އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ

ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެ އަށް އަދި ހުޅުމާލެއިން މާލެ އަށް ކުރާ ޓެކްސީ ދަތުރަކަށް 40ރ. އަށް ވުރެ ބޮޑުކޮށް ނަގާ ޓެކްސީއާ ދޭތެރޭ މިއަދުން ފެށިގެން ފިޔަވަޅު އަޅަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.


މާލޭގައި އަށް ޓެކްސީ ސެންޓަރެއް ހިންގާއިރު، އެ ހުރިހާ ތަނަކުން ވެސް ބުނީ މާލެ އިން ހުޅުމާލެ އަށް ދަތުރެއް ކޮށްދެނީ 100ރ. އަށް ކަމަށެވެ. އެއީ، ހުރިހާ ޓެކްސީ ޑްރައިވަރުން ވާހަކަ ދައްކައިގެން ހަމަޖައްސާފައިވާ އަގު ކަމަށް ސެންޓަރުތަކުން ބުނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގާ އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މަހުމޫދު ޝަފީގު މިއަދު ވިދާޅުވި ގޮތުގައި އެ އޮތޯރިޓީން އަގުތައް ކަނޑައެޅީ މި މަހުގެ ހަ ވަނަ ދުވަހު ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު އެވެ.

"ޓެކްސީ ސެންޓަރުތަކުގެ ވެރިން ދިން އަގުތައް އެއީ. އަޅުގަނޑުމެން ނިންމި އަގުތަކެއް ނޫން. އަގުތައް ފައިނަލް ކުރުމުގެ ކުރިން ތަކުރާރުކޮށް އެ ބޭފުޅުން ގާތު އަހައި އަގުތައް ފައިނަލް ކުރީ،" މަހުމޫދު ވިދާޅުވި އެވެ.

އެ އުސޫލަށް އަމަލުނުކުރާ ޓެކްސީތަކަށް މިއަދު އިންޒާރު ދޭން ފަށާއިރު، އެވަރުން އިސްލާހު ނުކޮށްފި ނަމަ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ސަރުކާރުން އަގުތައް ހަމަޖެއްސިއިރު، މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް 100-250ރ. އާ ދެމެދުގެ އަގެއް ޓެކްސީ ޑްރައިވަރުން ދިޔައީ ނަގަމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށް ދަތުރު ނުކުރަނީ ދެކޮޅު ނުޖެހޭތީ ކަމަށް ޑްރައިވަރުން ބުނެ އެވެ. އެގޮތުން ބްރިޖު ހުރަސްކޮށް ކުރާ ދަތުރަކަށް މަދުވެގެން ހަތަރު ލީޓަރެއްހާ ޕެޓްރޯލް ހޭދަވާއިރު ޕެޓްރޯލް ލީޓަރެއް ގަންނަން ލިބެނީ 10.77ރ. އަށް ކަމަށް ޑްރައިވަރުން ބުނެ އެވެ. އެހެންކަމުން ހުޅުމާލެ ދަތުރަކަށް 43ރ. އަށް ވުރެ ބޮޑު ހަރަދެއް ޕެޓްރޯލަށް ދާއިރު 40ރ. އަށް ދަތުރު ކުރެވެން ނޯންނާނެ ކަމަށް ޑްރައިވަރުން ބުނެ އެވެ.

ހުޅުމާލޭގައި ޓެކްސީ ކުރަނީ--

"މާފަންނުން ފަށާ ދަތުރެއް ހުޅުމާލޭ އަވަށު ތެރެއަށް ގޮސް އަންނައިރު 12 ނޫނީ 13 ކިލޯ މީޓަރު ދުއްވަން ޖެހޭ. ކިހިނެއް 40ރ. އަށް އެ ދަތުރު ކުރާނީ،" ޑްރައިވަރަކު ބުންޏެވެ.

މާލެ ވަށައި ފަސް ކިލޯ މީޓަރު ހުންނައިރު ބްރިޖުގައި ދެ ކިލޯ މީޓަރު ހުރެ އެވެ. އަދި ހުޅުލޭކޮޅުން ހުޅުމާލެއަށް ދާން އޮންނަ މަގުގައި ހަތަރު ކިލޯ މީޓަރު ހުރެ އެވެ.

ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ ޓެކްސީ އަގުތައް:

- މާލޭގެ އެއް ތަނުން އަނެއް ތަނަށް 25ރ. - ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަަށް 25ރ. - މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 35ރ. - ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެ އަށް 35ރ. - މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 40ރ.