އަލަތު ކައިވެނި ކެޓަގަރީން ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ލިބޭނެ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އަލަތު ކައިވެނި ކެޓަގަރީއަށް ކުރިމަތިލި މީހުންގެ އަދަދު، ފްލެޓުތައް ދިނުމަށް ނިންމާފައިވާ އަދަދަށް ވުރެ މަދު ކަމަށެވެ. އެހެންވެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ފްލެޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަލަތު ކެޓަގަރީއަށް ފޯމު ލި އެއްވެސް މީހެއް އުނި ނުވާނެ. ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލިބޭނެ،" ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެއް ކޮޓަރީގެ ފްލެޓު ލިބޭ އަލަތު ކައިވެނީގެ ކެޓަގަރީގެ ވަގުތީ ލިސްޓު ހައުސިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ. އަދި ޝަކުވާ ހުށަހަޅަން ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ދާއިމީ ލިސްޓު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އަލަތު ކައިވެނި ކެޓަގަރީން ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ލިބުމާ ގުޅިގެން، މާ ބޮޑެތި ޝަކުވާތަކެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލުން ޝަކުވާއަށް ހުޅުވާލީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ފްލެޓް ދޫކުރާ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއަށް ފޯމް ހުށަހެޅި އެންމެންނަށް ފްލެޓު ދިނުމަށް ނިންމައިފަ އެވެ. އަދި ޓީޗަރުންގެ ކެޓަގަރީއަށް ފޯމްލި ހުރިހާ ޓީޗަރުންނަށް ފްލެޓު ދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، 11،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓު ވަނީ ލިބިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ 44،000 ރައްޔިތުންގެ ބޯހިޔާވަހިކަމެވެ. އެކަމަކު، އެމީހުންނަށް ފްލެޓު ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކުރިން ދިން ނަމަވެސް، މިފަހަރު ނުދޭނެ ކަމުގެ އިޝާރާތެއް މުއިއްޒު ވަނީ ދެއްވައިފަ އެވެ.