09 އޮކްޓޯބަރ 2018 - 14:56
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމައިގެން ކުރިއަށް ދާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހުއްދަ ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަތުން ކުރިއަށް ގެންދިއުމަށެވެ.
ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ނިންމާފައި ވިޔަސް އެކަން މަޑުޖައްސައިލަން އޭސީސީން އެންގި އެވެ. އަދި ހުޅުމާލޭގެ ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކަކަށް ވެފައި، ހައުސިން މިނިސްޓްރީއަށް އެ ގޮތަށް ގޯތި ވިއްކިދާނެތޯ، ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި، އެ މިނިސްޓްރީއަށް ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ ބިމެއްގެ ގޮތުގައި އޮތް ހުޅުމާލެއިން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ. އެގޮތުން، މުއިއްޒުގެ އިތުރުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އިކޮނޮމިކް ޔޫތު ކައުންސިލުން އެޗްޑީސީގެ ވެރިންނާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ ހުއްދަ އެޗްޑީސީގެ ބޯޑުން ދިނުމާ ގުޅިގެން، ވިއްކާ އަގު ކަނޑައެޅީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުންނެވެ.
އެ ކައުންސިލުން ނިންމީ އަކަފޫޓެއް 300ރ. އާއި 400ރ. އާ ދެމެދުގެ އަގެކެވެ. ހައުސިން މިނިސްޓްރީން ނިންމާފައިވަނީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ. މީގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކި ގޯތިތަކުގެ އަގު އުޅުނީ އަކަފޫޓެއް 3000ރ. އަށް ވުރެ މަތީގަ އެވެ.
މިނިސްޓަރު ވިދާޅުވީ ގޯތި ވިއްކުން ކުރިއަށް ގެންދަން ހުއްދަ ދިނުމާ ގުޅިގެން، ހައުސިން މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށެވެ. އަދި ގޯތިތައް ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެޗްޑީސީން އެގްރީމަންޓުގައި ސޮއި ކުރާނީ. އެޗްޑީސީ އަށް ފައިސާ ވެސް ލިބޭނީ. ހައުސިން މިނިސްޓްރީއަކަށް ނޫން ޑައުން ޕޭމަންޓު ދައްކާނީ. މަހުން މަހަށް ދައްކާ އެއްޗެއް ވެސް ދައްކާނީ އެޗްޑީސީއަށް،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ގޯތިތައް ވިއްކުމުގެ މަސައްކަތް ކުރުމަށާއި ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަނޑައަޅާނީ ދެފުށް ފެންނަ ގޮތަކަށް އޭސީސީން ވަނީ އަންގައިފަ އެވެ. އެހެންވެ، ގޯތިތައް ދޫކުރާނީ ޝަރުތުތައް ފުރިހަމަވާ މީހުންނަށް އިސްކަން ދީގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ޝަރުތު ހަމަވާ އެންމެން ހަމަވާ ގޮތަށް، އެންމެންނަށް އެންމެ މަތީ މާކްސް 100 މާކްސް ލިބޭނެ. (މާކްސް) ލިބިގެން އެ ހުރިހާ އެންމެން ދާނީ ގުރުއަތުލުމަކަށް. ގުރުއަތުލައިގެން 400 މީހަކު ހޮވޭނީ. އެހެންވީމާ މިއަށް ވުރެ ހަމަހަމަ އިންސާފުވެރި ގޮތެއް މިކަމުގައި ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުރުއަތުލުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި ބާއްވާއިރު، އެ ކަން ކުރިއަށް ދާ ގޮތް ލައިވްކޮށް ގެނެސްދޭން ބޭނުންވާ މީޑިއާތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އަދި ވިދާޅުވީ ގޯތި ލިބޭ 400 މީހުންގެ ތެރެއިން ބައެއް މީހުން އުނިވާ ނަމަ، ދެން ގޯތި ލިބޭ ގޮތަށް ނަންބަރު ތަރުތީބުން ރިޒާވް ލިސްޓަކާ އެކު އިތުރު 100 ނަންބަރު ނަގާނެ ކަމަށެވެ.
