ހުޅުމާލޭގެ ޓެކްސީ ޑްރައިވަރުން، އެޗްޑީސީ ކުރިމަތީގައި ކާރުތައް ޕާކުކޮށްފައި.
27 ސެޕްޓެމްބަރ 2018 - 22:20
ބްރިޖު ހުޅުވުމާ އެކު މާލޭގެ ޓެކްސީތަކުން ހުޅުމާލެ އަށް އަރައި އަމަލުކުރަމުންދާ ގޮތުން ނުރުހުންވެ، އެތަނުގެ ޓެކްސީ ޑްރައިވަރުން އެޗްޑީސީ ކުރިމަތީގައި މިރޭ، ހިމޭން މުޒާހަރާއެއް ކޮށްފި އެވެ.
އެ މުޒާހަރާގައި ބައިވެރިވި ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަހްމަދު ސަލީމް ބުނިގޮތުގައި، މިރޭ 7:00 އިން ފެށިގެން 9:30 އަށް ކުރި މުޒާހަރާގައި ގާތްގަނޑަކަށް 15 ޓެކްސީ ބައިވެރިވި އެވެ. އެ މީހުން މުޒާހަރާ ކުރީ އެޗްޑީސީ ކައިރީގައި ޓެކްސީތައް ޕާކުކޮށްގެން ތިބެ އެވެ.
"އަޅުގަނޑުމެން ހަމަނުޖެހުމެއް ނުހިންގަން، އަޑުގަދައެއް ވެސް ނުކުރަން. އެޗްޑީސީ ކުރިމަތީގައި ކާރުތައް ޕާކުކޮށްގެން، މަޑުކޮށްލައިގެން ތިބީ،" އޭނާ ބުންޏެވެ.
އެ މީހުންގެ ކަންބޮޑުވުމަކީ މާލޭގެ ޓެކްސީތަކުން ހުޅުމާލެ އަށް އަރައި، އެތަނުގެ އުސޫލްތައް މުގުރާލުމެވެ. އެއާއެކު، ހުޅުމާލޭގެ ޓެކްސީ ޑްރައިވަރުންނަށް ދަތުރު ނުލިބުމާއި ސެންޓަރުން ގުޅައިގެން، އެ ދަތުރު ނަގަންދާއިރު މާލޭގެ ޓެކްސީތަކުން އެ ދަތުރުތައް ނެގުމާއި ވަކި ހަމައެއްލަމެއް ނެތި ޕާކުކުރުން ފަދަ މައްސަލަތަކެވެ.
"ހުޅުމާލޭގައި ޓެކްސީކުރުމަކީ ވަކި އުސޫލަކުން ވަރަށް ރީތިކޮށް އަޅުގަނޑުމެން ކުރަމުން އައި ކަމެއް. އެކަމަކު މާލޭގެ ޓެކްސީތަކުން މިތަނަށް އަރައި ދަތުރު ނަގަން ފެށިފަހުން އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށްވެފައި މިވަނީ. ކުރިން ކޮންމެ ދުވަހަކު ހެނދުނު 5:30 އިން ރޭގަނޑު 12 ޖެހުމާ ހަމައަށް 1،500-1،200ރ. ޖެހޭ. އެކަމަކު މިހާރު ދުވާލަކަށް ޖެހެނީ 800-1000ރ. ދެމެދު. މީގެތެރެއިން ކާރުގެ ވެރިފަރާތަށް ކޮންމެ ދުވަހަކު 400ރ. ދޭން ޖެހޭ،" އޭނާ ބުންޏެވެ.
"އަނެއްކާ ވަކި ވައްތަރެއްގެ ޓެކްސީ، ހައިބްރިޑް ޓެކްސީ މިތަނުގައި ދުއްވީ. އެކަމަކު އެ އުސޫލަށް ވެސް ބެލުމެއް ނެތް މިހާރަކު."
ހުޅުމާލޭގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރަމުން އަންނަނީ މާލެއިން ފެންނަ ޒަމާންވީ، ބާ ކާރު ފަދަ އުޅަނދުފަހަރެއް ނޫނެވެ. ހުޅުމާލޭގައި ޓެކްސީ ކުރާ 25 އުޅަނދަކީ ވެސް ހައިބްރިޑް ކާރެވެ. ކުރީގެ ބާ ކާރުތައް ދޫކޮށް، ހަމައެކަނި ތެލުގެ ބަދަލުގައި ބެޓެރި ވެސް ބޭނުންކޮށްގެން ދުއްވާ ހައިބްރިޑް ކާރަށް ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދޭން އެޗުޑީސީން ހަމަޖެއްސުމުން، ޑްރައިވަރުން ވަނީ ވަރަށް ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ.
ސަލީމް ބުނިގޮތުގައި މި ޝަކުވާތައް އެޗްޑީސީ އަށް މީގެކުރިން ހުށަހެޅުމުން، އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފަހުން ހައްލެއް ހޯދައިދޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެހެންވެ، ހިމޭން މުޒާހަރާއެއް ކުރީ، އެ މައްސަލައަށް ހައްލެއް ލިބޭތޯ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުލުހުން އެދިގެން، އެތަނުން އަޅުގަނޑުމެން މިރޭ ކާރުތައް ނެގީ. އެކަމަކު އާދީއްތަ ދުވަހު ހެނދުނު އަނެއްކާވެސް މުޒާހަރާ ފަށާގޮތަށް،" ސަލީމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑުރައިވަރު
29 September 2018
އެއްކަލަ ކުޑަކުދިން އުޅޭ ފާޑަށް ބޮޑާހާކަނީ...
