ހުކުމަށް ފަހު މެމްބަރު އަމީތު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަސީހު މަގާމުން ދުރު ކުރުމުގެ މަސައްކަތް މެމްބަރުން އަނެއްކާވެސް ފަށާނެ ކަމަށް ވިދާޅުވި --މިހާރު ފޮޓޯ/ހުސައިން ވަހީދު
08 އޮކްޓޯބަރ 2018 - 18:17
އިދިކޮޅާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމު ދުރު ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށާނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ވަކިވެ، މިދިޔަ އަހަރު އިދިކޮޅާ ގުޅުނު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
ސުޕްރީމް ކޯޓުން ވަކިވަކިން އިއްވި ހުކުމްތަކަށް ފަހު، ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވީ ކޯޓުގެ ހުކުމާ އެކު ލިބުނު ކާމިޔާބަށް ފަހު ދެން އޮތީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރު ކުރުން ކަމަށެވެ. އެހެންވެ، މިވަގުތު އެންމެ ރީތި ގޮތަކީ މަސީހު އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން. ގާނޫނު އަސާސީއާ ޚިލާފަށް ފާސްކުރި ހުރިހާ ގާނޫނެއް އަނެއްކާ ރުޖޫއަ ކުރާނަން،" ލަތީފް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ދިޔައީ ކުރިން ވެސް އެ މެމްބަރުން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ކަން ކަމަށާއި އަދި އެ ހަތަރު މެމްބަރުންނެކޭ އެއްފަދައިން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ދެން ތިބި އަށް މެމްބަރުންގެ މައްސަލަ ވެސް އަވަހަށް ނިންމައިދޭން ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށާއި އެންމެ ފުރަތަމަ ކުރާނެ ކަމަކީ މަސީހު މަގާމުން ދުރު ކުރުން ކަމަށް އަމީތު ވިދާޅުވި އެވެ.
"މިއަދު ވެސް މިދަންނަވަނީ މަޖިލީހުގެ ސައްހަ ރައީސެއް ނުހުންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް ވަންނާނަން. ވަދެ އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ މަސީހު ގަދަ ބާރުން މަޖިލީހުގެ ރިޔާސަތުގައި އިން ކަމަށްވާ ނަމަ އެ ރިޔާސަތުން ބޭލުން. މަސީހު އެ މަގާމުން ދުރު ކުރުން." އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ މިވަގުތު އެންމެ ރީތި ގޮތަކަށް ވާނީ މަސީހާއި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރިއަށް ދާއިރު، އާ ސަރުކާރަށް ކަންކަން ފަހިކޮށް ދިނުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އާ ސަރުކާރާ އެކު އެންމެ ބޮޑު އިސްކަމެއް ދޭނީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށާއި އޭގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާނީ މަސީހު މަގާމުން ދުރުކުރުން ކަމަށެވެ. އޭގެކުރިން މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދެއްވުމަށް ގޮވާލާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"މަސީހު ރީތިކޮށް އިސްތިއުފާ ނުދެއްވާ ކަމަށް ވަންޏާ ނޯ ކޮންފިޑެންސް ނަގައިގެން އެ މަގާމުން ބޭރު ކުރާނަން. އެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށް ދޭ. އެ ޕޮޒިޝަނަށް ބަދަލެއް ނެތް." ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ހަތަރު މެމްބަރުންގެ މައްސަލާގައި ކުރި ހުކުމުން އެނގިގެން ދިޔައީ ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަން ކަމަށެވެ. އަދި އެ މެމްބަރުންގެ މައްސަލަތައް ވެސް އަވަހަށް ނިމި، 45 މެމްބަރުންނާ އެކު މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ތެރެއިން ވެސް ބައެއް މެމްބަރުން އިދިކޮޅާ ގުޅޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ޕީޕީއެމްގައި ވެސް އެމްޑީއޭގައި ވެސް އެބަ ތިއްބެވި ގައުމު އިސް ކުރައްވައިގެން މަސައްކަތް ކުރަން ބޭނުންފުޅުވާ މަޖިލިސް މެމްބަރުން. އެ ބޭފުޅުން އަޅުގަނޑުމެންނަށް އިޝާރާތް އެބަ ކުރައްވާ." ރިޔާޒް ވިދާޅުވި އެވެ.
