ކުރީގެ ރައީސް މައުމޫން: މައުމޫނަށް ޖަލު ހުކުމް އައި މައްސަލައިގެ އިސްތިއުނާފު ނިމެންދެން، ކަފާލާތުގެ ދަށުން އެމަނިކުފާނު ވަނީ މިނިވަން ކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
04 އޮކްޓޯބަރ 2018 - 10:58
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިއަދު ކުރިއަށް ގެންދެވޭ ގޮތް ނުވެގެން އަންނަ ހަފުތާއަށް ފަސްކޮށްފި އެވެ.
މައުމޫން، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެ މައްސަލަ މައުމޫންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ފަށަން ހަމަޖެއްސި އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތް ނުވީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބި އޮތުމުންނެވެ. އިސްތިއުނާފް ކުރިއަށް ގެންދިއުމަށް އެ ރިޕޯޓް ވަރަށް މުހިންމު ކަމަށް މައުމޫންގެ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އެ ރިޕޯޓް ދޫނުކުރެވި އޮތް ސަބަބު ކޯޓުން ބެލިއިރު އެކަން އެގޮތަށް ދިމާވީ ކޮންމެވެސް ވަކީލަކު ބަޔާންތަކުގައި ސޮއި ނުކުރައްވައި އޮތުމުން ކަމަށެވެ. އެކަމަކު އެ ރިޕޯޓް ހައި ކޯޓަށް މުހިންމު ވާތީ، އެ ހޯދާފައިވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، މައުމޫންގެ ވަކީލުންގެ ބަޔާންތަކުގައި ސޮއި ކުރައްވާފައި ވާނެ ކަމަށެވެ. އަދި ބަޔާންތަކުގައި ވަކީލުން ސޮއި ކުރެއްވުމަކީ މިހާރު ގާނޫނު އޮތްގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހެނީ ކޯޓުގެ މުވައްޒަފުން ކަމަށް ވެސް ވަކީލް މައުމޫން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ރިޕޯޓް ހޯދަން ދަށު ކޯޓުގައި އެދުމުން އެ ރިޕޯޓް މިހާރު ލިބޭނެ ކަމަށާއި ރިޕޯޓް ނުލިބިއްޖެ ނަމަ، އެކަން ހައި ކޯޓަށް އެންގުމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ދިނުމަށްޓަކައި މިއަދު އަޑުއެހުން ނިންމާލައި، އަންނަ ހަފުތާގައި އަޑުއެހުމެއް ތާވަލް ކުރާނެ ކަން ފަނޑިޔާރުގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސަމީރެވެ.
އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން މިހާރު ހުންނެވީ މިނިވަންކޮށްފަ އެވެ. މި ހަފުތާގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރީ 60،000ރ. ގެ ޑިޕޮސިޓެއް ކޯޓުގައި ބެހެއްޓުމަށް ފަހު އެވެ.
ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ދަށު ކޯޓުގައި ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
04 October 2018
މައުމޫނަށް ރެސްޕެކްޓް ކުރަންވާ ތަންތަނުގައި އެކަން ކުރަންވާނެ އެވެ. އެކަމަކު 3 ވަނަ ބަޣާވާތެއް ކުރައްވަން އުޅުއްވަންޏާ، އެކަމުން ދުރުވާން ނަސޭހަތް އަރުވަންވެސް ވާނެއެވެ. ކަށީގަ ހިފާފަ ހުރި ކަމެއްވީމާ ދުރުވާން ވެސް އުދަގޫ ވާނެތާ އެވެ.
ހޮޓްކިންގ
04 October 2018
މިހާރު އޯކޭވާނެ. މައުމޫނު ހުރީ ސިޔާސީ ހަރަކާތްތަކުގައި އަތް އަނބުރާލާފައި. ކުރިން އިވުނީ ދެންމެ ދެންމެ ޖަލުގައި މައުމޫނު މަރުވެދާނޭ.