"އޭރުން ވާނެ ގޮތަކީ 400 މީހުންގެ ލިސްޓުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ލިސްޓުން އުނިވާ ނަމަ، އެ ހުސްވާ ގޮޅިއަށް ރިޒާވް ލިސްޓުގައި ނަންބަރު ލިބުނު ތަރުތީބުން ލިބޭނެ އެމީހަކަށް،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާއިރު، ކުއްލިއަކަށް ކުރިއަށް ގެންދިޔައީ ކީއްވެތޯ "މިހާރު"ން ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ގޯތި ވިއްކުމަށް މީގެ ކުރިން ވެސް ނިންމާފައި ވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން އެކަން ކުރަން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ނޫޅުއްވާ ވޯޓަށްޓަކައި ރައްޔިތުންގެ ވިންދާ ގުޅުން ހުރި މުހިންމު ކަންކަން ވޯޓާ ކުޅެން. އެއަށްވުރެ އިހްލާސްތެރި ބޭފުޅެއް ރައީސް ޔާމީނަކީ. އެމަނިކުފާނު ނިންމެވީ ވޯޓަށް ފަހު އެކަން ކުރައްވަން. އެހެންވީމަ ކުރިން ވެސް ނިންމި ގޮތަށް ކުރިއަށް ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ސަރުކާރާ މެދު ބަދުނާމް އުފެއްދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. ބޯހިޔަވަހިކަމަކީ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައި އޮންނަ ކަންކަން ކަމަށްވާއިރު، އެކަން ހައްލު ކުރައްވަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އެޅުއްވުމަކީ އޮތް ހައްގެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަތުން ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
10 October 2018
މުއިއްޒު އަކީ އެއްވެސް ގޮތެއް ފޮތެއްނެތް މީހެއްކަން ގިނަބަޔަކު ޤަބޫލުކުރޭ. އަދި ވޯޓުން ރައްޔިތުންގެ ބަސް އިއްވާފައި ވަނިކޮށް މިހާރު ތިކުރައްވާ ކަމަކީ އަންނަން އޮތް ސަރުކާރާ ރައްޔިތުންނާ ޖެއްސުން،، ފަހަރެއްގައިވެސް ހީނުކުރާތި މިވަގުތު ތިޔަހިންގާ ޖަރީމާތަކުން ބޯދަމާގަނެވިދާނެކަމަށް، ތިޔައީ ވަކިބަޔަކަށް ފުލެޓާއި ގޯތި ދޭން ކުރާކަމެއް، ކުރިންވެސް ފުލެޓް ދީފައިހުރީ އެގޮތަށް،
ގޮއްޔެ
10 October 2018
މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް މިދިޔައީ. ހިޔާ ގެ މަޝްރޫޢުގެ ފުލެޓްތައް ބެހީ ކޮންގޮތަކަށް ބަލައިގެންތޯ؟ ހަމައެކަނި ގާތްކުދިން ކޮޅަށް ބަހާނިންމައިގެން ހުއްޓެއްކަމަކު ތިހެން ނުހެދޭނެ. ފުލެޓް ލިބުނުކަމަށް ބުނާ ލިސްޓަށް ނަޒަރު ހިންގާލުމުން ފާހަގަވި އެއްކަމަކީ ފަހުންފޯމުލާފައި ތިބި މީހުން ގިނަކަން. މީގެ މާނަ ވަރަށް ސާފު.
ގައުމުގަހުރި އަޑު
10 October 2018
މުއިއްޒަށް އެންމެ ދަތިވާނީ ގަވާޢދުން އިންސާފުން ކަންކަން ކުރުން އިންސާފުގެ ކަންފުޅެއްވެސް ގައިގަ ހޭކިފަވެސް ނެތް އުނބު
އާދޭސް
10 October 2018
ފްލެޓް ދީފައި ވަނީ އަދި ބިން ދޭން އުޅެނީވެސް ވަރަށް ނާއިންސާފުން. މުއިއްޒޫ. މިފަދަ ނާއިންސާފް އަމަލުތައް ގިނަ ވެގެން، ޔާމީންގެ ސަރުކާރަށް ވަނީ ނޫނެކޭ ބުނެފައި. ހެޔޮ ނުވާނެ. ތިކަން ހުއްޓާލާ. އިންސާފް ގާއިމް ކުރުމަށް ރައްޔިތުން ދިން ފުރުސަތުގެ ބޭނުން އިބޫ ފައިސަލް ހިއްޕަވާ. މިޖަރީމާއަށް ފުރުސަތު ނުދެއްވާ.