ގޮނޑި ގެއްލުނު ކަމަށް މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއިރު، ބާކީ ތިބި އަށް މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާލިޙް
09 October 2018
ތިޔަހާ އަވަހަށް ބޮޑާވެ ކިބުރުވެރިނުވޭ.ބާރުލިބޭ އިރައް މީހުންނަށް ގެއްލުންދޭން ތިޔަ ހިފަނީ ކިއްވެބާ
ދޮން ތަކުރު
09 October 2018
ބަދަލު ހިފުމާއި ހައްޤަށް ރުޖޫއު ވުމަކީ މުޅިން ދެކަމެއް. މަސީހު ދުރުކުރުމަކީ ހައްގުތައް ދިވެހިރައްޔިތުންނަށް ހޯދައި ދިނުމުގައި ލާޒިމުކަމެއް. އޭނާ ވަނީ ޖުމްލަކޮށް މުޅި އެންމެ ރައްޔިތުންގެ ހައްޤަށް އަރައިގަތުމުގައި ފަރާތަކަށް މަދަދުދާރީވަމުން. އޭނާ ބޭރުކޮށްފައި އޭނާ ކުރި ކުށަށް އަދަބު ދިނުން އެއީ ދެވަނަކަން. އެކަންވެސް އެބަ ޖެހޭ ކުރިމަގަށް އިބުރަތަކަށްވާނޭ ފަދައިން ކުރަން. އަލް ހަމްދުލިއްލާހި، ޤައްދާރުން ބަލި ކުރައްވައި ނިކަމެތި ކުރައްވާށި
ވަގުތު
09 October 2018
ވަގުތު އޭގެ ޒާތުގައި ބޮޑު ގެއްލުމަކާއި އެކުނަމަވެސް ކަން ކަން ހައްލު ކޮށްލީމައި ދެން ޖަހާ މުގުރުގެ މާނައެއް ނެތް. މުގުރު ޖަހަން މީހުން ބޭތިއްބުމުގެ މާނައެއްވެސް ނެތް. ވަގުތާ ހުރިހާ ކަމެއް ހަވާލު ކުރީމަ ނިމުނީ. ޖަންގަލީގެ ޤާނޫނުގެ ތެރެއިން ވަގުތަށް ވީ ވަރަކުން ވާކަމެއް ވާނެ. ރައްޔިތުންގެ ފައިސާ ބޭކާރު ކަމެއް ކުރަން ހޭދަ ކުރުމުގެ މާނައެއްވެސް ނެތް. އިސްރާފެއް. ވަގުތާ ހުރިހާ ކަމެއް ހަވާލުކޮށްލާ ވަގުތު ނުދަނީ ކަންކުރާ މުގުރު ލިބެންދެން.
ސަލާމީ
09 October 2018
ގައުމު އިތުރަށް ހަލަބޮލިވުންނޫން ކަމެއް ނުވާނެ މިއީ ވަރަށް ވާހަކަ
ބުރިޓޯ
09 October 2018
މަސީހު ބޭރުކުރާކަށް ނުއްވީ..... އެތާގަ ހުރި އެހެން ކަންތައް ކުރަންވީ..... މަޖްލީހަށް ވަންނަނީ ތޮޅެންދޯ
ވަރަށް ވެދުން
09 October 2018
ބިންވިއްކި ބިލް އިޖުރާއަތުތަކާ ޚިލާފާށް ގެންގޮސް ގައުމު ވިއްކާލި ވިއްކާލުމަށް އަހަރެމެން ބޭނުން މަސީހާ ދެކޮޅަށް ދަޢުވާ ކުރަން. ދެން ބުނަން. ބިއްވިއްކަން ވޯޓު ދިން އެއްވެސް މެމްބަރަކު ނުހޮވުމަށް ކެމްޕޭން ކުރާނަން އެގޯސް މިހާރު ރަގަޅު ކުރީ ނުހޮވަންވާ މެމްބަރުންގެ ލިސްޓް ހެދުމުގެ ކުރިން. އަބަދު ނުބުނާނަން. މިބުނީ އެއްފަހަރު.
ޝީޕުސްޓާ
09 October 2018
ކޮބާ..ފެނޭތޭ..ފެނޭދޯ..ފެނޭތޭ..ފެނޭދޯ..ފެނޭތޭ..ފެނޭދޯ
ފަލްސަފާ
09 October 2018
ގައުމު ހަމަމަގަށް ދާތަން ވަރަށްރީޗަށް އެބަފެނޭ މާރާމާރީގިނަވަނީ އަދި މިއުޅެނީ ހުވާނުކުރެވި ކިހާވަރަކުން ދާނެބާ
ސަކީނާއްތަ
09 October 2018
ޔާމީނަށްވުރެ ގޯހީ މަސީހު މަޖްލިހުގެ ރައީސްގެ ގޮޑީގައި އިނދެ ހިންގި ގާނޫނުއަސާސީއާއި ހިލާފް ޖަރީމާ.
ޖޯކެއް
09 October 2018
ގާނޫނު އަސާސީއާ ހިލާފު ވުމަކީ ކޮބާބާ؟ މަޖްލިސް ރައީސް ވެސް ހޮވަންވީ ރައްޔިތުން. މިމީހުން ބޭނުން ގޮތައް ކަން ނުވީމަ ނޫނީ ބޭނުން ވަރައް ފައިސާ ނުލިބުނީމަ ރައީސް ބަދަލުކުރަން ވީ. މަޖލިސް މީ ހަމަ ޖޯކެއް.
ައައްސަލާމް އަލއިކުމް
09 October 2018
ކަލޭމެންނައް ތިކަމެއްނުވިނު ފެންއޮންނަދިމާއައް މަސްދުވާނީ މިހަގީގަތް