ބައިރޯ
04 October 2018
މިރާއްޖޭގައި ހުސް ކޯޓް ކޯޓް ކޯޓް ކޯޓް ކޯޓް
ޝަހީދު
04 October 2018
ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމައެވެ. ޢާންމު ރައްޔިތެއްގެ މައްސަލައެއް އިސްތިއުނާފަށް ލައިތާ 3 އަހަރު ވާއިރުވެސް އެމައްސަލައިގެ ޝަރީޢަތެއް ނުބޭއްވޭއިރު، ސިޔާސީީ ފަރާތްތަކުގެ ޝަރީޢަތްތައް އަވަސްކޮށް އެފަރާތްތަކަށް ޚާއްޞަ އުސޫލަކުން ޢަމަލު ކުރުމަކަށް އެއްވެސް ޤާނޫނަކު ނޯންނާނެއެވެ. އެހެންކަމުން، ޝަރުޢީީ ނިޒާމުން އެއްހަމަޔަކާއި އެއް އުޞޫލަކުން ޢަމަލު ކުރުމަށް ގޮވާލަމެވެ. މައުމޫނު އަށް ވީމަ ވަކިޚާއްޞަ ގޮތަކަށް ޢަމަލު ނުކުރައްވާށެވެ.
ގަރުދިތަ
04 October 2018
މައުމޫނަށް އަވަހަށް ޝަރީއަތް ހިންގުމެއްނޫން މައްސަލަޔަކީ. ގޯހަކީ އެހެންމީހުންގެ ޝަރީއަތް ލަސްވުން. 12މެމްބަރުންގެ މައްސަލަ އެއީ މިސާލެއް
ފުންއަސަރު
04 October 2018
ތިހެން ވެއްޖިއްޔާ ތިބުނާ ބަޔަކު އޭގާ ސޮއި ނުކޮށްއޮތީމާ އެބަޔަކުވެސް ކުށްވެރިވާންވާނެ ނޫންތޯ؟ ކުށަކީ ހަމައެކަނި މީހަކުމަރާލާ ވައްކަމެއް ކުރުމެއްނޫނެއް ނޫންތޯ؟ ކަމެއްގާ ޒިންމާވާންޖެހޭ ބަޔަކު އެކަމެއްނުކޮށް އޮތިއްޔާ އެބަޔަކާދޭތެރޭވެސް ފިޔަވަޅުއެޅެންވާނެ. މިހާރު ތިބުނާ މައްސަލައެއް އެއްހަފްތާއަށް ލަސްވީމަ އެކަމުގެ ގެއްލުންވާ ފަރާތަށް ހަމަ ގެއްލުންތައް ވަމުން އެބަދޭ ނޫންތޯ؟ ހަމަހަމަކަމާ އެކު އެންމެނަށް އެއްވަރަށް ކަންކަން ފަހިވެފާވާއިރު މީ ދެރަކަމެއް
ހަސަންސް
04 October 2018
ދެން ފަޓާސް ބަރިއެއްހެން ޝަރީއަތްތައް ކޮށް މައުމުނުގެ ކުށެއް ނެތް ކަމަށް ނިންމާލާ.....
ވަހީދު
04 October 2018
ބަޤާވާތެއް ގޮވީމަ ވެސް ހުއްޓައިނުލައި ފައި ވިއްދައިގެން. 30 އަހަރު ވެރިކަން ކޮށްފައި ނުފުދޭތަ؟ ކިހާ ދެރަކަމެއް
އުނބުށެން
04 October 2018
30 އަހަރު ވެރިކަން ކުރީމާ ޖެހެނީ ބަކަރި ކާލަން ސިންގާ ދެއްކިޒާތުގެ ބަހަނާއެއް ދައްކައިގެން ވިޔަސް ކޮންމެސް ކަމެއް ބޮލުގައި އަޅުފައި ޖަލުގައި ބަހައްޓަންތަ.
ގުނބޯ
04 October 2018
މަށަށް ހީވަނީ ތިބޭފުޅާ ވެއްޖެކަންނޭންގެ އަދަބު އިޙްތިރާމްކުރަން ދަސްކުރަން. ތިބޭފުޅާގެ ފަސްބައިވެސް ބެލީމަ އެނގޭނީ.. ރެސްޕެކްޓް އެލްޑާރސް.