މިސް
28 September 2018
ދެން ހުޅުމާލޭ ޓެކްސީ މާލޭގައި ދުއްވަންވީނު... މާގިނަ ލާރި ލިބޭނެ..
ޑްރައިވަރ
28 September 2018
ކުރިން އަމިއްލަ މީހުންނަށް ވިއްކޭގޮތަށްއޮތް ޓެކްސީ ބޯޑް ޔާމީން ސަރުކާރުން ވަނީ ހުއްޓުވާފަ. ޓެކްސީއެއް ވިއްކާލައިފިއްޔާ ބޯޑްކެންސަލް. އިބޫގެ ސަރުކާރުން މިކަން ކުރިން އޮތްގޮތަށް އިއާދަކޮށްދިނުން އެދެން. މީއަޖައިބެއް
މަރޭމިތުރާ
28 September 2018
ހީވާކަހަހަލަ ބަޔަކަށް ލިބޭއެއްޗެއް މަދޭވާނީ! އާވާހިޔާލަކުން ތިޔަހެން ބަޔަކަށް ބުނެވޭނީ!
މަރޭމިތުރާ
28 September 2018
ހުޅުމާލެއާއި މާލޭގެ ޓެކްސީތައް ސަފުން ގުޅުވައިލަމާތޯ! ހުޅުމާލެއާއި މާލޭގެ ޓެކްސީތައް ތަފާތެއްނުކުރަމާތޯ!
މަރޭމިތުރާ
28 September 2018
[[ގުޅިފައިވާ ދެރަށެއްވިއްޔާ ޓެކްސީތައް ދާނޭ! މުޅިދެރަށަށް ބެހިގެން ހިދުމަތް ދާނޭ!]]
ޢަސޫމް
28 September 2018
މާލެއާއި ހުޅުމާލެއަކީ އެއްސިޓީއެއް އެހެންވީމާ މާލޭގާއި ދުއްވާ ޓެކްސީތަކަށް ހުޅުމާލެއަށް ނޭރޭނެ އެއްވެސް ސަބަބެއްނެތް. ހުޅުމާލޭގައި ދުއްވާ ޓެކްސީއެއް މާލޭގައި ދުއްވާ ޓެކްސީއެއްގެ ތަފާތެއްނެތް. ކުރަންވި ކަމަކީ ޓެކްސީގައި މީޓަރު ހަރުކޮށް މީޓަރަށް އަގުނެގޭގޮތަށްހަދަންވީ. ހައްލަކީ އެއީ.
ޚޮއްކޮ
28 September 2018
ތިޔާހެން ހަދާކަށް ގަބޫލެއް ނުވާނެ ބްރިޖު މަތިން ދެވެން ފެށުމުން އަދި ފެލަނީ ފެލަނީ ހަމައެއް ލަމައެއް ނެތް އަގުނަގަން ކުރި އިއުލާން މާނަ ކުރަނީ ކުރާނެ ގޮތަކަށް.
ޕޮލި އަޙްމަދު
28 September 2018
އެޗުޑީސީގެ ކިބައިން ހުޅުމާލެ ސަލާމަތް ވާންއެބަޖެހޭ!
ޝަހާމް
28 September 2018
ރެގިއުލޭޓް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. މިސާލަކަށް މާލޭގެ ޓެކްސީތައް ބާ ވެފައި ދުން އެރުމާއި، އެތެރެއިން ނުބައި ވަސް ދުވުމާއި، މިކަހަލަކަންތައްތައް. ތިވިދާޅުވިގޮތައް، މާލޭގެ ބާ ޓެކްސީތައް ހުޅުމާލެއަށް ގެންގޮސް ހަމައެއް ލަމައެއް ނެތި ޕާކުކުރުމަކީވެސް މައްސަލައެއް. މީޓަރު ހަރުކުރޭ، އޭރުން އަގުގެ މައްސަލަ ހައްލުވާނެ. ދެން ހަދަންވީގޮތަކީ، މާލޭން ހުޅުމާލެއަށް ދާ ޓެކްސީތަކަށް ރަށުތެރެއަށް ނޭރޭގޮތައް ފަސިންޖަރު، ދޫކޮށްލުމަށް.
ނަސްރު
28 September 2018
މާލެއިން އައިސް އުޅޭ ޓެކްސީއިން މާލެއަށް 100 ރުފިޔާއަށް ދަތުރުކޮށްދެއެވެ ހުޅުމާލޭގެ ޓެކްސީއިން ދަތުރަކަށް ނަގަނީ 150 ރުފިޔާއެވެ މިކަން މިހެންވެސް ވެގެންނުވާނެއެވެ އިއްޔެ ރެހެންދި ސްކޫލްއަށް ކުއްޖަކުގެންގޮސްފައި މާލެދިއުމަށް 175 ރުފިޔާ ހުޅުމާލޭގައި ދުއްވާ ޓެކްސީއަކުން ނެގިއެވެ މިވެސް ރަގަޅު ގޮތެއްނޫނެވެ