މައިސަން
10 October 2018
ތިމާ އުޅޭހެން އެހެން މީހުންވެސް އުޅޭކަމަށް ހީވާނީ ތިމާއަކީ އެކަހަލަ މީހަކަށްވީމަ
އިންސާފް
10 October 2018
ފްލެޓަށް މާކްސް ލިބުނު ގޮތް އެގެން ވަރަށް މުހިންމު. އެންމެ ފަހުން ފަހަރު ފްލެޓް ދިން އިރު ހެދި މަކަރު މިފަހަރު ވެސް ހަދާފައި އެބަ ހުރިކަން ޔަގީން. މަތިން މާރކް ލިބުން ހައްގު އެތައް ބަޔަކު ފްލެޓުން މަހްރޫމް ކޮށްފައި މަދުން މާރކްސް ލބޭނެ މީހުންނަށް ފްލެޓް ދީފައި އެބަހުރި. ކަމާގުޅުން ހުރި މުއައްސަސާތަކުން މިކަން ބަލާ، އިންސާފް ގާއިމް ކޮށްދިނުމަށް އާދޭސްކޮށް ދަންނަވަން
އައިމިނާ
09 October 2018
ވަރަށް އާދޭހާއެކު ދަންނަވަން. މިޤައުމުގަ ޤައުމެއްގެ ސިފަޖެހޭގޮތް ހަދައިދީބަލަ. އެހެން މިއަށްވުރެ މާބޮޑެތި ޤައުމުތަކުގަވެސް ވެރިކަން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވޭ. މިގޮތަށް ޤައުމުގެ ތަންތަން ލޫޓުވަމުން އޮފީހުގެ ބޮޑުން އިނގިރޭސިވިލާތުން ސިންގަޕޫރުން ޖަރުމަނުން ދަތުރުއަޅާތަނެއް ނުފެނޭ. މިމަސްތެރޭ އެބަފުރާ. އެމީހުންއަންގަނީ އޭރުން ލާރިގަނޑެއްލިބޭނެޔޯ. ބުނާއިރު މިމީހުންހިތަކަށްނާރާ މީ ރައްޔިތުންގެފައިސާޔޭ.
ޢަމީން
09 October 2018
ބިންތޯ ގޯތިތޯ!
އަލީ_
09 October 2018
މި 5 އަހަރު ހިންގި ހުރިހާ ކޮރަޕްޝަނެއް ނުފެންނަ ކަމަށް ހެދިގެން ތިބި ބައެއް އެއީ. އެމީހުން ވަކި މިކަން ހުއްޓުވާނެތަ؟
ހައްދުންމަތި
09 October 2018
ވަރަށް ރަގަޅުކަމެއް! ވަކިމީހަކަށް ވެރިކަމަށް ކުރިމަތިނުލެވޭތީ ފަހުވަގުތު ތަބަކަށްލާފައި ލިބުނު ވެރިކަމުގެ މީހުންނަށް ތީގެ ނާޖާއިޒު ފައިދާ އެއްގޮތަކަށްވެސް ނެގުނަދީގެންނުވާނެ! އަދި ސާބިތުނުވާ ދޮގުވާހަކަތައް ރ ޔާމީނު ބޮލުގައި އަޅުވާ ރައްޔިތުންގެ ބޮލަށް ޗިޕުޖަހައިގެން ވޯޓުން ބަލިކޮށް ނަގާއެއްލާފާ އެ ސަރުކާރުންކުރި ތިކަހަލަ ކަންކަމުގެ ކޮންޓްރޯލް ކޯޅޭޝަން އަތުނުޖެހުނުކަން ހަމަ ނަސީބު!
އިޙްސާސް
09 October 2018
އަޅުގަނޑުމެން ބޮޑުކުލި ދައްކައިގެން މާލޭގައި އުޅެންޖެހިފައިވާ ރާއްޖެތެރޭ މީހުނަށް ނެއްތޯ ތިތަނުން ތިއަގުގަ ބިމެއް ލިބޭކަށް؟