ޝަހީމް ހދ.ކުޅުދުއްފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ކުޑަ ކުއްޖެއް އުރާލައްވައިގެން. -
25 ސެޕްޓެމްބަރ 2018 - 11:49
ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެވަޑައިގަތަސް، އަޒުމާއި ހިތްވަރަށް ބަދަލު ނާންނަ ކަމަށާއި ގައުމީ ހިދުމަތުގައި ކުރިން ހުންނެވި ފަދައިން ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސް ޔާމީނާ ވާދަކުރައްވައި 38،000 އަށް ވުރެ ގިނަ ވޯޓު ތަފާތުންނެވެ. އިބޫ އަށް 134،616 ވޯޓު (58.4 ޕަސެންޓު) ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު (41.6 ޕަސެންޓު) އެވެ.
ޝަހީމް، ޕީޕީއެމްގެ ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ.--. ފޮޓޯ: ޕީޕީއެމް
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އަޒުމަކަށްވެފައި އޮތީ ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމުގައި ސަރުކާރުގެ ތެރެއިން ވެރިންނާއި މުއައްސަސާތަކަށް އެހީތެރިވުން ކަމަށެވެ. އެހެންވެ، އިސްލާމް ދީނާއި ދިވެހި ގައުމަށް ވަފާތެރިކަމާއި ގައުމީ ހިދުމަތުގައި ކުރިން ވެސް ހުންނެވި ފަދައިން ދެމިހުންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ރޭ ކުރެއްވި ޕޯސްޓު.
"އަޒުމަކަށް، ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިކަން ކަމުން ލިބުނީ އާ ހިތްވަރެކެވެ. ކުރެވުނީ އާ ތަޖުރިބާތަކެކެވެ. އިހްލާސްތެރިން ދެނިވޮޑިގެންވަނީ މާތް ﷲ އެވެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިއާސަތުގައި ވެސް ރާއްޖޭގެ ކަންކަން ރަނގަޅު މަގުން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ހިދާޔަތުގެ ނޫރު ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ރަށަކަށް ވަޑައިގެން އެރަށުގެ ގެއެއްގެ ބޭރުގައި ތިބި ބަޔަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
ޝަހީމް ވަނީ ރައްޔިތުން، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތައި އެކުވެރިކަމާއެކު ސަފުތައް ބަދަހިކަމާއެކު ތިބުމަށް އެދިވަޑައިގެންފަ އެވެ. އަދި ގައުމީ އެއްބައިވަންތަކަން ގާއިމު ކުރުމަށް ވެސް ޝަހީމްގެ ޕޯސްޓުގައި ދިވެހި ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.
"ހިޔާލަކީ ތަފާތު އެއްޗެކެވެ. އެކި މީހުން ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަނީ އެކި މަގުންނެވެ. ކުރިއަށް އޮތީ ވަރަށް ވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެކެވެ،" ޝަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ތައުރީފް ކުރައްވައި ޝަހީމް ވިދާޅުވީ އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ވަރަށް ގިނަ އިސްލާމީ ކަންކަން ރާއްޖޭގައި ގާއިމު ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ ފުރިހަމަ އަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުތަކަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވި ގޮތުގައި އެއީ ހަޔާތުގައި ކުރެވުނު ވަރަށް އުފާވެރި ތަޖުރިބާއެކެވެ. އަދި ރައްޔިތުންނާ ގާތުން ބައްދަލުވެ، އެމީހުންގެ ދަތިތައް އޮޅުން ފިލުވަން ލިބުނު ފުރުސަތެއް ކަން ޝަހީމް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު އެންމެ އުފާވި ކަމަކީ އެކި އުމުރުގެ ކުޑަކުދިންނާއި ބައްދަލުވީމަ އެވެ. އެ ކުދިންގެ ހިނިތުންވުންތަކާއި ކިޔައި ދޭ ވާހަކަތަކުގެ ސަބަބުން އަޅުގަނޑަށް ވަރަށް ވެސް ބޮޑު އުފަލެއް ލިބުނެވެ. އެކުދިން ބެހެއްޓި ގާތްކަމާ މެދު ވަރަށް އުފާ ކުރަމެވެ،" ޝަހީމް ވިދާޅުވި އެވެ.
"ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން އަޅުގަނޑާ މެދު ބެހެއްޓެވި ގާތްކަމާއި ދެއްވި އިހްތިރާމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ،"
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީމް
26 September 2018
އިސްލާމިކް ޔުނިވަރސިޓީފަދަ ގަދަރުވެރި މީހުން އިތުބާރު ކުރަންޖެހޭ ތަނަކާ ހަވާލުވާވަރަށްވުރެ މީހާ ތިހިރީ އައްޗިވެފަ. ދެންސިޔާސީ މަގާމަކާ ހަވާލުވޭ. ޕީޕީއެމް ގެ ރައީސްކަމާ
ސަލީމު އިދުރީސް
26 September 2018
ދީނުގެ ވާހަދައްކައިގެން އަމިއްލަ އެދުންހާސިލު ކުރަން އުޅޭމީހުނާ ދުރުގަ ތިބުންރަގަޅު!
3 އަހަރު
25 September 2018
ތި ޝޭހު ޝަހީމަކީ ކުރީގެ ރައީސް ނަޝީދު ވަރަށް ރުޅިއަރާ މީހެއް.
ޏަމް
25 September 2018
އެމްއެންޔޫ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލްކޮށް އެތަން މިނިވަން ތަނެއް ކަމުގާ ހައްދަވާ! ޑރ. ޙަސަން ހަމީދު އައްޔަންކުރައްވާ!
އަހުމަދުބޭ
25 September 2018
ސަޙީމް ވިދާޅުވި ޔާމީން ނެތިއްޔާ މިތާއޮންނާނީ އިސްލާމް ދީނެއްނޫނޭ، ހަދާން ނެތުނީތޯ، ވީމާ ދެން ރަގަނޅުވާނީ އިސްލާމް ގައުމަކަށް ތިބޭފުޅައި ދިޔައްޔާ، މިތަން އަޅުގަނޑުމެންނަށް ދޫކޮއްލައްވާ، އަޅުގަނޑުމެން އަޅުގަނދުމެންގެ ދީނައިގެން އުޅެފާނަން، ތިކަހަލަ މުނާފިގް ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން ދެން..
އައިޖޭ
25 September 2018
ކޮރަޕްޝަން އާއި ގުޅިގެން ކޮރަޕްޝަން ޕްރޮމޯޓް ކުރުމަކީ ގައުމީ ޙީދުމަތެއް ނުން. ހަމަ ބުނެލީ...
ކޭމާޓް
25 September 2018
ޤައުމީ ޚިދުމަތޭ ކިޔާފަ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގަ ހުންނަން ނުވިސްނާތި!
މުގާބޭ
25 September 2018
ޝަހީމޫ ގައުމީ ޚިދުމަތޭ ފަޅޮލޭ ކިޔާނެކަމެއްނެތް ތިއީ އަމިއްލަ އެދުން އިސްކުރާ މީހެއް. ޔުނިވަރސިޓީ އޮތީ ބޮއްސުންލައިފަ.
ހުޝާމް
25 September 2018
އިބޫ އިސްލާމްދީނުގެ ހިދާޔަތް ދަމަހައްޓާނެ ކަމުގެ ޔަގީން ކަން އެބަ އޮތޭތޯ؟؟ ތިހެން އޮތް ކަމެއްގައި ކީއްވެ ޝަޙީމު އޮޅުވާލީ؟؟ ކެމްޕޭންގައި ބުނީ ތަކުރާރުކޮށް ދީނެއް ނޯންނާނޭ އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ. ވީމާ ސިޔާސީ ގޮތުން ދީން ތިޔަ ބޭނުން ކުރީ. މިކަމަށް އަހަރެމެން ކިޔަނީ ދީން ސިޔާސީ ނުކުރާށޭ. އެއީ އަދި ދީނާ ސިޔާސަތު ވަކިކުރުމެއް ނޫން!
falaku ain
25 September 2018
ކުރިމަގު އޮތްމީހުންގެ ކުރިމަގަށް ހުރަސް އެޅުމަކީ ބައެއް މީހުން ކުރާކަމެއް. މިސާލު، ޝަހީމް، ޖިހާދު ދެރަކަމަކީ އަމިއްލަ ވިސްނުން ބޭނުން ނުކޮށް ވަގުތީ ފައިދާއަށް ނުވަތަ ޖާހަ އަށް އިސްކަން ދިނުން.