ އެއްބަސްވުމުގައި އާ ރަންވޭއެއްގެ ވާހަކަ ނެތަސް، އެއާޕޯޓް ހިންގުން އަނބުރާ ސަރުކާރަށް ނަގާފާނެކަން ޔަގީންވަމުން ދިޔަ ދުވަސްވަރު، ޖީއެމްއާރުގެ ވާހަކަ ބަދަލުވި އެވެ. އެގޮތުން އާ ރަންވޭއެއް ހަދަން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތަށް ނިންމީ، އެއާޕޯޓްގެ ތަރައްގީއަށް ބޭނުންވެފައި އޮތް އެންމެ މުހިންމު ބައި ނެތި، ހަމައެކަނި ޓާމިނަލެއް އެޅުމަކީ، ލިބޭނެ ކުރިއެރުމެއް ނޫން ކަމަށް، އާންމުން ވެސް ގަބޫލުކުރާތީ އެވެ.

އެއާޕޯޓުގެ އާ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: މި މަޝްރޫއަށް ހުޅުލެއިން 70 ހެކްޓަރުގެ ބިން ހިއްކި.-- ފައިލް ފޮޓޯ/ މިހާރު

ބާ ރަންވޭގައި ހުރި މައްސަލަތައް ގިނަކަމުން، ބައެއް ދުވަސް ދުވަހު އޮޕަރޭޝަން މެދުކަނޑާލަން ޖެހިފައިވެ އެވެ. އަނެއް ބައި ފަހަރަށް މަތިންބޯޓަށް ވެސް ގެއްލުންތައް ލިބެ އެވެ. އެހެންކަމުން ރާއްޖޭގެ އިގުތިސާދު ހުއްޓުމަކުން ސަލާމަތްކުރަން އާ ރަންވޭއެއްގެ މުހިންމުކަން، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަނެ އެވެ. އެމަނިކުފާނުގެ ސަރުކާރުން އެކުލަވާލި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގައި އާ ރަންވޭ ހިމެނީ އެހެންވެގެންނެވެ.

މިއަދު އެ ވަނީ އެކަން ހާސިލްކޮށްފަ އެވެ. އާ ރަންވޭއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓަކަށް ވެސް ވީ ދުނިޔޭގައި މިހާރު ދުއްވާ އެންމެ ބޮޑު މަތިންދާބޯޓު ކަމަށް ވާ އޭ380 އެވެ. މިއިން ދައްކައިދެނީ ކުރިމަގުގައި ރާއްޖޭގެ ޓޫރިޒަމަށް ދިރުން ގެނެސްދޭން، އެކި އެއާލައިންތަކުން އޭ380 ގެ މަރުކާގެ ބޯޓުފަހަރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމެވެ.

އާދިލް ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ އެއާޕޯޓްގެ ކުރިމަގަށް ސަރުކާރުން އެޅި ވަރަށް ބޮޑު ފިޔަވަޅެކެވެ.

"އާ ރަންވޭއެއް ނެތި ރާއްޖޭގެ އިގުތިސާދު ކުރިއަށް ނުދާނެކަން އެއީ ޔަގީންކަމެއް،" އާދިލް ވިދާޅުވި އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށް، ރައީސް އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވެ އެވެ. އަދި އެއާޕޯޓަކީ ވިއްކާނުލައި، ސަރުކާރަށް ހިންގޭނެ ތަނެއް ކަމަށް ވެސް އެމަނިކުފާނު ގަބޫލުފުޅުކުރެއްވި އެވެ.

މިއަދަކީ އެ ޔަގީންކަން އަނެއްކާވެސް ދިވެހިންނަށް ލިބުނު ދުވަހެކެވެ. އެމްއޭސީއެލްގެ ހަޔާތަށް ވެސް އައި ވަރަށް ތާރީޚީ ދުވަހެކެވެ. ދިވެހިން ފަޚުރުވެރިވާން ހައްގު ތަރައްގީއެއް ގެނެސްދިން ދުވަހެކެވެ.

6 ކޮމެންޓް, 129 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 1%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަެއެއާޕޯޓު

18 September 2018

ޖީއެމްއާރުން ނޫޅޭ ރަންވޭ އަޅާކަށް. ރަންވޭ އެޅެން އޮތްތާ އަޅަން އުޅުނީ ޓާމިނަލް. ޑެން ރަންވޭ ހަދަން ބޭނުންވިޔަސް އެ ޖާގަ ނުލިބޭނެ.

The name is already taken The name is available. Register?

ޔެލްސީ

18 September 2018

ޔާމީނަކަސް ރަނގަޅު ކަމެއް ކޮށްފިއްޔާ ބަލައިގަންނަން. މައްސަލައަކީ މައްސަލަތައް މާ ގިނައީ.

The name is already taken The name is available. Register?

ޝައުކަތު

18 September 2018

ފިކުރުގެ ހުންނަ ތަފާތުތައް އެއީ މައްސަލަތައް ކަމުގައި އަހަރެމެން ދެކޭނަމަ މައްސަލަ ގިނަވާނެ. ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ. އަދި މައްސަލަތައް ހައްލުކުރަން ގިނަ ގޮތްތަކެއް ހުންނާނެ. ބޭނުންވަނީ އެންޑް ރިޒަލްޓް. ފިކުރު ތަފާތު ވިޔަސް ދެޕާޓީންވެސް މަސައްކަތް ކުރަނީ މައްސަލަތައް ހައްލުކުރަން. ދެން އެމީހުން ކުޅޭ ޑާޓީ ޕޮލިޓިކްސްއާއި ކޮރަޕްޝަން އެއީ މުޅިން އެހެން ވާހަކައެއް. ކޮރަޕްޝަން ހައްލު ކުރެވޭނީ އަހަރެމެންގެ ވިސްނުމަށް ތަރައްގީ އައިސްގެން

The name is already taken The name is available. Register?

އިބޫއޯކޭއެއްނޫން

18 September 2018

ތީދެންވެސް ވާނެގޮތް އެނޑީޕީ ހޮވައިފިނަމަ

The name is already taken The name is available. Register?

އާދު

18 September 2018

އިންޑިއާމީހުނަކީ ތަނަކައްފައިބައިފިއްޔާއަތްގަދަކުރާބައެއް ބުދު އާ ގެރި ކަލާންގެއައް އަޅުކަންކުރާބަޔަކު ރަނަގަޅެއްނުވާނެ

The name is already taken The name is available. Register?

ފޭސް

18 September 2018

ޖީއެމްއާރު އުޅުނީ އެއަރޕޯޓްގަ އުނގުވިޔަފާރި ކޮށްގެން ފައިސާނަގަން. އެއީ ޕްލޭންއަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454